މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

14 ސެޕްޓެމްބަރ 2022 - 17:54

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، އޮތް ހަަމައެކަނި ހައްލު ނޫން: ރައީސް

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، ކުޑަކުދިންނަށްދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، “ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިސިމްޕޯޒިއަމް ކުރިއަށްދަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

advertisement

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން ކަމަށާއި، ޢާއިލާގެ ތެރެއިން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން އިޙްސާސްވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުންކަމަށެވެ. އެހެންކަމުން ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިނގިރޭސި ވިލާތުގެ ރާނީގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސްގެ ދެކަނބަލުން ސޮއިކޮށްފި

ސެޕްޓެންބަރު މަހުގެ 8 ވީ ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި، ރާނީ އެލިޒަބަތު 2 ވަނަ ޢުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ސޮއިކުރައްވައިފިއެވެ.

އެމްޓީސީސީން، ހިލޭސާބަހަށް ކ.ހިންމަފުށީގައި ބީޗަކާއި ފަތާ ސަރަހައްދެއް ތަރައްޤީކުރަނީ

ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ކ.ހިންމަފުށީގައި ބީޗަކާއި ފަތާ ސަރަހައްދެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ މިހާރު ކުރެވެމުން ކަމަށް އެމްޓީސީސީން މައުލޫމާތުދީފި އެވެ.

ދިއްފުށީގައި ލެބޯޓްރީ ގާއިމްކޮށް ޚިދުމަތްދޭން ފަށައިފި

ކ.ދިއްފުށީގައި ލެބޯޓްރީގެ ޚިދުމަތްދޭން ފަށައިފިއެއެވެ. މި ލެބޯޓަރީގެ ޒަރިއްޔާއިން ހަކުރުބައްޔާއި ހިތުގެ ބައްޔާއި ލޭމައްޗަށްދިއުމާއި ކިޑްނީ މައްސަލަތައްފަދަ ޢާއްމުކޮށް ފާހަގަކުރެވޭ ބޮޑެތި ބަލިތައް ދެނެގަތުމަށް ފަސޭހަވެ، ދުރާލައި ބަލިތައް ދެނެގަތުމަށް މަގުފަހިވާނެކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދިނެވެ.

ހުޅުމާލޭގައި ކެފޭ ކޯޓެއް އަޅަނީ

ހުޅުމާލޭގައި ކެފޭ ކޯޓެއް ތަރައްޤީކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ބަޔަކާ ހަވާލުކޮށްފިއެވެ. ހުޅުމާލޭގައި ކެފޭ ކޯޓެއް އެޅުމަށް އެޗް.ޑީ.ސީން ހަވާލުކޮށްފައިވަނީ ފެޑޯއާއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0