“ދަރިފުޅުމެންނެވެ. ބައްޕައަށް މާފުކުރާށެވެ”: ރިސޯޓުތަކުގެ އަޅުންނަށް ވި ދިވެހި ބަފައިންގެ ވާހަކަ

1 އޮކްޓޯބަރ 2022 - 13:42

ބައްޕަގެ އުމުރުން މިހާރު ހަތްދިހަ ވަނީއެވެ. ރިޒޯޓަކަށް ބައްޕަ އެންމެ ފުރަތަމަ ދިޔައީ ކަތިވަޅި ހިފައިގެން އެރަށް ކޮށައި ސާފުކުރުމަށެވެ. އޭރު ބައްޕަގެ އުމުރުން 14 އަހަރެވެ. އެތަން ސާފުކޮށް ފަނުން ކޮޓަރި ހެދީ ބައްޕަމެންނެވެ. އެތަން ތަނަކަށް ހެދީ އަމިއްލަ ކަމެއް ފަދައިންނެވެ.

އޭރު ވަޒީފާ އަކީ ރިޒޯޓު އޯނަރު ބުނިއްޔާ ބުނިހައި ކަމެއް ކުރުމެވެ. އޭނާގެ ދަރިންނަށް ކުޅޭނެ ގެއެއް ހަދަން ޖެހިދާނެއެވެ. ރެސްޓޯރެންޓަށް ބޭނުންވާ މަސް ހޯދަން މަހަށް ވެސް ނިކުންނަމެވެ. ގަސް އިންދައި ރަށުތެރެ ސާފުކުރަމެވެ. ކައްކަމެވެ. އެޒަމާނުގައި ސްޓާފް އޭރިއާއެއް ނުހުރެއެވެ. ބައްޕަމެން ނަސީބު ރަނގަޅުވީމާ، ފަޅުގައި އަޅާފައި އޮންނަ ދޯނީގައި ނިދާލަން ލިބެއެވެ.

advertisement

ދެމޭޒު ޖައްސާލައިގެން ވެސް ބައެއް މީހުން ނިދައި އުޅުނެވެ. ބާލީހެއް ގޮދަނޑިއެއް ނޯވެއެވެ. ރަނގަޅަށް ކާކަށް ނުލިބެއެވެ. މިދައްކަނީ ގެސްޓުންނަށް ކާންދީފައި ބާކީވާ އެތިކޮޅު ކެއިކަން އެނގޭނަމަ ވަޒީފާއިން ކަނޑާލާ ޒަމާނުގެ ވާހަކައެވެ.

ބައްޕަގެ ރައްޓެހި އާސިމު ތުއްތު ތިން ކުދިން ތިއްބައި ކަނޑާ ރަށަށް ފޮނުވާލީ ޑަސްބިނަށް ލާން ޖެހޭ ކޭކު ކޮޅެއް ކެވިގެންނެވެ. ލާއިންސާނީ މިންވަރު ހުރީ މިހިސާބުގައެވެ. އޮޅިގެން ގެސްޓު އޭރިއާ އަށް އެރިއްޖެ ނަމަ ކަނޑާ ރަށަށް ފޮނުވާލުން އަދިވެސް ނުހުއްޓެއެވެ. އޭރަކު އަމުދުން މުސާރައެއް ނޯވެއެވެ. ލިބެނީ ގެސްޓުން ޓިޕްސް ދީފި ނަމަ އޭގެއިން ބައެކެވެ.

އަނެއް ބައި ނަގަނީ ރިޒޯޓު އޯނަރެވެ. މަންމަ ދަރިފުޅުމެން ވިހެއި އިރު އެންމެ ފަހަރަކުވެސް ބައްޕައަކަށް ރަށަށް ނުދެވުނެވެ. ރޮއެފައި ބުނަމެވެ. ވަރަށް ހިތްދަތިވި އެވެ. ރިޒޯޓު ގައި ތިބި ގެސްޓުން އުފާކޮށް ދޭން ބައްޕަ ހުރީ ހަމަ އެހެން އެއްވެސް ގޮތެއް ނެތީމައެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފަށައިގެން އެ ސިނާއަތް ކުރިއެރުވުމަށް ރާއްޖެތެރޭ ދިވެހިން ރަށް ދޫކޮށް ކުރި ބުރަ މަސައްކަތްތަކަކީ އަގުހުރި މަސައްކަތްތަކެއް

އެންމެ 50 ތަށިން 200 އެއްހާ މީހުންނަށް ކާންދިން އެ ޒަމާނުގައި ރާ ސާވް ކުރަމުން އައީ އެންމެ ހައެއްގަ ވައިން ގްލާސްގައެވެ. ހާދަހާ ގިނައިން ތަށި ދޮވެ، ތަންތަން ސާފުކޮށް ހެދީމެވެ. ނިކަން ދެކިބަލާށެވެ. އެހެރަ ރިޒޯޓުތަކަކީ ބައްޕަމެންގެ ދެއަތުން ހަދައިގެން ހުޅުވައިގެން އޯނަރު ދިން އެއްޗަކުން ފުއްދާލައިގެން ރިޒޯޓު އޮޕަރޭޓް ކުރީ ބައްޕަމެންނެވެ. މަސައްކަތް ނުކުރެވޭ ވަރުވީމާ މިއަދު މިހިރީ ނަގާ ހޫރާލާފައެވެ. ރަށަށް އައި އިރު ދިރިއުޅުމެއް ނެތެވެ. އެންމެން ވީ މާލޭގައެވެ.

ދަރިފުޅުމެން މާލެ ފޮނުވައިގެން ކިޔަވައި ނިމެން ދެން ވަރަށް ބުރަ މަސައްކަތް ރެއާއި ދުވާލު ބައްޕަ ކުރީމެވެ. އޭރު މާލޭގައި ކުއްޔަށް އުޅުނު ގޭގައި ދަރިފުޅުމެން ތިބެން ބައްޕަ ކޮޓަރިއެއް ހަދައި ދިނީމެވެ. އެގޭ މީހުން ދަރިފުޅުމެން އެގެއިން ނެރެލަން ދެން ބައްޕަ އެގެއަށް ގިނަ ފައިސާ ފޮނުވީމެވެ.

ރިޒޯޓުތަކުގައި އުޅުނު ހުރިހާ ބައްޕައިންގެ ވާހަކަ އަކީ ވެސް މިއީއެވެ. ދަރިފުޅާއެވެ. ދަރިފުޅުމެންނަށް ދޭނެ ވަގުތެއް ހަމަ އެދުވަހު ނުލިބުނީއެވެ. ކެނޑިގެން ނޫން ގޮތަކަށް ރިޒޯޓުން ބޭރަށް އޭރަކު ނުދެވެއެވެ. ނުފޮނުވައެވެ. ފަހުން އައިސް އޮފުޑޭ ދޭން ފެށިފަހުން ބައްޕަ އަހަރަކު ދެ ފަހަރު މާލެ ދަމެވެ. އާއިލާ ގާތުގައި އުޅެން ލިބޭ ވަރަކީ އެއީއެވެ.

އެހާ ދުވަހު ރިޒޯޓުތަކުގައި އުޅެފައި އައިސް ރަށުގައި ދިރިއުޅެން އުޅުމުން ދިރިއުޅޭކަށް ނޭނގުނެވެ. މަސައްކަތް ނުކޮށް ހުންނަން އުނދަގޫ ވަނީއެވެ. މީގެ ފަންސާހަކަށް އަހަރުކުރިން ފުރައިގެން ދިޔަ އިރު މިގެ އަކީ ތަނަވަސް ގެއެކެވެ.

ދަރީންނަށް ކިޔަވައިދީ، ރަނގަޅު މުސްތަގުބަލެއް ހޯދުމަށް ރަށު ގޯތި ފަޅުކޮށްފައި މާލެ ފޮނުވި ބައިވަރު މައިންބަފައިން އުޅޭ، އެނބުރި ރަށަށް ދާއިރު ދިރިއުޅުން އެތައް ތަނަކުން ފަހަތުގައި | ފޮޓޯ: އެމް.ވީ.ޕްލަސް

މިއަދު ބައްޕަ ހުއްޓި މިހުރި ތަނުން ފެންނަނީ ވީރާނާ ކަމާއި މާޔޫސް ކަމާއި ފަޅު ކަމެވެ. ގޭގެ ނިޝާނަކަށް ފެންނަން ހުރީ ވެއްޓިފައިވާ ފާރު ބުރިތަކާއި އޭގެ މަތީގައިވާ ދަބަރު ޓިނުތަކެވެ. ހިތް ފަޅައިގެން ދާހާ ވެއެވެ. ހަޔާތް އެކީ ހޭދަކުރީ އެކި ރިޒޯޓުތަކުގައެވެ. އެނބުރި އައިސް ބެލި އިރު ހަޔާތެއް ނެތެވެ. ދަތުގައި ރިއްސައިގެން މަރުކަޒަށް ދިޔައީމާ އެންގީ ޑަކުޓަރެއް ނެތް ވާހަކައެވެ.

ފެރީއަށް އަރައިގެން ހިތަދޫއަށް ދިޔުމުން ބުނީ ޑޮކްޓަރު ބަލާ ގަނޑި ހަމަ ވެއްޖެ ކަމަށެވެ. ދެން އައީ ރަށަށެވެ. ބައްޕަ މިވަގުތު މަޑުކޮށްލައިގެން މިހުރީ ދަރިފުޅުމެންގެ މުންނާ އުޅުނު ގޭގައެވެ. މިތަނުގައި އުޅޭ ބިދޭސީންނާއި އެކުއެވެ. އެމީހުން ބައްޕަ އަށް ކާއެއްޗެހި ދިއްކޮލައެވެ. މިހެން ހުންނަ އިރު އެންމެ ހިތްދަތި ވަނީ ބައްޕައާއި ތިޔަ ދަރިފުޅުމެންނާއި ގާތްކަން ނެތީމައެވެ.

ބައްޕަ އެދެނީ ދަރިފުޅުމެން ތިޔަ ކުލީ އަޅުވެތިކަމުން ސަލާމަތްވެ ރަށުގައި ދިރިއުޅެން އާދެވޭނެ ދުވަހެއް ފެނުމެވެ. ބައްޕަ މަރުވެ ދިޔުމުގެ ކުރިން ދަރިފުޅުމެންނާއި އެކު އެއް މޭޒެއްގައި ކާލަން ބައްޕަ ވަރަށް ބޭނުމެވެ. ދަރިފުޅުމެންނެވެ. ބައްޕަ އަށް މާފުކުރާށެވެ. މިއަދު ޓޫރިޒަމަށް 50 ފުރުނުން ފާހަނގަ ކުރާ އިރު، ބައްޕަމެންގެ ހާލަތަކީ މިއީއެވެ. އަޑުއަހާނެ ކަންފަތެއް، ދެކޭނެ ލޮލެއް ނެތަސްވެސް މެއެވެ. މިވާހަކަތަކަށް ދަރިފުޅު ހެކިވައްޗެވެ.

ރިއެކްޝަންސް
4
3
9
423
5
7
4