ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް ޕްރޮގްރާމް ފަށައިފި

2 އޮކްޓޯބަރ 2022 - 12:05

ވިޔަފާރީ ކުރުމުގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމު ކޮށްގެން ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ގެ ނަމުގައި ތަމްރީން ޕްރޮގްރާމްއެއް 1 އޮކްޓޫބަރު 2022  ގައި ވަނީ ފެށިފައެވެ. މި ޕްރޮގްރާމް އަކީ ސިލްސިލާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް އެކެވެ.

 މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން، ހދ. ހަނިމާދޫއިން މިއަދު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލާ ނީޒާ އިމާދުއެވެ.  މި ޕްރޮގްރާމުގެ މަޤްސަދަކީ ވިޔަފާރިއެއް ފެށުމަށް ގަސްދުކުރާ އަންހެނުންނަށް އަދި މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމާއި، ސަރުކާރު ފަރާތުން އާއްމުންނަށާއި އަދި ވިޔަފާރިކުރާ ފަރާތްތަކަށް ލިބެންހުރި ފުރުސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

advertisement

 ވައިޒް ޕްރޮގްރާމުގައި ކިޔަވައިދެވޭނީ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކޮށްފައިވާ ނޭޝަނަލް ސެޓްފިކެޓް 3 އިން އެންޓަރޕްރެނިއަރޝިޕް ސްޓޭންޑާރޑްއަށް ފެތޭ ގޮތަށް ތައްޔާރުކުރެވިފައިވާ މާއްދާތަކެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު ނިންމާ ބައިވެރިންނަށް ސެޓެފިކެޓް ޙަވާލު ކުރުން ހަމަޖެހިފައިވެއެވެ.

 މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ މާލީ އެހީ ނުވަތަ ސެލްފް އެމްޕްލޮއިޑް ގްރާންޓް ޕްރޮގްރާމް އަށް އެދުމުގެ ފުރުސަތުވެސް ހިމެނިފައިވާނެއެވެ. މި ގްރާންޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ އެހީގެ 40 އިންސައްތަ ހާއްސަކުރެވިފައިވަނީ އަމިއްލަ މަސައްކަތް ކުރާ އަންހެނުންނަށެވެ. މި އެހީއަށް އެދުމުގެ ފުރުސަތު https://jobcenter.mv ގައި ހުޅުވާލެވިފައިވާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0