ދަރިން ލައްވާ ދަރިން ބެލުން، ހުއްޓާލަންޖެހޭ ކަމެއް

2 އޮކްޓޯބަރ 2022 - 14:31

އެންމެ ފުރަތަމަ ދަރިފުޅު ތަންކޮޅެއް ބޮޑުވެ ކަންކަން އެނގޭ ވަރުވާ ހިސާބުން ގިނަ މައިންބަފައިން ދެކެނީ އެއީ އެމީހުންނަށް ނޭވާލާން ލިބުނު ފުރުސަތެއް ކަމަށެވެ. ގޭތެރޭގެ ކަންކަމުގައި އެހީވުމާއި ކުޑައަށް ތިބޭ ކުދިން ބެލުމަކީ ފުރަތަމަ ދަރިފުޅު ލައްވައި އެހިސާބުން ކުރުވަން ފަށާ ކަންކަމެވެ. ގޭތެރޭގެ ކަންކަން ކުދިން ލައްވައި ކުރުވުމަކީ ރަނގަޅު ކަމެއް ނަމަވެސް ކުޑައަށް ތިބޭ ކުދިން ބަލައި ބޮޑު ކުރުމުގެ ޒިންމާ އަކީ އެކުދިންގެ ބޮޑަށް ހުންނަ ކުއްޖާ ލައްވައި ކުރުވުން ރަނގަޅު ކަމެއް ނޫނެވެ.

މަންމަ ބަދިގޭގައި ބިޒީކޮށް އުޅޭ ވަގުތު ކޮއްކޮ ބަލައި ދިނުމާއި، މަންމަ ގެއިން ބޭރަށް ދިޔުމުން ކޮއްކޮ ބަލަން ޖެހުމާއި ވަރަށް ތަފާތެވެ. މަންމަގެ ސުޕަވިޝަން ނެތި އެގޮތަށް ތުއްތު ކުއްޖަކު އޭނާގެ ބޭބެ ނުވަތަ ދައްތަ އާއި ހަވާލުކޮށްފައި ދިޔުމަކީ އެކަމާއި ހަވާލުވާ ކުއްޖާއަށް އޭނާގެ އުމުރާއި ނުގުޅޭ ޒިންމާއެއް ހަވާލުކުރުމެވެ.

advertisement

މިފަދަ ކަންކަމުގެ ސަބަބުން ކަމެއް ދިމާވެއްޖެ ނަމަ، މިސާލަކަށް ކޮއްކޮ ތިމާ އަތުން ވެއްޓުން ނުވަތަ އެހެން އެފަދަ އަނިޔާ އެއް ވެއްޖެ ނަމަ އެކަމެއްގެ ގިލްޓް އެ ކުއްޖާގެ މުޅި ހަޔާތުގައި ވެސް އުފުލާނެއެވެ. ތިމަންނާ އަތުން ކޮއްކޮއަށް އަނިޔާ ވީ ކަމުގެ އިހުސާސް އަބަދުވެސް އެކުއްޖަކަށް ކުރެވޭނެއެވެ.

ފުރާވަރު ދަރިން ލައްވާ ކޮއްކޮމެން ބެލުމަކީ ރާއްޖޭގައި އާއްމު ކަމެއް

ޓީނޭޖް ކުދިންނަށް އެކުދިންގެ ކޮއްކޮމެންގެ ކަންކަން ކުރަން ކޮންމެވެސް ވަރަކަށް އެނގޭނެއެވެ. ނަމަވެސް ޒިންމާދާރު މީހަކުގެ ހައިސިއްޔަތުން ކޮއްކޮމެން އަބަދު ބެލުމަކީ މި އުމުރުގެ ކުދިންގެ ބޮލުގައި އެޅުވުން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެހެން ކަމުން ކުޑައަށް ތިބޭ ކުދިންގެ ކަންކަން ހަވާލު ކުރާނަމަ، އެ ކުއްޖެއްގެ އުމުރާއި ގުޅޭ ކަންކަން ހަވާލުކުރުން މުހިންމެވެ. ކުއްޖާއަށް ކާން ދިނުމާއި، ރޮއި ގަނެފިނަމަ ހުއްޓުވުން ފަދަ ކަންކަމަކީ ޓީނޭޖް ކުއްޖަކަށް ރަނގަޅަށް ނޭނގިދާނެ ކަންކަމެވެ.

އާއްމު ގޮތެއްގައި ޓީނޭޖް ކުދިން ނުވަތަ އެ އުމުރާއި ގާތް ކުދިންނަކީ ގޭގައި ކުރަން ހުންނަ ކަންކަން ކުރުމަށް ފަހު އެހެން ކުދިންނާއި އެކު ކުޅެން ވަގުތު ބޭނުންވާ ކުދިންނެވެ. ނަމަވެސް ކޮއްކޮމެން ބަލަން ޖެހިއްޖެ ނަމަ އެކުދިންނަށް އެހެން ކުދިންނާއި އެކު ކުޅެން ދިޔުމުގެ ފުރުސަތު ގެއްލެއެވެ. މިއީ އެކުދިންގެ ޅަފަތުން ގެއްލިގެން ދާ މުހިންމު ކުޅިވަރުގެ ވަގުތުތަކެކެވެ.

މަންމަ އެއް ނުވަތަ ބައްޕައެއްގެ ރޯލް ކުޅެން ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އެކުދިންނަށް ކުޅެން ބޭރަށް ނުދެވުމަކީ އިންސާފެއް ނޫނެވެ. ވީމާ ފުރަތަމަ ދަރިފުޅު ލައްވައި ދެން ތިބޭ ކުދިން ބެލުމުގެ ޒިންމާ އުފުލުވުމަކީ ގޯހެކެވެ. ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ޗައިލްޑްހުޑް ލިބެން ޖެހޭނެއެވެ.

ދަރިން ބެލުމަކީ މައިންބަފައިންގެ ޒިންމާއެއް، އެއީ ދައްތަމެންނާއި ބޭބެމެންގެ ޒިންމާއެއް ނޫން | ފޮޓޯ: އެމް.ވީ.ޕްލަސް

މިގޮތަށް ކަންކުރުމުން ދެކުދިންގެ ދެމެދުގައި އޮންނަން ޖެހޭ ކުލުނު ނެތި ގޮސް އެކަކު އަނެކަކާއި ދޭތެރޭގައި ނެގަޓިވްކޮށް ދެކެން ފަށާފާނެ ފަދަ ކަންކަން މެދުވެރިވުން ގާތެވެ. ކުޅެން އުޅުމާއި، ކުޑައަށްތިބޭ ކުދިންނަށް ބޭބެ ނުވަތަ ދައްތަ އަމުރުކޮށް ޕްރެޝަރ ކުރާނަމަ އެކުދިން ރުޅި އައިސް ދެމީހުންގެ ދެމެދުގައި ހިތްހަމަ ނުޖެހި ގުޅުން ބަދަލުވާތަން އައުން އެކަށީގެންވެއެވެ.

މިގޮތަށް ޓީނޭޖް ކުދިން ލައްވައި ކުދިން ބެލުވުމުގެ މަސައްކަތް ކުރުވުމަކީ އެކުދިން ހިތްހަމަ ޖެހޭކަމެއްވެސް ނޫންމެއެވެ. ދޭތެރެއަކުން މިފަދަ ގޮތަކަށް ކޮއްކޮމެން ބަލައިދިނުމަކީ އެންމެ ރަނގަޅު ކަމެއް ނަމަވެސް އެކުއްޖެއްގެ ކޮންމެ ދުވަހެއްގެ ގިނަ ވަގުތު އެކަމަށް ހޭދަ ކުރަން ޖެހޭ ނަމަ ކޮންމެވެސް މިންވަރަކަށް އެކުދިންނަށް އޭގެ ބަދަލުގައި އުފާވާނެ ކަމެއް ކޮށްދިނުން މުހިންމެވެ.

އެއީ ކޮންމެހެން ފައިސާ ދިނުމެއް ނޫނެވެ. ނަމަވެސް މީރު ކާއެއްޗެ ހަދައި ދިނުން، ހަފްތާ ބަންދުގައި ގިނަ ވަގުތު ކުޅެން ބޭރަށް ދިޔުމަށް ހުއްދަ ދިނުން، ނުވަތަ ކުއްޖާ ބޭނުންވާ އެހެން ކަމެއް ކޮށް ދީގެން، އޭނާ އަށް އޭނާ އެކޮށްދޭ މަސައްކަތް އަގު ކުރާ ކަން އަންގައި ދިނުން ވަރަށް މުހިންމެވެ.

ރިއެކްޝަންސް
10
2
4
0
13
2
3