ފަތުރުވެރިކަމުގެ ދާއިރާއިން އެތައްހާސް ވަޒީފާއެއް އުފެދިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

3 އޮކްޓޯބަރ 2022 - 10:59

ފަތުރުވެރިކަމުގެ ދާއިރާއިން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެތައްހާސް ވަޒީފާއެއް އަލަށް އުފެދިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙްމަދާއި, ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި, ދައުލަތުގެ އިސްވެރިނާއި, ފަތުރުވެރިކަމުގެ ސިނާޢަތުގެ ބާނީންނާއި, ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފްއެވެ.

advertisement

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 17 ނޮވެމްބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށެވެ.

އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދު ކަމަށާއި، އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ދާއިރާތަކުންވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް މިޞިނާޢަތު ސިންދަފާތުކުރުން ކަމަށެވެ.

ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އެއް އަމާޒު ކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ޤައުމީ ވާޖިބެއް ކަމަށާއި، އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުޤުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުން ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0