ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާރު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން
9 އޮކްޓޯބަރ 2022 - 14:03
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާރު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓްތަކުގައި ކުރަމުންއައި ބުރަ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބޭއްވި ޙަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ރ. ދުވާފަރުގައި ބޭއްވި “ރ. ޓުއަރިޒަމް އެކްސްޕޯ 2022” ގެ އެވޯޑްދިނުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ކާމިޔާބުކަމާއެކު ގެނެސްދެއްވި ފަރާތްތަކުގެ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމަ އެހެންމެ ފަތުރުވެރިކަމުގެ މިއަދުގެ ކާމިޔާބީއާ ހަމައަށް އާދެވުނީ ވަރަށްގިނަ ބައެއްގެ ބުރަމަސައްކަތުންކަން ފާހަގަކުރައްވައި އޭގެ ތެރެއިން ވެސް ޚާއްޞަކޮށް ދިވެހި ޒުވާނުން އެމީހުންގެ ޢާއިލާއާ ދުރުގައި ތިބެ މި ދާއިރާގެ ކުރިއެރުމަށް ކުރި ބުރަ މަސައްކަތްތަކެވެ.
އަދި ޒުވާނުންގެ އެ މަސައްކަތަކީ ފަތުރުވެރިކަމުގައި މިއަދު މިދެކޭ ކާމިޔާބީ ހޯދައިދިނުމަށް ވީ ޤުރުބާނީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މިދާއިރާގެ ކާމިޔާބީއަކީ ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމުގައި ވިދާޅުވިއެވެ.
އަދި، ޚާއްޞަގޮތެއްގައި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓްތަކުގައި އެ ދަތިއުނދަގުލުގެ ތެރޭގައި ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރ. ޓުއަރިޒަމް އެކްސްޕޯ 2022ގެ އަތްތެރި މަސައްކަތުގެ މައުރަޒުގެ ރަންވަނަ ހާޞިލުކުރި ފަރާތްތަކަށް މި ރޭގެ ޙަފްލާގައި އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
އަދި މި ޙަފްލާގައި އަތޮޅު ރިސޯޓް އެވޯޑް ޙާސިލުކުރި ދެ ރިސޯޓުގެ އެވޯޑް ވެސް އެފަރާތްތަކާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މި ޙަފްލާގައި ރ. އަތޮޅު ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް ވެދުމަށްއަރުވާފައިވެއެވެ.





