ރިފޯޓު: ވަރި މަދުކުރުމަށް ގާނޫނާއި ގަވާއިދު އަދިވެސް ހަރުކަށި ކުރަންޖެހޭ!

11 އޮކްޓޯބަރ 2022 - 14:05

ރާއްޖޭގައި އެންމެ ފަސޭހައިން ކުރެވޭ ކަންކަމުގެ ތެރޭގައި ވަރިކުރުން ހިމެނެއެވެ. އިސްލާމް ދީނާއި އަދި އިޖުތިމާއީ ގޮތުން ބޮޑު ކަމެއްގެ ގޮތުގައި އޮތް ނަމަވެސް އެންމެ ފަސޭހައިން ރޫޅާލެވޭ އެއްބަސްވުމެއްގެ ގޮތުގައި އޮތީ ކައިވެންޏެވެ. ގާޒީއެއްގެ ހުއްދަ ނެތި ވަރިކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގާނޫނުގައި ބުނެފައި އޮތް ނަމަވެސް އެއީ ގިނަ ބަޔަކަށް މާބޮޑު ކަމަކަށް ނުވެއެވެ. އަތުގައި ކުޑަ ލާރިކޮޅެއް ހުރި ނަމަ އެއީ މާއުނދަގޫ ކަމެއް ނޫނެވެ. ގޭގައި ވެސް ވަރިކޮށްލަންވީއެވެ. އޭގެ ނަތީޖާއަކީ ދުނިޔޭގައި ވެސް އެންމެ ވަރި ގިނަ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތެވެ.

ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ވެސް އެ ކޯޓުން އެންމެ ގިނައިން ނިންމީ ވަރީގެ މައްސަލަތެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 102 މީހަކު ވަރިކޮށްފައި ވެއެވެ. ވަރިއާ ބެހޭ 134 މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވަރިވުމަށް އެދި ހުށަހެޅި 63 މައްސަލައަކާއި ވަރި ސާބިތުކުރަން ހުށަހެޅި 46 މައްސަލައަކާއި ވަރިކުރަން ބޭނުން ވެގެން ހުށަހެޅި 24 މައްސަލައެކެވެ. ކުރިން ހުރި މައްސަލަތަކާއި އެކު މިދިޔަ މަހު ވަރިއާ ގުޅޭ 141 މައްސަލައެއް ނިންމި އިރު އެ ކޯޓުން ނިންމި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވެސް ވަރީގެ މައްސަލަތަކެވެ.

advertisement

މީގެ ކުރިން ވެސް ވަރިއާ ގުޅޭ ގޮތުން ރާއްޖޭގައި ވަނީ ރެކޯޑްތައް މުގުރާލާފައެވެ. ނަމަވެސް މިއިން ކޮންމެ މައްސަލައަކީ ވެސް އެތައް ބައެއްގެ ފިރިއުޅުމަށް އަސަރުކުރާ ކަންކަމެވެ. ކޮންމެ ވަރިއަކާ އެކު ވަކިވެގެންދަނީ ކައިވެނިކޮށްގެން އުޅޭ ދެ މީހުން އެކަންޏެއް ނޫނެވެ. އެ ދެ މީހުންގެ އާއިލާ އާއި ދެ މީހުންގެ ދަރިން ތިބި ނަމަ ދަރިންނަށް ވެސް ލިބެނީ ނިކަމެތި ކަމެކެވެ. ވަރީގެ ސަބަބުން ނުކުންނަ އިޖުތިމާއީ އެތައް މައްސަލަތަކެއް ހައްލުކުރުމަށް ބޭރުގެ ގައުމުތަކުގައި ހަރުދަނާ ގާނޫނުތަކާއި ގަވާއިދު އަދި އުސޫލްތައް ހަދާފައި ހުރެއެވެ. ރާއްޖޭގައި ވެސް އެފަދަ ގާނޫނާއި ގަވާއިދު އަދި އުސޫލްތައް އެބަހުއްޓެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި މި ކަންކަމުގެ ބޭނުން ހިފާތަނެއް ނުފެނެއެވެ.

ކައިވެންޏަކީ ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުކެވެ. އެއީ ހަމައެކަނި ކުރެވޭ ކައިވެންޏެއްގެ ބަދަލުގައި އެއްބަސްވުމެއްގެ ސިފަ ޖެއްސުމަށް 2016 ވަނަ އަހަރު ވެސް ގާނޫނަށް އިސްލާހް ގެނެސްފައި ވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އަދިވެސް އެ ފަދަ އެއްބަސްވުމެއް ހެދުމަކީ އިހްތިޔާރެއްގެ ގޮތުގައި އޮތުމުން އާއިލާއާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނާ ކައިވެނީގެ އެއްބަސްވުމުގެ މާ ބޮޑު ނަތީޖާއެއް ނުފެނެއެވެ. ނުވަތަ އެ މާއްދާގެ ދަށުން އެއްބަސްވުން ހަދާ މީހުން މަދެވެ.

އާއިލާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުތަކަކީ ބޭރުގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަ ގޮތް ބަލައި ކައިވެނިތައް ރޫޅުން މަދުކުރުމުގެ ވަރަށް ރަނގަޅު މަގުސަދެއްގައި ގެނެސްފައިވާ އިސްލާހުތަކެކެވެ. “ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ޙާޞިލުކޮށްފައިވާ މުދާ ޢަދުލުވެރި ބެހުމަކުން ބެހުން” ކަމަށް ބުނާ އެ ގާނޫނުގެ 32 ވަނަ މާއްދާގައި ކައިވެނީގެ އެއްބަސްވުމެއްގައި ހުންނަންޖެހޭ މައިގަނޑު ކަންތައްތަކާއި އަދި ހިލާފު އުފެދިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ ތަފްސީލްތައް ހިމަނާފައި ވެއެވެ. އެ އިސްލާހަށް ގެޒެޓްކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ގިނަ އުސޫލްތަކެއް ހަދަންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އެ އިސްލާހުގައި ބުނެފައިވާ ހަތް އުސޫލެއް މިހާތަނަށް ވެސް އާއިލާއާ ބެހޭ ކޯޓުން އެކުލަވާލައި އާންމުކޮށްފައެއް ނުވެއެވެ. އެހެންކަމުން މި ފަދަ އެއްބަސްވުމެއް ހެދުމަށް އަދިވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.

ބޭރުގެ ގައުމުތަކުގައި ކައިވެންޏެއް ކުރުމަށް ފަހު ވަރިކުރާ ނަމަ ގިނަ މަރުހަލާތަކެއް ކަޑައްތުކުރަންޖެހެވެ. އަދި އެއީ އެހާ ފަސޭހައިން ކުރެވޭ ކަމެއް ވެސް ނޫނެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަމަލުކުރެވެންޖެހެއެވެ. އޭގެ ތެރޭގައި ދަރިންގެ ހަރަދުބަރަދާއި ދެ މީހުން އެކުގައި ހޯދާފައިވާ މުދަލާއި މިހެން ގޮސް އެތައް އެތައް ކަމެއްގައި ދެ މީހުން ކޯޓުގައި އެއްބަސްވުމަކަށް އަންނަންޖެހެއެވެ. ހިލާފު އުފެދިއްޖެ ހާލަތެއްގައި ޝަރީއަތުން ގޮތްތަކެއް ކަނޑައަޅައި މައްސަލަ ނިންމަންޖެހެއެވެ. ރާއްޖޭގެ އާއިލާއާ ބެހޭ ގާނޫނުގައި ވެސް އެފަދަ ހިލާފެއް އުފެދިއްޖެ ނަމަ އަމަލުކުރާނެ ގޮތްތައް ވަރަށް ތަފްސީލްކޮށް ލިޔެފައި އެބަހުއްޓެވެ.

ކައިވެނިތައް ދެމެހެއްޓުމާއި ވަރިއަކީ ފަސޭހައިން ކުރެވޭ ކަމަކަށް އޮތް އޮތުން ބަދަލުކުރުމަށް ކައިވެނިކުރާ ދެ މީހުންގެ ދެމެދުގައި ވެވޭ އެއްބަސްވުން މުހިންމެވެ. އެ އެއްބަސްވުމަކީ އިހްތިޔާރީ ކަމަކަށް ވުމުން އާއިލާއާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާ އާއި 32 އަދި 35 ވަނަ މާއްދާގެ މާބޮޑު ބޭނުމެއް މިވަގުތަކު ނުހިފެއެވެ. ނަތީޖާއަކަށް ވެފައި ވަނީ އެފަދަ އެއްބަސްވުމެއް ހެދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގަބޫލުކުރާ މީހުން މަދުވުމެވެ. އަދި އެކަމަށް އެކަށީގެންވާ ގޮތެއްގައި ކަމާ ބެހޭ އިދާރާތަކުން ހޭލުންތެރިކުރުމަށް ވެސް މާބޮޑު މަސައްކަތްތަކެއް ކުރަމުން ނުދެއެވެ. އަދި ގާނޫނުގެ ދަށުން ހަދަންޖެހޭ އުސޫލްތައް ނުހެދި ހުރުމުން އެފަދަ އެއްބަސްވުމަކަށް މަގުފަހިވުމަށް ވެސް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ.

ރާއްޖޭގައި އުފެދިފައިވާ އިޖުތިމާއީ ގިނަ މައްސަލަތަކެއްގެ އަސްލު ގޮސް ގުޅެނީ އާއިލީ މައްސަލަތަކާއެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކާއި ވަރީގެ ސަބަބުން އެކަނި ދަރިން ބަލަންޖެހުމާއި މިހެން ގޮސް ވަރިކައިވެންޏާ ގުޅޭ އެތައް ކަމެއްގެ ސަބަބުން ދަރިން މަގުމަތިވެ މަސްތުވާތަކެއްޗާއި ގޭންގްތަކާއި މި ނޫން ވެސް އެތައް ކުށަކަށް މަގުފަހިވެގެން ދެއެވެ. މިފަދަ ގިނަ މައްސަލަތައް ގޮސް ގުޅުފައި ހުންނަނީ އާއިލީ މައްސަލަތަކާއެވެ. އެހެންކަމުން ވަރީގެ މައްސަލަތައް މަދުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކުން މިހާރަށް ވުރެ ބޮޑަށް މަސައްކަތްކުރަން އެބަޖެހެއެވެ. ގާނޫނު އިތުރަށް ހަރުދަނާ ކުރަން އެބަޖެހެއެވެ. ހަދަންޖެހޭ އުސޫލްތައް ހަދަން އެބަޖެހެއެވެ. ކައިވެންޏާ އެކު ވެވޭ އަހުދުނާމާ މަޖުބޫރު ކަމަކަށް ހަދަން އެބަޖެހެއެވެ. ކައިވެނިކުރާ އިރު ދެމަފިރިންގެ މެދުގައި އެއްބަސްވުމެއް ހެދިއްޖެ ނަމަ އެ ކައިވެންޏެއް ދެމެހެއްޓުމަށް އިތުރު ބާރަކަށް ވާނެއެވެ. އަދި ކައިވެންޏެއް ރޫޅިގެންދާ އިރު ގިނަ ފަހަރު ކަންތައްތައް ދިމާވާ ގޮތަށް އަންހެން މީހާ އާއި ދަރިން ނިކަމެތިވުމުން ސަލާމަތްވުމަށް ބާރަކަށް ވެގެނދާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
2
0