ވެހިކަލް ރަޖިސްޓްރީ ބާތިލްކުރުން: އާންމު މީހާ އަށް ދެރަ ގޮތް, ކަން ކުރި މީހާގެ ޖީބު ފުރިފައި!

20 އޮކްޓޯބަރ 2022 - 11:19

ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ވެހިކަލްތަކެއްގެ ރަޖިސްޓްރީ މި ފަހަކުން ވަނީ ބާތިލްކޮށްފައެވެ. އަދި އެފަދަ އުޅަނދުތަކުގެ ރަޖިސްޓްރީ ކުރިއަށް އޮތްތަނުގައި ވެސް ބާތިލްކޮށް ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިންޒާރުކޮށްފައެވެ. ހަތަރު ފުރޮޅުލީ 200 ވަރަކަށް އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފައި މި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި އެ މިނިސްޓްރީން ހަދަމުންދާ އޮޑިޓްގެ ތެރެއިން ފާހަގަވި ކަންތައްތަކަކާ ގުޅިގެންނެވެ.

މިނިސްޓްރީގެ މި ފިޔަވަޅަކީ އަޅަންޖެހޭ ވިޔަފަޅެކެވެ. ނަމަވެސް ހަމައެއާ އެކުއެކީގައި މިނިސްޓްރީގެ ތެރެއިން ވެސް އެކަން ކުރަން އޮތް މަގުތައް ބަންދުކުރަންޖެހެއެވެ. ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ މައްސަލައަކީ ބޮޑު ވިޔަފާރިއަކަށް ވަނީ ވެފައެވެ.

advertisement

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލްގެ ތެރެއިން ހިންގާ އެތައް މިލިއަން ރުފިޔާގެ މި ވަގު ވިޔަފާރި ހުއްޓުވަން މީގެ ކުރިން އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ޖާގަ ނެތް އަދި ވުޖޫދުގައި ވެސް ނެތް ގަރާޖްތަކަށް ސިޓީ ވިއްކައިގެން ކާރު ފަދަ އުޅަނދުފަހަރު ރަޖިސްޓްރީކޮށްގެން އެތައް ބަޔަކު ވަނީ މަހުޖަނުންނަށް ވެފައެވެ.  އުމުރު ހަމަނުވާ އުޅަނދުފަހަރާއި ޑިއުޓީން ސަލާމަތްވުމަށް ޑެމަރޭޖްގެ ގޮތުގައި ހަދާ މަކަރުތަކަކީ އެންމެންނަށް ވެސް އެނގޭ ކަންކަމެވެ. މިކަންކަން ހުއްޓުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަސައްކަތް ފަށާފައިވާ އިރު މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ ވަރުގަދަ އިންޒާރު ވެސް ދެއްވާފައެވެ.

މިނިސްޓަރު ނަހުލާގެ މި ޓްވީޓްތަކާ ގުޅިގެން އެތައް ބަޔަކު ދަނީ އެކަމަނާ އަށް ފާޑުކިޔަމުންނެވެ. ފަސް އަހަރުގެ ދައުރުގެ ތެރެއިން ހަތަރު އަހަރު ފާއިތުވެ ދިޔައިރު އެކަން ހައްލުނުވީ ނުވަތަ މިނިސްޓްރީން ފިޔަވަޅު ނޭޅީ ކީއްވެތޯ އާއި ހަމައެކަނި ރަޖިސްޓްރީ ބާތިލްކުރުމުން މައްސަލަ ހައްލު ނުވާނެ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީކުރެވެނީ ދެ މުއައްސަސާއެއްގެ ބައިވެރިވުމާ އެކުގައެވެ. ވެހިކަލް ވައްދާ ގަރާޖް ފާސްކުރަނީ ކައުންސިލުންނެވެ. އެއަށް ފަހު ޓްރާންސްޕޯޓުން ރަޖިސްޓްރީކުރަނީއެވެ. މި ދެ މަރުހަލާގައި ވެސް އިންތިހާ އަށް ކޮރަޕްޝަން އެބަ އޮތެވެ. ވުޖޫދުގައި ނެތް ގަރާޖްތަކަށް ހުއްދަ ދިނުމުގައި ވެސް ކޮރަޕްޝަނެވެ. އޭގެ ނަތީޖާއަކީ އެއް ގަރާޖެއްގައި ދެހާހެއްހާ ވެހިކަލް ރަޖިސްޓްރީކުރުން ފަދަ ކަންކަމާއި ވުޖޫދުގައި ވެސް ނެތް ގަރާޖްތަކެއްގައި އުޅަނދުފަހަރު ރަޖިސްޓްރީކުރުމެވެ. ވެހިކަލްގެ އުމުރު ކަނޑައެޅުމުގައި ވެސް ކޮރަޕްޝަނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުތައް ބުނާ ގޮތުން ކާރެއްގެ އުމުރަކީ 10 އަހަރެވެ. އެ އުޅަނދެއް ރަޖިސްޓްރީކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން ރާއްޖެ އެތެރެކުރާ އިރު ފަސް އަހަރު ނުވާ ނަމައެވެ. ނަމަވެސް މި ތާރީހު އޮޅުވާލުމަކީ ވެސް މިނިސްޓްރީ ތެރެއިން ކުރަމުން އަންނަ ކަންކަމެވެ. މިސާލަކަށް 2014 ވަނަ އަހަރު އުފައްދާފައިވާ ކާރެއް ގަވާއިދު ބުނާ ގޮތުން މިހާރު ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލުން 30،000ރ. ނަގައިގެން އެކަން އެބަ ކޮށްދެއެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް،” ކަމަށާއި “ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،” ކަމަށެވެ. އެހެން ނަމަވެސް ހަގީގަތުގައި އެކަން އެ ގޮތަށް އެބަ ހިނގާ ހެއްޔެވެ؟ މިނިސްޓްރީގެ އެތެރެއިން އަޅާ ފިޔަވަޅުތައް ފަހަރުގައި ހާމަނުކުރައްވަނީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް މިހާ ބޮޑު ކޮރަޕްޝަނެއް މިނިސްޓްރީގެ ތެރެއިން ހިންގާ އިރު ހަމައެކަނި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރުން ނުވަތަ މަގާމު ދަށްކުރުން ނޫނީ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރުން ފަދަ ކަމަކުން ފުއްދާލައިގެން ވާކަށް ނެތެވެ. މިއީ އެތައް މިލިއަން ރުފިޔާއެއްގެ ކޮރަޕްޝަނެވެ. މިކަމުގައި ފުލުހުންގެ ތަހުގީގަކަށް ފަހު ޖިނާއީ ދައުވާ ނުކުރަންވީ ސަބަބެއް ވެސް ނެތެވެ.

މި ޓްވީޓްތަކާ ގުޅިގެން ހިޔާލުފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިކަން ކުރި މީހުންނަށް އަދަބު ނުދީ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކުރުމަކީ އިންސާފުން ބޭރުން ފިޔަވަޅު އެޅުން ކަމަށެވެ. އަދި ހަގީގީ މައްސަލަ އޮތްތަނުގައި ބާއްވާފައި އެހެން ފަރުވާއެއް ހޯދަން އުޅޭ ނަމަ އެކަން ކުރުމުގެ މަގުސަދާ މެދު ވެސް ސުވާލު އުފެދޭ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގައި މިހާރު އޮތް ސިސްޓަމް ރަނގަޅު ނޫން ކަމަށް އެތައް ބަޔަކު ގަބޫލުކުރެއެވެ.

މަޖިލީހަށް ވެސް އެކި ފަހަރު މަތިން އެ މައްސަލަ ހުށަހެޅި ބަހުސްތައް ކޮށްފިއެވެ. ހަގީގީ މައްސަލަ އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ހައްލުކުރާނެ ގޮތެއް އަދި ވަނީ ނުހޯދިއެވެ. ރަޖިސްޓްރީތައް ބާތިލްކުރުމަކީ ހައްލެއް ނޫނެވެ. އެކަން ކުރި މީހުންގެ ޖީބުތައް ފުރާލައިގެން އެ މީހުން ހެވިފައި ތިބޭ ނަމަ މައްސަލައިގެ ހައްލެއް ނުލިބެއެވެ.

ރިއެކްޝަންސް
0
0
2
0
0
0
1