ރިޒޯޓުތައް އިންސްޕެކްޓް ކުރުން ކައުންސިލުތަކާއި ހަވާލު ނުކުރަން އުޅެނީ ކީއްވެ؟

23 އޮކްޓޯބަރ 2022 - 11:38

ޓޫރިޒަމް މިނިސްޓްރީ އާއި ރިޒޯޓުތައް ހިންގާ ކުންފުނިތަކާއި މެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަތޯ ބެލުމަށާއި، ޓޫރިޒަމާއި ބެހޭ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ރިޒޯޓުތަކުން އަމަލު ކުރޭތޯ ބެލުމަށްޓަކައި އަހަރަކު އެއްފަހަރު ޓޫރިޒަމް މިނިސްޓްރީ އިން ރިޒޯޓުތަކަށް ގޮސް އިންސްޕެކްޓް ކުރަން ޖެހެއެވެ.

މިގޮތުން މި އިންސްޕެކްޝަންތަކުގައި ބަލާ ކަންކަމުގެ ތެރޭގައި މުވައްޒަފުންގެ ނިދުމާއި ކެއުމާއި ރައްކާތެރިކަންވެސް ހިމެނެއެވެ. ނަމަވެސް ރިޒޯޓުތައް އިންސްޕެކްޓް ކުރަން ދިޔުމަށްޓަކައި މިނިސްޓްރީގެ އަމިއްލަ ލޯންޗު / ސީޕްލޭން ނެތުމުގެ ސަބަބުން މިނިސްޓްރީ އިން މި ދަތުރުތައް ކުރަނީ ރިޒޯޓުގެ ލޯންޗު ނުވަތަ ސީޕްލޭން ތަކުންނެވެ.

advertisement

މިގޮތަށް މިކަން ކުރުމުގެ ސަބަބުން އިންސްޕެކްޝަންގެ ބޭނުން ކެނޑެއެވެ. ސަބަބަކީ ޓްރާންސްފާ ހަމަޖައްސަން އެދުމާއި އެކު މިނިސްޓްރީގެ ޓީމުން ރިޒޯޓަށް އެބަ އަންނަކަން ރިޒޯޓަށް އެނގެއެވެ. އެހިސާބުން އެމީހުން ގަވާއިދާއި ހިލާފަށް ކުރާ ހުރިހާ ކަމެއް ފޮރުވަން ފަށައެވެ.

އެއް ކޮޓަރީގައި 6 މީހުން ނިންދުވުން އެ ދުވަހަށް ހުއްޓާލައެވެ. ރަޖިސްޓްރީ ނުކޮށް ގެސްޓުންނަށް ވިއްކާ ކޮޓަރިތައް އެއީ ސީނިއާ ސްޓާފް ރޫމްތައް ކަމުގައި ހަމަ ޖައްސައެވެ. މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް މިގޮތަށް ކޮޓަރި ވިއްކާ ރިޒޯޓުތައް ރާއްޖޭގައި ވަރަށް ގިނައެވެ. ނަމަވެސް އެފަދަ ކަންކަމަކީ އެހެން ބޮޑެތި މަކަރުތަކުން ރެކޭ ފަދައިން އަބަދުވެސް ރިޒޯޓުތަކުން ރެކޭ ކަންކަމެވެ. އެ ކޮޓަރިތަކުން ބެޑް ޓެކްސް ދައުލަތައް ނުލިބޭނެއެވެ. އިންސްޕެކްޝަން ތަކުން ދުވަހަކުވެސް އެފަދަ ކަމެއް ފާހަނގައެއް ނުކުރެވެއެވެ.

އިންސްޕެކްޝަނަށް ދާ މިނިސްޓްރީގެ ޓީމަށް ރިޒޯޓުން ހުރިހާ ކަމެއް ފުރިހަމަކޮށްދީ، މަހަށް ގޮސް، ޕާޓީތަކަށް ގެންގޮސް، ސްޕާ ހިލޭ ދީ ހެދުމުން އެ ޓީމުން އެނބުރި މާލެއަށް ދަނީ ރިޒޯޓުން ބޭނުންވާ ގޮތަށް އިންސްޕެކްޝަނަށް މަކަރު ހަދާފައި ކަމަށް ރިޒޯޓުތަކުގެ މުވައްޒަފުން ވެސް ބުނެއެވެ.

މިކަމާއި މެދު މިނިސްޓްރީ އިން ދައްކަނީ އަމިއްލަ ޓްރާންފާ ހަމަޖައްސަން މިނިސްޓްރީ އަކު ބަޖެޓެއް ނެތް ވާހަކައެވެ. ބަޖެޓު ނެތިއްޔާ އެ އަތޮޅެއްގެ ރިޒޯޓުތަކުގެ އިންސްޕެކްޝަން އެ އަތޮޅެއްގެ ކައުންސިލާއި ހަވާލު ނުކުރެވެންވީ ސަބަބެއް ނެތެވެ. އޭރުން އެ ކައުންސިލުތަކުން އޮޑިއެއްގައި ނަމަވެސް ރިޒޯޓަށް އަރާ ބެސްޓްޕްރެކްޓިސް އާއި އެއްގޮތަށް އިންސްޕެކްޝަން ނިންމާނެއެވެ. އޭރުން އެއްކަލަ ކޮޓަރިތަކަށް މުވައްޒަފުންގެ ކޮޓަރިތަކަށް ބަދަލުކުރުން ފަދަ ކަންކަން ކުރާކަށް ވަގުތެއް ރިޒޯޓަށް ނުލިބޭނެއެވެ.

ރިޒޯޓުގައި ހިންގާ ނުގަވާއިދު ހުރިހާ ކަމެއް ފެންނާނީ ސަޕްރައިޒް އިންސްޕެކްޝަން ތަކުންނެވެ. މިކަން އެންމެ ރަނގަޅަށް ކުރެވޭނީ މި ޒިންމާ އަތޮޅު ކައުންސިލުތަކާއި ހަވާލުކުރުމުންނެވެ. މިއީ މައި ސަރުކާރަށް ހަރަދުގެ ގޮތުންވެސް ލުއި ލިބޭނެ ބަދަލެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
2