މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޢިމާރާތްކުރުމުގައި ތިމާވެށްޓާއި ރައްޓެހިގޮތްތައް ހޯދުން މުހިއްމު: ނައިބު ރައީސް

16 ނޮވެމްބަރ 2022 - 12:58

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ވެވޭނެ އެންމެ ބޮޑު ޙިއްޞާއަކީ، ޢިމާރާތް ކުރުމުގެ ޞިނާޢަތުގައި ތިމާވެށްޓާއި ރައްޓެހިގޮތްތައް ހޯދުމާއި ބޭނުންކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަސްދުވަހުގެ މުއްދަތަށް ބާއްވާ މިކޮންވެންޝަން ކުރިޔަށްދަނީ، ޕެރަަޑައިސް އައިލެންޑް ރިސޯޓުގައެވެ.

advertisement

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިކޮންފަރެންސްގެ މިއަހަރުގެ ޝިޢާރު ކަމުގައިވާ، “ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން: ބިލްޑިންގ އަ ބެޓަރ ވޯލްޑް” މި ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ދިވެހިރާއްޖެއަށް ޙިމާޔަތާއި ރައްކާތެރިކަން ހޯދަންޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޢިމާރާތްކުރުމުގެ ޞިނާޢަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ މިއީ ކަމަށެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޢިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗަަކީ، ދެމެހެއްޓެނިވި އަދި އަލުން ބޭނުން ކުރެވޭނެ އެއްޗެއް ކަމުގައ ހެދުމާއި، ޓެކްނޮލޮޖީ އާއި ޒަމާނީވަޞީލަތްތައް ބޭނުންކޮށްގެން ޢިމާރާތްކުރުމާއި، އެކަަށޭނަ ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަޅުގަނޑުމެންގެ މުއްސަނދި ޘަޤާފަތާއި ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްވެސް އިސްކަންދޭންޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރިގެން ދިޔައިރު ފާއިތުވި އަހަރުތަކުގައި، ރެސިޑެންޝަލް، ކޯޕަރޭޓް އަދި އިންޑަސްޓްރިއަލް ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޓޫރިސްޓް ރިޒޯޓްތަކުގެ އިމާރާތްކުރުމުގެ ފެންވަރާއި ފަރުމާތަކަކީ އެފަދަ ދެވަނައެއް ނެތް ތަންތަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ފަންނާނުންނާއި ޑިޒައިނަރުންނާއި ކޮންޓްރެކްޓަރުން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. އަދި އަލަށް ބިނާކުރެވޭ ރިސޯޓްތަކުން އެމީހުންގެ އުފެއްދުންތެރި ހުނަރާއި ފަންނުވެރިކަމާއި އީޖާދީ ވިސްނުންތައް މިއަދު ފެންނަމުންދާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި އިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ދިވެހި ކުންފުނިތަކަށް ގޮވާލައްވާފައެވެ.


އިފޮޕްކާއަކީ އިމާރާތްކުރުމުގެ ދާއިރާ މެދުވެރިކޮށް، ޤައުމުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުންތައް ހޯދައި ދިނުމުގެ މަޤުޞަދުގައި އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ މެމްބަރު 19 ގައުމެއް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމާޢަތެކެވެ. 2007 ވަނަ އަހަރު، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން މިޖަމާޢަތުގައި ބައިވެރިވުމަށްފަހު، މިއީ ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ފުރަތަމަ ކޮންފަރެންސެވެ.

ރިއެކްޝަންސް
0
0
0
0
0
0
0