އެޗް.ޑީ.ސީ އިން ސިޓީ ޕޮސިބަލްގެ މެމްބަރަކަށްވުމަށް މާސްޓަރކާޑާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި
22 ނޮވެމްބަރ 2022 - 13:21
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޕޭމަންޓް އިންޑަސްޓްރީގެ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މާސްޓަރކާޑާއި އެކު މެމަރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މީގެ ސަބަބުން މާސްޓަރކާޑުގެ ސިޓީ ޕޮސިބަލް ނެޓުވޯކުގެ މެމްބަރޝިޕް އެޗް.ޑީ.ސީއަށް ލިބޭނެއެވެ. ސިޓީ ޕޮސިބަލްއަކީ ދުނިޔޭގެ އެކި ސިޓީތަކާއި، ވިޔަފާރިތަކާއި، ތަޢުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި އަދި އުފެއްދުންތެރި އުމްރާނީ ތަރައްގީ ގެނައުމަށް އެކުލަވާލެވިފައިވާ ވިއުގައެކެވެ.

މީގެ 3 އަހަރު ކުރިން އުފެދިގެންއައި މި ނެޓުވޯކުގައި މިހާރު 50 ގައުމުގެ މައްޗަށް އެކުލެވޭހެން 300 އަށް ވުރެ ގިނަ ސިޓީއާއި 600އަށްވުރެން ގިނަ ކޮމިއުނިޓީތައް ހިމެނެއެެވެ.

ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރަށްގީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.
މި ނެޓުވޯކުގެ މެމްބަރަކަށް ވުމުން، އެޗް.ޑީ.ސީން ކުރިއަށްގެންދާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަގުނަ ފައިދާތަކެއް ލިގެންދާނެއެވެ.


މިގޮތުން އެހެން ސިޓީތަކުގައި ބޭނުން ކުރެވެމުން އަންނަ ތަފާތު ސްމާޓް ސޮލިއުޝަންތަކާ ބެހޭ ތަޖުރިބާކާރު މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް ދިވެހިރާއްޖޭގައި، އަދި ހުޅުމާލެ ފަދަ ސިޓީއެއްގައި އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެނގިގެން
ދާނެއެވެ. އަދި ހުޅުމާލެ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މަގުފައި ވެގެން ދާނެއެވެ.

ހުރިހާ ގޮތަކުންސްވެސް ރައްޔިތުންނަށް ލުއި ފަސޭހަ ސްމާޓް ސިޓީ އަކަށް ހުޅުމާލެ ހެދުމަށްޓަކައި އެޗް.ޑީ.ސީން އަންނަނީ އެކޯޕަރޭޝަންގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން އޯޕަން އެކްސެސް ނެޓުވޯކަކާއިއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ހުޅުމާލޭގައި ގާއިމުކޮށް ތަފާތު ޑިޖިޓަލް ސޮލިއުޝަންތައް ދަނީ ތައާރަފު ކުރަމުންނެވެ.





