ރިޕޯޓު: ސަގާފީ ފަތުރުވެރިކަމުން ރާއްޖެތެރެއަށް ނަފާ ލިބެން އެބައޮތް

29 ނޮވެމްބަރ 2022 - 14:12

ތާރީހާއި ސަގާފަތް ދަސްކުރުމަށާއި ބަލައި ތަޖުރިބާކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން މީހުން އެކި ގައުމުތަކަށް ދަތުރުކުރެއެވެ. މިފަދަ ޓޫރިޒަމަށް ކިޔަނީ ހެރިޓޭޖް ޓޫރިޒަމެވެ. ދުނިޔޭގެ ހެރިޓޭޖް ޓޫރިޒަމް މާކެޓުގެ އަގު 2021 ގައި ހުރީ 557 ބިލިޔަން ޑޮލަރުގައެވެ. މި މާކެޓަށް ވަދެ ރާއްޖޭގެ ތާރީހާ އާދަކާދަތައް ފަތުރުވެރިކަމުގެ ބައެއްގެ ގޮތުގައި ވިއްކުމަކީ ހާއްސަކޮށް ރާއްޖެތެރޭގެ ރަށްރަށުގެ ޒުވާނުންނަށް ކުރެވެން އޮތް ކަމެކެވެ.

މިފަދަ ކަމެއްގެ ތެރެއިން ތާރީހާއި ތަރިކަ ދިރުވެން އެބައޮތެވެ. ނޫންނަމަ ފޮތް ހަރުގަނޑެއްގައި ހިރަފުސް އަރައަރާ އޮންނަ ފޮތެއްގައި ހިރަފުހުގައި ތާރީހު ވަޅުލެވިގެން ދިޔުން ގާތެވެ. މިވާހަކަތަކާއި އަހަރެމެންނާ އެހާވެސް ދުރެވެ.

ރާއްޖޭގެ ތާރީހަށް ބަލާއިރު މިހާތަނަށް ކުރެވިފައިވާ ދިރާސާތަކާއި ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ރާއްޖޭގައި އެންމެ ފުރަތަމަ ބަޔަކު ވަޒަންވެރިވީ ކަނޑައެޅިގެން ކޮން ދުވަސްވަރެއްގައިކަން ބުނެދިނުމަކީ ދަތިކަމެކެވެ. ފެންނަންހުރި ހެކިތަކަށް ބުރަވެ، ތާރީހު ދިރާސާވެރިން ބުނާގޮތުގައި ރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭތާ މަދުވެގެން 2500 އަހަރު ވެދާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ފުރަތަމަ ވަޒަންވެރީން

ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ކޮންބައެއްކަން ދެނެގަތުމަށްޓަކައި 1899 ގައި ޕްރޮފެސަރ ޖޯން ސްޓޭންލީ ގާރޑްނަރ ދިވެހިރާއްޖެއަށް އައިސް ރާއްޖޭގެ އެކި ރަށްރަށުގެ ދިވެހިންގެ އިސްކޮޅާއި ބޮލާއި ހަށިގަނޑުގެ މިންތައްނަގައި ކުރި ދިރާސާއިން ހާމަވިގޮތުގައި ދިވެހިންނަކީ އިންޑިއާގެ ސަބްކޮންޓިނެންޓާއި ލަންކާ ނުވަތަ އޮޅުދޫކަރައިގެ މީހުންނާއި އަރަބިކަރަ އަދި އެފްރިކާގެ އިތުރުން އަސޭކަރަ (މިހާރުގެ އިންޑޮނޭޝިއާ އާއި މެލޭޝިޔާ) މީހުންނާ ނަސްލީގޮތުން ގުޅުންހުރި ބައެއް ކަމުގައެވެ.

ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮތް ސަރަހައްދުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ގިނަ އަދަދެއްގެ ދަތުރުވެރީން ދަތުރުފަތުރު ކޮށްފައިވާކަމަށް ބެލެވެއެވެ. އިންޑިޔާ ކަނޑުގައި ދަތުރުކުރި މީހުން ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައި ރާއްޖޭގެ ރަށްރަށުގެ ބަނދަރުތަކުގެ ހިމާޔަތްތެރިކަން ހޯދައި ރާއްޖެއިން ދަރާއި ބޯފެނާއި އެނޫންވެސް ބާވަތްތައް ހޯދާފައިވެއެވެ.

އަދި ރާއްޖޭގެ ސަރަހައްދުން ބޮއްޔާއި ކަހަނބުފަތާއި މާވަހަރުފަދަ ތަކެތި ހޯދުމަށް ޚާއްޞަގޮތެގައި ރާއްޖޭގެ ސަރަހައްދުން ދަތުރުފަތުރު ކޮށްއުޅުނު މީހުން ތިބިކަން ވެސް ތާރީހީ ލިޔުންތަކުން އެނގެއެވެ. އެފަދަ ބައެއް މީހުން ރާއްޖޭގައި ވަޒަންވެރިވެ މީހުންނާއި އިނދެ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުނެވެ.

ދިވެހިންގެ ލޭގައި ހިމެނޭ ޖެނެޓިކް ބައިތައް ބަލައި ހޯދިހޯދުމުން އެނގޭގޮތުގައި ދިވެހިން ލޭގެ ގޮތުން ގުޅޭ މީހުންނަކީ މެދުއިރުމަތީގެ މީހުންނާއި، ބަންގާޅާއި، އިންޑިޔާ، އިންޑޮނޭޝިޔާ، އެފްރިކާ، އަދި ރެޑްސީގެ އަހުލުވެރިންނާއި ގަލްފު ސަރަޙައްދުގެ މީހުންނާއެވެ. ވީމާ ދިވެހިންގެ ތެރޭގައި އެކި ނަސްލުގެ މީހުން އުޅޭކަމީ ހަގީގަތެވެ. މިހާރުގެ ދިވެހިންގެ ސިފައަށް ބަލާއިރު ގިނަ މީހުން ދެކުނު އިންޑިއާގެ މީހުންނާއި ލަންކާގެ މީހުންނާ ވައްތަރު ކަމަށް ތާރީޚީ އެކިއެކި ލިޔުންތަކުން ފެންނަން ހުރުމާއެކު ރާއްޖޭގައި ފުރަތަމަ ވަޒަންވެރިންނަކީ ދެކުނު އިންޑިއާގެ ޑްރެވީޑިއަނުންނަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

މީލާދުން 300އިގެ އަހަރުތަކުގައި ވެސް ރާއްޖޭގައި ވެރިކަމެއް އޮތް

އަމިއާނުސް މަރެސެލިނުސް ނަމަކަށް ކިޔުނު ރޫމީންގެ ލިޔުންތެރިއަކު މީލާދުގެ 320 އާއި 390 ގެ އަހަރުތަކުގެ ތެރޭގައި ލިޔެފައިވާ ލިޔުމެއްގައި މީލާދީން 362 ވަނަ އަހަރު އެރަށުގެ ޖޫލިއަން ރަސްގެފާނުގެ އަރިހަށް ދިވެހިންގެ ވަފުދެއް ދަތުރުކޮށްފައިވާ ވާހަކަ ލިޔެފައިވެއެވެ.

އަދި ހަމަމިއާއެކު ޗައިނާގެ ޓޭންގް (ޝާންގް) ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގެ ލިޔުމެއްގައި މީލާދުގެ 658ވަނަ އަހަރާއި 662ވަނަ އަހަރު ޗައިނާގެ ރަސްގެފާނުގެ އަރިހަށް ދިވެހިންގެ ބަޔަކު ވެދުމެއް ހިފައިގެން ދިޔަ ވާހަކަ ލިޔެފައިވެއެވެ. މިކަމުން އެދުވަސްވަރު ދިވެހިންގެ ތެރޭގައި ވެރިކަމެއް އޮތްކަމާއި، ދިވެހިންނަކީ އެދުވަސްވަރުވެސް ތަންދޮރު ފިލާފައިވާ ބައެއްކަން ހާމަވެއެވެ.

އެންމެފުރަތަމަ ދީން

ރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި އުސް ފަސްގަނޑުތަކާއި ގާފުނިތައް ކޮނެ ދިރާސާކުރެވުނު ގިނަ ތަންތަނުން ހިންދީ ދީނާއި ބުޑިޒަމްގެ އަޅުކަންކުރާ ތަންތަނާއި ތަކެތި ފެނިފައިވެއެވެ. ރާއްޖޭގެ ދާރުލްއާސާރުން ފެންނަން ހުރި ތަކެއްޗަކީ މީލާދީން 9ވަނަ ޤަރުނާއި 12ވަނަ ޤަރުނާއި ދެމެދުގެ ބުޑިޒަމްއާ ބެހޭ ތަކެއްޗެވެ. ދިވެހި ތާރީޚު ދިރާސާކުރި އެހެންފަރާތެއް ކަމަށްވާ އެޗް ސީ ފީ ބެލް ހާމަކުރައްވާ ގޮތުގައި ރާއްޖޭގައި ހުރި އާސާރީ ޤަދީމީ އުސްތަންތައް އަދި ވަޅުފަދަ ތަންތަނާއި ވެޔޮފަދަ ތަންތައް ސްރީލަންކާގެ އަނުރާދަޕޫރާގައި ހުރި ބުދުދީނުގެ މަރުކަޒު ކަމުގައި ހުރި ތަންތަނާއި ވައްތަރެވެ. ކުރީގެ ދިވެހިން އަޅުކަންކޮށް އުޅުނު ބުދުތަކާއި ބުދު ފައްޅިތަކުގެ ބައިތައް އަދިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަހުއްޓެވެ. މިގޮތުން ލާމު އަތޮޅުގަ އާއި ފުވައްމުލަކުގައި ވެސް ހަވިއްތަތަކެއް ވެއެވެ.

“ބުންބެރާ” ކިޔާ ބުޑިސްޓް ފައްޅިއެއް، ލ.ގަމުގައި، 1922

މިގައުމަކީ ދުވަސްވެފައިވާ ދިގު ތާރީހެއް އޮތް ގައުމެކެވެ. މިހާރުވެސް އެކި ރަށްރަށުގައި އާދަކޮށް ކޮށްއުޅޭ ކަންކަމާއި ވާހަކަ ދައްކާ ބަހުރުވައިގައި ތަފާތުކަން ހުރެއެވެ. ކެއްކުމުގެ ވައްޓަފާޅިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ގޮތެވެ. ނަމަވެސް މި ސަގާފަތާއި ތާރީހާއި ބެހޭ ގޮތުން ސްކޫލުތަކުގައި ކިޔަވައިދެވޭ މިންވަރު ވަރަށް ކުޑައެވެ. ތައުލީމީ ނިޒާމުގެ ތެރޭގައި މިހާރަށް ވުރެ ބޮޑަށް ތާރީހާއި އާދަކާދަ އަދި ސަގާފަތުގެ ބައިތައް ހިމަނައި ދިނުމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާވެސް ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކީ ވެސް އަދި ކޮންމެ ރަށަކީވެސް ޝައުގުވެރި، މުއްސަނދި ތާރީހެއް އޮތް ރަށެއް ކަމުން އަތޮޅުތަކާއި ރަށްރަށުގެ ތާރީހު ހޯދައި، އެއްކޮށް، އެމައުލޫމާތު ރައްކާކޮށް ގެންގުޅުމަކީ ލޯކަލް ކައުންސިލްތަކުން ކުރުން ވަރަށް މުހިންމު މަސައްކަތެކެވެ.

ޔުމްނާ ވެސް ބުނެފައިވާ ފަދައިން، “އަތޮޅާއި ރަށްރަށާއި ގުޅޭ ކުރީގެ ލިޔެކިޔުންތައް އަރުޝީފް ކުރުމާއި، އިސް ރަށްވެހިންގެ ފުށުން ރަށުގެ ތާރީހާއި، ޒަމާންވީ ފޯކުލޯރު އޮޅުންފިލުވައި ރައްކާކުރުމަކީ ކުރުން މުހިއްމު ކަމެކެވެ. މިފަދައިން އެއްކުރެވޭ މައުލޫމާތަކީ ސަގާފީ ފަތުރުވެރިކަމުގެ އާރުކާޓީންގެ ގޮތުގައި ތިބޭނެ ލޯކަލް ގައިޑުން ތަމްރީނު ކުރުމަށް ބޭނުންތެރި ވަސީލަތަކަށް ވެގެންދާނެ އެވެ.”

ރިއެކްޝަންސް
1
0
0
0
0
0
0