ރިޕޯޓު: ޖޫރިމަނާ ހުކުމް — ހަމައެކަނި ކަރުދާހުގައި އޮންނަ ހުކުމަކަށް!

8 ޑިސެމްބަރ 2022 - 16:29

ޖިނާއީ ކުށްތަކާ ގުޅިގެން ކުރާ ހުކުމްތަކުގައި ޖޫރިމަނާގެ ބައެއް ހިމެނުމުގައި ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ހުކުމް ރައްދުވާ ފަރާތަށް އަދަބު ލުއިކޮށްދިނުމަކީ އޭގެ ތެރެއިން އެއް ބޭނުމެވެ. ޖިނާއީ ބަންދެއްގައި ހުންނަ މީހަކަށް ނުވަތަ ބޮޑެތި ވައްކަންތަކާއި މަކަރާއި ހީލަތުގެ މައްސަލަތަކުގައި ހުކުމް ރައްދުވާ ފަރާތަށް އަދަބެއްގެ ގޮތުގައި ޖޫރިމަނާ ދެއްކުމަށް ހުކުމްކުރާތަން އެބަ ފެނެއެވެ. ނަމަވެސް ސުވާލަކީ އެ ހުކުމާ އެއްގޮތަށް އެ ފަރާތަކުން ޖޫރިމަނާ ދައްކާ ހެއްޔެވެ؟

އާ ގާނޫނުލްއުގޫބާތާ އެކު ހަރުކަށި ޖަލު އަދަބަށް ވުރެ އަދަބު ލުއިވާނެ ގޮތްތަކަށް އިސްކަންދީފައި ވެއެވެ. ހާއްސަކޮށް ކުށެއްގައި އަލަށް އަދަބެއް ކަނޑައަޅާ އިރު ޖަލުހުކުމަށް ވުރެ އިސްކަން ދީފައި ވަނީ ޖޫރިމަނާ އަށެވެ. އެހެން ކަމުން ފަހަކަށް އައިސް ޖަލު އަދަބުގެ ބަދަލުގައި ނުވަތަ ޖަލު އަދަބުގެ މުއްދަތު ކުރުކޮށް ޖޫރިމަނާ ހިމަނައިގެން އަދަބު ކަނޑައަޅައެވެ. އެހެން ނަމަވެސް ޖޫރިމަނާގެ ފައިސާ ގިނަ މީހުން ނުދައްކާ ކަމަށް ވެއެވެ.

advertisement

ޖޫރިމަނާ ނުދައްކާނަމަ ޖަލަށް ލެވޭނެ

ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާ މައްސަލަތައް ގިނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ. އަދި އެ ފަދަ މައްސަލަތައް ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ ބުނެފައިވަނީ ޖޫރިމަނާ ނުދައްކާ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާނެކަމަށް

ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ “ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު” ގައިވާ ގޮތުން ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފި ނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަންވާނެއެވެ. އެހެން ނަމަވެސް ޕީޖީން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއީ ގަވާއިދުން ހިނގާ ކަމެއް ނޫނެވެ. ދާދި ފަހުން ޕީޖީން ބުނެފައި ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް އެ މައުލޫމާތު ހޯދައި، އެފަދަ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު”ގައިވާ ގޮތުން ޖޫރިމަނާ ފައިސާ އޮންނަ އުސޫލުން ނުދައްކައިފި ނަމަ އެފަދަ މީހުންގެ މައްޗަށް ޖޫރިމަނާގެ ބަދަލުގައި ޖަލު އަދަބެއް ނުވަތަ ޖޫރިމަނާ އަށް ވުރެ ބުރަ އަދަބެއް ކަނޑައެޅިދާނެއެވެ.

އެކަމަކު ޖޫރިމަނާ ނުދެއްކިގެން ޖައްލަށް ލުމަކީ ހައްލެއްތަ؟

ޖަލުގައި ހުންނަ މީހެއްގެ މައްޗަށް ޖޫރިމަނާގެ ގޮތުގައި އެތައް ލައްކަ ރުފިޔާއެއް ދެއްކުމަށް ހުކުމެއް ކުރި ނަމަވެސް ސުވާލަކީ އެ ފައިސާ އޭނާ ދައްކާނީ ކިހިނެއް ހެއްޔެވެ؟ ޖަލުގައި ހުރެގެން މަސައްކަތްކުރެވޭނެ މާގިނަ ފުރުސަތުތަކެއް ތަނަވަސްވެފައެއް ނުވެއެވެ. އާމްދަނީ ހޯދޭނެ ގޮތެއް ނެތް އިރު ޖޫރިމަނާގެ ފައިސާ ދައްކާނީ ކިހިނެއް ހެއްޔެވެ؟ އަދި މިފަދަ ގިނަ މީހުންނަކީ އާއިލާއާ ވެސް މާބޮޑު ގުޅުންތަކެއް އޮންނަ ބަޔަކަށް ނުވާތީ އޭނާގެ ފަރާތުން އެ ފައިސާ ދައްކާނެ މީހަކު ވެސް ގިނަ ފަހަރު ނުހުރެއެވެ.

އަދި ވައްކަމާއި ފޭރުން ފަދަ މައްސަލަތަކުގައި އުޅޭ މިފަދަ މީހުންނަކީ ފައިސާ ރައްކާކޮށްގެން ގެންގުޅޭ މީހުންނަށް ނުވުމަކީ ވެސް ޖޫރިމަނާގެ އަދަބު ތަންފީޒުކުރުމަށް ނުކުޅެދިފައިތިބޭ މީހުންނެވެ. މީހުން މެރުމުގެ ކުށުގައި ވެސް މަރުގެ ދިޔައިގެ ގޮތުގައި ބޮޑު އަދަދެއް ދިނުމަށް ބައެއް މައްސަލަތަކުގައި ހުކުމް ކުރެއެވެ. އެހެން ނަމަވެސް އެފަދަ ކުށްތަކުގައި ޖަލަށް ލެވޭ މީހާ އަށް މަރުގެ ދިޔަ ދެވޭނެ ގޮތެއް ނުވަތަ އިންތިޒާމެއް ހަމަޖެހިފައެއް ނޯވެއެވެ. މިފަދަ ހާލަތެއްގައި ތިބި ބައެއްގެ މައްޗަށް ތަންފީޒުނުކުރެވޭ ފަދަ އަދަބެއް ކަނޑައެޅުމުގެ މާނައެއް ކޮބައި ހެއްޔެވެ؟

ޖޫރިމަނާ ތަންފީޒުނުކުރެވޭ، ދައުލަތަށް ބޮޑެތި ގެއްލުންތަކެއް

ޖޫރިމަނާގެ އަދަބާ މެދު ބައެއް ފަރާތްތަކުން ދެކެނީ އެއީ ތަންފީޒުނުކުރެވޭނެ އަދަބެއްގެ ގޮތުގައެވެ. އަދި އެފަދަ އަދަބެއް ކަނޑައަޅާ ނަމަ ކަނޑައަޅަންޖެހޭނީ އެ އަދަބެއް އެ މީހަކަށް ތަންފީޒުކުރެވޭނެކަން ކަށަވަރުކުރެވިގެން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެ ގޮތުން މީހެއްގެ މައްޗަށް ޖޫރިމަނާގެ ހުކުމެއް ކުރާ އިރު އޭނާގެ މުދާވެރިކަމާއި އޭނާގެ ބޭންކް ބެލެންސްގެ ތަފްސީލާއި ނުވަތަ މިލްކިއްޔާތުގައި ހުރި މިންވަރެއް ބެލެންޖެހޭނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

ނުވަތަ އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަމެއް ކޯޓުން ހޯދަންޖެހޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެއެވެ. އަދި ހުކުމެއް ކޮށްފި ނަމަ އޭނާގެ މުދާ ވިއްކައިގެން ވިޔަސް އެ ފައިސާ ދައުލަތަށް ހޯދޭނެ ގޮތެއް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ހަމަޖެހިފައި އޮންނަންޖެހެއެވެ. އެހެން ނޫން ނަމަ މިއީ ހަމައެކަނި ކަރުދާހެއްގައި ލިޔެވިފައި އޮންނަ ހުކުމަކަށް ނޫނީ ނުވާނެއެވެ.

ޖޫރިމަނާގެ ފައިސާ ނުދައްކަނީ ހަމައެކަނި ކުދިކުދި މައްސަލަތަކުގައި އެކަންޏެއް ނޫނެވެ. ބޮޑެތި މައްސަލަތަކުގައި ވެސް ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު މިލިއަނުން ގުނާލެވެއެވެ. އަދި ބައެއް ފަރާތްތަކުން ހުކުމާ އެއްގޮތަށް ޖޫރިމަނާގެ ފައިސާ ނުދައްކައި ދިގު ދައްމަނީ ކޯޓުގެ ހުރިހާ މަރުހަލާއެއް ނިމުމުން ނޫނީ އެ ފައިސާ ނުދެއްކުމަށެވެ. އެ ގޮތުން ދަށު ކޯޓުން މީގެ ކުރިން މިލިއަނުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ސުޕްރީމް ކޯޓުން މައްސަލަ ނިމުމާ ހަމައަށް ނުދައްކައި މަޑުކޮށްފައި ވެސް އެބަހުއްޓެވެ.

ނަމަވެސް ދަށު ކޯޓުން ކުރާ ހުކުމުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާ ނަމަ އެ މުއްދަތުގެ ކުރިން އެއަށް ވުރެ މަތީ ކޯޓަކުން އަމުރެއް ނުނެރޭހާ ހިނދަކު އެ މުއްދަތުގައި އެ ފައިސާ ދައްކަންޖެހޭނެއެވެ. މަތީ މަރުހަލާއަކުން ދަށު ކޯޓުގެ ހުކުމް ބާތިލްކުރުމުން އެ ފައިސާ އަނބުރާ އެ މީހަކަށް ދިނުމަކީ އަދި މުޅިން އެހެން ކަމެކެވެ. އަދަބެއްގެ ގޮތުގައި ޖޫރިމަނާކުރުމަކީ ހަމައެކަނި ހުކުމެއްގައި ލިޔެފައި އޮންނަ ކަމަކަށް ވެގެންދާ ނަމަ އެއީ އެކަށޭނަ އަދަބެއް ނޫނެވެ. އެކަން މުރާޖައާކުރަންޖެހެއެވެ. އަދި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ މައްސަލަތައް އުސޫލުގައި އޮންނަ ގޮތަށް ޖަލު ހުކުމަށް ބަދަލުކުރުމަށް ހުށަހެޅުމަކީ ވެސް ޕީޖީން ކުރަންޖެހޭ ކަމެކެވެ. އެކަން ގަވާއިދުން ނުކުރެވޭ ނަމަ އެފަދަ އަދަބެއްގެ ބޭނުމެއް ނެތެވެ.

ރިއެކްޝަންސް
0
0
0
0
0
0
0