ހުޅުމާލޭގައި ހެދިކާ އަދި ތައްޔާރީ ލުއި ކާނާ ވިއްކުމަށް އަރބަން ކިއޮސްކް އަދި އަރބަން ޝެކް ދޫކުރަނީ

10 ޑިސެމްބަރ 2022 - 13:23

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހެދިކާ ވިއްކުމުގެ ބޭނުމަށް ފަރުމާކުރެވިފައިވާ 4 “އަރބަން ޝެކް” ކުއްޔަށް ދޫކުރުމުގެ ފުރުސަތު އެޗްޑީސީއިން ވަނީ ހުޅުވާލާފައެވެ. މި “އަރބަން ޝެކް”ތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ރައްވެހިންނާއި، ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށެވެ. އަރބަން ޝެކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހަށެވެ.

މި ތަނަށް މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހޭނެއެވެ. އަރބަން ޝެކް ކުއްޔަށް ލިބޭނެ ފަރާތްތައް ހޮވިގެންދާނީ ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހަޅާފައިވާ ގްރޫޕްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމަކުންނެވެ. އަދި އަރބަން ޝެކް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 7 ދުވަސްތެރޭގައި ހިދުމަތްދޭން ފަށަންވާނެއެވެ. އަދި މި މުއްދަތު ތެރޭގައި ހިދުމަތްދޭން ނުފަށާފިނަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލަކާއި ނުލައި ބާތިލުކުރެވޭނެއެވެ.

advertisement

އަދި ހުޅުމާލެގެ ނެއިބަރހުޑް 6 ކުން ލުއިކާނާ އަދި ބުއިންތައް ވިޔަފާރި އުސޫލުން ވިއްކުމަށް އަރބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. މިއީ ހުޅުމާލެގައި ދިރިއުޅޭ ފަރުދުންނާއި އަދި އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައްޔާރީ ކާބޯތަކެތީގެ ވިޔަފާރިއަށް ފަރުމާކުރެވިފައިވާ ޖުމްލަ 4 އަރބަން ކިއޮސްކެކެވެ.

މި ކިއޮސްކްތަކުގައި ފެން އަދި ކަރަންޓުގެ ހިދުމަތް ބޭނުންކުރެވޭނެ މަގު ވާނީ ފަހިކޮށްދެވިފައެވެ. އަދި ކިއޮސްކް ހިންގާ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި ކަރަންޓާއި ފެން ބޭނުންކުރެވޭނެއެވެ. އެހެންނަމަވެސް މި ހިދުމަތްތައް ގުޅުމާއި ހިދުމަތުގެ އަގު ކުއްޔަށް ހިފާ ފަރާތުން އަދާކުރަންވާނެއެވެ. މި ކިއޮސްކްތަކުގައި ތައްޔާރީ ކާތަކެތި، ލުއިކާނާ، ލުއިބުއިން އަދި ޓޭކްއަވޭ ހިދުމަތް ދެވޭނެއެވެ. އަރބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއިއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބޭނުންވާ އެންމެހާ ކަންކަން ފޯރުކޮށްދިނުމުގައި މި ކޯޕަރޭޝަނުންދަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0