ތާރީހުގެ ތެރެއިން: ރާއްޖެތެރޭގެ ކޮންމެ އަތޮޅަކުން ސިއްހަތު ރަނގަޅު ދެ ކުދިން މާލެ ފޮނުވުމަށް ކުރި އަމުރު

4 ޖެނުއަރީ 2023 - 15:49

އަމީންދީދީގެ ވެރިކަމާ ހަމައަށް އައި އިރު ރާއްޖެތެރޭގައި މާބޮޑު ރަސްމީ ތައުލީމެއް ލިބޭކަށް ނެތެވެ. އެހެން ކަމުން ރާއްޖޭގެ ހުރިހާ ދިމާއަކަށް ތައުލީމު ފެތުރުމުގެ ނިޔަތުގައި އަމީންދީދީ އަށް ވިސްނުނީ ރާއްޖެތެރޭ ދަރިވަރުން މާލެއަށް ގެނައުމަށެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ކިޔެވުމަށް މަސައްކަތް ކުރާ ސިއްހަތު ރަނގަޅު ދެކުދީން މާލެ ގެންނަވައި މަދަރަސަތުއް ސަނިއްޔާގައި ސަރުކާރުގެ ހަރަދުގައި ކިޔަވައި ދިނުމަށް އަމީންދީދީ ނިންމިއެވެ. މިގޮތުން ގެންނަ ކޮންމެ ކުއްޖަކަށް އަހަރަކު 6 ހެދުމާއި ކެއުމުގެ ހަރަދަށް މަހަކު 12 ރުފިޔާ ދޭ ގޮތަށް ވެސް ހަމަޖެއްސިއެވެ. މިކަން ފެށުނީ 1944 ވަނަ އަހަރުގައެވެ.

advertisement

މި ނިންމުމާއި ގުޅިގެން އެއަތޮޅުތަކުން މާލެ އައީ 36 ކުދިންނެވެ. މިކުދިން މާލެ ގެނެސް ދާރުލްއިގާމާގެ ނަމުގައި 17 ޖޫން 1945 ގައި ބޯޑިންގ އެއް ހުޅުވިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިފަދައަށް ބޯޑިންގ އެއް އެންމެ ފުރަތަމައަށް ހުޅުވުނު ފަހަރެވެ.

ފޮތް: ވިހި ވަނަ ގަރުނުގެ ތެރޭގައި ދިވެހި ރާއްޖެ 2 (ތައުލީމާއި ސިއްހަތު)

އޭގެ ތިން އަހަރުފަހުން “ހާއްސަކުދިން”ގެ ގޮތުގައިވެސް ރާއްޖެތެރެއިން ކުދިބަޔަކު މާލެ ގެނެވުނެވެ. އެގޮތުން ކިޔަވަން ފުރުސަތު ލިބުނީ ކޮންމެ ރަށަކުން އެއް ފިރިހެން އަދި އެއް އަންހެން ކުއްޖަކަށެވެ. އެކުދިން ހަވާލު ކުރީ މާލޭގެ އަވަށްތަކުގެ ވެރީންނާއެވެ. އެއްވެސް މަޖުބޫރުކަމެއް ނެތި ކުދިން މާލެ ފޮނުވުމަށް އަތޮޅުވެރިންނަށް އަމީންދީދީގެ ސަރުކާރުން އެންގިއެވެ.

ކުދިންގެ ކިޔެވުމާއި ހުރުމުގެ ހަރަދުގެ ދެބައި ކުޅަ އެއްބައި ސަރުކާރުން ދޭގޮތަށެވެ.

މިގޮތުން މާލެއަށް ގެނައި ކުދިންގެ އުމުރަކީ، ފިރިހެން ކުދިން 15 އަހަރާއި 16 އަހަރު އަދި އަންހެން ކުދިންގެ އުމުރަކީ 10 އަހަރާއި 12 އަހަރެވެ. ސަރުކާރުން ތައުލީމު ހިލޭ ދޭން ފެށުމާއި ހަމައަށް، އަމީނިއްޔާ ސްކޫލުން ކޮންމެ އަހަރަކު ރާއްޖެތެރޭ ދަރިވަރުންނަށް ހާއްސަކޮށް އަމީންދީދީ އެވޯޑުގެ ނަމުގައި ހާއްސަ އެވޯޑެއް ވެސް އައީ ދެމުންނެވެ.

އެ އެވޯޑަށް ކުރިމަތިލަނީ އެ އަހަރެއްގައި ރާއްޖެތެރެއިން އަމީނިއްޔާ އަށް އަންނަ ދަރިވަރުންނަށް އެކަންޏެވެ. އެވޯޑު ލިބޭ ކުއްޖަކަށް ގްރޭޑު 10 އާއި ހަމައަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން އައީ ދެމުންނެވެ.

ރިއެކްޝަންސް
3
6
1
6
0
0
1