އަމިއްލަ ހިޔާލު: ސްޓޫޑެންޓް ލޯން — އަބަދުވެސް ފުރުސަތު ހުޅުވިފައި އޮންނަ ގޮތް ހަދަންޖެހޭ!

9 ނޮވެމްބަރ 2023 - 15:51

މީގެ އަހަރުތަކެއް ކުރިން މަތީ ތައުލީމަކީ މާލޭގެ ބޭފުޅުންނާއި ވިޔަފާރި އާއިލާތަކާއި އެ އާއިލާތަކާ ގުޅުން އޮންނަ މީހުންނަށް ހާއްސަވެފައި އޮންނަ ފުރުސަތެކެވެ. އެ ނޫން ގޮތަކަށް ފުރުސަތެއް ލިބެނީ މަދު މީހަކަށެވެ. އެއީ ބޭރުގެ ކޮންމެ ވެސް ފަރާތަކުން ސްކޮލާޝިޕެއް ލިބިއްޖެ ނަމައެވެ. އޭގެ އިތުރުން ބައެއް ވިޔަފާރިވެރިން އެ ބޭފުޅުންގެ ހައިރާތެއްގެ ގޮތުގައި ބައެއް ދަރިވަރުންނަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދީ އުޅުނެވެ. އޭގެ ފަހުން އޯލެވެލް އަދި އޭ ލެވެލްގެ ގަދަ 10 އިން ފުރުސަތު ހޯދާ ދަރިވަރުންނަށް ސަރުކާރުން ފުރުސަތު ދިނެވެ. މި ހުރިހާ ކަމަކަށް ނިމުން ގެނައި ޕްރޮގްރާމަކަށްވީ ސްޓޫޑެންޓް ލޯނު ތައާރަފްވެގެން ދިއުމެވެ.

ސްޓޫޑެންޓް ލޯން ސްކީމްގައި އަދިވެސް އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް

ސްޓޫޑެންޓް ލޯނު ވެގެންދިޔައީ މަތީ ތައުލީމު ހާސިލްކުރުމަށް ހުރި ހުރަސްތައް ކުޑަކޮށްދިން މުހިންމު ސްކީމަކަށެވެ. އެއް އަހަރުން އަނެއް އަހަރަށް އެ ލޯނު ފުޅާވެ، މި ވެރިކަމުގައި އެކަން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެ ގޮތުން އެންމެ ފަހުން ލޯނު ދޫކުރި އިރު އެ ކަމަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް އެ ފުރުސަތު ދީފައި ވެއެވެ. އޭގެ އިތުރުން ހިލޭ ޑިގްރީ ޕްރޮގްރާމަކީ ވެސް މި ސްކީމަށް އިތުރުވި ބޮޅެކެވެ. 

advertisement

ސްޓޫޑެންޓް ލޯނު ނުވަތަ މަތީ ތައުލީމު ހާސިލްކުރުމަށް ލޯނު ދޫކުރަން ފެށުމުން އެންމެ ނިކަމެތި މީހާގެ ދަރިންނަށް ވެސް ޑޮކްޓަރަކަށް ނޫނީ ޕައިލެޓްކަށް ނުވަތަ އެ ދަރިވަރަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ހުރި ހުރަސްތައް ކުޑަވެގެން ދިޔައެވެ. އެހެން ނަމަވެސް މި ސްކީމްގައި އަދިވެސް އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. 

ބައެއް ދަރިވަރުން ދެކޭ ގޮތުގައި މަތީ ތައުލީމު ހާސިލްކުރުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ. ނުވަތަ އެއީ ވަކި ދުވަސްވަރަކު ހުޅުވާލާ “ލޯޓަރީ”އެއްގެ ގޮތަށް އޮވެގެން ވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ސްކީމް ވަރުގަދަކޮށް އަބަދު ވެސް ފުރުސަތު ހުޅުވާލެވިފައި އޮންނަން ވާނެއެވެ. 

ލޯނު ދިނުމުގައި ގެންގުޅޭ އުސޫލްތަކުގެ ސަބަބުން ފުރުސަތު ނުލިބޭ

މިހާރު އާންމު ގޮތެއްގައި ސްޓޫޑެންޓް ލޯނަށް ހުޅުވާލަނީ އަހަރަކު ދެ ފަހަރުއެވެ. މި އަހަރުގެ މިހާތަނަށް އަދި ފުރުސަތު ހުޅުވައިލީ އެންމެ ފަހަރަކުއެވެ. މަތީ ތައުލީމު ހާސިލްކުރަން ބޭނުން އެތައް ދަރިވަރުންނެއް އަދިވެސް އެބަ ތިއްބެވެ. އަދި ސްކޫލް ނިންމާ ދަރިވަރުންގެ އަދަދު ވެސް ގިނައެވެ. އެހެން ނަމަވެސް ލޯނު ދިނުމުގައި ގެންގުޅޭ އުސޫލްތަކުގެ ސަބަބުން އެ ފުރުސަތު އަދި ނުލިބެނީއެވެ. 

“މިދިޔަ ފަހަރު ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް އެ ފުރުސަތު ދިން. އެހެން ނަމަވެސް އެއީ ވަކި މުއްދަތެއްގައި ހުޅުވާލި ފުރުސަތެއްވީމާ އެ މުއްދަތު ފަހުން އަނެއްކާ މިޖެހެނީ އެފަދަ ފުރުސަތެއް ހުޅުވާލަންދެން މަޑުކުރަން. އެކި ސަބަބުތަކާ ހުރެ ހުޅުވާލާ މުއްދަތުގައި ނުލެވިއްޖެއްޔާ އަހަރެއް ވަންދެން އެބަޖެހޭ އަނެއްކާ މަޑުކުރަން. އެ ގެއްލެނީ ވަރަށް ދުވަސް،” ދަރިވަރަކު ބުންޏެވެ. 

ހުޅުވާލާ މުއްދަތުގައި ކުރިމަތި ނުލެވިއްޖެ ނަމަ އިތުރު އަހަރެއް ގެއްލުމުގެ އިތުރުން އަމިއްލަ އަށް ހަރަދުކޮށްގެން މަތީ ތައުލީމު ހާސިލްކުރާ ފަރާތްތަކަށް ވެސް އެކަން ވަނީ ބޮޑު ބުރައަކަށެވެ. 

“އެންމެ ފަހުން ހުޅުވައިލި އިރު އަޅުގަނޑަށް ކުރިމަތި ނުލެވުނީ ކޮލެޖުން ލިބެންޖެހޭ ލިޔުމެއް ނުލިބިގެން. މުއްދަތު ހަމަވިތާ ހަފުތާއެއް ފަހުން އެ ލިޔުން ގެނެވުނީ. ދެން މި ޖެހެނީ އަނެއްކާ ވެސް ހުޅުވާލަންދެން މަޑުކުރަން. ލޯނު ލިބެންދެން ކޯސް މަޑުޖައްސާލެވޭކަށް ނެތް ފަށައިގެން ކުރިއަށް ގެންދާތީ. އަމިއްލަ އަށް ވަރަށް ބޮޑު ހަރަދެއް ކުރަން އެބަޖެހޭ މި ގޮތަށް އޮތުމުން. އަހަރަކު 6،000 ޑޮލަރު ފީއަށް އަދި މަހަކު 500 ޑޮލަރު އެބަދޭ ހަރަދުތަކަށް،” ފިލިޕީންސްގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރަކު ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި ސްޓޫޑެންޓް ލޯނަކީ ވަކި މުއްދަތަކަށް ހުޅުވާލާފައި އޮންނަންޖެހޭ ސްކީމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ފުރުސަތަށް ބޭނުން އިރެއްގައި ކުރިމަތިވޭނެ ގޮތަކަށް ހަމަޖައްސަންޖެހެއެވެ. އެ ގޮތަށް ހެދުމުން ގިނަ ބަޔަކަށް ފުރުސަތު ލިބި އަދި ޝަކުވާތައް ވެސް މަދުވާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

“ބޭންކް ލޯނު ވެސް އޮންނަ އުސޫލުން މި ހިނގަނީ. ބީއެމްއެލް އިން މިހާރު ވެސް ދޭ ކިޔަވާ ލޯނު. އެއަށް ހުށަހަޅަން ވަކި އިރެއް ނޯވޭ. ނަމަވެސް އިންޓަރެސްޓް ބޮޑުވެފައި އިކުއިޓީ ބޮޑުވީމާ އެއީ ގިނަ މީހުންނަށް ފުރުސަތު ލިބޭ ގޮތަށް އޮތް ލޯނެއް ނޫން. ހަމަ އެ ގޮތަށް ސަރުކާރުން ބާރު އަޅައިގެން ވިޔަސް ސްޓޫޑެންޓް ލޯނެކޭ އެއް މިންވަރަކަށް އެޑްމިނިސްޓްރޭޓިވް ފީއެއް ނަގާފައި އިކުއިޓީ ނުނަގާ ގޮތަށް އެ ލޯނު ކުޑަކުރެވިދާނެ. ނުވަތަ ސަރުކާރުގެ ސްޓޫޑެންޓް ލޯނު ސްކީމަށް ވެސް ބޭނުން އިރަކު އެދެވޭ ގޮތަށް ހުޅުވާލުން މުހިންމު،” ކުރިން ވާހަކަ ދެއްކި ދަރިވަރު ބުންޏެވެ. 

ސްޓޫޑެންޓް ލޯނަށް މި ސަރުކާރުން ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ކުރިން ނަގަމުން އައި އިންޓަރެސްޓް ކަނޑާލައި އެއް ޕަސެންޓްގެ އެޑްމިނިސްޓްރޭޝަން ފީއެއް ނަގާ ގޮތަށް ހަމަޖެއްސުމާއި ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ދިނުން ހިމެނެއެވެ. މިއީ ހެޔޮ ބަދަލުތަކެކެވެ. 

މި ބަދަލުތައް ދެމެހެއްޓުމުގެ ގޮތުން ދެން އަންނަ ސަރުކާރަކުން މަސައްކަތްތަކެއް ކުރަންޖެހެއެވެ. ސްޓޫޑެންޓް ލޯނަށް އޮތް ޑިމާންޑް ކުޑަކުރެވޭނީ އެއީ ވަކި މުއްދަތެއްގެ ބަދަލުގައި އަބަދު ވެސް އޮންނަ ފުރުސަތަކަށް ހެދިގެންނެވެ. ޝަރުތު ހަމަވާ ކޮންމެ ދަރިވަރަކަށް، ކޮންމެ އިރެއްގައި ވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިފި ނަމަ ޝަކުވާތައް މަދުވާނެއެވެ. އެތައް ބެލެނިވެރިންނަށް މާލީ ގޮތުން ލުއި ލިބިގެންދާނެއެވެ. 

ރިއެކްޝަންސް
1
1
0
0
0
1
0