އަމިއްލަ ހިޔާލު: ފެންވަރު ދަށް ބޭސްތަކުން މުޅި މުޖުތަމައު ނުރައްކަލަށް!

15 ނޮވެމްބަރ 2023 - 13:58

ރާއްޖޭގެ ބާޒާރުގައި ހުންނަ ބައެއް ކަހަލަ ބޭސް ދުވަސް ދުވަހުން މަނާކުރާ އިއުލާންތައް ފެނެއެވެ. ކާބޯތެކެއްޗާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ އިދާރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދާދި ފަހަކުން ވެސް ވަނީ ބޭސްތަކެއްގައި މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށް އެ ތަކެތި ބޭނުންކުރުން މަނާކޮށްފައެވެ. އެހެން ނަމަވެސް މިއީ ފެންމަތިވާ ބައެއް މައްސަލަތަކާ ގުޅިގެން ކުރަމުން އަންނަ ކަމެކެވެ. ޖުމްލަ ގޮތެއްގައި ރާއްޖޭގެ ބާޒާރުގައި ހުންނަ ބޭސްތަކުގެ ކޮލިޓީއާ މެދު އާންމުންގެ ޝަކުވާ އަދުވެސް އޮވެއެވެ.

ރާއްޖެ އަށް އެތެރެކުރާ ބޭހުގެ ފެންވަރު ދަށްވުމުގެ ވާހަކައަކީ އަބަދު ވެސް ދެކެވޭ ވާހަކައެއް

ރާއްޖެ އެތެރެކޮށް އަދި ކުޑަކުދިންނަށް ވަރަށް އާންމުކޮށް ދޭ ބޭހެއް ކަމަށްވާ ސިޓްރެޒެންގެ ދިޔައި ބޭހުގައި މައްސަލަތަކެއް ފާހަގަކުރެވިގެން ދާދި ފަހުން އެމްއެފްޑީއޭ އިން ވަނީ އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ކެއްސުމާއި ރޯގާ އަށް ބޭނުންކުރާ ދިޔާ ބޭހުގެ ކުލަޔަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިގެން އެ ބޭހުގެ ޓެސްޓްތަކެއް ހަދާފައިވާ ކަމަށެވެ. 

advertisement

އަދި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯ އަދި އިތައިލިން ގްލައިކޯ ހިމެނޭތޯ ކަށަވަރުކުރުމަށް ކުރި ޓެސްޓްތަކުން ޕާކިސްތާނުގެ ފާމިކްސް ލެބޮރޮޓަރީ އިން އުފައްދާ ސިޓްރެޒެން އޯރަލް ލިކުއިޑް 5އެމްޖީ/5އެމްއެލްގެ ބްރޭންޑެއް ކަމަށްވާ އެލާގޯގެ ބެޗެއްގައި ކެމިކަލްގެ އެ މާއްދާތައް ހުރިކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެ ބޭހުގެ އެ ބެޗް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. 

މީގެ ކުރިން ވެސް އެމްއެފްޑީއޭ އިން މިފަދަ އިއުލާނުތައް ކުރެއެވެ. ބޭހުގެ އެކި ބެޗްތަކުގައި މައްސަލަ ޖެހިގެންނެވެ. ރާއްޖެ އަށް އެތެރެކުރާ ބޭހުގެ ފެންވަރު ދަށްވުމުގެ ވާހަކައަކީ އަބަދު ވެސް ދެކެވޭ ވާހަކައެކެވެ. ހާއްސަކޮށް ބޮޑު ފައިދާއެއް ނެގުމަށްޓަކައި ބޭސް އެތެރެކުރާ ފަރާތްތަކުން އަގު ހެޔޮ ބޭސް އެތެރެކޮށްގެން ވިއްކާ ކަމީ އެންމެންނަށް އެނގޭ ހަގީގަތެކެވެ. 

އެމްއެފްޑީއޭ އިން މީގެ ކުރިން ވެސް ބުނެފައި ވަނީ ރާއްޖެ އަށް އެތެރެކުރާ ބޭހާއި ކާނާގެ ބާވަތްތަކުގެ ފެންވަރު އެ އިދާރާ އިން ބަލާ ކަމަށެވެ. އެހެން ނަމަވެސް ބެލެނީ ކިހާ ވަރަކަށްތޯ އާއި މާކެޓްގައި ފެންވަރު ދަށް ބޭހާއި ކާބޯތަކެތި ވިއްކަމުން ދަނީ ކިހާ މިންވަރަކަށްތޯ އެއްވެސް ފަރާތަކަށް އޮޅިފައި އޮތް ހެނެއް ހިޔެއް ނުވެއެވެ. 

ފޭކް ނުވަތަ ޑުބްލިކޭޓް ތަކެތި ވަރަށް ގިނަ

ކާބޯތަކެތީގެ ބާވަތްތަކަކަށް ބަލައިލި ނަމަވެސް “ފޭކް” ނުވަތަ “ޑުބްލިކޭޓް” ތަކެތި ވަރަށް ގިނައެވެ. މިސާލަކަށް ދަތް އުނގުޅާ ބޭހުގެ އެކި ބްރޭންޑްތައް ރާއްޖެ އަށް އެތެރެކޮށްގެން ވިއްކާ އިރު އެއް ބްރޭންޑެއްގެ އެކި ކޮލިޓީގެ ބޭސް ވިއްކާކަށް ފާހަގަކުރެވެއެވެ. ހާއްސަކޮށް އޮރިޖިނަލް ނުވަތަ ކޮލިޓީ ރަނގަޅު މުދާ ވިއްކަމުންދާ ފަރާތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮލިޓީ ރަނގަޅު ތަކެތި މާކެޓަށް ނެރުމާ އެކު އޭގެ “ފޭކް” ނުވަތަ ކޮލިޓީ ދަށް މުދާ އަގުހެޔޮކޮށް ނެރެ މާކެޓް ތޮއްޖައްސާލުމެވެ. 

ނަތީޖާއަކަށް ވަނީ ކޮލިޓީ އަށް ބެލުމެއް ނެތި އަގު ހެޔޮ ބާއްވަތަކަށް އިސްކަން ދިނުމެވެ. މިސާލަކަށް ސެންސޮޑައިން ދަތް އުނގުޅާ ބޭހުގެ އޮރިޖިނަލް އަގު ބޮޑުކޮށް ގަތުމުގެ ބަދަލުގައި ގިނަ މީހުން އިސްކަން ދެނީ ހަމަ އެ ބްރޭންޑްގެ އަގު ދަށް ދަތްއުނގުޅާ ބޭސް ގަތުމަށެވެ. އެހެން ނަމަވެސް އާންމުކޮށް ބޭނުންކުރާ ބާވަތެއް ނަމަ ދޭތީގެ ތަފާތު ވަރަށް ފަސޭހައިން ފާހަގަކުރެވޭނެއެވެ. 

ކާބޯތަކެތި ގަތުމުގައި ތިމާ އަށް އިހްތިޔާރު ލިބެއެވެ. ކޮލިޓީ ރަނގަޅު ތަކެތި ވިއްކަނީ ކޮންތަންތަނެއްގައި ކަމާއި އޭގެ އަގުތައް ގިނަ މީހުންނަށް އެނގެއެވެ. އެހެން ނަމަވެސް ބޭހުގައި މި ފުރުސަތެއް ނުލިބެއެވެ. ހުރިހާ ތަނެއްގައި ވެސް ހުންނަނީ އެކެއްޗެކެވެ. އަނެއްކޮޅުން ބޭސް ލިބެނީ ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީއަށެވެ. ޑޮކްޓަރުން ބޭސް ލިޔަނީ އެ އިރެއްގައި މާކެޓްގައި ހުންނަ ބާވަތްތައް ބަލައިގެންނެވެ. 

ރާއްޖޭ އަށް ކޮލިޓީ ދަށް ބޭސް އެތެރެކުރުމުގެ މައްސަލަ އަށް މީގެ ކުރިން ވެސް އެކި ފޯރަމްތަކުގައި ބަހުސްކުރެވިފައި ވެއެވެ. އެ ކަމުގައި ފަހަތުގައި ބޭހުގެ މާފިޔާ އިން ހިމެނޭ ކަމާއި އަދި ބޭސްތައް ލިޔެދީ އާންމު ކުރުމުގައި ޑޮކްޓަރުންގެ އަތެއް އޮންނަ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. 

މިއީ ބޭރުގެ ބައެއް އެހެން ގައުމުތަކުގައި ވެސް ފެންމަތިވާ މައްސަލައެކެވެ. އަދި ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ ބޭސް ޕްރޮމޯޓްކުރުމަށް ޑޮކްޓަރުންނަށް “ހަދިޔާ” ދީގެން އެ ބްރޭންޑްތަކުގެ ބޭސްތައް ލިޔުއްވާ މައްސަލަތައް ވެސް މީގެ ކުރިން މަތިވެފައި ވެއެވެ. 

ވާދަވެރިކަމުގެ ތެރޭގައި ނޭދެވޭ އެތައް ކަމެއް 

ބޭހުގެ ވިޔަފާރިއަކީ ދުނިޔޭގެ އެންމެ ފުޅާ އެއް ވިޔަފާރިއަށް ވުމުން ނޭދެވޭ އެތައް ކަމެއް ކޮންމެ ގައުމެއްގައި ވެސް ހިނގައެވެ. ރާއްޖެއަކީ ބޭސް އުފައްދާ ގައުމަކަށް ނުވާތީ ބޭސް އުފައްދާ ކުންފުނިތަކުގެ ވާދަވެރިކަން ފެންނަން ނެތީއެވެ. އެހެން ނަމަވެސް އާބާދީގެ ނިސްބަތުން ރާއްޖެއަކީ ގިނަ އަދަދެއްގެ ބޭސް ބޭނުންކުރާ ބައެކެވެ. އަދި ހާއްސަކޮށް ހިލޭ ބޭސްފަރުވާކުރުމުގެ ނިޒާމެއް އޮތުމުން ބޭހަކީ ވަރަށް ފަސޭހައި ލިބޭ އެއްޗަކަށް ވެފައި ރަނގަޅު މާކެޓެއް އޮތުމުން ބޭސް އެތެރެކުރާ ކުންފުނިތަކުގެ ވާދަވެރިކަން ކުޑައެއް ނޫނެވެ. އެ ވާދަވެރިކަމުގެ ތެރޭގައި ނޭދެވޭ އެތައް ކަމެއް ހިނގައެވެ.

ފެންވަރު ދަށް ބޭހާއި ގަޑުބަޑުވެފައިވާ ބޭސްތައް އެތެރެވަނީ މި ވާދަވެރިކަމުގެ ތެރޭގައެވެ. އެހެން ނަމަވެސް މިކަންކަން ގިނަ ފަހަރަށް ފާހަގަވަނީ ބޭސް އެތެރެވެ، އެތައް ބަޔަކު އެ ބޭނުންކުރާ ފަހުންނެވެ. ކޮންމެ ވެސް ސަބަބަކާ ހުރެ އެތެރެވުމުގެ މަރުހަލާގައި މިކަންކަން އޮންނަނީ ފާހަގަ ނުވެއެވެ. 

މީގެ ސަބަބުން ނުރައްކަލަށް ވެއްޓެނީ މުޅި މުޖުތަމައު އެވެ. ކޮލީޓި ދަށް ބޭސް އެތެރެވުން ހުއްޓުވުމަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަދި ގާނޫނާއި ގަވާއިދުތައް ހަރުދަނާކުރަންޖެހެއެވެ. 

ރިއެކްޝަންސް
0
0
0
1
0
0
0