ފެކްޓް ޗެކް: އިންޑިއާ ސިފައިންގެ ވާހަކަ — ކޮޅެއް މެދެއް ނެތް!

4 ޑިސެމްބަރ 2023 - 14:51

ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް ވަޑައިގެންނެވީ ވަރަށް ބޮޑަށް ގައުމިއްޔަތުގެ އިހްސާސްތަކުގެ މައްޗަށް ބިނާކޮށްފައިވާ ކެމްޕެއިނަކަށް ފަހުގައެވެ. އޭގެ ތެރޭގައި ގައުމުގެ ސިޔާދަތާއި މިނިވަންކަމުގެ ވާހަކަ ވަރަށް ބޮޑަށް ދެއްކެވިއެވެ. ރާއްޖޭގައި އެކިއެކި ބޭނުންތަކުގައި ތިބި އިންޑިއާ ސިފައިންގެ ސަބަބުން އެ މިނިވަންކަމަށް ބުރޫއަރާކަމަށް ވިދާޅުވިއެވެ. އަދި އެ މީހުންގެ އަދަދު އެތައް ހާހެއް ކަމަށް ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގެން ފުރަތަމަ ކުރައްވާނެ މަސައްކަތެއްގެ ގޮތުގައި އެ މީހުން މި ގައުމުން ބޭރުކުރުން ހިމެނެއެވެ. 

ނޫސްވެރިންގެ ސުވާލުތައް ވަށާޖެހެނީ މިކަމުގެ މައްޗަށް

ވެރިކަމުގެ ހުވާކުރެއްވިތާ މަހެއް ވާން ކައިރިވީ އިރު ވެސް ވެސް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭރުކުރުމުގެ ވާހަކައެވެ. ކޮންމެ ތާކުން ވެސް ނޫސްވެރިންގެ ސުވާލުތައް ވަށާޖެހެނީ މިކަމުގެ މައްޗަށެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާއި މިހާރު ދައްކަވާ ވާހަކަފުޅުތައް ތަފާތުވާން ފަށައިފި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

advertisement

އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުން މާ ގިނަ މައުލޫމާތުތަކެއް ހާމަނުކުރާ ކަމަށް މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން އޭރު ބުނަމުން ދިޔައެވެ. ސީދާ އަދަދު ހޯދުމަށް އޭރު ބައެއް ފަރާތްތަކުން އާރުޓީއައި ވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް އެއީ ދެ ގައުމުގެ މެދުގައި ވެވިފައިވާ އަސްކަރީ އެއްބަސްވުންތަކާއި ގުޅުމަށް އޮތް ހުރަހަކަށް ބަލައި އެ މައުލޫމާތު އޮތީ ހިފެހެއްޓިފައެވެ. 

އެހެން ނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވަމުން އައި އިރު ސަރުކާރުން ވަނީ އަދަދުތަކެއް ހާމަކޮށްފައެވެ. އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބީ 70 ވަރަކަށް ސިފައިން ކަމަށެވެ. އެހެން ނަމަވެސް ބޭރުގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ އިންޑިއާގެ ސިފައިންގެ އަދަދު ހާހުން ގުނޭ ކަމަށެވެ. އޭރު އިދިކޮޅަށް ތާއީދުކުރާ މީޑިއާތަކުން އެކަން ސިފަކުރަމުން ގެންދިޔައީ ރާއްޖެ އިންޑިޔާ ސިފައިންގެ އަޅުވެރިކަމުގެ ދަށުގައި އޮތް ފަދަ ގޮތަކަށެވެ. އަސްކަރީ މަރުކަޒުތައް ހުރިހެން ސިފަކޮށްފައި ވެއެވެ.

 އެ އަދަދު ސާފުވި ކަމަކަށް ނުވި

އިންތިހާބުގެ ދެ ވަނަ ބުރަށް ފަހު ވެރިކަކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް މި ސަރުކާރާ ކޮންމެ ދުވަހަކު ކުރިމަތިވި އެއް ސުވާލެއްގެ ގޮތުގައި އޮތީ އިންޑިއާ ސިފައިންގެ އަދަދަކީ ކޮބައިތޯއެވެ؟ އިންތިގާލީ މަރުހަލާގައި ތަރުޖަމާނެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފިރުޒުލް ކޮންމެ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާ އިރު ނޫސްވެރިން ކޮންމެ ދުވަހަކު އެ ސުވާލު ތަކުރާރުކުރިއެވެ. 

އެހެން ނަމަވެސް އިންތިގާލީ މަރުހަލާގެ އެންމެ ފަހު ދުވަހާ ޖެހުނު އިރު ވެސް އެ އަދަދު ސާފުވި ކަމަކަށް ނުވިއެވެ. ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީގެ މަގާމު ދެއްވުމާ ގުޅިގެން ފިރުޒުލް ބޭއްވެވި ފުރަތަމަ ނޫސްކޮންފަރެންސްގައި ވެސް ހަމަ އެ ސުވާލު ތަކުރާރުވިއެވެ. 

އެ ދުވަހު އޭނާ ވިދާޅުވީ ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށެވެ. އަދި އެ ސިފައިންގެ މަސައްކަތްތައް ވެސް އެ ދުވަހު ވިދާޅުވީ ކުރިން ކެމްޕެއިން ތެރޭގައި އެ ބޭފުޅުން ސިފަކުރެއްވި ގޮތަކަށް ނޫނެވެ. ވިދާޅުވީ އެ މީހުންނަކީ ރާއްޖޭގައި ގެންގުޅޭ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރުމުގައި ހަރަކާތްތެރިވާ މީހުން ކަމަށެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މީހުންގެ ދައުރު ބޮޑު ކަމަށް ވިދާޅުވެ ވަރަށް ތައުރީފުގެ ބަސްތައް ވެސް ވިދާޅުވިއެވެ.

 އޭރު ދެއްކި ވާހަކަތަކާއި މިހާރު ދައްކާ ވާހަކަތައް މުޅިން ތަފާތު

އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން އޭރު ދެއްކި ވާހަކަތަކާއި މިހާރު ދައްކާ ވާހަކަތައް މުޅިން ތަފާތު ވެއްޖެއެވެ. އަދަދުތައް ވެސް ތަފާތެވެ. މިހާރު އެ ފަރާތްތަކުން ދައްކަނީ ކުރީގެ ސަރުކާރުން ވެސް ދައްކަމުން އައި ވާހަކަތެކެވެ. އިންޑިއާ ސިފައިން ތިބީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި މިތަނުގައި މިލިޓަރީ ނުވަތަ ހަތިޔާރު އެޅި ސިފައިން ނެތް ކަމެވެ. އެ ސަރުކާރުން ވެސް ބުނީ އެހެންނެވެ. މިހާރު މި ސަރުކާރުން ވެސް ބުނަނީ އެހެންނެވެ.

ފިރުޒުލް އަދަދުތައް ހާމަކުރެއްވި ނަމަވެސް ދާދި ފަހުން ތުކުރީ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަތުމުން ރައީސް ޑރ. މުއިއްޒުއާ ނޫސްވެރިން ސުވާލުކުރެއްވުމުން ދެއްވި ޖަވާބާއެކު އަނެއްކާ ވެސް އަދަދުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. ވިދާޅުވީ އަދަދު ޖެހޭނީ ބައްލަވާލައްވަން ކަމަށެވެ. 

އެހެން ނަމަވެސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށާއި އެކަމާ ގުޅޭ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. 

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައަކީ އިއްޔެއަކު މިއަދުގެ މައްސަލައެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުމަށް މަސައްކަތްތަކެއް ކުރިއެވެ. އެއްބަސްވުންތައް އައުނުކޮށް ސިފައިން ފޮނުވާލުމަށް ރަސްމީކޮށް އެންގިވެސްމެއެވެ. އެހެން ނަމަވެސް އެކަން ނުވެ އުޅެނިކޮށް އެ ވެރިކަން ބަދަލުވީއެވެ. 

ދެން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރައީސް ސޯލިހް ގެންގުޅުއްވީ އިންޑިއާއާ ވަރަށް ބަދަހި ސިޔާސަތެކެވެ. އެ ސިޔާސަތަށް އޭރުގެ އިދިކޮޅު ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފުރަތަމަ ދުވަހު ފައްޓަވާނެ ކަމުގެ ވައުދާ އެކުއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ އެންމެ ކުރީ ލިސްޓްގައި އިންޑިއާ ސިފައިން ފޮނުވާލުން ހިމެނެއެވެ. 

އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން މިހާރުގެ ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުން ދެއްކެވި ގިނަ ވާހަކަތަކުގައި ހަގީގަތެއް ނެތްކަން މަޑުމަޑުން އެ ދަނީ ހާމަވަމުންނެވެ. އަދި އިންޑިއާ ސިފައިން ފޮނުވާލުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ވެސް އެ ދަނީ ހާމަވަމުންނެވެ. ރައީސްގެ ފުރަތަމަ ދަތުރުފުޅުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ބައްދަލުކުރައްވާފައި ވެއެވެ. 

އޭގެ ކުރިން އިންޑިއާގެ ސަފީރާއި އަދި ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ވަޒީރާ ވެސް ބައްދަލުކުރެއްވިއެވެ. އެއިން ކޮންމެ ބައްދަލުވުމަކަށް ފަހު ސަރުކާރުން ބުނަމުންދަނީ އިންޑިއާ ސިފައިން އެނބުރާ ގެންދަން އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށެވެ. 

އެހެން ނަމަވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ އެކަމާ ބެހޭ ގޮތުން އިންޑިއާ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނާތީ އެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ކުރެވިދާނެކަމާ މެދު ސުވާލު އުފެދޭ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. 

ރިއެކްޝަންސް
0
0
0
0
0
0
2