ރިޕޯޓް: ބޭނުން ވަރަކަށް ޑޮލަރު ލިބޭ، އެކަމަކު ބްލެކް މާކެޓުން!

1 ފެބުރުއަރީ 2024 - 13:41

ރާއްޖޭގެ އާބާދީ އަށް ބޭނުންވާ ވަރަށް ރާއްޖެ އަށް ޑޮލަރު ވަދެއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބޭންކްތަކަށް ވަންނަނީ މަދު އަދަދެކެވެ. އެހެންކަމުން ރާއްޖޭގެ ވިޔަފާރިވެރިން ބޭނުންވާ ވަރަށް ބޭންކްތަކުން ޑޮލަރު ނުލިބެއެވެ. އެހެން ކަމުން ޑޮލަރު ގަންނަންޖެހެނީ ބްލެކް މާކެޓުންނެވެ. 

މިކަން މި ގޮތަށް ހިނގާތާ ވަރަށް ދުވަސްވީއެވެ. ކޮންމެ ވެރިއަކު ވެސް ވެރިކަމަށް ވަޑައިގަތުމަށް ވެވެވަޑައިގަންނަވާ އެއް ވައުދަކީ ބްލެކް މާކެޓް ނައްތާލުމެވެ. ނަމަވެސް އެއް ވެރިކަމަށް ވުރެ އަނެއް ވެރިކަމެއްގައި މިކަން ދަނީ ގޯހުން ގޯހަށެވެ. މިހާރު ބޭންކްތަކުން ވެސް ޑޮލަރު ލިބުން ދަނީ ދަތިވަމުންނެވެ. 

advertisement

މި ފަހަކަށް އައިސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބޭންކްތަކަށް ވެސް ޑޮލަރު ލިބުން ތާށިވެފައެވެ. އޭގެ ސަބަބުން ވިޔަފާރި ވެރިން މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ލިބުން ވަނީ ދަތިވެފައެވެ. މީގެ ކުރިން ވިޔަފާރިވެރިންނަށް ބޭންކްތަކުން އައީ ކޮންމެ ވެސް ވަރަކަށް ޑޮލަރު ދޫކުރަމުންނެވެ. 

ބޭންކްތަކަށް ޑޮލަރުގެ ތާށިކަން އައިސްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

ޓީޓި ހަދާ އިރު އޭގެ ޕަސެންޓެއް ބޭންކްތަކުން ޑޮލަރު ދެއެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ޓީޓީ ހެދުމަށް ވެސް ޑޮލަރު ދޫކުރުމުގައި ބޭންކްތަކުން ވަނީ ހިފެހެއްޓުންތަކެއް ހިފަހައްޓާފައެވެ. ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ބޭންކްތަކަށް ވެސް ޑޮލަރު ނުލިބޭ ކަމަށް ބޭންކްތަކުން ބުނެއެވެ. 

ރާއްޖޭގެ ޓުއަރިޒަމް ސީޒަންގެ ތެރޭގައި ބޭންކްތަކަށް ޑޮލަރު ލިބުން ތާށިވުމުން ގިނަ ބަޔަކަށްއ ވަނީ ހައިރާންކަން ލިބިފައެވެ. ބޭންކްތަކުން ޑޮލަރު ނުލިބުނަސް ބްލެކް މާކެޓްގައި ބޭނުން ވަރަކަށް ޑޮލަރު ލިބެން އެބަ ހުއްޓެވެ. ނަމަވެސް އެއީ ބޭންކް ރޭޓަށް ވުރެ މާ ބޮޑު ކޮށެވެ. ބޭންކް ރޭޓަކީ 15.42ރ. އެވެ. އެހެން ނަމަވެސް ބްލެކް މާކެޓްގައި މި ވަގުތު ޑޮލަރު އުޅެނީ 18ރ. އާ ހިސާބުގައެވެ. ސުވާލަކީ ބޭންކްތަކަށް ޑޮލަރުގެ ތާށިކަން އައިސްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

ރާއްޖެ އަށް ޒިޔާރަތްކުރާ ޓުއަރިސްޓުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދިޔަ ނަމަވެސް ލިބޭ އާމްދަނީ ދަށް ކަމަށް ދާދި ފަހުން ތަފާސް ހިސާބުތަކުން ދައްކާފައި ވެއެވެ. މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ރާއްޖެ އިން ބޭރުވާ ފައިސާ އިތުރުވުމެވެ. ނުވަތަ ވަންނަ ބޭރު ފައިސާގެ ބޮޑު ބައެއް ދިވެހި ބޭންކްތަކަށް ނުވަދެ ވިޔަފާރިވެރިންގެ ބޭރުގެ އެކައުންޓްތަކަށް ޖަމާވުމެވެ. އަދި ބޭންކްތަކަށް ވެއްދުމުގެ ބަދަލުގައި އެޖެންޓުން މެދުވެރިކޮށް ބްލެކް މާކެޓަށް އެ ޑޮލަރުތައް ނެރުމަކީ ވެސް ބޭންކްތަކަށް ޑޮލަރުގެ ތާށިކަން ކުރިމަތިވާ މައިގަނޑު އެއް ސަބެބެވެ. 

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ ސަރުކާރުން ވެސް މަސައްކަތްތަކެއް ފެށިއެވެ. އެހެން ނަމަވެސް މާ ބޮޑު ކާމިޔާބީއެއް ހާސިލްނުވެ އެ ސަރުކާރު ބަދަލުވީއެވެ. އާ ސަރުކާރުން ވެސް ބުނެފައި ވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރާނެ ކަމަށެވެ. ނަމަވެސް އެކަމަށް މިހާތަނަށް މާބޮޑު އުންމީދެއް ލިބިފައެއް ނުވެއެވެ. 

ބްލެކް މާކެޓުން ޑޮލަރު ގަންނަނީ ބޭނުންވާ ވަރަށް ބޭންކްތަކުން ޑޮލަރު ނުލިބޭތީ

ބޭންކްތަކަށް ޑޮލަރު ނުވަތަ ސީދާ މާކެޓަށް ޑޮލަރު ނުކުންނަ މައްސަލަ ހައްލުކޮށްގެން ނޫނީ މިކަމަށް އެކަށީގެންވާ ހައްލެއް ލިބޭކަށް ނެތެވެ. ވިޔަފާރިވެރިން ބްލެކް މާކެޓުން ޑޮލަރު ގަންނަނީ ބޭނުންވާ ވަރަށް ބޭންކްތަކުން ޑޮލަރު ނުލިބޭތީއެވެ. އެހެން ނަމަވެސް މުދާ އެތެރެކޮށް ވިޔަފާރިކުރަން ބޭނުން ނަމަ ބްލެކް މާކެޓުގައި ކޮންމެ އަގެއްގައި ހުއްޓަސް ޑޮލަރު ގަތުން ނޫން ގޮތެއް ވިޔަފާރިވެރިންނަކަށް ނޯވެއެވެ. ޑޮލަރު އަގު ބޮޑުވުމުގެ ނަތީޖާއަކަށް ވަނީ މާކެޓްގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވުމެވެ. 

ކުރިއަށް އޮތީ ރޯދަ މަހެވެ. ރާއްޖެ އަށް ބޭނުންވާ އެތައް މުދަލެއްގެ ޑިމާންޑް ރޯދަ މަހު އުފުލޭނެއެވެ. އެ ތަކެތި ގެނައުމަށް ބޭންކްތަކުން ޑޮލަރު ލިބުން ދަތިވާ ނަމަ ބްލެކް މާކެޓްގައި ޑޮލަރުގެ އަގު މިހާރަށް ވުރެ ވެސް މައްޗަށް ޖެހޭނެއެވެ. އެހެން ވެއްޖެ ނަމަ އެހެން ރޯދަ މަސްތަކެކޭ އެއްފަދައިން ތަކެތީގެ އަގު ވެސް ބޮޑުވާނެއެވެ. މިއީ ހައްލުކުރަންޖެހޭ މައްސަލައެކެވެ. ހަމައެކަނި ރޯދަ މަހަކަށް ނޫނެވެ. 

ރާއްޖެ އަށް ވަނަ ޑޮލަރު ރާއްޖޭގެ މާކެޓްގައި ހިފެހެއްޓެނެ ގޮތްތަކެއް ސަރުކާރުން ހޯދައިދޭންޖެހެއެވެ. ބޭންކްތަކަށް ޑޮލަރި ވަންނާނެ ގޮތްތަކެއް ހޯދައިދޭންޖެހެއެވެ. ބްލެކް މާކެޓުން ބޭނުން ވަރަކަށް ޑޮލަރު ލިބުމަކީ ހައްލެއް ނޫނެވެ. ހައްލަކީ ބޭންކް ރޭޓުގައި ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމެވެ. 

ރިއެކްޝަންސް
0
0
0
0
1
0
0