ރިޕޯޓް: ރިޔާސީ ބަޔާނުން ފެނުނު މަންޒަރު

6 ފެބުރުއަރީ 2024 - 15:51

ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އިއްޔެ ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނަށް އެއްބަޔަކު ތައުރީފުކުރަމުން އަންނަ އިރު އަނެއް ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 

ރިޔާސީ ބަޔާނުގައި މުހިންމު ކަންތައްތަކެއް ހިމެނުނު އިރު އުނި ކަންތައްތަކެއް ވެސް ފާހަގަކުރެވެއެވެ. އަދި ބަޔާނުގައި ހިމެނޭ ގިނަ ކަންކަމަކީ ރައީސް މިހާރު ވެސް އިއުލާނުކުރައްވާފައިވާ ނަމަވެސް އެކަންކަން ކައިރި މުސްތަގުބަލެއްގައި ހާސިލްކުރެވިދާނެކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަންކަމެވެ.

advertisement

ރާއްޖޭގައި ހުރި ބޮޑެތި ބައެއް މައްސަލަތަކަށް އަލިއަޅުވާލައްވާފައި ނުވޭ

ރިޔާސީ ބަޔާނުން ގިނަ ބަޔަކު ބޮޑަށް ފާހަގަކުރި އެއް ކަމަކީ ރާއްޖޭގައި ހުރި ބޮޑެތި ބައެއް މައްސަލަތަކަށް ރައީސް އަލިއަޅުވާލައްވާފައި ނުވުމެވެ. އެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭނެ ސިޔާސަތަކާ ބެހޭ އެއްވެސް ވާހަކައެއް ރިޔާސި ބަޔާނުގައި ހިމެނިފައެއް ނުވެއެވެ. 

ރާއްޖޭގެ އާބާދީގައި 7،500 އަށް ވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކާ އިރު ހަގީގީ އަދަދު މިއަށް ވުރެ ވެސް މާ މަތިވާނެ ކަމަށް ބައެއް ފަރާތްތަކުން އަންދާޒާކުރެއެވެ. ޖަލުތަކުގެ އާބާދީގެ ބޮޑުބަޔަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ހުކުމް ކޮށްފައިވާ މީހުންނެވެ. 

ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުން މަސްތުވާތަކެތީގެ މައްސަލައަކީ ގައުމުގެ ސަލާމަތަށް ވެސް ހުރި ނުރައްކަލެކެވެ. އެފަދަ ބޮޑު ކަމެއްގެ ގޮތުގައި މީގެ ކުރިން ސިފަކުރެއްވި އިރު އެ މައްސަލަ އަށް ހައްލު ހޯދުމަށް ސަރުކާރުން ކުރާ އަދި ކުރަން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޖިލީހުގައި އެއްޗެއް ވިދާޅުނުވުމަކީ ރިޔާސީ ބަޔާނަށް ލިބުނު އުނި ކަމެކެވެ.

ހުވާކުރެއްވި ދުވަހު ފަށުވި އިބާރާތްތަކުން އަމުނާލެއްވި ބަޔާނެކޭ އެއްގޮތަށް ރިޔާސީ ބަޔާނުގައި ވެސް ގައުމީ ވަންތައް ގޮތް ހިމަނުއްވާފައި ވެއެވެ. އެއްބަޔަކު ދެކޭ ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި މަޖިލީހުގައި ރައީސަލު އިއްވެވި އެންމެ ފުރިހަމަ ބަޔާނެވެ. އެހެން ނަމަވެސް އެ ބަޔާނުގައި ހުރި ވާހަކަތައް އެއްބަޔަކު ސިފަކުރަނީ ހިޔާލީ ފޮލާއެއްގެ ގޮތުގައެވެ. އެ ގޮތުން ރާއްޖޭގެ އިގްތިސާދާ ނުބައްދަލު ގިނަ ކަންތައްތަކެއް ރިޔާސީ ބަޔާނުގައި ހިމަނާފައި ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

 ބަޔާނުގައި ހުރި ވާހަކަތައް ސިފަވަނީ ހިޔާލީ ފޮލާއެއްގެ ގޮތުގައި

ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވި އިގްތިސާދީ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ގޮތުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގއާއި ބައިނަލްއަގުވާމީ ބިޔަ ބަނދަރަކާއި، ވިޔަފާރީގެ މަޝްރޫޢެއް ހިންގުން ހިމެނެއެވެ. އަދި ތިލަފުށީގައި ވެސް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއްގެ ޚިދުމަތް ފެށުމާއި ލ. އަތޮޅު ގާދޫގައިވެސް ބަންކަރިންގގެ ޚިދުމަތް ދޭން ފެށުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އުފައްދަވާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ. މި ކުންފުންޏަކީ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ކާނާއާއި، ފޭރާމާއި، ބޭހުގެ އަގު، އަދި އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އަގު އަތްފޯރާ ފަށަށް ގެނެސްދިނުމުގެ ނިޒާމު ހިންގުމުގެ މަސައްކަތް ކުރާނެ ކުންފުނި ކަމަށާއި އަދި ރާއްޖޭގެ ޖިއޮގްރަފިކަލް ލޮކޭޝަންގެ ބޭނުން ހިފައި، އެހެން ފްރީ ޒޯންތަކާ ވާދަކުރެވޭފަދަ ގޮތަކަށް، ރީއެކްސްޕޯޓް ޕްރޮސެސިންގ އަދި ވެލިއު އެޑިޝަން މަސައްކަތްތައް، ރާއްޖޭގައި ތަޢާރުފުކޮށް، އިޤުތިޞާދު ސިންދަފާތު ކުރެވޭނެފަދަ އައު ޞިނާޢަތްތަކުގެ ބިންގާ އެޅުމުގެ ޤާބިލުކަން މި ކުންފުނީގައި ހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

އާ ކުންފުންޏެއްގެ ވާހަކަ ވިދާޅުވި އިރު މިހާރު ހުރި ގިނަ ކުންފުނިތަކުން ދައުލަތަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެ ގޮތުން ފައިދާވާ އޮތީ ދެތިން ކުންފުނި ކަމަށާއި ކުންފުނިތަކުގެ އިދާރީ ހިންގުމާއި، މުވައްޒަފުންނަށް ކުރާ ހޭދަ، ރެކޯޑު އަދަދަކަށް އިތުރުވެފައިވާކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އާމްދަނީ ހޯދަން ކުރާ އުފެއްދުންތެރި މަސައްކަތްތައް، ކުންފުނިތަކުން ކުރުން މަދުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން ބޯހިޔާވަހިކަމަށް މީގެ ކުރިން ވެސް އިއުލާނުކުރައްވާފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލެއްވިއެވެ. އަދި މީގެ ކުރިން ވެސް އެކި ހަފުލާތަކުގައި ދެއްވާފައިވާ ތަފްސީލްތައް ތަކުރާރުކުރެއްވިއެވެ. ޓުއަރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އިން ކުރަން ސަރުކާރުން ރާވާފައިވާ ހުރި މަޝްރޫއުތައް ވެސް ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް 

ރައީސްގެ ރިޔާސީ ބަޔާނުގައި ކުރީގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވިއެވެ. އަދި ކުރީގެ ސަރުކާރުން ކަންކަން ކޮށްފައި ހުރި ގޮތުން މި ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ. އެ ގޮތުން އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ޚަޒާނާއިން އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ، އެކި ފަރާތްތަކަށް ބަހާލައިފައިވާ ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ. ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފެއްދި ސޮވަރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ބޭރު ފައިސާ ވެސް ނަގައި މާރުކޮށްލައިފައިވާ ކަމަށް ވިދާޅުވިއެވެ.

“މިއީ އަދި މިދިޔަ 11 ވަރަކަށް ހަފުތާ އަޅުގަނޑުމެން ކުރިމަތިލީ ގޮންޖެހުންތަކުގެ ކުޑަ މިންވަރެއް. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އަންދާޒާކުރި މިންވަރަށްވުރެވެސް ފިސްކަލް އަދި ދަރަނީގެ ހާލަތު އޮތީ ގޯސްކޮށް. ހަފުތާ 14 ގެ މަގުޗާޓުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިޢާދަކުރުމުގެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް ވަނީ އެކުލަވައިލާފައި،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުމްރާނީ މަސައްކަތްތައް ވެސް ކުރީ ސަރުކާރުން ކޮށްފައި ހުރީ އިންތިހާބުތަކަށް ކަޑަޖަހާ އުސޫލުން ކަމަށެވެ. އެ ގޮތުން ގިނަ މަސައްކަތްތައް ހުރީ ވަކި ހިސާބަކުން ހުއްޓިފައި ކަމަށާއި އެ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ގެންގޮސްފައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވެސް ލިބިފައި އެބަހުރި ކަމަށެވެ.

“މަގުހަދަން، ނޫނީ ނަރުދަމާގެ ޚިދުމަތް ދޭން ކޮނުނު ތަންތަން އެގޮތަށް ހުންނަތާ އެތައް އަހަރެއްވެ، މަސައްކަތްތަކަށް ގެނައި އާލާތްތަކާއި ތަކެތި ހަލާކުވެ، މުޅި ދައުލަތަށާއި ރައްޔިތުންނަށް އެކަމުގެ ގެއްލުމާއި ތުރާ ލިބެމުންދާ މަޝްރޫޢުތައް މަދެއްނޫން،” ރައީސް ވިދާޅުވިއެވެ. 

ސަރުކަރުން ހިންގުމަށް ރާވާފައިވާ ބޮޑެތި މަޝްރޫއުތަކަށް އަލިއަޅުވާލެއްވި އިރު އިގްތިސާދީ ގޮތުން ހުރި ގޮންޖެހުންތައް ވެސް ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ. ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ އެތައް މަޝްރޫއުތަކެއް ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދައުލަތުގެ ދަރަނި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް މި އަހަރާއި ކުރިއަށް އޮތް އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެ ދުޅަހެޔޮވާނެ ކަމަށް ލަވާކުރެވޭތީ ވައުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަކުރެއްވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބަ އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0