އަމިއްލަ ހިޔާލު: ޓިކެޓް ލިބުނު ކެންޑިޑޭޓާއި “އަސްލު” ކެންޑިޑޭޓް — މި ވަނީ ކިހިނެއް؟

12 ފެބުރުއަރީ 2024 - 14:29

ވެރިކަމަށް އައުމުގެ ދަތުރުގައި ވެސް ޕީއެންސީ އާއި ޕީޕީއެމްގެ ތެރެއިން ބައިބައިވުންތަކެއް ފާހަގަކުރެވުނެވެ. އެއީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕާޓީގެ ރިޔާސީ ޓިކެޓް ފުރަތަމަ ހޯއްދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދުގައެވެ. އިންތިހާބަށް ފަހު މި ކޯޅުން ބޮޑުވެ، ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވާފައެވެ. 

އެހެން ނަމަވެސް އެ މަނިކުފާނުގެ އަރިހުގައި ތިބި ގިނަ މީހުން އިހްތިޔާރުކުރީ ސަރުކާރެވެ. ޑރ. މުއިއްޒުއެވެ. އެހެން ނަމަވެސް ދެ ފަޅީގައި ތިބި ފަރާތްތަކުގެ ތެރެއިން ހަގީގީ އިހްލާސްތެރިން މުޅިން ވަކިކުރަން އަދިވެސް ދަތިތަކެއް އެބަ ހުއްޓެވެ. ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބަށް ވެސް ވަނީ އޭގެ ހިޔަނި އެޅިފައެވެ. 

advertisement

އަރިހުގައި ތިބި ގިނަ މީހުން އިހްތިޔާރުކުރީ ސަރުކާރު

މަޖިލީސް އިންތިހާބަށް ސަރުކާރުން ބޭނުން ވަނީ ސީދާ ރައީސް އަށް އިހްލާސްތެރި ކެންޑިޑޭޓުން ނެރުމަށެވެ. ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ ކެންޑިޑޭޓުން ފުރާނާލުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ވަރަށް މަސައްކަތް ކުރިއެވެ. ދެތިން ފަހަރަކު ޕްރައިމަރީ ލަސްކުރަން ޖެހުނީ ވެސް އެ ސަބަބާ ހުރެއެވެ. 

އަދި އެންމެ ފަހުން ޕްރައިމަރީ  ބޭއްވުމަށް ކުޑަތަންވެފައި އޮއްވައި ލީޑާޝިޕްގެ ފަރާތުން ވަކި ބަޔަކަށް ވާދަނުކުރެވޭނެ ގޮތަށް ވެސް ކަނޑައެޅިއެވެ. އަދި ސިޓީތައް ވެސް ފޮނުވި އެވެ. އެހެން ނަމަވެސް އެ ނިންމުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަށް ފަހު ރައީސް ނިންމެވީ ކުރިމަތިލި ހުރިހާ ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށެވެ. 

ޕްރައިމަރީ އަށް ކުރިމަތިލި އެންމެންނަށް ފުރުސަތު ދިން ނަމަވެސް ލީޑާޝިޕްގެ ލިސްޓެއް ޕްރައިމަރީގައި ނެގުމަށް ޕީޕީއެމް/ޕީއެންސީ އިން މަސައްކަތް ކުރި ކަމަށް އަޑުތައް ފެތުރުނެވެ. އެހެން ނަމަވެސް ޕްރައިމަރީއަކަށްވުމުން އިހްލާސްތެރިކަމާ މެދު ޔަގީންކަން ނެތް އެތައް ބަޔަކު ނުވަތަ ލީޑާޝިޕުން ބޭނުން ނޫން ބަޔަކު ވެސް ޓިކެޓް ކަށަވަރުކުރިއެވެ. 

ނަތީޖާއަކަށްވެފައި ވަނީ ލީޑާޝިޕުން ބޭނުންވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރުމަށް ފައިނެގުމެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޓިކެޓް ލިބުނު ފަރާތްތަކަށް ތާއީދުކުރުމުގެ ބަދަލުގައި ބައެއް ދާއިރާތަކުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ތާއީދުކުރާކަން ވަނީ ހާމަވެފައެވެ. އެ ގޮތުން ތ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި މި ކަމާ ގުޅޭ ބައެއް ވީޑިއޯތައް ވެސް ލީކުވެފައި ވެއެވެ. 

ތ. އަތޮޅުގެ އިތުރުން ހއ. ދިއްދޫ އާއި ޅ. ނައިފަރާއި ހިންނަވަރު ފަދަ ބައެއް ދާއިރާތަކުގައި ވެސް މިފަދަ ވާހަކަތައް އަޑު އެބަ އިވެއެވެ. އެ ގޮތުން ދާއިރާތަކުން ޕްރައިމަރީގައި ޓިކެޓް ހޯދި ކެންޑިޑޭޓުންގެ ބަދަލުގައި ސަރުކާރުން އެހެން ކެންޑިޑޭޓުންތަކެއް ނެރޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެ ދާއިރާތަކުގައި އެ މައްސަލަ ވަރށް ބޮޑުވެ ކޯޅުންތައް ގިނަ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

ޕީޕީއެމް/ޕީއެންސީގައި މަސައްކަތްކުރާ އިސް ބޭފުޅަކު ވިދާޅުވީ ފަހު ވަގުތު އެންމެންނަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތް ވުމުން ސީދާ ރައީސާއި ލީޑާޝިޕަށް ވަފާތެރި މީހުން ދެނެގަތުމަށް އުނދަގޫވި ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީނަށް ވަފާތެރި އެތައް ބަޔަކު ވެސް ޕްރައިމަރީ ކާމިޔާބުކުރި ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން ލީޑާޝިޕަށް ވަފާތެރި ކެންޑިޑޭޓުންނަށް ތާއީދުކުރާނެ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ސީދާ ލީޑާޝިޕަށް ލިބޭނެ ގޮތަކަށް ދެ ޕާޓީން އަމަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓުންނަކީ އެމްޑީޕީ އަށް އޮތް މާ ބޮޑު ބިރެއް ނޫން

އެމްޑީޕީ އަށް ވެރިކަން ގެއްލުމުގެ ސަބަބުތަކުގެ ތެރޭގައި އެ ޕާޓީ ބައިބައިވުން ހިމެނެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެދުމުގެ ނަތީޖާއަކަށްވީ މީގެ ކުރިން އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ދާއިރާތަކުން ރިޔާސީ އިންތިހާބުގައި ބަލިވުމެވެ. 

މަޖިލީހުގެ އިންތިހާބު ބޯމަތިވަމުން އަންނަ އިރު ކުރިން އޮތް މި ބިރު ވަނީ ކުޑަވެފައެވެ. ޕާޓީ “އޮޔާލައްވައި” ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވުމާއި ޕާޓީގެ އެތެރޭގެ އިންތިހާބުގެ ހައިޖާނާ ހުރެ ޑިމޮކްރެޓުން ވަނީ ބަލިކަށިވެފައެވެ. އަދި ގިނަ ދާއިރާތަކުގައި އިސްކޮށް އުޅުނު ޑިމޮކްރެޓުން އެނބުރި އެމްޑީޕީއާ ގުޅިފައިވާ އިރު އަނެއް ބަޔަކު ވަނީ ސަރުކާރާ ގުޅިފައެވެ. އެހެން ކަމުން ރިޔާސީ އިންތިހާބާ ހިލާފަށް މަޖިލީހުގެ އިންތިހާބުގައި ޑިމޮކްރެޓުންނަކީ އެމްޑީޕީ އަށް އޮތް މާ ބޮޑު ބިރެއް ނޫނެވެ.

ޕީޕީއެމް/ޕީއެންސީ ކޯލީޝަންގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމުގެ ސަބަބުން ގިނަ ދާއިރާތަކެއްގެ ގޮނޑި އެމްޑީޕީ އަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް އެއްބަޔަކު ދެކެއެވެ. އެއީ އެމްޑީޕީގެ ބައިބައިވުމަށް ވުރެ ޕީޕީއެމްގެ އެތެރޭގެ ބައިބައިވުމާއި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުގެ އުނދަގޫ އެ ކޯލީޝަނަށް ބޮޑުވުމުންނެވެ. 

އަނެއް ކޮޅުން އެމްޑީޕީން މި ފަހަރު އިސްކަން ދިނީ ޕްރައިމަރީތަކަށް ވުރެ ހިޔާލު އެއްގޮތް ކޮށްގެން ވީހާ ވެސް ގިނަ ދާއިރާތަކަކުން އެއް ކެންޑިޑޭޓަކު ކުރިމަތިލުމަށެވެ. އެކަން ކާމިޔާބު ވެސް ކުރިއެވެ. އޭގެ ނަތީޖާއަކީ ޕްރައިމަރީގެ ތެރޭގައި ޕާޓީ މާ ބޮޑަށް ބައިބައި ނުވުމެވެ. އަދި ޕީއެންސީ ޓިކެޓް ލިބުނު ކެންޑިޑޭޓާއި “އަސްލު” ކެންޑިޑޭޓްގެ މައްސަލައަކީ ވެސް އެމްޑީޕީ އަށް މި ފަހަރު އޮތް އެޑްވާންޓޭޖެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0