އަމިއްލަ ހިޔާލު: ހުރިހާ މޮޅެއް ނުގަވައިދުން އުޅޭ މީހުންނަށް!

27 މާޗް 2024 - 11:32

އިންތިހާބުތަކުގައި ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރާ މުހިންމު ކަމެއްގެ ގޮތުގައި ޖޫރިމަނާތައް މައާފްކުރުން މި ވަނީ ވެފައެވެ. ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ޓްރެފިކް ވައިލޭޝަން ޖޫރިމަނާތައް މައާފްކުރެއެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު އަހަރު މިކަން ކުރެއްވި އިރު ނިމިދިޔަ ސަރުކާރުން ވެސް އެކަން ކުރީ ހަމަ އެ ގޮތަށެވެ. އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ފުރަތަމަ ވެރިކަމަށް ވަޑައިގެން ކުރެއްވި ކަމަކީ ވެސް އެއީއެވެ. 

advertisement

ޖޫރިމަނާ މައާފްކުރުމަކީ ރައްޔިތުންތަކަކަށް ލިބޭ ލުޔެއް ނަމަވެސް ދެވެނީ ނުބައި މެސެޖެއް

އެހެން ވެރިންނަށް ވުރެ ޑރ. މުއިއްޒު ފާހަގަކުރެއްވެނީ މިކަމުގައި އަރައި ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ދެއްވުމުގެ މަގުސަދުގައި ވަރަށް ގިނަ ޖޫރިމަނާތައް މައާފްކޮށްދެއްވައިފިއެވެ. ޓްރެފިކް ވައިލޭޝަންގެ އިތުރުން ދައުލަތުގެ ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ތަންތަނުގެ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މައާފްކޮށްދެއްވިއެވެ. 

އަދި ފެނާއި ކަރަންޓް ބިލް ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ވެސް މައާފްކޮށްދެއްވާނެކަން ރައީސް މި ހަފުތާގައި ވަނީ އިއުލާނުކުރައްވައި، އެ ހިދުމަތް ދޭ ކުންފުނިތަކަށް އެކަން އަންގަވާފައެވެ. 

ޖޫރިމަނާ މައާފްކުރުމަކީ ރައްޔިތުންތަކަކަށް ލިބޭ ލުޔެކެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ދެވެނީ ނުބައި މެސެޖެކެވެ. ޕާކްކުރާނެ ސަރަހައްދުތަކާއި އިމާރާތްތައް ނުހެދެނީސް ސްޓިކާ ނުޖެހުމަށް ސަރުކާރުން ނިންމި ނިންމުމާ އެކު ދެން ފެނިގެން ދިޔައީ މަގުތަކުގެ ތަރުތީބު ގެއްލިގެން ދިޔަ ތަނެވެ. 

ޕާކްކުރުން މަނާ މާލޭގެ ބޮޑެތި މަގުތަކުގައި ވެސް އެއްވެސް ތަރުތީބެއް ނެތި އުޅަނދުތައް ޕާކްކުރަން ފެށިއެވެ. ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް ދަތިވާހެން ޖެހުނު ތަނެއްގައި ޕާކްކުރަން ފެށުމުގެ ސަބަބުން ނުރައްކަތެރި އެކްސިޑެންޓްތަކަށް ވެސް މަގުފަހިވެ އެތައް ބަޔަކަށް އުނދަގޫތައް ކުރިމަތިވަމުން އެބަ ދެއެވެ. 

އެކަން ހައްލުކުރުމަށް ސަރުކާރަށް ޖެހުނީ އިތުރު ބުރަ މަސައްކަތެއް ކުރަންށެވެ. ސްޓިކާ ނުޖަހާ ގޮތަށް ހެދުމުން ކުރިމަތިވި މައްސަލަތައް ހައްލުކުރުމަށް އުޅަނދުފަހަރު ޓޯކުރަން ފެށީއެވެ. އެހެން ނަމަވެސް އެއީ ވެސް ހައްލެއް ނޫނެވެ. އަދި އެއީ ބުރަ މަސައްކަތެކެވެ. 

ފުލުހުން ޖަހާ ސްޓިކާއަކީ ބޭކާރު އެއްޗެއް

ފުލުހުންނަށް ވެސް އިތުރު ބުރައެކެވެ. އެކަމަށް ކުރަންޖެހޭ ހޭދަ ވެސް އިތުރުވެގެންދާނެއެވެ. ޓޯކޮށްގެން ގެންދާ އުޅަނދުފަހަރު ބަހައްޓާނެ ތަންތަނާއި އެ ތަކެތި ޓޯކުރުމަށް ދާ ހަރަދަކީ ވެސް ހަމަ ދައުލަތުން ދާ ހަރަދެވެ. 

މީގެ އިތުރުން ޓްރެފިކް ސްޓީކާގެ ޖޫރިމަނާ މައާފްކުރާނެކަން އެނގޭތީ ގަވާއިދުތަކާ ހިލާފުވުމަކީ ގިނަ މީހުންނަށް މާ ބޮޑު މައްސަލައަކަށް މިހާރު ނުވެއެވެ. ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ފުލުހުން ޖަހާ ސްޓިކާއަކީ ބޭކާރު އެއްޗެއްގެ ގޮތުގައެވެ. ހާއްސަކޮށް ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް މިއީ ދެވުނު ހިތްވަރެކެވެ. 

ނުގަވައިދުން ޕާކްކުރުމާއި ވެހިކަލްގެ ފީތައް ނުދެއްކުމާއި މިހެން ގޮސް އެތައް ކަމަކުން އެ މީހުންނަށް އިނާޔަތްތައް ލިބުނީއެވެ. ޖެހުނު ތަނަކަށް ޕާކްކުރަނީއެވެ. ހިނގާ މީހުންނަށް ދަތިވާހެން ޕޭމަންޓް މަތީގައި ވެސް ވެހިކަލް ޕާކްކުރަނީއެވެ. އެމްބިއުލެންސް ފަދަ އުޅަނދުފަހަރަށް ނުދެވޭ ގޮތަށް ވެސް ޕާކްކުރަނީއެވެ. އެއްވެސް ހަމައެއް ލަމައެއް ނެތެވެ.

ޖޫރިމަނާ މައާފްކުރުމަކީ ރައްޔިތުންނަށް ލިބޭ ލުޔެއް ނަމަވެސް ދެވެނީ ނުބައި މެސެޖެއް

މިއީ ވަރަށް ބޮޑު ބޭއިންސާފެކެވެ. ގަވާއިދާ އެއްގޮތަށް އުޅޭ މީހުންނާ މެދު ވެވޭ ބޭއިންސާފެކެވެ. ޕާކިން ޖޫރިމަނާ ވެސް މައާފްވަނީ ގަވާއިދާ އެއްގޮތަށް އެ ނުދައްކާ މީހާ އަށެވެ. ކުލިން ވެސް މައާފް ލިބެނީ އޮންނަ އުސޫލުން އެކަން ނުކުރާ މީހުންނަށެވެ. 

ކަރަންޓް ބިލާއި ފެން ބިލް ވެސް ހަމަ އެފަދައެވެ. މިއީ އެފަދަ މީހުންނަށް ސަރުކާރުތަކުން ދޭ ހިތްވަރެކެވެ. މިކަމުން ބުނެދެނީ ގަވާއިދާއި ގާނޫނުތަކާއި އެއްގޮތަށް ކަންކަން ކުރުމަކީ މި ގައުމުގައި މާ މުހިންމު ކަމެއް ނޫން ކަމެވެ. އަދި މިއީ ގަވާއިދުތަކާ ހިލާފުވުމަށް ވެސް ދެވޭ ހިތްވަރެކެވެ. 

ޖޫރިމަނާއަކީ ކަމެއްގެ އަދަބެކެވެ. އެއީ ގަވާއިދާ އުސޫލްތަކަށް ތަބާވާ މީހުން އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮށްފައި އޮންނަ ކަމެކެވެ. އެހެން ނަމަވެސް އެކަން އެ ގޮތަށް ނުކުރާ މީހުންނަށް ހިތްވަރު ލިބޭހެން ސަރުކާރުން ހާއްސަކޮށް ގައުމުގެ ވެރިޔާގެ ނިންމެވުންތަކުގެ ދަށުން ލުއި ލިބޭ ނަމަ އެކަކު ވެސް ގަވާއިދާ އެއްގޮތަށް އުޅޭނެ ކަމެއް ނެތެވެ. 

ހިތު ހުރި އިރަކުން ފެނާއި ކަރަންޓް ބިލް ވެސް ދައްކަންވީއެވެ. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދެއްކުމުގައި ވެސް ފަރުވާ ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. ތިމާ އަށް ލިބުނު ދުވަހަކުން ނުވަތަ ފަސޭހަ ދުވަހަކުން ނުވަތަ އަތްމަތި ތަނަވަސްވި ދުވަހަކުން ދައްކަން މަޑުކުރަންވީއެވެ. 

އަރާ ޖޫރިމަނާއަކާ މެދު ވިސްނާނެ ކަމެއް ނެތެވެ. ހުރިހާ މޮޅެއް އޮތީ ނުގަވައިދުން އުޅޭ މީހާ އަށެވެ.

ރިއެކްޝަންސް
0
0
1
0
0
0
2