ރިޕޯޓް: ޑޮލަރުގެ އަގަށް އަސްލު މިވަނީ ކިހިނެއް؟

2 އެޕްރީލް 2024 - 11:26

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވާ ގޮތުން ޑޮލަރުގެ އަގު ދަނީ ދަށަށެވެ. އެހެން ކަމުން ފޮރުވާފައި ހުރި ޑޮލަރުތައް މާކެޓަށް ނެރުމަށް ވަނީ ގޮވާލައްވާފައެވެ. ފޮރުވާފައި ބަހައްޓައިގެން ލިބޭނީ ގެއްލުން ކަމަށް ވެސް ވިދާޅުވިއެވެ. ހަގީގަތުގައި ވެސް ޑޮލަރުގެ އަގު ދަށަށް ދަނީ ހެއްޔެވެ؟ ދާ ނަމަ އެހެން ވާން އަލަށް ކަމެއް ވެއްޖެ ހެއްޔެވެ؟

ހަގީގަތުގައި ވެސް ޑޮލަރުގެ އަގު ދަށަށް ދަނީ ހެއްޔެވެ؟

ރޯދަ މަހާ ޖެހެދެން ޑޮލަރުގެ އަގު ބްލެކް މާކެޓްގައި ހުރީ ގާތްގަނޑަކަށް 18ރ. ގައެވެ. މައިގަނޑު ސަބަބަކަށްވީ ރޯދަ މަހަށް ހާއްސަކޮށްގެން ބޭރުން ގިނަ އަދަދެއްގެ ސާމާނު އެތެރެކުރުމާއި އުމުރާ އަށް ދަތުކުރާ މީހުން އިތުރުވުމެވެ. އެހެން ކަމުން ޑޮލަރުގެ ޑިމާންޑް ވެސް އޮތީ ބޮޑުވެފައެވެ. އެހެން ނަމަވެސް ކުރިން ހީކުރިހާ މައްޗަށް ޑޮލަރުގެ އަގު އުފުލިގެން ނުދިޔުމުގައި ސަބަބުތަކެއް ހުއްޓެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި އޮތީ ރާއްޖޭގެ ޓުއަރިސްޓް ސީޒަނާ ދިމާވުމެވެ.

advertisement

މި ކަމަށް ރައްދު ދޭ މީހުން ދެކޭ ގޮތުގައި ހަގީގަތުގައި ފާއިތުވި އަހަރުތަކަށް ވުރެ ރޯދަމަހާ ދިމާކޮށް ޑޮލަރުގެ އަގު އަދިވެސް ބޮޑެވެ. އެ ގޮތުން މިދިޔަ އަހަރު މި ދުވަސްވަރު ޑޮލަރުގެ އަގު ހުރީ 17ރ. އާ ހަމައިގައެވެ. އަދި އޭގެ ކުރީ އަހަރު 16ރ.އާ ހަމައަށް ވެއްޓިފައި ވެއެވެ. އެހެންކަމުން ކުރިއާ އަޅާބަލާ ނަމަ މި އަހަރު ޑޮލަރުގެ އަގު އަދިވެސް މަތި ކަމަށް ބުނުމަކީ ގޯހަކަށް ނުވާނެއެވެ.

މީގެ ދުވަސްކޮޅެއް ކުރިއާ އަޅާބަލާއިރު ޑޮލަރުގެ އަގު ދަށެވެ. ބްލެކް މާކެޓްގައި ރޯދައިގެ ކުރިން ޑޮލަރުގެ އަގު 17.50ރ. ގައި ހުރި ނަމަވެސް މިހާރު ބައެއް ދުވަސް ދުވަހު 17.30 އަށް ވެސް ވެއްޓެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޑޮލަރުގެ އަގު ދަށްވުމުގައި މައިގަނޑު ސަބަބަކީ މާކެޓްގައި ޑޮލަރު ގިނަވުމެވެ. 

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މިހާތަނަށް އަދި މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ އައި ޓުއަރިސްޓުންގެ އަދަދު އިތުރުވިއެވެ. އެހެން ނަމަވެސް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. އަދި ބޭންކްތަކަށް ވެސް އެ ޑޮލަރު ނުވަދެއެވެ. މާނައަކީ ރާއްޖެ އަށް އެތެރެވި ޑޮލަރުގެ ބޮޑު ބައެއް ބްލެކް މާކެޓްގެ ތެރެއަށް ދޫވެގެން ދިއުމެވެ. 

އޭގެ ތެރޭގައި ސާވިސް ޗާޖްގެ ގޮތުގައި ލިބުނު ޑޮލަރާއި ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމަށް މާކެޓަށް ނެރުނު ޑޮލަރު ހިމެނެއެވެ. އަދި ދުވަސްތަކެއް ވަންދެން ދިވެހި ރުފިޔާ އިން މުސާރަ ދެމުން އައި އެމްއޭސީއެލް އިން މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދޭން ނިންމުމަކީ ވެސް މާކެޓަށް އިތުރުވި ޑޮލަރެވެ.

ޑޮޮލަރުގެ އަގު ދަށްވެފައި ވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ސަބަބަކުން ނޫން

ދިވެހި ރުފިޔާއާ އަޅާބަލާ އިރު ޑޮޮލަރުގެ އަގު ދަށްވެފައި ވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ނޫން ކަމަށާއި އެކަން އޮގޮތަށްވީ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ޑޮލަރަށް އޮތް ޑިމާންޑް ކުޑަވެފައި އޮތުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.

”ސަރުކާރުގެ ހުރިހާ ބޮޑެތި ކެޕިޓަލް މަޝްރޫއުތައް ހުއްޓާލާފައި އޮތީމާ ޑޮލަރަށް ދުވާ ދިވެހި ފައިސާ މިވަގުތު މަދު. އެހެންވީމާ އިމްޕޯޓް ކުރާ މީހުންނަށް ޑޮލަރު މި ލިބެނީ ވެސް މިވަގުތު. އެއީ އެމްއެމްއޭއަކަށް އެހެން ޕުރެޝަރެއް ނާދޭ [ނުވަތަ] އެހެން ބެންކްތަކަށް ކޮމާޝަލް ބޭންކްތަކަށް ޕްރެޝަރެއް ނާދޭ، ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދާކަށް ނާދޭ،” ޔާމީން ވިދާޅުވި އެވެ.

”އެހެންވީމާ އެ ޑޮލަރު އަޅުގަނޑުމެންނަށް ލިބޭތީވެ، ﷲ ރަހުމަތާ އެކު ތަކެތީގެ އަގުތައް މާ ބޮޑުތަން އުފުލިގެން ނުގޮސް މި ހިފެހެއްޓެނީ. އެއީ ހުރިހާ މަޝްރޫއުތައް ހިފަހައްޓާފައި އޮތީމަ.“

މީގެ އިތުރުން ވެސް ބައެއް ސަބަބުތައް ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ބްލެކް މާކެޓްގައި ޑޮލަރުގެ ރޭޓު ދަށްވެފައި ވަނީ ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލުމުންނެވެ. އެއީ ރަނގަޅު ފިޔަވަޅެއް ކަމަށް ބައިނަލްއގުވާމީ މާލީ އިދާރާތަކުން ވެސް ފާހަގަކޮށްފައި ވެއެވެ.

ޑޮލަރުގެ އަގު ދަށްކުރުމަށް ސަރުކާރުން ވެސް ފިޔަވަޅުތަކެއް އަޅަން ފަށާފައި ވެއެވެ. އޭގެ ތެރެއިން މުހިންމު އެއް ފިޔަވަޅަކީ ފައިސާ ޗާޕްކުރުން ހުއްޓާލުމެވެ. އެމްޑީޕީގެ ސަރުކާރުގެ ތެރޭގައި މިއިން ޒަމާނަކު ސަރުކާރުން ފައިސާ ޗާޕްނުކުރާ މިންވަރަށް ފައިސާ ޗާޕްކުރިއެވެ. އިގްތިސާދު ދެމެހެއްޓުމަށާއި ހަރަދުތައް ފޫބެއްދުމަށް ވަގުތީ ހައްލެއްގެ ގޮތުގައި އެކަން ކުރި ނަމަވެސް އެއީ ދިގު މުއްދަތަކަށް ބަލާއިރު އިގްތިސާދަށް ލިބިގެން ދިޔަ ބޮޑު ގެއްލުމެކެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ޓުއަރ އޮޕަރޭޓަރުންގެ ވިޔަފާރި ރާއްޖެއިން ބޭރަށް ބަދަލުކުރުވެގެން ދިޔައީވެސް ޑޮލަރުގެ ދަތިކަމަށް ވެއްޓުނު ރިހޭ ފޮޔަކަށެވެ.

ޑޮލަރުގެ އަގު ބްލެކް މާކެޓްގައި ދަށްވުމަކީ ދާއިމީ ކަމަކަށް ވެދާނެ ހެއްޔެވެ؟ 

ޑޮލަރުގެ އަގު ދަށްކުރުމާއި ބްލެކް މާކެޓާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި ޑޮލަރު އެކައުންޓްތަކުގެ ލިމިޓް ބޮޑުކުރުމަކީ ވެސް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ. ބޭންކްތަކަށް އެކަން ނުކުރެވިގެން އުޅެނީ ބޭންކްތަކަށް ވަންނަ ޑޮލަރު މަދުވުމުންނެވެ. އެ ނިންމުން ތަންފީޒުކޮށްފި ނަމަވެސް ޑޮލަރުގެ މައްސަލައަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ. 

ނަމަވެސް ބްލެކް މާކެޓާ މެދު ފިޔަވަޅުތަކެއް ނާޅައި އެގޮތަށް އަމަލުކޮށްފި ނަމަ އަނެއްކާ ވެސް ބްލެކް މާކެޓަށް ވަންނަ ޑޮލަރު އިތުރުވަމަކީ ވެސް ވެދާނެ ގޮތެކެވެ. އެހެން ކަމުން މި ފިޔަވަޅުތައް އެޅުމުގައި ގުޅިލާމެހިފައިވާ ސިޔާސަތަކަށް އަމަލުކުރުން މުހިންމު ކަމަށް ކަމުގެ ތަޖުރިބާކާރުން ދެކެއެވެ. 

މިނިސްޓަރު ސައީދު ވިދާޅުވި ގޮތަށް ޑޮލަރުގެ އަގު ބްލެކް މާކެޓްގައި ދަށްވުމަކީ ދާއިމީ ކަމަކަށް ވެދާނެ ހެއްޔެވެ؟ ނުވަތަ މިއީ ވަގުތީ ކަމެއް ހެއްޔެވެ؟ ރާއްޖެ އަށް އައި ޓުއަރިސްޓުންގެ އަދަދާ ބަލާފައި ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ދަށް ނުވާ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އަދި އޮފް ސީޒަންގެ ތެރޭގައި ޑޮލަރުގެ އަގު 18ރ. އިން މައްޗަށް ޖެހޭނެ ކަމަށް އަންދާޒާކުރާ މީހުން ވެސް މަދެއް ނޫނެވެ. 

ޑޮލަރު ފޮރުވައިގެން ތިބި މީހުން އެ ތިބީ އެ ދުވަހަކަށް ބަލައިގެން ކަމަށް ވެދާނެއެވެ. ބޭންކްތަކުން ޑޮލަރު ވިއްކާ އެންމެ ބޮޑު އަގަކީ 15.42 ކަމަށް ވިޔަސް އެ އަގުގައި ލިބެނީ މަދު މިންވަރެކެވެ. ޑޮލަރުގެ އަސްލު މައްސަލަ ގުޅިފައިވަނީ ޓޫރިޒަމުން ލިބޭ ޑޮލަރު ބޭންކުތަކަށް ނުވަދެ, ކަޅު ބާޒާރެއްގައި މާރުކުރުމުގެ ސަގާފާތެއް ރާއްޖޭގައި ޒަމާނުއްސުރެ ފެށިގެންގޮސްފައި އޮންނަ އޮތުމުގެ ސަބަބުންނެވެ. ދާއިމީ ހައްލެ ލިބޭނީ ސީދާ މިކަމަށް ލިބޭ ހައްލަކުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0