ތާރީހުގެ ތެރެއިން – ރާއްޖެ އިޝްތިހާރު ކުރުމަށް ލިޔެވުނު ފުރަތަމަ މަޖައްލާ!

9 މެއި 2024 - 16:01

ލިޔުނީ: ޙަސަން މޫސާ

ދުނިޔޭގެ ޗާޓަކުން ދިވެހިރާއްޖެ ހޯދަން ނޭނގުނަސް، “މޯލްޑިވްސް” އަކީ މިއަދު ދުނިޔޭގެ ގިނަ މީހުންނަށް ބީރައްޓެހި ނަމެއް ނޫނެވެ. ރާއްޖެއަށް އެއްފަހަރު ނަމަވެސް ޒިޔާރަތް ކޮށްލުމަކީ އެތައް ހާސް ބައެއްގެ ހުވަފެނެކެވެ. ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކާއި، ސާފު ނޫ މޫދާއި، މުރަކަ ފަރުތަކަކީ، ދުވަހަކު ރާއްޖެ ނާންނަ މީހުންނަށްވެސް ފޮޓޯ ތަކުންނާއި އެކިކަހަލަ ޓްރެވަލް ބްރޮޗުއަރ ތަކުން ދެކި ފަރިތަ ތަންތަނެވެ. މާ ގިނަ ބަޔަކަށް ނޭނގޭ، އެކަހެރި ރަށްތަކަކުން މުޅި ދުނިޔެއަށް ނަން މަޝްހޫރު ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލަކަށް ބަދަލުވެފައި މިވަނީ އެންމެ ބައި ގަރުނުގެ ތެރޭގައެވެ.

advertisement

ދިވެހިރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލެވުނީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1972 ވަނަ އަހަރުއެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އޭގެ 23 އަހަރު ކުރިން، ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސްކަން ކުރެއްވި އަލްއަމީރު މުހައްމަދު އަމީން ދީދީ ވަނީ ދިވެހިރާއްޖެ ދުނިޔެއަށް ތައާރަފު ކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތެއް ކުރައްވާފައި ކަމެވެ.

ކުޅަދާނަ ވެރިޔެއްގެ އިތުރުން އަދަބީގޮތުން ފުންނާބު އުސް ބޭފުޅެއް ކަމަށްވާ އަމީން ދީދީ ވަނީ ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް 1949 ވަނަ އަހަރު “ލޭޑީސް އެންޑް ޖެންޓުލްމެން: ދަ މޯލްޑިވް އައިލެންޑްސް” ގެ ނަމުގައި ފޮތެއް ލިޔުއްވާފައެވެ.

މި ފޮތުގެ ވަކިވަކި ބާބުތައް ލިޔުއްވާފައިވަނީ އެކި އެކި ބޭފުޅުން ނަމަވެސް ގިނަ ލިޔުންތައް ލިޔުއްވާފައިވަނީ އަމީން ދީދީ އަދި އެބޭފުޅާގެ އަދަބީ ނަން “އޯކިޑް” ގެ ދަށުންނެވެ. އޭރު އަމީން ދީދީ ހުންނެވީ ދައުލަތުގެ އިސް ވަޒީރެއްގެ މަޤާމުގައެވެ.

“ލަދުވެތިކަމުގެ ފަރުދާ ކަހާލަމާ”

ފަށުވިކަމާއެކު އިނގިރޭސި ބަހުން ލިޔެފައިވާ 90 ސަފްހާގެ މިފޮތް ފެށުމުގެ ގޮތުން އަމީން ދީދީ ވަނީ ފޮތުގެ ތަޢާރަފެއް ދެއްވާފައެވެ:

“މި ފޮތް ލިޔެފައި މިވަނީ ސީދާ މަޤުސަދެއް ހާސިލުކުރުމަށެވެ. މިއީ ދިވެހިރާއްޖޭގެ ރަށްތައް ދުނިޔެއަށް ތަޢާރަފުކޮށްދިނުމަށް ކުރެވޭ ފުރަތަމަ މަސައްކަތެވެ. ޤަބޫލުކުރެވޭ ގޮތުގައި، މިއަދުގެ ދުނިޔޭގައި އެއްވެސް ޤައުމަކީ، އެ ޤައުމެއް އެހެން ފަރާތްތަކަށް އެނގި ދަސްވެ، ބަލައިގަނެ އެހީ ލިބިގަނެގެން ނޫނީ ކާމިޔާބު ހޯދޭނޭ ޤައުމެއް ނޫނެވެ. އަދި ދުނިޔޭގެ އެހެން ތަންތަނާއި ގުޅުން ބަދަހިކުރުމުގެ ގޮތް ފޮތް އޮވެގެން މެނުވީ ވެސް ޤައުމަކަށް ކުރިއަރައި ދިޔުމަކީ ވާނޭ ކަމެއް ނޫނެވެ.

ޤައުމުތަށް އެކަހެރިވެގެން ކުރިއަށްދެވުމުގެ ޒަމާން މިވަނީ ނިމުމަކަށް އައިސްފައެވެ. ވިޔަފާރިއާއި ތަޢުލީމާއި ސަޤާފަތުގެ ބޭނުމަށްޓަކައި އެއް ޤައުމު އަނެއް ޤައުމުގެ އެހީއާއި ލަފަޔާއި ތަރުހީބު މިހާރު ބޭނުންވެއެވެ. މި ބީދައިން، ކުޑަ ކުޑަ ދިވެހިރާއްޖެވެސް އިސްތިސްނާ ނުވެއެވެ. ރާއްޖެއަކީ ދުނިޔެ ދަންނަ، ބަލައިގަންނަ އަދި އެހީތެރިވާ ޤައުމަކަށް ވުމަށްޓަކައި، ލަދުވެތިކަމުގެ ފަރުދާ ކަހާލާ، ނުކުމެ ހާމަވާން އެބަޖެހެއެވެ…”

ރާއްޖެ އާއި ސިލޯނުގެ ގާތް ގުޅުން

ޤަބޫލުކުރެވޭ ގޮތުގައި މިފޮތަކީ ސިލޯނު އަދި އިނގިރޭސިވިލާތުގެ ބޭފުޅުންނަށް ދިވެހިރާއްޖޭގެ މައުލޫމާތު އެނގޭ މިންވަރު ކުޑަކަން އިހުސާސްކުރެވިގެން އަމީން ދީދީ ލިޔުއްވާފައިވާ ފޮތެކެވެ. ފޮތުގެ ބޮޑުބައެއް ހާއްސަކުރެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރިއާއި ތައުލީމަށާއި، ޙާއްސަކޮށް މިދެކަމުގައި ރާއްޖެއާއި ސިލޯނުގެ ގުޅުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.

ސިލޯނަށް ދިވެހިރާއްޖެ ބަރޯސާވާ މިންވަރު ބަޔާންކޮށްފައިވާ ގޮތުން، އޭރު ރާއްޖެ އޮތް ނާޒުކު ހާލަތު ސާފުވެއެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކުރިމަތިވި ބޮޑުތަދުގެ ތެރޭގައި، ސިލޯނާއި އިނގިރޭސިވިލާތުގެ އެހީއަށް ރާއްޖެ ބޭނުންވެފައިވާ މިންވަރު ފޮތުގައި ސިއްރުކޮށްފައެއް ނުވެއެވެ.

“ނިމިދިޔަ ބޮޑު ހަނގުރާމައިގެ ކަޅު އަނދިރި ދުވަސްވަރު އިނގިރޭސިވިލާތާއި ސިލޯނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ އަގުނުކުރެވޭ އެހީ އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ކާބޯތަކެއްޗާއި އަންނައުނު ފޯރުކޮށްދިނުމުގައި ދިވެހިރާއްޖެއަކީ ސިލޯނުގެ ބައެއްކަމުގައި ސިލޯނުން ބަލާފައި ނުވީނަމަ، އަހަރެމެންގެ ހާލަތު ހިޔާލަށް ގެންނަންވެސް ދައްޗެވެ. މި ގުޅުމަށްޓަކައި އޭރުގެ ސިވިލް ޑިފެންސް ކޮމިޝަނަރ ސަރ އޮލިވަރ ގޫނަޓިއްލަކެ އަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ.”

އަމީން ދީދީގެ އިތުރުން ފޮތުގައި ސިލޯނު އަދި އިނގިރޭސި ބޭފުޅުންގެ ލިޔުންތައް ހިމަނާފައިވެއެވެ. މިގޮތުން ދެ ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތް ކުރެއްވި ތޯމަސް ވިލިއަމް ހޮކްލީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިސާދާއި ތައުލީމާއި ބެހޭގޮތުން ލިޔުއްވާފައިވާއިރު ސިލޯނުގެ މެކްސް ޕެރޭރާ ވަނީ ދިވެހިންނާއި ސިންހަލީސް މީހުންނަކީ ބަހާއި، ސަޤާފަތާއި ލޭގެ ގޮތުން ތިމާގެ ބައެއްކަމަށް ސިފަކޮށް ލިޔުމެއް ލިޔުއްވާފައެވެ.

ސިލޯނުގައި ކިޔެވި ފުރަތަމަ އަންހެން ކުދިންގެ ވާހަކަ

ފޮތުގެ ސަފްހާތައް ފުރާލެވިފައިވަނީ ދިވެހިރާއްޖޭގެ އެކިކަހަލަ މައުލޫމާތުންނެވެ. މީގެ ތެރޭގައި 1946 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތު ހިމަނާފައިވާއިރު އޭރު ރާއްޖޭގެ އާބާދީއަކީ 82,068 ކަން އެނގެން އެބައޮތެވެ. ރާއްޖޭގެ ތައާރަފާއި އެކު އޭރުގެ ޤާނޫނު އަސާސީގެ ބޮޑުބައެއްވެސް ފޮތުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން “ސިލޯން ވުމެން” މެގަޒިންގެ ބާނީ ސިޓާ ޖަޔާވަރްދެނިޔާ ވަނީ ސިލޯނަށް ތައުލީމު ހާސިލްކުރަން ދިޔަ ފުރަތަމަ ދިވެހި އަންހެން ކުދިންގެ ވާހަކަ ހިމެނޭ ބާބެއް ލިޔުއްވާފަވެއެވެ.

އަންހެން ކުދިންގެ ތައުލީމަށް އަހަންމިއްޔަތުކަމެއް ދެވިގެން ސިލޯނުގެ “ހޯލީ ފެމިލީ ކޮންވެންޓު” ގައި ތައުލީމު ހާސިލުކުރި ފުރަތަމަ 12 އަންހެން ކުދިންގެ ތެރޭގައި އަމީން ދީދީގެ އަންހެން ދަރިކަނބަލުން އަމީނާ ދީދީ އަދި އަމީން ދީދީ އެޑޮޕްޓް ކޮށްފައިވާ ފާތިމަތު އަބްދުލް ވައްހާބުގެ އިތުރުން ޖަމީލާ އިބްރާހިމް ދީދީ ހިމެނެއެވެ.

އެކުދިން ސިލޯނުގައި އުޅުނީ ދިވެހި އަންހެން ދަރިވަރުން ތިބުމަށް ހާއްސަކުރެވިފައިވާ ހޮސްޓެލް “ކޯޒީ ކޯނަރ” ގައެވެ. އެކުދިން ބެލެހެއްޓުމާއި ހަވާލުވެގެން ހުރީ އަންނަބީލާ ޒުބައިދާ މުހަންމަދު ދީދީއެވެ.

މިކުދިން ކިޔެވުމަށް ވަރަށް މޮޅުކަމަށާއި ހާއްސަކޮށް އިނގިރޭސިބަހަށް މޮޅުކަމަށް އެލިޔުމުގައި ވެއެވެ. ނަމަވެސް ސިންހަލީސް ދަސްކުރުމަށް ދަތިތަކެއް ހުރުމުން ސްކޫލުގެ ޓެސްޓުތައް ދިވެހިބަހުން ހެދޭނެ ގޮތެއް އިންތިޒާމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެއެވެ.

ރާއްޖޭގެ އުފެއްދުންތައް ސިލޯނުގެ ޝޯރޫމެއްގައި

ދިވެހިރާއްޖެއާއި ސިލޯނާއި ދެމެދު ކުރެވެމުން ދިޔަ ވިޔަފާރިއާއި ދިވެހި އުފެއްދުންތައް ވިއްކުމަށް އަލަށް ޤާއިމްކުރެވުނު ނޭޝަނަލް ޓްރޭޑިން ކޯޕަރޭޝަންގެ ޝޯރޫމްގެ ވާހަކަތައްވެސް މިފޮތުގައި ވަރަށް ތަފްސީލުކޮށް ގެނެސްދީފައިވެއެވެ.

ފޮތުގެ ފަހު ހަ ސަފްހާ ޚާއްސަކުރެވިފައިވަނީ ޝޯރޫމްއިން ވިއްކަމުންދާ ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކުރުމަށެވެ. މި ގޮތުން މަހާއި، ހިކިމަސް، ރިހާކުރު ފަދަ ކާއެއްޗެހީގެ އިޝްތިހާރުން އެއް ސަފްހާވަނީ ފުރާލެވިފައެވެ. މީގެ އިތުރުން ތުނޑު ކުނާ، ލިޔެލާޖެހި އުފެއްދުންތަކާއި ރޯނު އަދި އެކި ބާވަތުގެ ބޮލިވެސް އިޝްތިހާރު ކޮށްފައިވެއެވެ.

މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ އަލް އަމީރު މުހައްމަދު އަމީން ދީދީގެ “ލޭޑީސް އެންޑް ޖެންޓުލްމެން: ދަ މޯލްޑިވްސް އައިލެންޑްސް” އިންނެވެ.

ރިއެކްޝަންސް
4
5
1
0
0
0
0