އަމިއްލަ ހިޔާލު: ޓެކްސީ މައްސަލަ — ބޭނުންވަނީ ދާއިމީ ހައްލެއް!

12 މެއި 2024 - 14:34

ޓެކްސީތަކުން ނަގާނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި އޮވެއެވެ. އެހެން ނަމަވެސް އެ އަގުތަކަށް ބެލުމެއް ނެތި ބޮޑު އަގު ނަގާ މައްސަލަ އެކި ދުވަސްވަރު ފެންމަތިވެއެވެ. އަގުގެ މައްސަލަ އެކަންޏެއް ނޫނެވެ. ޓެކްސީތަކުގެ ޑްރައިވަރުންނާ ގުޅޭ އިތުރު އެހެން ކަންބޮޑުވުންތައް ވެސް ގިނައެވެ. މިއީ އިއްޔެއަކު މިއަދަކު އޮތް މައްސަލަތަކެއް ވެސް ނޫނެވެ. އެތައް އަހަރުތަކެއް ވީއިރު ވެސް ހައްލެއް ނުލިބި އޮތް މައްސަލަތަކެކެވެ. 

އެއްބަޔަކު ދެކޭ ގޮތުގައި ޓެކްސީތަކުން ނަގާނެ އަގުތައް ކަނޑައެޅުމަކީ ސަރުކާރުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކަން އާންމު މީހާ އަށް ދޫކޮށްލަންޖެހެއެވެ. އެ ގޮތަށް ގަބޫލުކުރާ މީހުން ދެކޭ ގޮތުގައި ޓެކްސީތަކުން ނަގާނެ އަގު ކަނޑައަޅާ ނަމަ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ލޯންޗާއި އޮޑިފަހަރު ވެސް ނަގާނެ އަގު ކަނޑައަޅަންޖެހޭނެއެވެ. ޕަބްލިކް ޓްރާންސްޕޯޓް ފިޔަވައި އެހެން ދަތުރުތަކުން އަގު ކަނޑައެޅުމަކީ ސަރުކާރަށް އޮތް ހައްގެއް ނޫން ކަމަށް ވެސް އެ ގޮތަށް ގަބޫލުކުރާ މީހުން ދެކެއެވެ.

advertisement

އެއްގަމު ދަތުރަށް ވަކި ގޮތެއް ކަނޑުމަގުން ކުރާ ދަތުރަށް ވަކި ގޮތެއް އޮންނަންވީ ކީއްވެ؟

“މާލެ އިން ދިއްފުއްޓަން ދާނެ އަގު ވެސް ސަރުކާރުން ކަނޑައަޅަންވީނު. އެއްގަމު ދަތުރަށް ވަކި ގޮތެއް ކަނޑުމަގުން ކުރާ ދަތުރަށް ވަކި ގޮތެއް އޮންނަންވީ ކީއްވެ؟ ހަމަ އަންދަނީ ތެޔޮ. އަހަރެންގެ އަމިއްލަ އުޅަނދެއްގައި ދަތުރުކުރާނެ އަގު އެނގޭނީ ސަރުކާރަކަށް ނޫން. އަހަންނަށް. އެހެން ކަމަށް ވަންޏާ ސަރުކާރުން ތެޔޮ ވިއްކާނެ އަގު ވެސް ކަނޑައަޅަންޖެހޭނީ އަހަރެމެން،” ޑްރައިވަރަކު ބުންޏެވެ.

ޓެކްސީން ނަގާނެ އަގު ސަރުކާރުން ކަނޑައަޅަންޖެހޭ ކަމަށް ދެކޭ މީހުން ގަބޫލުކުރާ ގޮތުން އެ ގޮތަށް އެކަން ކުރަންޖެހެނީ ރާއްޖޭގައި އެކަށީގެންވާ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމުވެފައި ނެތުމުންނެވެ. އަދި ޓެކްސީއަކީ ހިދުމަތެއްގެ ގޮތުގައި ކަނޑަ އެޅިފައި ނެތުމުން އެކަމުގެ މިންގަނޑުތަކާއި އުސޫލްތައް ރަނގަޅު ގޮތުގައި ބަޔާންކުރެވިފައި ނެތުމަކީ ވެސް އަގުތައް ކޮންޓްރޯލްކުރަންޖެހިފައިވާ ސަބަބެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

އަގުގެ މައްސަލައިގެ އިތުރުން ވަކި ތަނަކަށް ނޫނީ ދަތުރުނުކުރާ ޓެކްސީތައް އިތުރުވުމަކީ ވެސް އާންމުންގެ ޝަކުވާއެކެވެ. އެއާޕޯޓްގައި މި މައްސަލަ އިންތިހާ އަށް ބޮޑެވެ. ހުޅުމާލެ އަށް ނޫނީ ދަތުރުނުކުރާ އެތައް ޓެކްސީއެއް އެ ތަނުގެ ޓެކްސީ ކިޔުގައި އޮވެއެވެ. އެހެން ނަމަވެސް ޓެކްސީ ކިޔުއަށް އަރަންޖެހޭނީ ފަސިންޖަރުން ބޭނުންވާ ތަނަކަށް ގެންގޮސް ދެވޭ ނަމައެވެ. 

ވަކި ތަނަކަށް ދާން ބޭނުން ނަމަ އެޕްލިކޭޝަންތައް މެދުވެރިކޮށް ހިދުމަތް ދިނުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް އާންމު ކިޔުއަކުން ފުރާނައިގެ ފަސިންޖަރުން ނެގިގެން ނުވާނެއެވެ. ކިޔު ދާންޖެހޭނީ ތަރުތީބުންނެވެ. ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މި މައްސަލަ ބޮޑުވެގެން މިހާރު ވަނީ ފުލުހުން މެދުވެރިކޮށް މައްސަލަ ހައްލުކުރަން ފަށައިފައެވެ.

ސަރުކާރުން އަގުތައް ކަނޑައަޅާފައި ހުރި ގޮތާ މެދު ޝަކުވާ

ސަރުކާރުން އަގުތައް ކަނޑައަޅާފައި ހުރި ގޮތާ މެދު ވެސް ބައެއް ފަރާތްތަކުގެ ޝަކުވާ އެބަ އޮތެވެ. މިސާލަކަށް މާލޭގެ އެތެރޭގެ ދަތުރެއް ނަމަ 30ރ. ނަގާފައި ހުޅުމާލެ 1 އިން 2 އާ ދެމެދު ކުރާ ދަތުރުތަކަށް 40ރ. ކަނޑައަޅާފައި އޮތުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މާލޭގެ ކާރޫބާރޫ ބޮޑު އަޑިގުނޑަށް ގިނަ އަދި ވަގުތު ހޭދަވާ އިރު 30ރ. ނަގާފައި ތާރުއެޅި އޮމާން ސީދާ މަގުތަކުން މަދު ވަގުތުކޮޅެއްގައި ދަތުރުކުރެވޭ އިރު އަގު ބޮޑުވާންޖެހޭ ސަބަބު ނުވިސްނޭ ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައި ވެއެވެ.

“އެންމެ ފަސޭހައިން އުނދަގުލަކާ ނުލާ އެންމެ އަވަހަށް ޓެކްސީއަކަށް ދެވޭނެ އެންމެ ފަސޭހަތަނަކީ ފޭސް 1 އިން 2 އަށް. މާލޭގެ ހެންވޭރުން މާފަންނަށްދާން ވެސް ކުރިން ދުވަހު 25މިނިޓު ޓެކްސީގަ އިންނަށް ޖެހުނު. މާލޭގެ އެއްވެސް ހިސާބަކަށް މިހާރު އޮންނަ ޓްރެފިކްގަ ދާން ފަސޭހައެއް ނޫން. އެކަމު ފޭސް 2އިން 1އަށް އެންމެފަސޭހަ ވެފަ ކައިރި އިރު ވެސް ނަގަނީ 40،” ފޭސް 2ގައި ދިރިއުޅޭ މީހަކު ހިޔާލު ފާޅުކޮށްފައި ވެއެވެ.

ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނެގުމާއި ފަސިންޖަރުންގެ ހުއްދައާ ނުލައި އެހެން ފަސިންޖަރުން އެރުވުމާއި ވަކި ތަނަކަށް ނޫނީ ދަތުރު ނުކުރުމާއި އަގުތަކުގައި ހުރި ތަފާތުތަކާ މެދު އާންމުންގެ ކަންބޮޑުވުން ބޮޑެވެ. މިއީ އަބަދު ވެސް އޮންނަ ކަންބޮޑުވުމެކެވެ. މިކަމުގައި އާންމުން ހިތްހަމަޖެހޭ ގޮތަކަށް ކަންކަން ކުރާ ނަމަ އެތައް ސަތޭކަ ޑްރައިވަރުން ހިތްހަމަނުޖެހުން ބޮޑުވެއެވެ. އެހެންކަމުން މިކަމަށް ހޯދަންޖެހެނީ މެދުމިނުގެ ދާއިމީ ހައްލެކެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޓެކްސީއަކީ ހިދުމަތެއްގެ ގޮތުގައި ބަލައި އެކަން ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށްފައެވެ. އެއީ ބޮޑު ވިޔަފާރިއަކަށް ވަނީ ވެފައެވެ. ކުންފުނިތަކުގެ ދަށުން ހިދުމަތެ ދެވޭ ގޮތަށް ވަނީ ބަދަލުކުރެވިފައެވެ. ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް ނުވަތަ އެފަދަ ހިދުމަތެއް ދިނުމަށް ކަނޑައަޅާ ވަކި ބައެއްގެ ދަށުގައި ރަޖިސްޓްރީ ވެގެން ނޫނީ އެކަން ނުކުރެވޭ ގޮތަށް ގަވާއިދުތައް ވަނީ އިސްލާހުކުރެވިފައެވެ. 

ޓެކްސީތަކުގައި މީޓަރު ހަރުކުރުމަކީ ވެސް ހައްލެއް ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ. 

އެހެން ނަމަވެސް ޒަމާނީ އާ އީޖާދުތަކާ އެކު މީޓަރު ޓެކްސީތަކަށް ވުރެ ވެސް އަގު ހެޔޮ އަދި ރަނގަޅު ހިދުމަތެއްގެ ގޮތުގައި ބޭރުގެ ބައެއް ގައުމުތަކުން މިހާރު އަންނީ ޓެކްސީ ހިދުމަތް ދެމުންނެވެ. ރާއްޖޭގައި ވެސް މަޑުމަޑުން މިކަންކަން އެބަ ބަދަލުވެއެވެ. ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް ރާއްޖޭގައި ވެސް ޓެކްސީގެ ހިދުމަތް އެބަ ދެއެވެ. އެހެން ނަމަވެސް އަދިވެސް ހުރަސްތަކެއް އެބަ ހުއްޓެވެ. 

އެޕްލިކޭޝަންތައް މެދުވެރިކޮށް ދޭ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުވާނެ ގޮތްތަކެއް ހޯދަންޖެހެއެވެ. އެކަމަށް ސަރުކާރުން ވެސް މަގުފަހިކުރަންޖެހެއެވެ. އެބަޔަކު ކުރާނެ ގޮތަކަށް ކުރާން ދޫކޮށްލުމުގެ ބަދަލުގައި ޒަމާނާ ގުޅޭ ގޮތަށް ޓެކްސީގެ ހިދުމަތް ބަދަލުކޮށްގެން ނޫނީ މި ކަމަށް ދާއިމީ ހައްލެއް ލިބޭކަށް ނެތެވެ. ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅި އެއީ ވެސް ހިދުމަތެއްގެ ގޮތުގައި ބަލައިގެން ނޫނީ މިކަން ހައްލުކުރެވޭކަށް ނެތެވެ. 

ރިއެކްޝަންސް
0
2
0
0
0
0
1