ރިޕޯޓް: ފޭކް މުދާ ގިނަވެ ދިވެހިންގެ ސިއްހަތު ބިރުވެރިކަމެއްގެ ތެރެއަށް

13 މެއި 2024 - 15:43

ބައެއް މީހުންނަކީ އަގަށް ވުރެ ތިމާ އާއި ތިމާ އާއި ތިމާގެ އާއިލާގެ ސިއްހަތަށް އިސްކަން ދޭ ބައެކެވެ. އެހެންކަމުން މާކެޓްގައި ހުންނަ “ޖެނުއިން” ނުވަތަ ކޮލިޓީ އުފެއްދުންތައް ހޯދުމަށް ސަމާލުކަން ދެއެވެ. ރާއްޖޭގެ މާކެޓްގައި ތަފާތު ކޮލިޓީގެ އުފެއްދުންތައް ލިބެން ހުރެއެވެ. އަދި ވަރަށް ރަނގަޅު ކޮލިޓީގެ މުދާ ބާޒާރަށް ނެރެއެވެ. އެހެން ނަމަވެސް އެފަދަ އުފެއްދުމެއް ދާއިމީ ގޮތެއްގައި ލިބެނީ މަދު ފަހަރަކުއެވެ. މާ ގިނަ ދުވަހެއް ނުވެ މާކެޓުން އެ އުފެއްދުން ގެއްލެއެވެ. މިވަނީ ކީއްހެއްޔެވެ؟

ކޮލިޓީ ރަނގަޅު އުފެއްދުންތައް ވިއްކުމުގައި ނަން މަޝްހޫރު ފިހާރަތައް ވެސް ހުރެއެވެ. ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ފަރާތްތަކުން އެފަދަ ކަންކަމަށް އިސްކަން ވެސް ދެއެވެ. އެހެން ނަމަވެސް އެފަދަ އުފެއްދުމެއް ގިނަ ދުވަހަކު ބާޒާރުގައި ދެމެހެއްޓުން އޮންނަނީ އުނދަގޫ ކަމަކަށް ވެފައެވެ. 

advertisement

ކުންފުނިތަކުން އުފެއްދުންތައް ހަދަނީ އެކި މާކެޓްތަކަށް އެކި ފެންވަރުގައި

ފެންވަރު ރަނގަޅު އުފެއްދުންތައް މާކެޓަށް ނެރުނު ނަމަވެސް ހަމަ އޭގެ ފެންވަރު ދަށް، އަގު ހެޔޮ ތަކެތިން މާކެޓް ކިލަނބުކޮށްލުމަށް މާ ގިނަ ދުވަހެއް ނުނަގައެވެ. ނަތީޖާއަކަށް ވަނީ ކޮލިޓީ ރަނގަޅު އުފެއްދުން އެތެރެކުރާ ފަރާތްތަކަށް މާކެޓްގައި ވާދަނުކުރެވި އެ މީހުންނަށް ވެސް އާދައިގެ އުފެއްދުންތައް އެތެރެކުރަން މަޖުބޫރުވުމެވެ.

ސެންސޮޑައިން ދަތްއުނގުޅާ ބޭހަކީ ވަރަށް ކޮލިޓީ އުފެއްދުމެއް. އޭގެ އޮރިޖިނަލް ތަންކޮޅެއް އަގު ވެސް ބޮޑު. އެހެން ނަމަވެސް އެއީ ރަނގަޅު އެއްޗަކަށް ވާތީ އެ ގަންނަނީ. ނަމަވެސް މިހާރު މާކެޓުން ނުލިބޭނެ އޭގެ ކޮލިޓީ ރަނގަޅު އުފެއްދުމެއް. ކުރިން ގަންނަ ފިހާރައަކު ވެސް މިހާރު ނުހުރޭ،” އާންމުންގެ މީހަކު ކަންބޮޑުވުން ފާޅުކުރިއެވެ.

އޭނާ ބުނީ އެ ބްރޭންޑްގެ ކޮލިޓީ ރަނގަޅު އުފެއްދުން މާކެޓުން ލިބެން އުނދަގުލީ އޭގެ ދަށް ކޮލިޓީގެ އުފެއްދުންތައް މާކެޓުގައި ވަރަށް ބޮޑަށް ގިނަވުމުގެ ސަބަބުން ކަމަށެވެ.

“ކުރިން އެ ގަންނަ ފިހާރައިން ބުނީ އެމީހުންނަށް ވެސް ލިބުން ދަތިވަނީ ކަމަށް. އެކަމަކު އަސްލު މިވާ ގޮތަކީ ހަމަ އެ ބްރޭންޑްގެ މާ ކޮލިޓީ ދަށް އުފެއްދުންތައް އެހެން މީހުން މާކެޓަށް ނެރުނީމާ ވާދަނުކުރެވެނީ. މިސާލަކަށް 120ރ. އަށް ވިއްކާ ސެންސޮޑައިން ފުޅި އެހެން ފިހާރައެއްގައި ހަމަ އެ ނަމުގައި އެ ލޭބަލް ޖަހައިގެން އެބަ ވިއްކާ 50ރ. އަށް ވުރެ ދަށުން. ދެން ގިނަ ކަސްޓަމަރުންނަކީ ކޮލިޓީ އަށް ވުރެ އަގަށް ވިސްނާ ބައެއް. އަގު ހެޔޮ ވީމާ ގަންނަނީ. ނުބަލާ އެއީ އަސްލެއްތޯއެއް. ކޮލިޓީއަކަށް. ގިނަ ފަހަރަށް ހަނދާނެއް ނުހުންނާނެ އެކްސްޕަޔަރީ ޑޭޓް ވެސް ބަލާލަން،” ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ހަމައެކަނި ދަތް އުނގުޅާ ބޭސް ފަދަ އުފެއްދުންތައް އެކަންޏެއް ނޫނެވެ. ކޮސްމެޓިކްސް އާއި ކާން ބޭނުންކުރާ ސާމާނުގައި ވެސް ކަން ވަނީ މި ގޮތަށެވެ. އޭގެ އެއް މިސާލަކީ މައިލޯ ފަދަ ދަޅުގައި ބަންދުކޮށްފައި ހުންނަ ބްރޭންޑްތަކުގައި ވެސް ކޮލިޓީ ތަފާތުވުމެވެ. ވަކި ފިހާރައެއްގައި ވިއްކާ ބައެއް ބްރޭންޑްތަކުގައި ރަހަލާ މިންވަރު ދަށްވުމާއި ރަހަ ތަފާތުވުމަކީ އާންމުކޮށް ފާހަގަކުރެވޭ ކަންކަމެވެ. 

ކުންފުނިތަކުން އުފެއްދުންތައް ހަދަނީ އެކި މާކެޓްތަކަށް އެކި ފެންވަރުގައެވެ. ކާބޯތަކެއްޗާއި ހިފާ ގެންގުޅޭ ސާމާނާއި ބޭސް ފަދަ ތަކެތި އުފައްދާ ކުންފުނިތަކުން ވެސް މި އުސޫލްތައް ގެންގުޅެއެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް އެކި ބްރޭންޑްތައް ނަކަލުކޮށްގެން ވިއްކާ ކުންފުނިތައް ވެސް އުޅެއެވެ. ރާއްޖޭގެ މަކެޓްގައި ވެސް މި އުފެއްދުންތައް ދައުރުވެއެވެ. 

ތަކެތީގެ ކޮލިޓީ ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުމުންނާއި ގާނޫނީ އޮނިގަނޑު ބަލިކަށިވުމުން އެފަދަ އުފެއްދުންތައް ރާއްޖޭގައި މާކެޓްކޮށް ވިއްކުމުގައި މާ ބޮޑު އުނދަގުލަކަށް ނުވާތީ އެކަން ކުރާ މަޝްހޫރު ބޮޑެތި ވިޔަފާރި ކުންފުނިތައް އެބަ ހުއްޓެވެ. ބައެއް ވިޔަފާރިތަކަކީ ފޭކް މުދާ ވިއްކުމުގައި ނަން މަޝްހޫރު ތަންތަނެވެ.

“ބަޔަކު އެބަ އުޅޭ ހަމަ މުޅި މާކެޓް ގަޑުބަޑުކުރާ މީހުން. އެ މީހުން ނުބަލާ އާންމު މީހާ އަށް ލިބޭ ގެއްލުމަށް. މީހަކު ރަނގަޅު އުފެއްދުމެއް މާކެޓަށް ނެރުނަސް މި ހަދާ ގޮތަކީ އޭގެ ފޭކް ނުވަތަ ކޮލިޓީ ދަށް އުފެއްދުން މާކެޓަށް ނެރެ އަގު ވައްޓާލަނީ. ލޭބަލް އެކައްޗަކަށް ވީމާ މީހުންގެ ސިކުނޑިއާ ކުޅެލަނީ. ދެން އެއްކަލަ ކޮލިޓީ އުފެއްދުން ގެންނަ މީހާ އަށް މަޖުބޫރު މި ވަނީ މާކެޓްގައި ވާދަކުރަން ބޭނުން ނަމަ ކޮލިޓީ ދަށް އުފެއްދުމަށް ބަދަލުކޮށްލަން. ނަތީޖާއަކަށް ވަނީ ވަރަށް އަވަހަށް އެ ކޮލިޓީގެ އުފެއްދުން މާކެޓުން ގެއްލުން،” މާކެޓް އެނަލައިޒްކުރައްވާ ތަޖުރިބާކާރަކު ވިދާޅުވިއެވެ. 

ރާއްޖޭގެ މާކެޓްގައި ކޮލިޓީ ދަށް އުފެއްދުންތަކާއި “ފޭކް” މުދާ އިންތިހާ އަށް ގިނަ

ރާއްޖޭގެ މާކެޓްގައި ކޮލިޓީ ދަށް އުފެއްދުންތަކާއި “ފޭކް” މުދާ އިންތިހާ އަށް ގިނައެވެ. ބައެއް ބޮޑެތި ވިޔަފާރިވެރިންނަކީ މި ރޮނގުން އަރާ ތިބި ބައެކެވެ. ތަނަކު އުފެއްދުމެއް ފެންނަ އިރަށް އޭގެ ނަކަލު ނުވަތަ ކޮލިޓީ މުދާ މާކެޓަށް “ފްލަޑް” ކޮށްލައެވެ. ބޭނުމަކީ ކޮލިޓީ ރަނގަޅު މުދާ އެތެރެކުރާ މީހާ އިނދަ ޖައްސާލުމެވެ. އެހެންކަމުން ރަނގަޅު ފެންވަރުގެ މުދާ ގަންނަން ބޭނުންވާ މީހާ އަށް ވެސް އެފުރުސަތު ހަނިވެގެން ދެއެވެ.

މި ޓްރެންޑްގެ ސަބަބުން ވަކި ބަޔަކަށް ނޫނީ މާކެޓްގައި ހިފަހައްޓާލުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. މީގެ ސަބަބުން ނެތިދަނީ ހަމައެކަނި ވާދަވެރިކަމެއް ނޫނެވެ. އަދި ގެއްލުން ވަނީ އެފަދަ ފެންވަރު ރަނގަޅު މުދާ އެތެރެކުރާ ފަރާތްތަކަށް އެކަންޏެއް ވެސް ނޫނެވެ. އޭގެ ސަބަބުން ދިވެހިންގެ ސިއްހަތު ވެސް ނުރައްކަލުގެ ތެރެއަށް މިވަނީ ހުށަހެޅިފައެވެ.

މުދަލުގެ، ހާއްސަކޮށް ކާބޯތަކެތީގެ ފެންވަރު ބެލޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުން ސިއްހަތަށް ނުރައްކާ އެތައް މާއްދާތަކެއް އެކުލެވޭ އުފެއްދުންތައް ރާއްޖޭގެ މާކެޓްގައި ދައުރު އެބަވެއެވެ. ނަތީޖާއަކަށް ވަނީ ދިވެހިންގެ މެދުގައި ގައިން ގަޔަށް ނާރާ ކެންސަރާއި ހިތުގެ ބައްޔާއި، ޑައިބެޓީސް ފަދަ ބޮޑެތި ބަލިތައް އިންތިހާ އަށް އިތުރުވުމެވެ.

މިއީ ބަދަލުވާންޖެހޭ ކަމެކެވެ. ކަމާ ބެހޭ ފަރާތްތަކުން ސަމާލުކަން ދީ ނިޒާމެއް ގާއިމުކުރަންޖެހެއެވެ. ގާނޫނީ އޮނިގަނޑު ވަރުގަދަކޮށް، ފޭކް މުދާ ނުވަތަ ކޮލިޓީ ދަށް މުދާ މާކެޓްގައި ޑޮމިނޭޓްކުރުން ހުއްޓުވަންޖެހެއެވެ. އަދި ފެންވަރު ރަނގަޅު މުދާ ވިއްކާ ފަރާތްތަކަށް ހަމަހަމަ ގޮތެއްގައި މާކެޓްގައި ވާދަކުރެވޭނެ ނިޒާމެއް ގާއިމުކުރެވެންޖެހެއެވެ. 

ބައެއްގެ މާލީ މަންފާއަށްޓަކައި ދިވެހިންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ. ބޮޑެތި ބަލިތައް އިތުރުވުމަކީ ގައުމުގެ އިގްތިސާދަށް ވެސް ލިބޭ ގެއްލުމެކެވެ. ބަލި މީހުންނަށް ކުރަންޖެހޭ ހޭދަ އިތުރުވުމާއި މަސައްކަތްކުރާނެ އާބާދީ ނެތި ދިއުމަކީ ގައުމީ މައްސަލައެކެވެ

ރިއެކްޝަންސް
1
0
0
9
0
0
0