ރިޕޯޓް: ޓޫރިޒަމަށް ވާން މިއުޅެނީ ކިހިނެއް؟

15 މެއި 2024 - 13:34

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އެންމެ ފުރަތަމަ ބޯޑަރު ހުޅުވައިލި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ. ނަތީޖާއަކަށްވީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގެ ޓުއަރިޒަމް އިހުއޮތް ގޮތަށް ރުޖޫއަވުން އަވަސްވުމެވެ. އޭގެ ފަހުން ރާއްޖޭގެ ޓުއަރިޒަމް އަންނަނީ އާ ރެކޯޑްތައް ހަދަމުންނެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ފެށުން ރަނގަޅެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ލޯ ސީޒަންގެ ދަވަސްތަކުގައި މި ކުރިއެރުން ހިފެހެއްޓިދާނެ ހެއްޔެވެ؟

އިންޑިއާ ފަތުރުވެރިންގެ އަދަދުމަދުވުމުން ރާއްޖޭގެ ޓުއަރިޒަމަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެތަ؟

ކޮވިޑްގެ ބަލިމަޑުކަން މުޅިން ފިލައިގެން ނުދަނީސް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކު އަވަށްޓެރި ގައުމުތަކުގެ އެތައް ބަޔަކު ވެސް ރާއްޖެ އަށް މިސްރާބު ޖެހިއެވެ. އަދި މެދު އިރުމަތީ ގައުމުތަކުގެ ބޯޑަރުތައް މަޑުމަޑުން ހުޅުވާލަމުން އައި އިރު އެ ގައުމުތަކަށް އެތެރެވުމުގައި ކަނޑައެޅި އުސޫލެއްގެ ސަބަބަބުން ވެސް ރާއްޖެ އަށް ބާރު ބޮޑުވިއެވެ. 

advertisement

ޔޫއޭއީ އާއި ގަތަރު ފަދަ ބައެއް ސަރަހައްދުތަކަށް ވަކި ގައުމުތަކަކުން ނޫނީ މީހުން އެތެރެ ނުވެވޭ ގޮތް ހެދިއެވެ. މި އޮއިވަރުގައި އިންޑިއާ އިން ވެސް ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން އައެވެ. ކޮވިޑަށް މިދިޔަ އަހަރު ނިމުމާ ހަމައަށް އެއް ވަނާގައި އޮތީ ވެސް އިންޑިއާއެވެ.

އިންޑިއާގެ ފަތުރުވެރިންނާ އެކު މިދިޔަ އަހަރުގެ ފަހުކޮޅާ ޖެހެންދެން ރާއްޖޭގެ ޓުއަރިޒަމް ސީޒަނާއި ލޯ ސީޒަން ވެސް ދިޔައީ ވަރަށް ރަނގަޅަށެވެ. އެހެން ނަމަވެސް އެހާލަތު މިއަދު ބަދަލުވެދާނެ ކަމުގެ ކޮޅުމަތި މިހާރު ވަނީ ފެންނަން ފަށާފައެވެ. ރާއްޖޭގެ ސަރުކާރު ބަދަލުވެ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ގޯސްވުމާއި ސިޔާސީ ބައެއް ސަބަބުތަކާ ހުރެ އިންޑިއާގައި ރާއްޖެ ބޮއިކޮޓްކުރުމުގެ ކެމްޕެއިނެއް ފެށުމާ އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އަދި ކުރިން އެއް ނަންބަރުގައި ހިފަހައްޓަމުން އައި އިންޑިއާ މާކެޓް ވަނީ ފަހަތަށް ސޮއްސާލާފައެވެ.

އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ އިރު މި ފެށޭ ލޯ ސީޒަންގައި ރާއްޖޭގެ ޓުއަރިޒަމަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާކޮށްފައި ވެއެވެ. ގެސްޓް ހައުސް ހިންގުމުގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި ފަރާތަކުން ބުނީ ކުރިއަށް އޮތީ ދަތި ދުވަސްތަކެއް ކަމަށެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މި ވަގުތަށް ލޯ ސީޒަނަށް ހުރި އެޑްވާންސް ބުކިން ވަރަށް މަދު ކަމަށާއި ދަތި ދުވަސްތަކެއް ބޯމަތިވަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެ އަށް އިންޑިއާ އިން އެކަނި ވެސް 200،000 އަށް ވުރެ ގިނަ ޓުއަރިސްޓުން ޒިޔާރަތްކުރިއެވެ. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ 47000 ޓުއަރިސްޓުންނެވެ. މި އަދަދުތަކަށް ބަލާއިރު މިއަހަރު އެއާ ގާތްކުރާ މިންވަރަށް ވެސް އިންޑިއާ އިން ޓުއަރިސްޓުން ޒިޔާރަތްކުރާނެ ކަމަކަށް ނުބެލެވެއެވެ. 

ކޮވިޑްގެ ފަހުން ފުރަތަމަ ފަހަރަށް މި އަހަރުގެ ތެރޭގައި ޗައިނާ އިން ރާއްޖެ އަށް ފްލައިޓްތައް ވަނީ ފަށާފައެވެ. އަދި މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓުއަރިސްޓުން އައިސްފައި ވަނީ ވެސް ޗައިނާ އިންނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޗައިނާގެ 90،000 އަށް ވުރެ ގިނަ މީހުން ރާއްޖެ އައިސްފައި ވެއެވެ.

އަހަރުގެ ފުރަތަމަ ފަސް މަހެއްހާ ދުވަހު ބޮޑު ކުރިއެރުމެއް ރާއްޖެ އަށް ހޯދިއްޖެއެވެ. މި އަހަރުގެ ޓާގެޓަކީ ދެ މިލިއަން ޓުއަރިސްޓުން ގެނައުމެވެ. ނިމިދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ތެރެއިން 40 ޕަސެންޓް ގެނެވިއްޖެއެވެ. ނަމަވެސް ނިމިދިޔައީ ސީޒަނެވެ. ޔޫރަޕްގެ މާކެޓްތައް ވެސް ވަރަށް ރަނގަޅެވެ. ރަޝިޔާ އާއި އިޓަލީގެ މާކެޓް ވެސް ކުރިއަށް ވުރެ ރަނގަޅެވެ. އެހެން ނަމަވެސް މިއީ ސީޒަނަލް މާކެޓްތަކެކެވެ. މިއީ އަހަރުގެ ކުރީކޮޅާއި ނިމޭ ކޮޅުގެ މާކެޓްތަކެވެ.

ރަޝިޔާ މާރކެޓްގައި ރާއްޖޭގެ ވަރުގަދަ އޮޕަރޭޓަރަކު ވިދާޅުވިގޮތުގައި، ރާއްޖޭގެ ބޭންކުތަކުން ރަޝިޔާ އިން ލާރި ގެނައުމުގައި ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުން ވިޔަފާރިއަށް ބޮޑު ގެއްލުމެއް ލިބެމުންދާކަމަށާއި، ރާއްޖޭގެ މޫސުން އާދަޔާ ހިލާފަށް ވާރޭ ވެހުން ގިނަވުމުގެ ސަބަބުން ބުކިންތަކަށް އަސަރުކުރާކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޓްރެވެލް އެޖެންސީ ހިންގުމުގައި ހުރި ދަތި އުނދަގޫތަކުގެ ސަބަބުން, ރާއްޖެ ދޫކޮށް ގިނަ ޓުއަރ އޮޕަރޭޓަރުން ޑުބާއީ އަށް ދިއުމަކީ ވަރަށް ބޮޑު ގެއްލުމެއްކަމަށާއި، ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްގެން މިކަމަށް އަވަސް ހައްލެއް ހޯދުން މަޖުބޫރުކަމަށެވެ.

ދެ މިލިއަން ޓޫރިސްޓުން ގެނެވުނަސް ބެޑް ނައިޓްސް އިތުރު ނުވާނަމަ ކަންބޮޑުވާންޖެހޭ

ދެން އޮތީ މެދުއިރުމަތީގެ މާކެޓެވެ. އިންޑިއާ އާއި ޗައިނާއެކޭ އެއްގޮތަށް މެދު އިރުމަތީގެ މާކެޓް ވެސް މުހިންމެވެ. އެހެން ނަމަވެސް މިއީ ލަގްޒަރީ މާކެޓެވެ. އެހެން ކަމުން ކުދި ގެސްޓް ހައުސް ފަދަ ތަންތަނަށް ވުރެ މި މާކެޓްތަކަށް އިސްކަންދެނީ ބޮޑެތި ޓުއަރ އޮޕަރޭޓަރުންނެވެ. އިރުމަތީ އޭޝިޔާ އަށް ވެސް އަމާޒު ހިފަންޖެހެއެވެ. 

ލޯ ސީޒަންތަކުގައި މީގެ ކުރިން މެލޭޝިޔާ، ތައިލެންޑާއި، ފިލިޕިންސް އަދި ވިއެޓްނާމް ފަދަ މާކެޓްތައް މުހިންމު ދައުރެއް އަދާކޮށްފައި ވެއެވެ. ހާއްސަކޮށް ގްރޫޕް ޓުއާސްތަކެވެ. އެހެން ނަމަވެސް ކޮވިޑަށް ފަހު މި ސަރަހައްދާއި ރާއްޖެއާ ދެމެދު ވެސް އެކަށީގެންވާ އަދަދަކަށް ފްލައިޓްތައް ފަށާފައެއް ނުވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އާ އެއާލައިންތަކުން ދަތުރުތައް ފަށާނެ ކަމަށް ބެލެވެއެވެ.

ރާއްޖެއަށް 2019 ވަނަ އަހަރު 1,702,887 މިލިއަން ޓޫރިސްޓުން އައި ނަމަވެސް މިދިޔަ އަހަރު ވަނީ 1,878,543 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. ރާއްޖޭގެ ޓޫރިޒަމްގައި 2019 ވަނަ އަހަރު 47,274 އެނދު ހުރި ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް ވަނީ އެނދު ހުރި އަދަދު އިތުރުވެފަ އެވެ. 

އެ ގޮތުން 14,288 އެނދު އިތުރު ވެފައި ވެއެވެ. ރާއްޖޭގައި 2019 ވަނަ އަހަރު 10.6 މިލިއަން ރޭ ޓޫރިސްޓުން މަޑު ކުރިއިރު މިދިޔަ 2023 ވަނަ އަހަރު ޓޫރިސްޓުން މަޑު ކޮށްފައި ވަނީ 13 މިލިއަން ރެ އެވެ. އަދި 2019 ވަނަ އަހަރު 6.3 ރޭ ރާއްޖޭގައި ޓޫރިސްޓުން މަޑު ކޮށްފައި ވާއިރު މިދިޔަ އަހަރު މަޑުކުރީ 7.6 ރެ އެވެ. ދެ މިލިއަން ޓޫރިސްޓުން ގެނެވުނަސް ބެޑް ނައިޓްސް އިތުރު ނުވާނަމަ މިއީ ކަންބޮޑުވާންޖެހޭ ވަރުގެ ބަދަލެކެވެ.

 ލޯ ސީޒަންގެ އަންދާޒާތަކުން މިހާތަނަށް ފެންނަނީ މާޔޫސް ކަން

ކުރިއަށް އޮތް ލޯ ސީޒަންގެ އަންދާޒާތަކުން މިހާތަނަށް ފެންނަނީ މާޔޫސް ކަމެވެ. ސެޕްޓެމްބަރު މަހާއި ޖެހެންދެން ކޮޓަރިތައް ފުރާނެ ގޮތެއް ހޯދަންޖެހެއެވެ. ޓޫރިޒަމްގެ އަސްލަކީ ވައިގެ ދަތުރު ފަތުރުގެ ނެޓްވާރކެވެ. ރާއްޖެއިން މުހިންމު މަންޒިލްތަކަށް ސީދާ ދަތުރު ކުރުން އިތުރުކުރަންޖެހެއެވެ. ވާދަވެރި އެހެން ގައުމުތަކާއި ބަލާއިރު ރާއްޖެއަށް ދަތުރުކުރާ އެއާލައިނުތަކުން ޗާޖުކުރާ އަދަދު ބިރުން ފިތްކަނޑަައިގެންދާވަރަށް މައްޗެވެ. 

މިކަމަކީ ސަރުކާރާއި އެމްއޭސީއެލްއިން އެއާލައިންތަކާ އެކު މަސައްކަތް ކޮށްގެން ހައްލު ކުރެވިދާނެ ކަމެެކެވެ. ބޭކާރު މާކެޓުތަކަށް އެއަރޕޯޓް ލޭންޑިން ޖާގަތަށްދީގެން ފުރާލުމަށްވުރެ, ރޭވިގެން ގިނަ މުހިންމު މާކެޓްތަކަކަށް އަދި އެއަރލައިން ތަކަކަށް ޖާގަތަށް ކަށަވަރުކޮށްގެން ނޫނީ ޓޫރިޒަމް ފުޅާކުރެވޭކަށެއް ނެތެވެ. މިސާލަކަށް ރާއްޖެއާ ލަންކާއާ ދެމެދު ދުވާލަކު 10 ފްލައިޓް ބޭއްވުމަކީ ހަމެޖެހޭ ކަމެއް ނޫނެވެ.

ދެންއޮތީ އެންމެ ބޮޑު ސުވާލެވެ. ގެސްޓްހައުސް ތަކާހެދި ރިސޯޓްތަކަށް ގެއްލުންވާ ވާހަކައެއެވެ. ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޮތަސް މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ. ލަގްޒަރީ ރިސޯޓަކަށް އަންނަން ބޭނުންވާ މީހަކު ގެސްޓްހައުސްއަކަށް ނުދާނެއެވެ. ނަމަވެސް ޑެސްޓިނޭޝަން މާކެޓުކުރުމުގައި ލަގްޒަރީ ޓޫރިޒަމް އާއި ލޯކަލް ޓޫރިޒަމް ވަކިން މާރކެޓްކުރުން މުހިންމެވެ. 

އަދި އެއަރ ލައިންތަކަށް ޖާގަ ދިނުމުގައި ލަގްޒަރީ އަދި  ބަޖެޓް އެއަރލައިންތައް އެނދު އަދި އާމްދަނީގެ ނިސްބަތުން ވަކި އުސޫލުތަކެއްތެރޭގައި ހިފެހެއްޓުން މުހިންމެވެ. ގެސްޓުހައުސްގެ ނަމުގައި ދިހަ ފަނަރަ ބުރިއަށް އިމާރާތްކުރުން މިއީ މިހާރުން މިހާރަށް ހުއްޓުވަންޖެހޭ ކަމެކެވެ. ލޯކަލް ޓޫރިޒަމްގެ އަސްލު ނަފާއޮތީ އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ފައިދާ އެންމެ ނިކަމެތި މީހާއަށްލިބޭގޮތަށް ފުޅާވުމެވެ. 

ލޯކަލް ޓޫރިޒަމްގެ ނަމުގައި މަދު ވިޔަފާރި ވެރިންތަކެއް މުޅި މާރކެޓް ކޮންޓްރޯކުރުމުން މިއީ ލޯކަލް ޓޫރިޒަމް އަސްލު ފުޅާކުރުމުގެ ހަގީގީ މަގްސަދާއި މުޅީން ހިލާފުކަމެކެވެ. މިއަދު ޓޫރިޒަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެންމެން ގުޅިގެން މަސައްކަތްތަކެއް މިއަދު ނުކުރެވިއްޖެނަމަ މާދަމާ ކުރާނެ ކަމެއް ނެތުން ގާތެވެ.

ރިއެކްޝަންސް
0
3
0
2
0
0
0