އަމިއްލަ ހިޔާލު: ކަރުދާހާއި ފޮތިކޮތަޅުން 2 ރުފިޔާ ނެގުން ހުއްޓުވަންޖެހޭ

22 މެއި 2024 - 15:11

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތުގެ ދަށުން ޕްލާސްޓިކް ކޮތަޅުން 2ރ. ނަގަން ފެށުމުން ގިނަ ބަޔަކު އޭރު ފާޑުކިޔެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެ ނިންމުން ނިންމީ ހަމައެކަނި ދައުލަތަށް އާމްދަނީއެއް ހޯދުމުގެ ނިޔަތަކު ނޫނެވެ. 

ކޮތަޅުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ދިގު ދެމިގެންވާ ގެއްލުން ކުޑަކުރުމަށާއި އޭގެ ސަބަބުން ކުރިމަތިވެފައިވާ އާންމު އުނދަގުލުން ވެސް ލުޔެއް ހޯދުމަށެވެ. ނަމަވެސް ސަރުކާރާ މެދު އާންމުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މިކަން ވަރަށް ބޮޑު ކަމަކަށް ހަދައިގެން އެ ވާހަކަ ވިއްކިއެވެ.

advertisement

ބަޒާރަށް ދާއިރު ތަކެތި އުފުލާނެ ގޮތެއް ހޯދުމަކީ އެ މީހެއްގެ ޒިންމާއެއް

ރަބަރު ކޮތަޅަކީ މީގެ ކުރިން ފިހާރަތަކުން “ހިލޭ” ދޭ އެއްޗެކެވެ. މާނައަކީ ކޮތަޅަށް ވަކިން ބިލުގައި އަގު ޖަހައިގެން ނަގާފައެއް ނުވެއެވެ. ނަމަވެސް ކޮތަޅަށް ވަކިން 2ރ. ނަގަން ނިންމުމުން ފުރަތަމަ ކޮޅުގައި އާންމުންގެ ވެސް ކަންބޮޑުވުންތައް ހުއްޓެވެ. އެ ގޮތުން ކޮންމެހެން ކޮތަޅަށް އަޅަންޖެހޭ ކާޑުގެ ބާވަތްތަކާއި ރޯ މަހާއި އެ ނޫން ވެސް ބާވަތްތަކުގެ އަގަށް 2ރ. އިތުރުވި ކަމުގެ ޝަކުވާ އޮތެވެ. 

އަދި ކުނި އުކާލުމަށް ބޭނުންކުރާ ކޮންމެ ކޮތަޅަކުން 2ރ. ދެއްކުމަކީ މަހެއްގެ މައްޗަށް ބަލާއިރު އާންމު މީހާގެ ބިލުތަކަށް އިތުރުވާ އަދަދެކެވެ. އެއީ އޭރު އެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އެކަން ކަމަށް ވިސްނައި އިސްތިސްނާތަކެއް ކަނޑައަޅާފައި ނެތުމުންނެވެ.

ކޮތަޅުން 2ރ. ނަގަން ފެށުމާ އެކު އުފެދުނު ޝަކުވާތަކަށް މަޑުމަޑުން ހައްލު ލިބެން ފެށިއެވެ. ކުރިން ކޮންމެ އެއްޗެއް ގަތަސް ދޭ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި އާންމުން ވެސް ބާޒާރުކުރަންދާ އިރު ކަރުދާހާއި ފޮތި ކޮތަޅު ފަދަ އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކޮތަޅު ހިފައިގެންދާން ފެށިއެވެ. މިއީ ތަހުޒީބީ މުޖުތަމައުތަކުގައި ވެސް މިކަން އޮންނަ ގޮތެވެ. ބަޒާރަށްދާ އިރު އެ ތަކެތި އުފުލާނެ ގޮތެއް ހޯދުމަކީ އެ މީހެއްގެ ޒިންމާއެކެވެ. އެއީ ފިހާރަތަކުގެ މައްޗަށް މަތިކޮށްފައި ނުވަތަ ހިލޭ ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި އޮތުމަކީ ހަމަޖެހޭ ކަމެއް ވެސް ނޫނެވެ.

ދައްކަން މިއުޅެނީ ކޮތަޅުން އަގު ނަގައިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމަށް ފަހު ވެރިކަމާ ހަވާލުވެ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގެން އެކަން ދަމަހައްޓާ ވާހަކައެއް ނޫނެވެ. އެއީ ސިޔާސީ ވާހަކައެކެވެ. ދައްކަން މިއުޅެނީ އެކަން ނިވާފަތްގަނޑަކަށް ހަދައި ބައެއް ވިޔަފާރިވެރިން އޮޅުވާލުމެއްގެ ތެރެއިން ކޮތަޅަށް އަގު ނަގާ މައްސަލައެވެ.

ޕްލާސްޓިކް ކޮތަޅުން 2ރ. ނަގަން ފެށުމާ އެކު ބައެއް ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ދޫކޮށްލިއެވެ. އެއީ ގާނޫނު އޮތް ގޮތުން އެ މީހުންނަށް ވެސް ހިސާބު ކިތާބު ބެލެހެއްޓުމަށް ދަތިތަކެއް ހުރުމާއި އަދި އެކަމުން އެ މީހުންގެ ވިޔަފާރި އަށް ލިބޭ މަންފާ އިން ބައެއް އުނިވާ ކަމަށް ގަބޫލުކުރެވިގެންނެވެ. 

އޭގެ ބަދަލުގައި ފިހާރަތަކުން ދެން ދޫކުރަން ފެށީ ފޮތި ނުވަތަ ރަބަރު ނޫން އެހެން މާއްދާތަކުން އުފައްދާފައި ހުންނަ ކޮތަޅެވެ. ނަމަވެސް ގިނަ ފިހާރަތަކުން ކުރިއާ ހިލާފަށް އެ ކޮތަޅުން ވެސް 2ރ. ނަގަން ފެށިއެވެ. ބައެއް ތަންތަނުން 1ރ. ވެސް ނަގައެވެ. ބައެއް ބޮޑެތި ސުޕަ މާޓްތަކުން އެ ގޮތަށް ފައިސާ ނަގަން ފެށުމުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އެކަން ހުއްޓައި ވެސް ލިޔެއެވެ. ނަމަވެސް އަދިވެސް ބައެއް ތަންތަނުން އެކަން އެ ގޮތަށް ކުރެއެވެ.

ގާނޫނާއި ގަވާއިދުގައިވާ ގޮތުން ކޮންމެ ކޮތަޅަކުން ދައުލަތަށް 2ރ. ދައްކަންޖެހެނީ ޕްލާސްޓިކް ކޮތަޅު ވިއްކާ ނަމައެވެ. އެހެން ބާވަތްތަކުގެ ކޮތަޅުން އަގު ނަގާ ނަމަ އެއީ ދައުލަތަށް ދައްކަން ނަގާ އަގެއް ނޫނެވެ. އެއީ އެ ވިޔަފާރި އަށް މަންފާ ހޯދުމަށް ކުރާ ކަމެކެވެ. ނުވަތަ އެ ފިހާރައަކުން ނުވަތަ ތަނެކުން ކުރާ ހޭދައިގެ ތެރޭގައި ހިމެނޭ ބައި ހޯދުމަށް މަންފާއަކާ އެކު ވިއްކާ އެއްޗެކެވެ. 

ޕްލާސްޓިކް ނޫން ބާވަތްތަކުގެ ކޮތަޅުން އަގު ނެގުމަކީ މިހާރު ކުރާ ވިޔަފާރިއެއް

މިއީ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. ދައުލަތަށް ދައްކަންޖެހޭ އެއްޗެއް ކަމަށް ސިފަކޮށް ޕްލާސްޓިކް ނޫން ބާއްވަތްތަކުގެ ކޮތަޅުން އަގު ނެގުމަކީ ކުރާ ވިޔަފާރިއެކެވެ. އަދި އެފަދަ ކޮތަޅުގައި އެ ފިހާރައެއް ނުވަތަ އެ ފިހާރައަކުން ވިއްކާ މުދަލެއް ޕްރޮމޯޓްކުރުމަށް ތަފާތު އިސްތިހާރުތައް ޖަހާފައި ހުރުމަކީ ވެސް ގޯހެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެއީ އެ ކޮތަޅަކީ އެ ވިޔަފާރިއެއް ނުވަތަ އެ އުފެއްދުމެއް ޕްރޮމޯޓްކުރުމަށް ބޭނުންކުރާ އާލާތަކަށްވާ އިރު އާންމު މީހާ އެއަށް އަގު ދައްކަންޖެހުމަކީ އިންސާފެއް ނޫން ކަމަށް އެ މީހުން ދެކެއެވެ.

އަނެއް ބަޔަކު ދެކޭ ގޮތުގައި ތަނަކުން ގަންނަ މުދަލެއް ގެއާ ހަމައަށް ގެނެވޭނެ ގޮތެއް ހޯދުމަކީ ވެސް ފަރުދީ ޒިންމާއެކެވެ. އެހެންކަމުން ބާޒާރުކުރަން ދާއިރު އަމިއްލަ އަށް އެކަމަށް ވިސްނައިގެން ގަންނަ ތަކެތި އުފުލޭނެ ގޮތެއް ހަމަޖައްސައިގެން ދިއުމުން ކޮތަޅަށް ކުރަންޖެހޭ ހޭދަ ކުޑަވާނެއެވެ. އެހެން ނަމަވެސް ރާއްޖޭގައި ބައެއް ފިހާރަތަކުގައި ކަސްޓަމަރުގެ ހުއްދައާ ވެސް ނުލައި ކޮތަޅުން އަގު އެބަ ނަގައެވެ. 

ހާއްސަކޮށް ފޮތިކޮތަޅުންނެވެ. ބިލުގައި އެބައި ހިމަނާފައި ހުރެއެވެ. ނަމަވެސް ފޮތި ކޮތަޅުން އަގު ނަގާކަން ކަސްޓަމަރަށް ނޭނގޭތީ އަތުގައި ކޮތަޅެއް އޮތަސް ހިލޭ ލިބޭ އެއްޗެއް ކަމަށް ބަލައި ފިހާރައިން ދޭ ފޮތިކޮތަޅު ހިފައިގެން އަންނަނީއެވެ. ކޮތަޅުގެ އަގު ބިލުގައި އޮތްކަން ގިނަ މީހުންނަށް ނޭނގެއެވެ.

ތިމާވެށީގެ ވިސްނުމަކުން ވިސްނާ ނަމަ މިއީ 2ރ. އަށް ޕްލާސްޓިކް ކޮތަޅު ވިއްކުމަށް ވުރެ ރަނގަޅު ގޮތެއް ކަމުގައި ބަޔަކަށް ހީވެދާނެއެވެ. އެހެން ނަމަވެސް މިއީ އޮޅުވާލުމެއްގެ ތެރެއިން ކުރާ ކަމަކަށް ވުމުން ވިޔަފާރީގެ މިންގަނޑުތަކާ އެބަ ހިލާފު ވެވެއެވެ. ކޮންމެ މުދަލެއް ވިއްކިޔަސް އެއިން ނަގާ އަގު ކަސްޓަމަރުންނަށް އެނގެންޖެއެވެ. 

އޮޅުވާލުމުގެ ތެރެއިން ފޮތިކޮތަޅަށް ނޫނީ ކަރުދާސް ކޮތަޅަށް އަގު ނެގިގެން ނުވާނެއެވެ. އެ އަށް އަގު ނަގާ ނަމަ އެކަން އަންމުކޮށް އެނގޭނެ ގޮތެއް އެ ތަނެއްގައި ފެންނަން ހުންނަން ވާނެއެވެ. ނުވަތަ ކަސްޓަމަރުންނަށް އެކަން އޮޅުން ފިލުވައި ދޭންޖެހޭނެއެވެ. ކޮތަޅަށް އަގު ވެސް ނަގަންވީ އެވެ. ނަމަވެސް އޮޅުވާލުމެއްގެ ތެރެއިން އެކަން ނުކުރާށެވެ

ރިއެކްޝަންސް
1
0
1
0
0
0
0