އަމިއްލަ ހިޔާލު: ކެންސަރު ހޮސްޕިޓަލެއްގެ މުހިންމުކަން ބޮޑު!

23 މެއި 2024 - 13:14

ސޯޝަލް މީޑިއާގެ ތެރެއިން ކެނޑިނޭޅި ފެންނަ ޕޯސްޓްތަކުގައި ފާހަގަވާ އެއް ކަމަކީ ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ކަންބޮޑުވާ ދަރަޖަ އަށް އިތުރުކަމެވެ. ތަފާސް ހިސާބުތަކުން ވެސް ދައްކަނީ އެ ގޮތަށެވެ. އާބާދީގެ ނިސްބަތުން ކެންސަރުގެ އެކި ވައްތަރުތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަ ކަމެވެ. އެހެން ނަމަވެސް އެކަމަށް ރާއްޖެއިން މާ ބޮޑު ފަރުވާއެއް ދެވޭކަށް ނެތެވެ.

އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި ކެންސަރު ބައްޔަށް ޝައްކުވެގެން 66،000 އަށް ވުރެ ގިނަ މީހުން ސްކްރީންކޮށްފައި ވެއެވެ. މީގެ ތެރެއިން ބައްޔަށް ފަރުވާ ހޯދި މީހުންގެ ސީދާ އަދަދު މުޅިން ސާފު ނުވި ނަމަވެސް ގާތްގަނޑަކަށް 10،000 ވަރަކަށް މީހުން ކެންސަރު ބަލީގެ ފަރުވާ ހޯދާފައިވާ ކަމަށް ބެލެވެއެވެ. އަދި ސްކްރީނިންގނާއި ފަރުވާ އަށް އެކު ޖުމްލަ ބައި ބިލިއަނެއްހާ ރުފިޔާ ހޭދަވެފައި ވެއެވެ.

advertisement

ކެންސަރު ޖެހުމަށް މަގުފަހިވާ އެތައް ކަމެއް

ކެންސަރު ޖެހުމަށް މަގުފަހިވާ އެތައް ކަމެއް ރާއްޖޭގެ މުޖުތަމައުއިން ފާހަގަކުރެވެއެވެ. ތަކުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ކެންސަރަށް މަގުފަހިވާ އެތައް ކަމެއް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރޭގައި އެބަހުއްޓެވެ. އަދި މީގެ ތެރޭގައި ތިމާ އަމިއްލަ އަށް ދިރިއުޅުން ބައްޓަންކުރާ ގޮތުގެ ސަބަބުން މަގުފަހިވާ ކަންކަމާއި ތިމާގެ މާ ބޮޑު އަމިއްލަ ބާރެއް ނެތި އެ ކަމަށް ހުޅުވިފައިވާ ދޮރުތައް ވެސް ގިނައެވެ. 

އޭގެ ތެރޭގައި ކެންސަރަށް މަގުފަހިވެދާނެ ގޮތް ބާވަތް ނޭނގޭ ކާނާގެ ބާވަތްތައް މާކެޓްގައި ގިނަވުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި އުފެދޭ ދުމާއި، ޖައްވު ނުސާފުވުމާއި ކާބޯތަކެތި ހެއްދުމާއި ގެންގުޅުމުގައި ކެމިކަލް ބޭނުންކުރުމާއި މިހެން ގޮސް އެތައް އެތައް ކަމެއް މި މުޖުތަމައުގައި ވަނީ އާންމުވެފައެވެ. ހިތާމައަކީ މިއިން ކަމަކަށް ހައްލު ހޯދުމަށް މިހާތަނަށް މާ ބޮޑު ކަމެއް ކުރެވިފައި ނެތްތަނުގައި އެކަމަށް ފަރުވާއެއް ދެވޭނެ މަގެއް ވެސް ތަނަވަސްކޮށްދެވިފައި ނުވުމެވެ.

ނިމިދިޔަ ސަރުކާރުގައި އިންޑިއާގެ އެހީގައި ލ. އަތޮޅުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ނިންމިއެވެ. މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް ސަރުކާރު ނިމިދިޔައީ އެކަމަކުގައި އަމަލީ ސިފައެއް ނުޖެހިއެވެ. އަލަށް އައި ސަރުކާރުން ނިންމާފައި ވަނީ އެ ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރުމަށެވެ. އެހެން ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް އަދި ނުފެށެ އެވެ. އަދި ފެށޭނެ ދުވަހެއް ވެސް ނޭނގެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ދެނެގަނެ އަދި އެކަމަށް މަގުފަހިވާ ކަންކަން ދެނެގަތުމަށް އެކަށީގެންވާ ދިރާސާއެއް ރާއްޖޭގައި މިހާތަނަށް ހެދިފައެއް ނުވެއެވެ. އެހެން ނަމަވެސް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ މިހާރު ވަނީ އެފަދަ ދިރާސާއެއް ހެދުމަށް ނިންމާފައެވެ. މިހާރު ލިބެން ހުރި ތަފާސް ހިސާބުތަކުން ވެސް ކެންސަރު ބަލި އިތުރުވަމުން އަންނަކަން ވަނީ ފަހަގަކުރެވިފައެވެ. 

ބަލިމީހާ ފަރުވާ ހޯދަން ދާންޖެހެނީ ރާއްޖެއިން ބޭރަށް

ކެންސަރު ބައްޔަށް ފަރުވާކުރާ އެތައް ބަޔަކު ތިބި ނަމަވެސް އެ ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރުން ރާއްޖޭގައި މަދެވެ. ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުން ނަމަ ތިބީ ތިން ޑޮކްޓަރުންނެވެ. ވަސީލަތްތަކެއް ނެތެވެ. އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލްގައި އޮންކޯ ސެންޓަރެއް ހިންގައެވެ. އެހެން ނަމަވެސް ބަލިމީހާ ފަރުވާ ހޯދަން ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ. އެހެން ކަމުން ދައުލަތުގެ އިތުރުން އަމިއްލަ ޖީބުން ވެސް މި ކަމަށް ކުރަންޖެހޭ ހޭދަ އިންތިހާ އަށް ބޮޑެވެ.

ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ހުރި ދަތިތައް ފާހަގަކުރައްވައި ކެއާ ސޮސައިޓީގެ ފައުންޑަރު ފާތުމަތު އާފިޔާ ދާދި ފަހުން ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި މުހިންމު މެސެޖްގައި ވިދާޅުވެފައި ވަނީ އޭނާ އޭނާގެ އުރަމަތީގެ ކެންސަރު ފެތުރުމުގައި ރާއްޖެ އިން ކުރަންޖެހޭ ޓެސްޓްތަކަށް ހޭދަވި މުއްދަތު ހިމެނޭ ކަމަށެވެ. 

އެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ތިން ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް އާއި ޓްރީޓޮޕް އަދި އޭޑީކޭ އިން ޓެސްޓްތައް ހެދުމަށް ގިނަ ދުވަސްތަކެއް ހޭދަވިކަން އޭނާ ފާހަގަކުރެއްވިއެވެ. ކެންސަރު ފެތުރިފައިވާ މިންވަރު އެނގުނީ އާސަންދަ ހަމަޖެހި ރާއްޖެއިން ބޭރުން ޓެސްޓްކުރުމުން ކަމަށާއި އެފަދަ ކަންކަން ރާއްޖެއިން އަވަހަށް ކުރެވޭނެ ގޮތްވުމަކީ ބަލި އަވަހަށް ދެނެގަނެވި ބޮޑަށް ނުފެތުރެނީސް ފަރުވާ ހޯދުމަށް ހުޅުވޭ ދޮރެއް ކަމަށް އާފިޔާ ވިދާޅުވިއެވެ.

“ކެންސަރު ބަލި މީހުންނަށް ހާއްސަ ފަރުވާ ދެވޭނެ ހޮސްޕިޓަލެއް ރާއްޖޭގައި އެޅުން މުހިއްމެވެ. އައިޖީއެމްއެޗްގައި މިހާރު މަދު ހިދުމަތްތަކެއް ކެންސަރު ބަލި މީހުންނަށް ލިބެއެވެ. ވަރަށް ފަހުން ހެދުނު އޮންކޮލޮޖިސްޓް ޑިޕާޓްމަންޓެއް ހުރެ އެވެ. ހުޅުމާލެ ހޮސްޕިޓަލުން ވެސް ކީމޯތެރަޕީ ދެވޭ ގޮތަށް ހުރެއެވެ. މިއީ، ކުރިއާ އަޅާބަލާއިރު ކުރިއެރުމެކެވެ. އެހެން ނަމަވެސް، ހާއްސަ ޑޮކްޓަރުންނެއް ނުތިބެއެވެ. ހާއްސަ ހިދުމަތްތަކެއް ނެތެވެ،” އާފިޔާ ލިޔުއްވާފައި ވެއެވެ.

މިއީ ހަމައެކަނި އާފިޔާގެ ތަޖުރިބާއެއް ނޫނެވެ. އެތައް ހާސް ބަޔަކަށް ކުރިމަތިވެފައިވާ ކަމެކެވެ. ކެންސަރަށް ޝައްކުވެގެން ބަލި ދެނެގަތުމަށް ހޭދަވާ މުއްދަތު ދިގުލައިގެން ދިއުމަކީ ބަލި އިތުރަށް ހަށިގަނޑުގެ ތެރެއަށް ފެތުރެން ލިބޭ ފުރުސަތެކެވެ. އެތައް ބަޔަކަށް އެކަން ތަޖުރިބާކުރެވިފައި ވެއެވެ. ބަލީގެ ކުރީކޮޅު ފަރުވާ ހޯދުން ނަމަ ބަލި ފަސޭހަވާނެއެވެ. 

އެހެންކަމުން ކެންސަރު ހޮސްޕިޓަލެއްގެ މުހިންމުކަން އިންތިހާ އަށް ބޮޑެވެ. ކެންސަރު ބައްޔަށް ފަރުވާކުރެވޭނެ ހޮސްޕިޓަލެއް އެޅުމަށް ނުވަތަ އެފަދަ ތަނެއް ގާއިމުކުރުން އަވަސްކުރަންޖެހެއެވެ. އަދި އޭގެ ކުރިން ކުރެވެން ހުރި ކަންކަން ވެސް ކުރަންޖެހެއެވެ. އެ ގޮތުން ގާނޫނު ހަރުދަނާކޮށް ކާބޯތަކެތި ޓެސްޓްކުރެވޭނެ މަގު އަވަހަށް ތަނަވަސްކުރަންޖެހެއެވެ. ރާއްޖެ އަށް އެތެރެކުރާ ކާބޯތަކެތި ޓެސްޓްކުރުމަށް ލާޒިމްކުރުމަށް ގާނޫނު އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

“ރާއްޖެ އެތެރެކުރާ ކާބޯތަކެތި، ރާއްޖެ އެތެރެވާ ގޭޓާ ހިސާބުން އެމްއެފްޑީއޭއަށް ސާމްޕަލް ކަލެކްޓު ކުރަން ބާރު ލިބޭ. އެ ގާނޫނު އަންނަ ހިސާބުން [ކާބޯތަކެތި] އެތެރެކުރާ ފަރާތަށް އެންގޭ ސާމްޕަލް އެމްއެފްޑީއޭއަށް ފޮނުވަން. އޭގެ ތެރޭގައި ހަރަދުތައް ސަލާމަތްވުން އަދި ކަސްޓަމްސްގެ ތެރޭގައި ގިނަ ދުވަސްވުމުން އެ އަރާ ޖޫރިމަނާ ކުޑަކުރުން ހިމެނޭ،” މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވިއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0