ރިޕޯޓް: ހަކުރު ސަބްސިޑީއަށް އެތަށް ސަތޭކަ މިލިއަން، ވަގުތުން ހުއްޓާލަންޖެހޭ

3 ޖޫން 2024 - 14:19

ދިވެހިންގެ ތެރޭގައި އާދަޔާ ހިލާފަށް ބަރުދަން އިތުރުވެ، ސިއްހީ މައްސަލަތަށް އިތުރުވެ، ދައުލަތުން މިކަމަށް ކުރަންޖެހޭ ހޭދަ މިއޮތީ ނުރައްކާތެރި މިންވަރެއްގައެވެ. އަބަދުމެ ސަލާން ބުނަންޖެހުމާއި، އާސަންދައާއި ހޮސްޕިޓަލްތަކުގައި ހޭދަކުރާ ވަގުތު އިތުރުވެ، ގައުމުގެ އިޤްތިސާދު ހިންގުމުގައި ދިވެހިން ދައުރު ކުޑަވެ، މުޅި ރާއްޖޭގެ އިގްތިސާދު ބޭރު މީހުންގެ އަތްމައްޗަށް ފުރޮޅާލަމުންގޮސް ދިވެހިން ބާކީވެއްޖެއެވެ.

 ވިޔާނުދާ ދިރިއުޅުމުގެ އާދަކާދަ ތަކާއި، އަބަދުމެ ވޭޕް ތަކުގައި ތުންޖަހައިގެން އެދަމާ އެއްޗަކުންނާއި، ކަސްރަތެއް ނެތި ހައްދެއްނެތި ރެޔާ ދުވާލު ކާ ހެދިކާތަކުން ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވެ، އަބަދުމެ މަސްތުވާ ދިވެހިންދަނީ ގިނަވަމުންނެވެ. މީގެ އެންމެ ހެއްވާކަމަކީ ހަކުރު ފަދަ ނުރައްކާތެރި އެއްޗަކަށް ދައުލަތުން ކޮންމެ އަހަރަކު ކާޑު ސަބްސިޑީގެ ގޮތުގައި އެތަށް ސަތޭކަ މިލިއަނެއް ހަރަދު ކުރަމުން ގެންދާ ނުރައްކާތެރި ސިޔާސަތެވެ.

advertisement

ދިވެހިންގެ ލޭގެ ޕްރެޝަރާއި ހަކުރާއި ކޮލެސްޓްރޯލް ހުރީ ހުންނަން ވާވަރަށް ވުރެ މާ މަތީގައި

ތަފާސް ހިސާބުތަކާއި މިހާތަނަށް ހެދިފައިހުރި މަދު ސިއްހީ ދިރާސާއިން ފެންނަން އެއޮތީ އެވެ؛  ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން 2022 ވަނަ އަހަރު 15-39 އަހަރާ ދެމެދުގެ 3،000 އަށްވުރެ ގިނަ މީހުން ބައިވެރި ކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ދިވެހިންގެ ލެޔާއި ހަކުރާއި ކޮލެސްޓްރޯލް ހުރީ ހުންނަވާވަރަށް ވުރެ ހުރީ މާ މަތީގަ އެވެ.

މީގެ ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ވިދާޅުވަނީ ދިވެހިންގެ ގިނަ ބައެއްގެ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތެވެ. ހެލިފެލިވެ އުޅުން މަދުވުމާ ހަކުރު ހުންނަ ބާވަތްތައް ދިވެހިން ކެއުމުގައި ބޭނުން ކުރާ މިންވަރު މަތިވުމެވެ. ކޮންމެ ދުވަހަކު މޭޒުމަތީ ސަމުސާގެ ބައި ސަމުސާ ހަކުރުން އިންސާނަކަށް ފުދުނުނަމަ ވެސް ދިވެހިންގެ ގިނަ މީހުން ސައި ޖޯޑަކަށް ހަކުރުގެ އޮއްސާލަނީ އެ ކުރެވޭ ކަމުގެ ނުރައްކާ ވަޒަންކޮށް ނުލަ އެވެ. ހަކުރު ގިނަ އެނަރޖީ ޑްރިންކުތަކާއި ބަބުލްޓީތަކާއި ފޮނިކާތަކެތި މަޅާލަނީ ތަނެއް ދޮރެއް ނުބަލައި ބޮޑު ކޭމެއް ކާހެނެވެ. 

މީގެ މައިގަނޑު ސަބަބަކީ ހަކުރަކީ ރާއްޖޭގައި އަގެއް ނެތް ޗީޕް އެއްޗަކަށް ވުމެވެ. ކާޑުގެ ސަބްސިޑީގައި ހިމެނޭ ހަކުރަށް ސަރުކާރުގެ ބަޖެޓުން ދޭ ސަބްސިޑީއާއެކު ހަކުރު ކިލޯއެއް 5ރ. އަށް ލިބެން ހުރުމަކީ ދައުލަތުން ރައްޔިތުންނަށް ހަރާންކޯރުވުމެވެ. މި ސަބްސިޑީ ނެތް ނަމަ ހަކުރު ކިލޯއެއްގެ އަގު 17ރ. އިން މަތިވާނެ އެވެ. އަދި ނުވިތާކަށް ހަކުރުގެ މުސީބާތުން ދިވެހިން ސަލާމަތްކުރުމަށް އިތުރަށް ޑިއުޓީވެސް ނަގަންވީއެވެ. ކޮންމެ ހަކުރު ކިލޯއަކުން 12 ރުފިޔާ ދައުލަތުން ސަބްސިޑީ ކުރުމަކީ މިވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމެކެވެ. 


ރާއްޖޭގެ ކާޑުގެ ސަބްސިޑީ މިހާރު ދެމުންދާ ގޮތަށް ބަލާއިރު ސަބްސިޑީގެ ނިސޯބުން ބޮޑު ލުޔެއް އޮތް ކަމަށް ފެނެ އެވެ. އެވްރެޖުކޮށް އަހަރެއްގެ މައްޗަށް މިދިޔަ ފަސް އަހަރު ދުވަހަށް ބެލި ނަމަވެސް 250 – 300 މިލިއަން ހަމައެކަނި ކާޑުގެ ސަބްސިޑީއަށް ހޭދަ ކުރަން ޖެހިފައިވެ އެވެ. މީގެ ދެރަކަމަކީ ކާޑު ސަބުސިޑީ ލިބޭ ހަނޑުލަކީ ދިވެހިންގެ ގިނަ ބަޔަކު ކެއުމަށް ބޭނުންކުރާ އެއްޗަކަށް ނުވުމެވެ. ދިވެހިން މިހާރު ކަނީ ބާސްމަތީ ހަނޑުލެވެ. ފަލަ ހަނޑޫ ކޭ ޒަމާނަކީ މާޒީއެވެ.

އާޓިފިޝަލް ހަކުރުގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި ނުރައްކާތައް

އާޓިފިޝަލް އަދި ޕްރޮސެސްޑް ހަކުރުގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ އެވެ. އެއީ އިންސިއުލިން ރެސިސްޓެންސް އާއި ބަރުދަން އިތުރުވުމުގެ ސަބަބުން ފަލަވުމާއި މެޓަބޮލިކް ސިންޑްރޯމް އަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ހަކުރު ގިނައިން ބޭނުންކުރުމަކީ ހިތުގެ ބަލިތަކާއި، ނުބައި ކޮލެސްޓްރޯލްގެ މިންވަރު މަތިވުމާ ގުޅުން ހުރި ކަމެކެވެ. 

މާގިނައިން ފްރަކްޓޯޒް ބޭނުންކުރުމަކީ ނޮން އަލްކޮހޯލިކް ފެޓީ ލިވަރ ޑިޒީޒް އަށް މަގުފަހިވާ ކަމެކެވެ. ހަކުރުގެ ސަބަބުން ދަތުގެ ކެވިޓީސް އާއި ދަތްދޮޅީގެ ބަލިތައް ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އަދި އެޑިކްޓް ޕްރޮޕަޓީސް ވެސް ހުރުމުން ޑިޕްރެޝަން ފަދަ ނަފްސާނީ ސިއްހަތުގެ މައްސަލަތައް އިތުރަށް ގޯސްވެދާނެ އެވެ. މީގެ އިތުރުން ހަކުރު ގިނައިން ބޭނުންކުރުމަކީ ކެންސަރު ސެލް ބޮޑުވުމަށް ފަހި މާހައުލެއް ގާއިމްކޮށްދީގެން ކެންސަރުގެ ނުރައްކާ އިތުރުވެދާނެ ކަމެކެވެ. ހަކުރު ބޭނުންކުރުން މަދުކުރުމާއި މާމު އަދި މޭވާފަދަ ގުދުރަތީ ފޮނި އެއްޗެހި ކެއުމަކީ މިކަމަށް އޮތް ހައްލެވެ. 

ހަ އަހަރު ކާޑު ސަބްސިޑީގެ ހަރަދު

  • 2019 – 352 މިލިއަން
  • 2020 – 210 މިލިއަން
  • 2021 – 225 މިލިއަން
  • 2022 – 283 މިލިއަން
  • 2023 – 279.9 މިލިއަން
  • 2024 – 312 މިލިއަން

ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކުރި “ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް ރިޕޯޓް” އާބެހޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދެއްކެވި ބޭންކުގެ ސީނިއާ އިކޮނޮމިސްޓު ހިޑެކީ ހިގަޝީ ވިދާޅުވި ގޮތުގައި ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކަށް އެކަނި ބެލި ނަމަވެސް އާބާދީގެ ނިސްބަތުން ފަލަ މީހުން / އޮބޭސިޓީއަށް ގޮސް ބަރުދަން މަތި މީހުން އެންމެ ގިނަ ގައުމެވެ.

 މިކަން މަގުތަކަށް ނިކުމެލުމުން ފެނިގެން ދާނެއެވެ. އާދަޔާ ހިލާފަށް ފަލަވެ ފުރާނަ އަށް ނުރައްކާވެ ދައުލަތުން ކުރަންޖެހޭ ހަރަދު ގިނަވާނަމަ، މިއީ ފަރުދީ ކަމަކަށްވުރެ ޤައުމީކަމެކެވެ. ރާއްޖެ މިދަނީ ބަލިމީހުންގެ ރާއްޖެއަކާއި ދިމާލަށެވެ. މިއަދު މުހިންމު ފިޔަވަޅުތަކެއް ނެތްނަމަ، ޤައުމާއި ޤައުމިއްޔަތު ހިންގާ ދަމަހައްޓާނެ ދިވެހިންނެތި ގައުމުގެ ހުންގާނު އޮންނާނީ ބިދޭސީންގެ އަތްމަތީގައެވެ. ހިތްހަމަ ނުޖެހުނަސް މިއީ ހުއްޓާނުލާ ދައްކަންޖެހޭ ވާހަކައެކެވެ

ރިއެކްޝަންސް
1
1
0
4
1
0
0