އަމިއްލަ ހިޔާލު: ދިވެހި ކަނޑު ފަޅު މިޔަރުން ފުރި ބިރުވެރިކަމެއްގެ ތެރެއަށް!

4 ޖޫން 2024 - 15:43

މި ހަފުތާގައި އިވެގެންދިޔައީ މިޔަރުގެ ބިރުވެރި ހަމަލާއެއްގައި ދިވެހި އަސްކަރިއްޔާގެ ޒުވާނަކު ނިޔާވި ހަބަރެވެ. މިކަމަކީ މުޅިއަކުން ސިއްސައިގެންދިޔަ ހަބަރެއްނޫނެވެ. މިކަމަކީ ވާނެކަމަކަށްވުރެ ވާނީ ކޮންއިރަކުތޯ ސުވާލު އުފެދިފައި އޮތް ބިރުވެރި ނުރައްކާތެރި ވާހަކައެވެ. 2010 ވަނަ އަހަރު ކަނޑުތަކުން މިޔަރު ހިފުން މަނާކުރުމުގައި ހިކުމަތެއް އޮތެވެ. އެކަން ކުރަންޖެހުނީ އިންތިހާ އަށް ބޮއްސުންލާފައި އޮތް މިޔަރުގެ ވިޔަފާރީގެ ސަބަބުން މިޔަރުގެ އާބާދީ ނެތި ހިނގައިދާނެކަމުގެ ބިރު ހީވުމެވެ. 

ބާޒާރުގައި ރަނަށް ވުރެ އަގު ބޮޑު މިޔަރު އުރަހައިގެ ބޭނުމުގައި އެއްވެސް ބެލުމެއް ނެތި މިޔަރު ހިފުމުގެ ސަބަބުން މިޔަރުގެ ބައެއް ވައްތަރުތައް ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވުމަކީ އެ ފިޔަވަޅު އެޅުމަށް ސަރުކާރަށް މަޖުބުރުވި ސަބަބެވެ. އަދި ފަތުރުވެރިންގެ ސަމާލުކަން ހޯދުމަކީ ވެސް އޭގެ މަގުސަދެކެވެ. އޭގެ ފަހުން އަހަރުތަކެއް ފާއިތުވެއްޖެއެވެ. ހުރަހަ އާއި މިޔަރާ ގުޅުން ހުރި ވިޔަފާރިތައް އެއްކޮށް ހުއްޓުމަކަށް އައުމުން، ވަގަށް ވެސް އެކަން ކުރާނެ މީހަކު ނެތި ވެސް އަހަރުތަކެއް ވެއްޖެއެވެ.

advertisement

ސަރުކާރުން އަހަރުތަކެއް ކުރިން ނިންމި ނިންމުމުގެ ބަދަލު މިހާރު ލިބިއްޖެ

ސަރުކާރުން އެޅި އެ ފިޔަވަޅުގެ ނަތީޖާ ފެނުނުތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެ ނަތީޖާ ފޮނިތޯ ނުވަތަ ހިތިތޯ މިއަދު ސުވާލު އުފައްދާ ބަޔަކު އެބަ ތިއްބެވެ. މިއީ ފަހަރުގައި ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ މީހުން ގަބޫލުކުރަން ބޭނުން ކަމަށް ނުވެދާނެއެވެ. ނަމަވެސް ހަގީގަތަކީ ސަރުކާރުން އަހަރުތަކެއް ކުރިން ނިންމި ނިންމުމުގެ ބަދަލު މިހާރު ލިބިއްޖެ ކަމެވެ. 

އަދި ކޮންމެ ކަމެއްގައި ވެސް ހައްދެއް ހުދޫދެއް އޮންނަ ފަދައިން މިޔަރު ހިފުން މުޅިން މަނާކުރުމުގެ ނަތީޖާ ވެސް ރަނގަޅެކޭ ދެންނެވޭކަށް ނެތެވެ. އެހެން ނަމަވެސް މިޔަރު އެކްސްޕޯޓް ވިޔަފާރި މަނާކޮށްފައި ބޭއްވުމުން އެއީ އަދިވެސް ރަނގަޅުކަމެއްގެ ގޮތުގައި ފެނެއެވެ.

ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަވުމުގެ ޝަކުވާ އެތައް ބަޔަކު މިހާރު ދަނީ ކުރަމުންނެވެ. މި ވާހަކަ އާންމު ފަރުދުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވެސް ބައެއް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. ސޯޝަލް މީޑިއާ ބަލާލުމުން ކޮންމެ ދުވަހަކު ވެސް މި ޝަކުވާތައް ފެނެއެވެ. ހާއްސަކޮށް މަސްވެރިންގެ ފަރާތުންނެވެ. އޮޑިއަށް މަސް ނަގާ އިރު މިޔަރުގެ ޝިކާރަޔަކަށް މަސް ވެފައި އޮންނަ ފޮޓޯތައް އާންމުވެއްޖެއެވެ. މަސް އޮޑިޔަށް ނަގަނަގާ ހުއްޓާ ވެސް ކާލަނީއެވެ.

މީގެ ކުރިން ފުވައްމުލަކުގައި ހަރަކާތްތެރިވާ ގްރޫޕަކުން ވަނީ މިޔަރުގެ އުނދަގޫ ބޮޑުވެފައިވާ މިންވަރު ވީޑިއޯއެއް މެދުވެރިކޮށް ދައްކާލާފައެވެ. ބޭނި މަހެއް އޮޑިއަށް ނަގަނަގާ އޮއްވައި ފުންމައިގެން އަރާ މިޔަރު އެ މަހުގެ އެއްބުރި ކާލަ މަންޒަރު ފެނިގެން ދެއެވެ. ބަލަން އުނދަގޫ ނަމަވެސް މިއީ ވަރަށް އާންމު ކަމަކަށް ވެފައިވާ ކަމަށް މަސްވެރިން ބުނެއެވެ. މީހެއްގެ ގައިގާ ހިފާ ހިސާބަށް ކަންކަން ހިނގައިދާނެ ކަމުގެ ބިރު މިހާރު މިއޮތީ ހަގީގަތަކަށްވެ ނިމި ފުރާނައެއް ގެއްލިފައެވެ.

މިޔަރު ހިމާޔަތްކޮށްފައި އޮތުމުން ކަނޑުތަކުގައި އިންތިހާ އަށް ގިނަވުމުން ނުކުންނާނެ ނަތީޖާ މާގޯސް

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖެއްގައި ވެސް މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މޫދުގައި އެންވެރިކަން ކުރަނީ ފުރާނަ އަތްމައްޗަށް ލައިގެން ކަމަށެވެ. މިޔަރުގެ ޝިކާރައަކަށް ވެފައިވާ ބޮޑު ކަންނެލިތަކެއްގެ ފޮޓޯތަކާ އެކު ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ “ނަނުގައި ގަންނަ ކަންނެލިން އެއްބައި މިޔަރަށް ދޭންޖެހޭ” ކަމަށެވެ. މި ކަމަށް ހައްލެއް ހޯދައިދިނުމަށް އެ ޕޭޖްގައި ގޮވާލާފައި ވެއެވެ.

ތެދެކެވެ. މިޔަރުގެ ބާވަތްތައް ހިމާޔަތްކުރުމުން އޭގެ ފައިދާ ރާއްޖެ އަށް ކުރިއެވެ. މިޔަރުގެ ވައްތަރުތަކަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ސަމާލުކަން ލިބިފައިވާ ބާވަތްތަކެކެވެ. ނަމަވެސް އެތައް އަހަރުތަކެއް ވަންދެން މިޔަރު ހިމާޔަތްކޮށްފައި އޮތުމުން ކަނޑުތަކުގައި އިންތިހާ އަށް މިޔަރު ގިނަވުމުން ދެން ނުކުންނާނެ ނަތީޖާ މާ ގޯހެވެ.

 އެ ތަކެތީގެ ޝިކާރައަކަށް ޓުއަރިސްޓަކު ނުވާތީ ގައުމީ ލެވެލެއްގައި އަދި މާ ބޮޑު މައްސަލައަކަށް ނުވަނީ ކަމަށް ވެދާނެއެވެ. ނަމަވެސް މިއީ ވެސް ދުރުގައި އޮތް ކަމެއް ނޫން ކަަމަށް މަސްވެރިކަން ކުރާ ފަރާތްތަކުން މިހާރު ގަބޫލުކުރެއެވެ.

މިޔަރުގެ އިތުރުން ވެލާ ކަހަނބުގެ ބާވްތަތް ވެސް ހިމާޔަތްކޮށްފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގެ ކަނޑުތަކުގައި މި ބާވްތައް ވެސް މިހާރު ފުދޭ ވަރަކަށް އާލާވެފައި ވެއެވެ. ނަމަވެސް ކަނޑުތަކުގައި މިޔަރު އިތުރުވުމަކި މި ވެލާކަހަނބުގެ އާބާދީ އަށް ވެސް ހުރި ނުރައްކަލެކެވެ. އެތަކެތި ބިސް އެޅުމަށް އަރާ ރަށްތައް ރިސޯޓްތަކަށް ބަދަލުވެ ވެލާކަހަނބު އާލާވުމަށް އޮތް ފުރުސަތު ވަނީ ހަނިވެފައެވެ. ވެލާ އަރާ މަދު ރަށަކުން ވެލާތައް ވިހައި ކަނޑަށް ފައިބައިގެން ދިޔަ ޔަސް އޭގެ ތެރެއިން ސަލާމަތް ވަނީ ވަރަށް މަދު އެއްޗެކެވެ. އެ ސޮރުމެން ވެސް ވެދަނީ މިޔަރުގެ ޝިކާރައަކަށެވެ.

މިތަކެތި ހިމާޔަތްކޮށްގެން އައި ބަދަލުތައް ދެނެގަތުން މުހިންމެވެ. އޭގެ ނަތީޖާ އާއި އާބާދީ އަށް އައި ބަދަލުތައް ދެނެގަތުމަށް ދިރާސާކުރެވެން ޖެހެއެވެ. ކަމެއް ކުރުމުން އޭގެ ނަތީޖާ ނުބަލައި އެ ގޮތުގައި ބޭއްވުމަކީ ރަނގަޅު ގޮތަކަށް ނުވެދާނެއެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ ކަނޑުތަކުގައި މިޔަރު ގިނަ ވެއްޖެ ކަމެކެވެ. މަސްވެރިންނަށް އޭގެ އުނދަގޫ ފޯރާ ކަމެކެވެ. އެތަށް ހަމަލާއެއްދީ ފުރާނަ ގެއްލިގެން ހިނގައްޖެކަމެވެ.

 ދެން ބަލަންވެފައި އޮތީ މިޔަރު ހިމާޔަތްކޮށްގެން އާބާދީ އަށް އައި ބަދަލާއި އޭގެ ނަތީޖާ އެވެ. އެއީ ތަޖުރިބާކާރުން ކުރަންޖެހޭ ދިރާސާއެކެވެ. އަދި އަވަސް ގޮތެއްގައި އެކަމާ މެދު ގޮތެއް ނިންމަންޖެހޭ ކަމެކެވެ. ނޫނީ ނުރައްކާ ބޮޑެވެ. ހިނގާ ހިތާމަވެރި މިފަދަ ހާދިސާތަކުން ރާއްޖެއާ މެދު ޓުއަރިސްޓުން ދެކޭ ގޮތް ވެސް ބަދަލުވެދާނެއެވެ

ރިއެކްޝަންސް
2
0
0
1
1
0
3