ރިޕޯޓް: އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައާއި ގުޅިގެން ޓޫރިޒަމް ބޯއިކޮޓްކުރުމުގެ ބިޔަ ހަރަކާތެއް

5 ޖޫން 2024 - 14:53

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ސަރުކާރުން ހާމަކުރުމާއިއެކު ބޭރު ދުނިޔޭގެ ނޫސްތަކާއި ޝޯޝަލް މީޑިއާ ފުރާލީ ރާއްޖެއިން އިޒްރޭލްގެ ޕާސްޕޯޓް މަނާކޮށްފިކަމަށެވެ. ނަމަވެސް ހަޤީގަތަކީ ސަރުކާރުން ހާމަކުރީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ވިސްނުން އޮތްކަމަށާއި އެކަމުގައި މަޖިލިޙުގެ މަސްވަރާއަށް ފޮނުވާނެކަމަށެވެ.

ސަރުކާރު އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ނިންމުމުގެ މަގުބޫލުކަން އާންމުންގެ މެދުގައި ބޮޑު

 އެއްގޮތަކަށްވެސް ޕާސްޕޯޓް މަނާކޮށް އެފަދަ ރަސްމީ އެންގުމެއް އިމިގްރޭޝަންއަށް އަންގާފައެއް އަދި ނުވެއެވެ. އަދި މިހާރުވެސް އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއައުމަށް އެއްވެސް ހުރަހެއް ނެތެވެ.

advertisement

ސަރުކާރުން މިދިޔަ އާދިއްތުދުވަހު ވަނީ އިޒްރޭލް މީހުންނަށް ރާއްޖެ އެތެރެ ނުވެވޭނެ ގޮތް ހަދަން ވިސްނާަކަމަށާއި އަދި ރައްޔިތުންގެ މަޖިލިހަށް އްކަތް ކުރާނެކަމަށް ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން މަޖިލީހުން އެއްވެސް މަސަައްކަތެއް ކުރިއަށްދާކަމަށް މަޖިލީހުގެ އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސާފުވާގޮތެއް ނުވިއެވެ. 

ހަބަރު ލިބޭގޮތުގައި މިކަމުގައި މަޖިލީހުގެ ނުރުހުން ސަރުކާރަށް އެބައޮތެވެ. ސަރުކާރުން ބޭނުން ނަމަ މިކަން ކުރެވިދާނެކަމަށާއި، ނަމަވެސް މަޖިލީހަށް މިކަން ފޮނުވާލަން ނިންމީ މިކަމުގެ ޒިންމާ ސީދާ ސަރުކާރުން އެކަނި ނަގަންބޭނުންނުވާތީ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވެއެވެ.

ސަރުކާރުގެ މި ނިންމުމުގެ މަގުބޫލުކަން އާންމުންގެ މެދުގައި ބޮޑެވެ. މި ބޮޑު ދުނިޔޭގައި ކުޑަކުޑަ ރާއްޖެއިން ނިންމި ނިންމުމަކީ ބޮޑެތި ގައުމުތަކުން ހާއްސަކޮށް އެހެން އަރަބި ގައުމުތަކުން ނަމޫނާއަކަށް ބަލަން ޖެހޭ ކަމެއް ކަމަށް ފާހަގަކޮށް ރާއްޖެއަށް ތައުރީފް ބޮޑެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓުވުމަށްޓަކައި ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖެއިން އިސްނަގައި އިޒްރޭލަށް ފިޔަވަޅު އަޅަންޖެހޭކަމަށް ދިވެހިންގެ ގިނަ ބަޔަކު ދެކެއެވެ.

ނަމަވެސް އަނެއް ބަޔަކު ދެކޭގޮތުގައި މިހާރުވެސް ރާއްޖެއިން އެހެން ގައުމަތަކާއި ގުޅިގެން ފަލަސްތީނުގެ މައްސަލައިގައި ކުރަމުންދާ މަސައްކަތަކީ ތައުރީފު ހައްޤު އެކަށީގެންވާ މަސައްކަތެކެވެ. އަދި ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގައި ރާޢްޖެއިން އިސްވެ ކަންކުރުމުގެ ބަދަލުގައި އެހެން އިސްލާމީ ޤައުމުތަކާއި ގުޅުން ރަނގަޅު ގައުމުތަކުގެ ލަފާގެ މަތިން އަމަލުކުރުން މުހިންމުކަމަށެެވެ. މުޅި ދުނިޔެ ގޮވަމުންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށެވެ. އަދި މިކަމުގައި ހަރުއަޑުން އަޑު އުފުލައި ވަކާލާތުކުރުން މިއީ ހުރިހާ ދިވެހިންނަށް ލާޒިމް ކަމެކެވެ.

ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިއާތަކުން ވަނީ ރާއްޖޭގެ ނެގެޓިވް ހަބަރު ފެތުރުމުގެ ބޮޑު ކެމްޕެއިންއެއް ފައްޓާފައި

އިޒްރޭލް ޕާސްޕޯޓް މައްސަލައިގައި ޔޫރަޕްގެ ގައުމުތަކުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ ބުކިންތައް ކެންސަލްކުރަމުންނެވެ. މިހާރުވެސް ރަސިޔާ އަދި ޔޫރަޕް އަދި އެމެރިކާގެ ބޮޑެތި އޮޕްރޭޓަރުން ވަނީ މިކަމުގެ މައްސަލަ ރިސޯޓްތަކަށް ޖައްސައި ޓޫރިސްޓުން ފޮނުވުން ހުއްޓާލާފައެވެ. ބައެއް ފަރާތްތަކުން އަންދާޒާ ކުރާގޮތުގައި މިކަމުގެ ގެއްލުން އެތަށް ސަތޭކަ މިލިއަން ޑޮަލަރަށް އަރާނެއެވެ. 

މީގެ ސަބަބުން ދައުލަތުގެ އާމްދަނީ ބޮޑުތަނުން މަދުވެ، ހަމައެކަނި ޓޫރިޒަމުން ލިބޭއެއްޗަކުން ދެކޮޅު ޖައްސައިގެން އުޅޭ ގައުމެއްގެ ރައްޔިތުން އުފުލަން ޖެހޭ ތަކުލީފްތަކެއް ހުންނާނެކަން ޔަގީނެވެ. އަށްޑިހައިގެ އަހަރުތަކުގައި ރައީސް މައުމޫންގެ ވެރިކަމުގައި ޓޫރިޒަމާއި އިގްތިސާދު ސަލާމަތްކުރުމަށްޓަކައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހިންގި އެއަރލައިން ހުއްޓާލަންވެސް ޖެހުނީ ހަމަ މިފަދަ ބޮއިކޮޓު ކުރުމުގެ ހަރަކާތްތަކެއް ޔޫރަޕުގައި ހިންގުމުންނެވެ.

އެމެރިކާގެ ކޮންގްރެސްގެ މެންބަރަކު ވަނީ ރާއްޖެއަށް ލިބޭ އެހީތަށް ކަޑާލައި ދަތިކުރުމުގެ ފިޔަވަޅުތަށް އެޅުމަށް ބިލެއް ވައްދާފައެވެ. ރާއްޖޭގެ މޫނުމަތި ކިލަނބު ކޮށްލުމަށް، ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިއާތަކުން ދަނީ ނެގެޓިވް ހަބަރު ފެތުރުމުގެ ބޮޑު ކެމްޕެއިންއެއް ފައްޓާފައެވެ. ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބޮޑެތި ގިނަ ވިޔަފާރިތަކަކީ، ޔަހޫދީންގެ ނުފޫޒުގަދަ ބޭންކުތަކާއި އިންވެސްޓްމަންޓް އެޑްވައިޒަރުންގެ ވިޔަފާރިތަކުގެ ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިތަކެކެވެ. 

ހަބަރު ލިބޭގޮތުގައި އިތުރު އިންވެސްޓްމަންޓްތައް މިފަރާތްތައް މެދުވެރިކޮށް ރާއްޖެ އައުމަކީ ދެން ނާދިރު ކަމެކެވެ. ނުވިތާކަށް ވަރލޑް ބޭންކާއި އައިއެމްއެފް މެދުވެރިކޮށް އިތުރަށް ރާއްޖެއަށް އެހީތެރިކަމެއް ނުލިބޭނެކަމަށް އިގްތިސާދީ މާހިރުން ލަފާ ދެއްވައެވެ. އެފަރާތްތަކުން ދެކޭގޮތުގައި، ޔޫކުރެއިން ހަނގުރާމައިގައި ރަޝިޔާއަށް ނޭޅި ފިޔަވަޅެއް އިޒްރޭލަށް އެޅުމަކީ އިންސާފެއް ނޫނެވެ.

ދުނިޔޭގެ ފައިސާ ދައުރުކުރާ ނިޒާމް ހިމެނޭ ސްވިފްޓް ނިޒާމުގެ ކޮންޓްރޯލް އޮތީވެސް މިފަރާތްތަކުގެ އަތުގައެވެ. ކުރިއަށް އޮތްތަނުގައި ޔޫރަޕް ވިސާ ހޯދުމަށާއި، ރާއްޖޭގެ އިގްތިސާދަށް ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ޖެއްސުން އަމާޒުވުމުގެ ސިގްނަލް މިހާރުވެސް ވަނީ ސަރުކާރަށް ލިބެންފަށާފައެވެ. 

ދިވެހިރާއްޖެއާއި އިންޑިއާގެ މައްސަލައިގައި އެންމެ ފަހުން ރާއްޖެއިން ގޮތްދޫކޮށް ރާގު ބަދަލުކުރަންޖެހުނީ ދާދި މިދާކަށް ދުވަހުއެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ލަންކާގައި ބޮން ގޮައްވާލައި ލަންކާގެ އިގްތިސާދު ފުނޑާލައި ރައްޔިތުން ގަނަތެޅެން ޖެހުމަކީ އިއްތިފާގެއް ނޫނެވެ. އެއީ ރޭވިގެން ލަންކާގެ ރައްޔިތުންނަށް ދިން ފިލާވަޅެކެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ފަލަސްތީނުގެ މައްސަލައިގައި ބޮޑެތި އިސްލާމީ ޤައުމުތަކުން މިފަދަ ފިޔަވަޅެއް ނާޅައި ތިބެނީ އިޒްރޭލުން ހިންގާ ގަތުލު އާންމަށް ތާއީދުކުރާތީއެއް ނޫނެވެ. ސައުތުއެފްރިކާ އަދި އަޔަރލެންޑް ފަދަ މިމައްސަލައިގައި އެންމެ ބޮޑަށް އަޑުއުފުލަމުންދާ ގައުމުތަކުންވެސް މިކަމުގައި ގެންގުޅޭ އުސޫލުތަކުގެ ފަހަތުގައި ހިކުމަތްތަކެއް ވާނެކަން ކަށަވަރެވެ. 

ރާއްޖެއިންވެސް މިފަދަ މައްސަލަތަކުގައި ބައިނަލްއަޤުވާމީ ދުނިޔޭގެ ގައުމަތަކާއި އިސްލާމީ ގައުމުތަކުގެ މަސްވަރާ ހޯދުން ވަރަށް މުހިންމެވެ. ނަމަވެސް ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދުމަށް ރާައްޖެއިން އަޑު އުފުލައި ވަކާލާތުކުރުމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިގެން ނުވާނެއެވެ

ރިއެކްޝަންސް
0
2
3
0
0
0
3