އަމިއްލަ ހިޔާލު: ރައްޔިތުންނަށް ހަޤީގަތް ކިޔައިދީ ހިތިބޭސް ބޯންދޭންޖެހޭ

11 ޖޫން 2024 - 14:02

އަވަށްޓެރި ލަންކާ ދާހިލީ ހަމަނުޖެހުމަކަށްގޮސް، އިގްތިސާދު ފުނޑި ރައްޔިތުން ބަނޑަށްޖެހި ގަނަތެޅި ހަފުސްވެގެން ދިޔައީ ދާދި މިދާކަށް ދުވަހު ދިވެހި ރައްޔިތުން ބަލަބަލާ ތިއްބައެވެ. އަދި މިކަން ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. ހަޤީގަތަކީ މިއީ ކުއްލިއަކަށް ދިމާވި ހާދިސާއަކަށް ވުރެ އެތަށް އަހަރެއްގެ ތެރޭގައި ހިނގަމުން އައީ ދާހިލީ ހަމަނުޖެހުމާއި، ހައްދެއްނެތި އިތުރުވަމުންދިޔަ ގައުމިއްޔަތާއި، ބޭރު ދުނިޔެއާއި އަވަށްޓެރި ގައުމަތުކާއި ހީނަރުވަމުންދިޔަ ގުޅުންތަކާއި، ދީނީ ހަރުކަށި ފިކުރުތަކާއި، ހުދޫދެއްނެތި ނަގަމުންދިޔަ ލޯނުތަކުގެ ތެރެއިން ދައުލަތް ލޫޓުވާލުމުގެ ނަތީޖާއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރައްޔިތުންނަށް ދޭހައެށް ނުވޭ

މަޖިިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމް ވަނީ އާންމުކޮށް ސިޔާސީ ބޭފުޅުން ވިދާޅުނުވާ ބަހުރުވައިން ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުމަށާއި ހިތިބޭސް ބޯންދޭންޖެހޭނަމަ، އެކަން ސާފުކޮށްދީ ހިތި ބޭސް ބޯންދިނުމަށް ގޮވާލާފައެވެ. ހިތާމަޔަކީ ރާއްޖެ މިއަދު ހަގީގަތުގައިވެސް އޮތީ ނާޒުކު ފައްތަރެއްގެ މަތީގައިކަމެވެ. 

advertisement

ނުދެއްކޭވަރަށް ނަގަމުން އައި ދަރަނިތަކާއި، ދައުލަތުން ވައްކަން ކުރުން ސުމާރުން ނައްޓައި، ބޭރު ދުނިޔޭގެ ގައުމުތަކާއި އޮންނަންޖެހޭ ގުޅުން ހީނަރުވާންނުޖެހޭ މިންވަރަށްގޮސް، ދިވެހިންނަށް ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ އަސްލު ސައިޒުއޮޅި ބައިނަލްއަޤްވާމީ މައްސަލަތަކުގައި އިސްނަގައި ގޮތްކިޔައި އިގްތިސާދު ނުރައްކަލަކަށް ވެއްޓޭ ހިސާބުގައެވެ.

ރާއްޖޭގެ ގިނަ ލޯނުތަކަކީ އިންޑިއާއި ޗައިނާއަށް ނަގާފައިވާ ބޮޑެތި ބިޔަ ދަރަނިތަކެކެވެ. ގިނަ ލޯނުތައް ދައްކަން ކުރިއަށް އޮތް ދެތިން އަހަރު އެތަށް ބިލިއަނެއް ހަރަދުކުރަންޖެހޭނެއެވެ. ފައިސާ ޗާޕުކޮށްގެން ހިންގަމުން އައި އައުން ނިމުކަށް ގެނައުމުން ދައުލަތުން ލޯނު ދެއްކުމަށް ބަރޯސާވާންޖެހެނީ ހަމައެކަނި ޓޫރިޒަމުން ލިބޭ އާމްދަނީއަށެވެ. މިއަހަރުގެ ކުރީކޮޅު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭފުޅުންވަނީ އިންޑިއާގެ އިންތިހާބީ ބޮޑުވަޒީރަށް ނިސްބަތްކޮށް ހުތުރު ބަހުން މުއާމާލާތްކޮށްފައެވެ. 

މިކަމަށް ސަރުކާރުން ފަހުން މާއާފަށްއެދުނަސް ގުޅުން ގޯސްވެ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ ހަރަކާތެއް އިންޑިއާގައި ހިންގައި އޭގެ ގެއްލުން ރާއްޖޭގެ ޓޫރިޒަމަށްވަނީ ފޯރާފައެވެ. އަދި މިކަމުން ސަރުކާރުގެ އާމްދަނީ ދަށްވެ ޑޮލަރުގެ އަގުވަނީ އުފުލިފައެވެ. އަދި ދަރަނި ނުދެއްކޭ ހާލަތަކަށް ދިއުމުން އިންޑިއާ އާއި މަސްވަރާކުރުމަށްފަހު ލޯނު ލަސްކުރުމަށް ވަނީ އެއްބަސްވެފައެވެ.

 އިންޑިއާއި ނުލައި ގައުމު ހިންގަން އުނދަގޫ ވާނެ

ދިވެހިރާއްޖޭގެ އަދި އިންޑިއާގެ އަވަށްޓެރި ހުރިހާ ގައުމެއްގެ ހަގީގަތަކީ އިންޑިއާއި ނުލައި ގައުމު ހިންގަން ދަތި އުނދަގޫ ވާނެކަމުގެ ހަގީގަތެވެ. ރާއްޖެއަށް އޮތް ހައްލަކީ އަވަށްޓެރި ގައުމުތަކާއި އެކު ހުދޫދެއްގެ ތެރޭގައި އިސްކަންދޭ ގުޅުމެއް ގާއިމުކޮށް ރާއްޖޭގެ އިގްތިސާދާއި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. 

އަދި ރާއްޖެއާއި ގުޅުން ރަނގަޅު ބޭރުގެ އެހެން ގައުމުތަކުންވެސް ވަނީ ރާއްޖެއިން އިންޑިއާއާއެކު އޮންނަ ގުޅުން ރަނގަޅުކުރުމަށް އިލްތިމާސްކޮށްފައެވެ. ހާރިޖީ ގުޅުމުގެ ހަގީގަތަކީ ބޭރު ބޮޑެތި ބާރުތަައް ގުޅިގެން މަސައްކަތްކުރާ ކުރުމެވެ. އެއްބަޔަކު އަނެއް ބަޔަކުގެ ނެއިބަރހުޑާއި ވީހާވެސް ނުބެހުމުގެ ސިޔާސަތެވެ. ގުޅުން ރަނގަޅު ކުރުމުގެ ފުރަތަމަ ސިގްނަލަކީ ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ބައްދަލުކުރުމަށްފަހު ދެއްކެވި ވާހަކަތަކެވެ.

ސަރުކާރުން މިދިޔަ ހަފްތާގެ އާދިއްތަދުވަހު ވަނީ އިޒްރޭލް މީހުންނަށް ރާއްޖެ އެތެރެ ނުވެވޭނެ ގޮތް ހަދަން ވިސްނާަކަމަށާއި އަދި ރައްޔިތުންގެ މަޖިލީހަށް އޭގެ ބިލެއް ފޮނުވައިގެން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާނެކަމަށް ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން މަޖިލީހުގައި ހިޔާލުވަނީ ތަފާތުވެފައެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެމެރިކާގެ ކޮންގްރެސްއިން އަންނަނީ ރާއްޖެއަށް ލިބޭ އެހީތަށް ކަޑާލައި ދަތިކުރުމުގެ ފިޔަވަޅުތަށް އެޅުމަށް ބިލެއް ވައްދަން މަސައްކަތްކުރަމުންނެވެ.

 ރާއްޖޭގެ މޫނުމަތި ކިލަނބު ކޮށްލުމަށް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި ދަނީ ނެގެޓިވް ހަބަރު ފެތުރުމުގެ ބޮޑު ކެމްޕެއިންއެއް ފައްޓާފައެވެ. ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބޮޑެތި ގިނަ ވިޔަފާރިތަކަކީ، ޔަހޫދީންގެ ނުފޫޒުގަދަ ބޭންކުތަކާއި އިންވެސްޓްމަންޓް އެޑްވައިޒަރުންގެ ވިޔަފާރިތަކުގެ ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިތަކެކެވެ. 

އަދި ދުނިޔޭގެ ފައިސާގެ މުއާމަލާތްކުރުމަށް ބޭނުންކުރާ ސުވިފްޓް ނިޒާމުން ރާއްޖެއަށް ދަތިކޮށްފިނަމަ ރާއްޖެ ބަނގުރޫޓްވާން ނަގާނީ އެންމެ ދުވަހެކެވެ. އަށްޑިހައިގެ އަހަރުތަކުގައި ރައީސް މައުމޫންގެ ވެރިކަމުގައި ޓޫރިޒަމާއި އިގްތިސާދު ސަލާމަތްކުރުމަށްޓަކައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހިންގި އެއަރލައިން ހުއްޓާލަންވެސް ޖެހުނީ ހަމަ މިފަދަ ބޮއިކޮޓު ކުރުމުގެ ހަރަކާތްތަކެއް ޔޫރަޕުގައި ހިންގުމުންނެވެ. ރާއްޖޭގެ ޓޫރިޒަމްގެ އާމްދަނީގެ އަށްޑިހަ ޕަސަންޓަކީ ޔޫރަޕާއި އެމެރިކާއަދި އިންޑިއާގެ ހިއްސާއެވެ.

 ސްވިޒަރލެންޑް ފަދަ ވަކިއަތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅެންޖެހޭ

ދިވެހިރާއްޖެއާއި އިންޑިއާގެ މައްސަލައިގައި އެންމެ ފަހުން ރާއްޖެއިން ގޮތްދޫކޮށް ރާގު ބަދަލުކުރަންޖެހުނީ ދާދި މިދާކަށް ދުވަހުއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ފަލަސްތީނުގެ މައްސަލައިގައި ބޮޑެތި އިސްލާމީ ޤައުމުތަކުން މިފަދަ ފިޔަވަޅެއް ނާޅައި ތިބެނީ އިޒްރޭލުން ހިންގާ އަނިޔާވެރި ޖައްބާރު ގަތުލު އާންމަށް ތާއީދުކުރާތީއެއް ނޫނެވެ. 

ނަމަވެސް ޔަހޫދީންގެ ނުފޫޒު މުޅި ދުނިޔޭގެ އިގްތިސާދުގައި، ހާއްސަކޮށް ބޭންކިންގ ނިޒާމުގައި ވަރަށްވެސް ބޮޑެވެ. ބޮޑެތި ގައުމުތަކުގެ އިގްތިސާދު އިނދަޖައްސާލައި ޤައުމުތައް ސުންނާފަތިކޮށްލަން ޔަހޫދީންގެ ވާގިވެރިން ފަސްނުޖެހޭނެކަން މާޒީން ހެކިދެއެވެ. ދުނިޔޭގެ ފައިސާގެ ނިޒާމާއި ހާރިޖީ ސިޔާސަތު ހިނގާގޮތަށް ދިވެހިން ހޭލުންތެރިވާންޖެހެއެވެ. ރާއްޖެ ވާންޖެހޭނީ ސްވިޒަރލެންޑް ފަދަ ވަކިއަތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅޭ ގައުމަކަށެވެ. މިދައްކަނީ ފަަލަސްތީނުގެ މައްސަލައިގައި ބޭރުގެ ބޮޑެތި ގައުމުތަކުގެ މަސްވަރާއާއެކު އަޑު އުފުލައި ވަކާލާތުކުރުމުގައި އެންމެ އިންޗިއެއްޗެސް ފަސްޖެހިގެންވާނެ ވާހަކައެއް ނޫނެވެ.

މިހުރިހާ ހަގީގަތެއް އެނގިތިބެ، ފަަލަސްތީނުގެ މައްސަލައިގައި ދިވެހިން އެދުމަކީ ރާއްޖެއިން އިސްވެ އިޒްރޭލަށް ފިޔަވަޅު އެޅުންކަމަށް ވާނަމަ، މިކަން މިހާރުން މިހާރަށް ކުރަންވީއެވެ. ނަމަވެސް މިކަމުގެ ހިތިބޭސް ބޯން ރައްޔިތުން ޝަކުވާއެއްނެތި އެއްބަސްވާންވާނެއެވެ. ދައުލަތުން ދެމުންދާ ހުރިހާ ސަބްސިޑީތަކާއި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ މުސާރަވެސް ކުޑަކުރަން ޖެހޭނެކަމަށް ގަބޫލުކުރަންވާނެއެވެ. 

ކާޑާއި ކަރަންޓް ލިބުން ދަތިވެ، ގައުމު ބަނގުރޫޓުވެ ގަނަތެޅެން ޖެހުނަސް ވަރިހަމަކަށާއި، އަދި މިކަމުން އަންނަ ދަތިކަން ސަރުކާރާއި މަޖިލީހުން އެކަނި ޒިންމާ ނަގަން ނުޖެހޭނެކަމަށް ގަބޫލްކޮށްގެންނެވެ. މަޖިލީހުގެ ނައިބުރައީސް ވިދާޅުވިހެން ދައްކަން އުނދަގޫވިޔަސް، ގަބޫލުކުރަންދަތިވިޔަސް، ހިތްހަމަނުޖެހުނަސް، ދިވެހިރާއްޖެގެ  ސައިޒު ބޭރު ދުނިޔޭގައި ދިވެހިންނަށް ހަގީގަތާއެކު ކިޔައިދޭން އެބަޖެހެއެވެ.

ރިއެކްޝަންސް
3
0
2
1
0
1
4