އަަމިއްލަ ހިޔާލު: ގޯތި ދިނުމުގެ ނަމުގައި މަދުބަޔަކަށް ހިލޭބިންދިނުން ނިމުމަކަށް ގެންނަންޖެހޭ

18 ޖޫން 2024 - 16:57

ރިޔާސީ އިންތިހާބާ ދިމާކޮށް މާލޭގެ 500 ވަރަކަށް އާއިލާއަށް ހުޅުމާލެއިން އެތަށް ބިލިއަން ރުފިޔާގެ ބިން ނިމިދިޔަ ސަރުކާރުން ހިލޭ ބަހާލީ އެކަމުން ސިޔާސީގޮތުން އެތަށް ފައިދާ އެއް ލިބޭނެކަމަށް ބަލައެވެ. ނަމަވެސް ދުވަހަކުވެސް ނުލިބޭވަރުގެ ބޮޑު ބައްޔަކުން ނިމިދިޔަ ސަރުކާރަށް މާލެ ގެއްލުމުން އެނގުނީ ހިލޭ ބިން މަދުބަޔަކަށް ދިނުމަކީ ސިޔާސީގޮތުން އެއްވެސް އޮށްޓަރެއް ހުރިކަމެއް ނޫންކަމެވެ.

ނަމަވެސް ގޮތްދޫނުކޮށް އެމްޑީޕީއިން މަޖިލިސް އިންތިހާބުގައިވެސް ވަކާލާތުކުރިީ މަދުބަޔަކަށް ހިލޭ ބިންތައް ދިނުން އަވަސްކުރުމަށެވެ. ހީކުރިގޮތާ ހިލާފަށް މަޖިލިސް އިންތިހާބުގައި މާލެ ހުޅުމާލެ ގެއްލުނީ ލަދުގަންނަވަރުގެ ދެރަ ނަތީޖާއަކުންނެވެ. މިކަމުން ޔަގީންވާކަމަކީ ހުޅުމާލެއިން މަދުބަޔަކަށް ހިލޭ ބަހާލި ބިންތަކަކީ, ސިޔާސީ ފައިދާއެއް ހޯދުމަށްވުރެ ނާޖާއިޒުގޮތެއްގައި ދައުލަތުން މަދު ބަޔަކު މުއްސަނދި ކުރުމަށް ކޮށްދިން ކަމެއްގެ ގޮތުގައެވެ. އެމްޑީޕީގެ ކުރިމަގު ދެންއޮތީ މިފަދަ ނާއިންސާފުވެރި އިޖްތިމާއީ އަދި އިގްތިސާދީ އަދުލާ ދުރު ސިޔާސަތުތަކާ ދުރުހެލިވެ ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލްވާފަދަ ސިޔާސަތުތަކެއް ފައްކާކުރުވައިގެންނެވެ.

advertisement

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުލޭގެ އުތުރުން އޮތް ފަޅު ހިއްކުމުގެ މައިގަނޑު ބޭނުމަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމުވެ. އެހެން ނަމަވެސް އޭރުގެ ވެރިކަމުގައި ވެސް އެކަން ކުރުމަށް ރާވާ އޮތީ ފްލެޓްތައް ތަރައްގީކޮށް ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އެކި ބޭނުންތަކުގައި ބިންތައް ދޫކުރަން ނިންމީ ދައުލަތަށް ފައިސާ ލިބޭ ގޮތަށެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެށިފަހި މާލޭ ޕްރޮގްރާމްގެ ދަށުން ވެސް ހުޅުމާލެއިން މަދު ބަޔަކަށް ހިލޭ ބިންދޫކުރިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިން ވިއްކީއެވެ.


ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މާލެ އަށް އުފަން މީހުންނަށް ހުޅުވާލައިގެން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ގޯތި ދޭން އިއުލާންކުރުމާ އެކު ގިނަ ބަޔަކު އެކަމާ ދެކޮޅަށް އަޑު އުފުލިއެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ބިން ދިނުމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުން މައިގަނޑު ދެ ކަމެއް ފާހަގަކުރެއެވެ. އެއް ކަމަކީ އެއީ ހަމަ އެކަނި މާލެ އަށް އުފަން މީހުންނަށް ބައިވެރިވެވޭ ގޮތަށް ހިންގި ސްކީމަކަށް ވުމެވެ. މާލޭގައި އެތައް ޒަމާނެއް ވަންދެން ދިރިއުޅުމުން އައި މާލޭގެ ރަޖިސްޓްރީގައި ތިބި އެތައް ބަޔަކު އެ ފުރުސަތުން އެކަހެރިކުރުމަކީ ބޭއިންސާފެކެވެ. މާލޭގެ ދަފްތަރުގައި ބަޔަކު ތިބި އިރު އެ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަކީ ހަމައެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުން ދަރަޖަކޮށް އެއްބަޔަކު ރަށްވެހިވުމާއި ބެހޭ ޤާނޫނުން ލިބޭ ހައްޤުތަކުން މަހުރޫމުކުރުމެވެ.

އިގްތިސާދީ ގޮތުންވެސް ސަރުކާރަށް ބޮޑު ގެއްލުމެއް


ދެ ވަނަ ސަބަބަކަށް ވެފައި އޮތީ ފެށުނީއްސުރެ ވިޔަފާރި އުސޫލުން ބޭނުންކުރަމުން އައި ބިންތަކެއް ވަކި ބަޔަކަށް ހިލޭ ބެހުމެވެ. އެއް މަގެއްގައި އެއް ފަޅީގައި 10 މިލިއަނަށް ބިން ގަނެގެން އެތައް މިލިއަން ރުފިޔާ އިންވެސްޓްކުރާ އިރު ހަމަ އެ މަގުގެ އަނެއް ފަޅިން ބަޔަކަށް ހިލޭ ބިން ދިނުމަކީ އިންސާފެއް ނޫނެވެ. ވިޔަފާރި އުސޫލުން ވެސް އެއީ ހަމަ ގެއްލޭ ކަމެކެވެ. ދެން އޮތީ ހަމަ އާއި އުސޫލުން ބޭރުން ކަންތައްތަކެއް ކޮށްފައިވާ ކަމަށް އުފެދިފައިވާ ޝައްކެވެ. ބިން ދޫކުރުމުގައި އިސްކޮށް ތިއްބެވި ފަރާތްތަކަށް ތުހުމަތުކުރެވިގެން އެ ފަރާތްތަކުގެ ތަހުގީގު ކުރިއަށް އެބަ ގެންދެއެވެ. ގުރުލައިގެން ބިން ދޫކުރި ނަމަވެސް އެކަމުގައި ވެސް ނާޖާއިޒު ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންކަމުން މިހާ ބޮޑު ނާއިންސާފެއްގެ ތެރެއިން އަދި ޝައްކާއި ވަހުމު އޮތް ކަމެއްގެ ތެރެއިން ކޮށްފައިވާ ކަމެއް އާ ސަރުކާރަށް އިސްލާހުކުރެވެންޖެހޭނެއެވެ.


މީގެ އިތުރުން ހުޅުމާލޭގެ ތަރައްގީގެ މުޅި ޕްލޭނަށް ބަދަލު ގެނައުމަކީ ވެސް ގޯހެކެވެ. ބޭރުގެ ބޮޑެތި ބިޔަ އުޅަނދުފަހަރާއި ޔޮޓްތަކަށް ހާއްސަކޮށް ތަރައްގީކުރުމަށް ޕްލޭންގައި ކަނޑައަޅާފައި އޮތް ސަރަހައްދު ހިއްކައި އެ ސަރަހައްދުން ބިން ދޫކުރަން މިދިޔަ ސަރުކާރުން ނިންމުމަކީ ހެދި ބޮޑު ގޯހެކެވެ. ހުޅުމާލެ ފަދަ ހިތްގައިމު ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ތަރައްގީކޮށްފައިވާ ރަށެއްގެ މުޅި މަލަމަތި ހަޑިކޮށް އެންމެ ޕްރައިމް ލޮކޭޝަންތަކުން އެތައް ބިލިއަން ރުފިޔާގެ ބިން ބަޔަކަށް ބަހާ ހުސްކޮށްލުމަކީ ދައުލަތަށް ވެސް ދިން ގެއްލުމެކެވެ. އެ ކަމުގެ ޒިންމާ ކޮންމެވެސް ބަޔަކު ނަގަންޖެހޭނެއެވެ.


މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ބަޔަކު ދެކޮޅު ވަނީކީ ނޫނެވެ. އެހެން ނަމަވެސް އެކަން ކުރަންޖެހޭނީ އެހެން ބައެއްގެ ހައްގު ވެސް ނުގެއްލޭ ގޮތަށެވެ. އެކަމަށް އަމާޒުކޮށްގެން ބިން ހިއްކައިގެން ނުވަތަ ހިއްކާފައި އޮތް ބިމަކުން އިންސާފުވެރިކަމާ އެކު އެހެން ބައެއްގެ ހައްގު ނުގެއްލޭހެން އެކަން ކުރުމަކަށް ބަޔަކު ދެކޮޅު ހަދާނެހެން ހިއެއް ނުވެއެވެ. އުފަން ރަޖިސްޓްރީ އަށް ބަލައިގެން ދާއިމީ އެޑްރެސްއަށް ބަލައިގެން ބިންވެރިކުރުމަކީ ސީދާ ޤާނޫނު އަސާަސީ ހިލާފުކަމެކެވެ. އެއީ ރަޖިސްޓްރީއެއް ކަމަށް ބަލައިގެން ބޯހިޔާވަހިކަން ދޭ ނަމަ މާލޭ ސަރަހައްދުގައި ދިރިއުޅުން ބިނާކޮށްގެން ތިބި އެތައް ބައެއްގެ ހައްގު އެ ވަނީ ނިގުޅައިގެންފައެވެ.


ކުރީ ސަރުކާރުން ބިންތަކެއް ދޭން ނިންމައި ލިޔުންތަކެއް އެ ވަނީ ދީފައެވެ. އެހެން ނަމަވެސް ގިނަ ބިންތައް އަދި ހުރީ ހަވާލު ނުކުރެވިއެވެ. އެކަން ކުރަންޖެހިފައި އޮތީ މި ސަރުކާރަށެވެ. ފްލެޓްތައް ދިނުމަށް ނިންމައި އިއުލާންކުރި ލިސްޓްގައި ގޯސްތަކެއް ހުރި ކަމަށް ބަލައި މި ސަރުކާރުން އެ ވަނީ އެ ލިސްޓް މުރާޖައާކުރަން ފަށާފައެވެ. ހަމަ އެ ގޮތަށް ބިންތައް ދިނުމުގައި ވެސް ގޯސްތަކެއް އެބަ ފާހަގަކުރެވެއެވެ. ލިޔުންތަކެއް ދީފައި ވީ ނަމަވެސް އެ ކަން ވެސް އިސްލާހުކުރެވެންޖެހެއެވެ. ބިމެއް ކަނޑަނޭޅި ދީފައިވާ ރަޖިސްޓްރީއަކީ ބަދަލުނުކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން މިހާރު ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ދީފައިވާ ބިންތައް އަތުލައި އިންސާފުވެރި ގޮތަކަށް އެކަން ކުރިއަށް ގެންދަންޖެހެއެވެ. އެކަން އަވަސްކުރަން ޖެހެއެވެ. ރާއްޖޭގެ އެއްވެސް ރަށަކަުން މަދު ބަޔަކަށް ހިލޭ ބިންދިނުމަކީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭކަމެކެވެ. އަދި ހާއްސަކޮށް ރައްޔިތުން ތަފާތުކޮށް ދަރަޖަކޮށް ދާއިމީ އެޑްރެސް އަށް ބަލައިގެން ރައްޔިތުންނަށް ހައްޤުވާ މިންވަރު ކަނޑައެޅުމަކީ ޖާހިލިއްޔަ ހަނޑިމުޑުދާރު ސިޔާސަތެކެވެ.

ރިއެކްޝަންސް
1
3
4
0
0
0
20