ރިޕޯޓް: މަކަރާއި ހީލަތްހެދުމުގައި ފާމަސީތަކާއި ފާމަސިސްޓުން ހައްދުން ނައްޓަނީ

23 ޖޫން 2024 - 13:58

މިދިޔަ ހަފުތާގައި ބޭސް ފިހާރަޔަކަށް ވަދެ ކެއްސާތީ ބޯ ބޭސްފުޅިއެއްގެ އަގުއަހާލުމުން ބުނީ 120 ރުފިޔާކަމަށެވެ. ނަމަވެސް އޭގެ ކުރީ މަހު ހަމަ އެ ބޭސް ފިހާރައިން 80 ރުފިޔާއަށް ލިބުނު ބޭސްފުޅި ކުއްލިއަކަށް އެހާ އަގުބޮޑުވީ ކީއްވެތޯ ސުވާލުކުުރުމުން ބުނީ މިހާރު އަގުބޮޑުވީކަމަށެވެ.

 ބޭސް ގަތުމަށްފަހު ރަސީދެއް ދޭން ބުނުމުން ދެކޮޅުހަދައި ސިސްޓަމް މައްސަލަޖެހިފައިވާކަމަށް ބުނުމުން ޔަގީންވީ ބޭސް ވިއްކުމުގައި މަކަރުހަދައި ޖީބަށް ބޮޑު އެއްޗެއްލުމަށް ރޭވި ހީލަތްތެރި ރޭވުމެވެ. ގިނަ ދިވެހިންނަކީ ބޭސްގަންނައިރު އަގުބަލައި، ރަސީދު ހޯދާ ބައެއް ނޫނެވެ. ޖެހުނު އަގެއްގައި ޖެހުނުގޮތަކަށް ބޭސްގަނެ ބޮއެކާލުމުގެ ވިސްނުމެއްގައި އުޅޭ ދިވެހިންގެ އަތުން މިގޮތަށް އެތަށް ހާސް ރުފިޔާއެއް މަކަރާ ހީލަތުން އަތުލުމަކީ ބޭސްފިހާރަތަކުގެ ސޭޓުންގެ މައިގަނޑު އާމްދަނީއެވެ.

advertisement

އާސަންދައިން ކުރާ ހޭދައިގެ ބޮޑު ބައެއް ދަނީ ފާމަސީތަކަށް

ތަފާސް ހިސާބުތައް ދައްކާ ގޮތުން އާސަންދައިން ކުރާ ހޭދައިގެ ބޮޑު ބައެއް ދަނީ ފާމަސީތަކަށެވެ. އެއީ ގާތްގަނޑަކަށް 40 ޕަސެންޓް ނުވަތަ 800 މިލިއަން ރުފިޔާއެވެ. އަަދި އެ ފައިސާގެ ތެރެއިން ބޮޑު ބަޔަކީ އުސޫލްތަކުގެ ބޭރުން ނުވަތަ މަކަރާއި ހީލަތުން އެ ފާމަސީތަކުން ހޯދާ ފައިސާ ކަމަށް ވެސް ތުހުމަތުކުރެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އާސަންދައިގެ ފަރާތުން އެކަން ފާހަގަކޮށްފައި ވެސް ވެއެވެ.

ބޭސް ސިޓީތައް އޮޅުވާލައިގެން ފައިސާ ނެގުން އިންތިހާ އަށް ދިއުމާ ގުޅިގެން މި ފަހަކަށް އައިސް އާސަންދައިން ވަނީ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން އޯޓީޕީއެއް ބޭނުންކުރާ ގޮތަށް ވެސް ހެދިއެވެ. އެހެން ނަމަވެސް ފާމަސީތަކުން މިކަމުގައި ވެސް ގެންގުޅެނީ އޮޅުވާލުމެވެ. އުސޫލުގައި އޮންނަ ގޮތުން އޯޓީޕީއަކީ ބޭސް ނަގާ މީހާ އަށް ދާ ގޮތަށް އޮންނަ އެއްޗެކެވެ. އެހެން ނަމަވެސް އޯޓީޕީ ފޮނުވާ ނަންބަރު ޖެހުމުގެ އިހްތިޔާރު ފާމަސީތަކަށް އޮންނާތީ އެކަމަށް ބޭނުންކުރަނީ އެ މީހުންގެ އަމިއްލަ ނަންބަރެކެވެ.

ބޭހުގެ އަގު ކޮންޓްރޯލްކުރުމުގައި ވެސް ކަމާ ބެހޭ ފަރާތްތަކަށް ކުރިއެރުމެއް ނުލިބޭ

ބޭސް ވިއްކުމުގައި ވެސް ފާމަސީތަކުން ގެންގުޅެނީ ހިތުހުރި އަގެކެވެ. ބޭސްތަކުގެ އަގު ލިސްޓެއް އޮތް ކަމަކު އެ އަގުގައި ލިބެނީ ދަށް ކޮލިޓީގެ ބޭހެވެ. ނޫނީ އެ ބޭހެއް އާސަންދައިގެ ތެރެއިން ނުލިބެއެވެ. ދެން ޖެހެނީ ފައިސާ ދީފައި ގަންނަންށެވެ. އެހެން ކަމުން އާންމު މީހާގެ އަތުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

މީގެ އިތުރުން ބައެއް ޑޮކްޓަރުން ވެސް މި ކަމުގައި ސާމިލްވާ ކަމަށް ބެލެވެއެވެ ދާދި ފަހުން މީހަކަށް ނޭނގި ބޭސް ސިޓީއަކަށް ބޭސް ނެގި މައްސަލައެއް ފެންމަތިވިއެވެ. އެކަމުގައި ތުހުމަތުކުރެވޭ ޑޮކްޓަރުން ބުނެފައި ވަނީ އެއީ އެއް ނަމެއް ކިޔާ ދެ މީހަކު ޑޮކްޓަރަށް ދައްކަން އައުމުން އެރި އޮޅުމެއް ކަމަށެވެ.

އެހެން ނަމަވެސް މި ޝަކުވާ ފެންމަތިވެފައި މި ވަނީ ކްލިނިކްތަކަށް ދެއްކުމަށް ފަހު އެހެން ބޭސް ފިހާރައަކަށް ދާއިރު ބޭސް ނަގާފައި އޮންނަ މައްސަލަ އާސަންދަ ކުންފުނިން ވެސް ފެންމަތިކޮށްފައި ވަނިކޮށެވެ. ހާއްސަކޮށް މިހެން ދިމާވަނީ ކްލިނިކްތަކުގެ އެތެރޭގައި ހުންނަ ބޭސް ފިހާރަތަކުން ބޭސް ނުނަގައި އެހެން ތަނަކުން ބޭސް ނަގާއިރު ކަން ވެސް އާސަންދަ ކުންފުނިން ފާހަގަކޮށްފައި ވެއެވެ. މިކަން ބޮޑުވެގެން ބޭސް ނަގާ މީހާގެ އައިޑީކާޑާއި ފޯން ނަންބަރު ނަގައި އޯޓީޕީއެއް ފޮނުވާ ގޮތަށް ހެދި ނަމަވެސް ކްލިނިކްތަކުން މިއަށް އަމަލެއް ނުކުރާކަން ފާހަގަކުރެވެއެވެ.

އަނެއްކޮޅުން ބޭހުގެ އަގު ކޮންޓްރޯލްކުރުމުގައި ވެސް ކަމާ ބެހޭ ފަރާތްތަކަށް ކުރިއެރުމެއް ނުލިބެއެވެ. ފެންވަރު ދަަށް އެތައް ބޭހެއް މާކެޓްގައި އެބަ ވިއްކައެވެ. އެހެން ނަމަވެސް އެޅޭ ފިޔަވަޅެއް ނެތެވެ. އެކަށީގެންވާ ގޮތެއްގައި މޮނިޓާ ވެސް ނުކުރެވެއެވެ. އެއް ބްރޭންޑެއްގެ ބޭހެއް ވެސް އެކު ފިހާރަތަކުގައި އެކި އަގުގައި ވިއްކައެވެ. އަދި ބައެއް ފިހާރަތަކުން 70 ގުނަ ފައިދާގައި ވިއްކާ ކަމަށް މީގެ ކުރިން ޑަބްލިޔުއެޗްއޯ އިން ކުރި ދިރާސާއެއްގައި ބުނެފައި ވެއެވެ.

ރާއްޖެ އަށް އެތެރެކޮށް ބޭނުންކުރާ ބޭސްތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އެއްވެސް ބަޔަކު އުޅޭ ތަނެއް ނުފެނެއެވެ. އަގުތައް ކޮންޓްރޯލްނުކުރެވި ދައުލަތުން ބޭހަށް ކުރަންޖެހޭ މިންވަރު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އާސަންދައިގެ ހަރަދުތައް ދަނީ ބޮޑުވަމުންނެވެ. ބޭސްތަކުގެ ކޮލިޓީ ހިފެހެއްޓޭނެ ގޮތެއް ނެތެވެ. 

މިހެން ގޮސް ފާމަސީތަކުން ނުވަތަ ރާއްޖެ އަށް ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާ ގުޅުން ހުރި އެތައް ކަމެއް ހުރީ ގޯހުން ގޯހުގައެވެ. އާދަޔާ ހިލާފަށް ދިވެހިން ބަރުހެލިވެ، ބަލިތަށް ގިނަވެ، ބޭސްކެއުމުގައި ތަނެއްދޮރެއް ނުބަލައި އުޅޭ ޤައުމެއްގައި ފާމަސީތަކާއި ފާމަސިސްޓުން އިމެއްގެތެރޭގައި ތިއްބުމަކީ، ގައުމިއްޔަތުގެ މުހިންމު އަސާސެއްގެ ގޮތުގައި ދެކޭންޖެހޭ ކަމެކެވެ. ސަބަބަކީ ގައުމެއް އަސާސަކީ ދުޅަހެޔޮ ރަައްޔިތުންނެވެ. ބަލިގިނަ ސިއްހަތެއް ނެތް މުޖުތަމައެއްގައި ގައުމިއްޔަތެއް ނޯންނާނެވެ.

ރިއެކްޝަންސް
0
2
2
14
0
0
1