ރާއްޖޭގެ ކިޔަވައިދިނުމުގެ މަންހަޖުގައި ‘ކޮމްޕްރިހެންސިވް ސެކްސް އެޑިއުކޭޝަން’ ހިމަނަން ފެނޭތަ؟

13 އެޕްރީލް 2022 - 16:30

ކޮމްޕްރިހެންސިވް ސެކްސް އެޑިއުކޭޝަނަކީ ކޮބާ؟

 ކޮމްޕްރިހެންސިވް ސެކްސް އެޑިއުކޭޝަނަކީ ޖިންސާއި، ޖިންސީ ގުޅުންތަކާއިބެހޭ މައިގަނޑު ހުރިހާ މައުޟޫއަކާއި ގުޅޭގޮތުން އުނގަންނައިދީ ދޭދޭ ގުޅުންތަކާއި ޖިންސީގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މަގުފަހިކޮށްދިނުމާއި ގުޅޭ ތައުލީމެވެ. ސެކްސް އެޑިއުކޭޝަން އަކީ ސްކޫލުތަކުގައާއި އިޖްތިމާޢީ އެކިއެކި ބައްދަލުވުންތަކާއި އަދި ގޭގައިވެސް ދެވިދާނެ ތައުލީމެކެވެ. މިހާ ކުޑަގޮތަކަށް ބުންޏަސް މީގެތެރޭގައި ހިމެނެނީ ވަރަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލެވިދާނެ މައުޟޫތެކެވެ. ފުރާވަރާއި ފުރާވަރުގެ ކުދިންނަށް ޢާންމު ދިރިއުޅުމުގައި އަންނާނެ ބަދަލުތަކާއި، އެނަޓޮމީއާއި، އެންމެހައި ގެވެށި ގުޅުންތަކާއި، ގުޅުންބާއްވަންވީ މިންވަރާއި ކޮންމެހެންވެސް އެނގެންޖެހޭ ހައްދުތަކާއި އިންތަކާއި،  ޖިންސީ އަދި ޖިސްމާނީ ކަންކަމުގައި ހުންނަ ދީނީ އަދި ސަޤާފީ ޤަބޫލުކުރުންތަކާއި ހަމަތަކާއި، މުޖްތަމަޢުގެ ތެރޭގައި ހުރި މިދާއިރާއާއި ގުޅޭ އެންމެހައި އާދަކާދަ އަކީ ކޮމްޕރިހެންސިވް ސެކްސް އެޑިއުކޭޝަންގެ ތެރޭގައި ހިމެނޭ އަދި އުނގަންނައިދެވޭ މައުޟޫތަކެވެ.

މިވާހަކަ ދައްކަންޖެހެނީ ކީއްވެ؟

މިވާހަކަދައްކަން ޖެހެނީ، އިތުބާރުކުރެވޭ މަގާމުތަކުގައި ތިބޭމީހުންނާއި މުޖުތަމައުގެ އެކި ހިސާބުތަކުގައި އެކި ފަންތީގައި ތިބޭ މީހުން ތުއްތުކުދިންނަށާއި ފުރާވަރުގެ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުން އާއްމުވެފައިވާތީއެވެ. ކާފައާއި، ބައްޕައާއި، ދޮންބައްޕައާއި، ބޮޑުބޭބެއާއި، މުދައްރިސާއި، މުދިމާއި، ގުރުއާން ޓީޗަރާއި، ފިހާރަ ސޭޓާއި، އާއިލީ ރައްޓެހިންނާއި މިހެންގޮސް ނަން ހުސްކޮށް މިފަދަ މީހުން މި މުޖުތަމައުގައި އެބަތިއްބެވެ. އަނބިންނަށް ފިރިން ޖިންސީ ގޯނާ ކުރާތީއެވެ. އޮފީހުގައި ޖިންސީފުރައްސާރަ ގިނަވާތީއެވެ. ސަގާފީގޮތުން ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ ސަބަބުން މިފަދަ ވާހަކަތައް ސިއްރުކުރުމަކީވެސް ހަމަ އާއްމުކަމެކެވެ. މިއީ ނައްތާލަންޖެހޭ ސަގާފަތެކެވެ.

advertisement

އަހަރެމެންގެ މުޖުތަމައުގައި ޖިންސީ ގިނަ މައުޟޫއުތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަކީ ‘ޓެބޫއެކެވެ’. އެއީ ލަދުހަޔާތުގެ ތެރެއިންވާ ކަމަކަށް ހެދުމުގެ ސަބަބުން އަހަރެމެންގެ ތެރޭގައި ގިނައީ ޖިންސީ ކަންމާއި ބެހޭ މައުލޫމާތު އެއްވެސް ވަރަކަށް ނެތް މީހުންނެވެ. ޖިންސީ ގުޅުމުން އަރާ ބަލިތަކާއި، ބަލިތައް އަރާ ގޮތާއި، ރައްކާތެރިގޮތުގައި ޖިންސީ ގުޅުން ހިންގާނެ ގޮތުގެ ވާހަކަތައް ޅަފަތުގައި ކިޔައި ނުދެވުމުގެ ސަބަބުން ޒާތީ ދިރިއުޅުމުގައި އެތަކެއް ދަތިތައް ތަހައްމަލުކުރަން ޖެހޭ މީހުން ގިނަކަން ޑޮކްޓަރުންވެސް ފާހަނގަކުރެއެވެ. ޅަފަތުގައި ޖިންސީގޯނާއެއް ލިބުނަސް އެއީ ގޯނާއެއްކަމުގައި ނޭނގޭ ކުދިން މި މުޖުތަމައުގައި ގިނައީ މިވާހަކަތައް ކިޔައި ނުދެވޭތީއެވެ. ތިމާއަށް ދިމާވި ކަމަކީ އަނިޔާއެއް ކަމާއި އެކަމަކީ ތިމާއަށް އެކަމަކުން ރައްކާތެރިކަން ލިބެންޖެހޭ ކަމެއް ކަން އެނގެނީ ބޮޑުވެ ތަސައްރަފު ފުދުނީމައެވެ. ސެކްސްއެޑް އަކީ ހަމައެކަނި ދަރިމައި ނުވާނޭހެން ޖިންސްސީ ގުޅުން ހިންގާނެގޮތް ބުނެދޭ ތައުލީމެއް ނޫނެވެ. ކުރިން ބުނިހެން މިއީ ދޭދޭ ގުޅުންތައް އޮންނަންވީ މިންތިއާއި، މީހަކަށް ތިމާއާއި ގާތްވެވޭނީ ކިހާ މިންވަރަކަށް ކަމާއި، ގައިގައި އަތްލެވޭނީ ކާކަށް ކޮން ހާލަތެއްގައި ކަމާއި، މިފަދަ އެތައް މުހިންމު މައުލޫމާތު ކުދިންނަށް އުގަންނައި ދިނުމެވެ.

ހަޑިކަމެއް ނޫން

ސެކްސް އެޑިއުކޭޝަން އަކީ ހުޅަގުގެ ހަނޑި އަމަލެއްކަމަށް ދެކޭ މީހުން އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ގިނައެވެ. މިއީ އަދި މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫނެވެ. ދަރީން ބޮޑެތިވެ ފުރާފުރިހަމަވުމާއި، ކައިވެނި ކުރުމާއި، ޖިންސީގުޅުން ހިންގުމާއި، ދަރިން ހޯދުމާއި މިހިރީ ފިޠުރަތުން އިންސާނުންގައި ލައްވަވާފައި ހުންނަ ތަބީޢީ ކަންކަމެވެ. އެއީ ހަމައެކަނި ދޮން ފަރަންޖީންނަށް އޮންނަ ކަންކަމެއް ނޫނެވެ. އެހެންކަމުން އުމުރާއި ގުޅޭގޮތަށް މިމަޢުލޫމާތު އެންމެނަށްވެސް ލިބުމަކީ ނުހަނު ބޭނުންހުރި ކަމެކެވެ. ތިމާގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި، ތިމާގެ ޖިންސީ ދުޅަހެޔޮކަމަކީ ކުޑަކުޑަ އާދައިގެ ކަންކަމަށް ހަދައި ދޫކޮށްލެވިގެން ނުވާނެއެވެ. އެއީ ކޮންމެހެން އެނގުން ހައްޤު މަޢޫލޫމާތެވެ.

ޅަފަތުގައި އަދި ފުރާވަރުއުމުރުގައި ކުދިންނަށް ސެކްސްއެޑް އުނގަންނައިދިނުމަށް މުސްލިމު ގައުމުތަކުގެ ބެލެނިވެރިންވެސް ތާއީދުކުރެއެވެ. މިގޮތުން މެލޭޝިއާ، އޮމާން، އިރާން އަދި ބަންގްލަދޭޝްގެ ބެލެނިވެރިން އެމީހުންގެ ކުދިންނަށް ސްކޫލުތަކުގައި ސެކްސްއެޑް އުގަންނައިދިނުމަށް ބޭނުންވާކަމަށް އެގައުމުތަކުގައި ޝާއިއުކޮށްފައިވާ ޖާނަލްތަކުން އެނގެއެވެ. އެހެންކަމުން މިއީ ހަމައެކަނި ހުޅަގުން ފަތުރާ ވިޔާނުދާ ކަމެއްކަމުގައި ބުނެވޭކަށް ނެތެއް ނޫންތޯއެވެ. މިއީ ލަދުހަޔާތަކަށް ހަދާފަތް އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ސްކޫލުތަކުންނާއި ގޭތެރެއިން ފެށިދާނެއެވެ. ސެކްސް އެޑިއުކޭޝަން އަކީ ސެންސިޓިވް މާއްދާއެއްކަމުން މިމުޖުތަމައުގެ އާދަކާދަތަކާއި ގުޅޭގޮތަށް ބައްޓަންކޮށްގެން މިތައުލީމު ފެއްޓިދާނެއެވެ. ބެލެނިވެރިންނަށް އަތްމަތީ ފޮތްތައް ދިނުމާއި ދަރިވަރުންނަށް ހާއްސަ ފޮތްތައް ދިވެހިބަހުން ލިބެ ތައްޔާރުކޮށް ސްކޫލުތަކުގައި ބޭނުންކުރަން ފަށައިފިނަމަ ތުއްތުކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ބާރަކަށް އެކަން ވާނެއެވެ. އަދި ފުރާވަރު ކުދިންނާއި ޅަޒުވާނުންނަށް ހަޔާތުގައި ކޮންމެހެން އެނގެންޖެހޭ މުހިންމު މައުލޫމާތު ލިއްބައިދެވޭނެއެވެ.

މިކަމުން ކުރާނެ ފައިދާ އަކީ ކޮބާ؟

ތަޢުލީމަކީ އެދެވޭ މިންގަނޑަކަށް ތަރުބިއްޔަތުވެފައިވާ ޖީލެއް އުފެއްދުމުގެ ބިންގަލެވެ. އުނގެނުމުގެ ހަޔާތުގައި ހިސާބާއި ކެމިސްޓްރީ ނޫނީ ފިޒިކްސް އެކަނި ކިޔެވުމަކުން ނުފުދެއެވެ. އެކި ކަހަލަ ލައިފް ސްކިލްސްތަކާއި، ދޭދޭ ގުޅުންތަކާއި، ޖިންސީ އަދި ޖިސްމާނީގޮތުން އެނގި ދަސްކޮށްދޭންޖެހޭ ކަންކަމަކީ މަދަރުސާ ދައުރުގައި ކިޔަވައިދެވި ބުނެދެވިފައި ހުންނަންޖެހޭ ވާހަކަތެކެވެ.  މިގޮތުގައި އުނގެނި ހެދި ބޮޑުވެފައިވާ ޖީލެއް ބިނާކުރެވިއްޖެ ނަމަ އަންހެނުންނަށް އިޙްތިރާމް ކުރުމާއި، ޖިންސީ ތަފާތުކުރުން ނައްތާލުމާއި، ގެވެށި އަނިޔާއާއި، ކުޑަކުދިންނަށް ކުރާ ގޯނާއޭ ކިޔައިގެން ދައްކަންޖެހޭ ވާހަކަ ޔަޤީނުންވެސް މަދުވާނެއެވެ. މިފަދަ ވެއްޓެއްގައި ހެދި ބޮޑުވާނީ ހޭލުންތެރިވެފައިވާ އައު ޖީލެކެވެ. އަހަރެމެންގެ ސަޤާފަތުގެ ތެރޭގައި ހިމެނޭ ނޭއްގާނީ ކިތަންމެ ކަމަކުން ބަރީއަވެފައިވާ ސާފުތާހިރު ޖީލެކެވެ.  

ރިއެކްޝަންސް
6
32
2
0
3
1
19