އަމިއްލަ ހިޔާލު: ތަކުރާރުކޮށް މަކަރު، އެކަމަކު އަންނަ އަހަރު ވެސް ދާނެ!

27 އެޕްރީލް 2024 - 14:01

ހައްޖަށާއި އުމްރާ އަށް ގެންދާ ގްރޫޕްތަކުން މަކަރު ހެދުމަކީ ދިގު ތާރީހެއް އޮތް ކަމެކެވެ. ހާއްސަކޮށް ހައްޖަށް ގެންދާ ގްރޫޕްތަކުންނެވެ. ހައްޖަށާއި އުމްރާ އަށް މީހުން ގެންދިއުމަށް ހާއްސަކޮށްގެން ސަރުކާރުން ކުންފުންޏެއް އުފައްދަން ޖެހުނީ ވެސް އެކަންތައް ހައްދުފަހަނަ އަޅައިގެން ދިއުމުންނެވެ. އެހެން ނަމަވެސް މި ސިލްސިލާ އަށް ނިމުމެއް ނައެވެ. 

މި ފަހަރުގެ ރޯދަމަހާ ދިމާކޮށް ހައްޖަށް ދިޔަ ބަޔަކު ވެސް މައްކާގައި ތާށިވެފައި އެބަ ތިބި

މި ފަހަރުގެ ރޯދަމަހާ ދިމާކޮށް އުމްރާއަށް ދިޔަ ބަޔަކު މިހާރު ވެސް މައްކާގައި ތާށިވެފައި އެބަ ތިއްބެވެ. ހައިރާންވާންޖެހޭ ކަމަކީ މި މީހުންނަކީ މިދިޔަ އަހަރު ވެސް މައްސަލަ ޖެހުނު އުމްރާ ގްރޫޕެއްގެ ބެލުމުގެ ދަށުން ދިޔަ ބަޔަކަށް ވުމެވެ. މައްކާގައި ފުރޭނެ ގޮތެއް ނެތިފައި ތިބީ މަޝްއަރު ޓުއާސްގެ ނަމުގައި އުމްރާއަށް ގޮސް ތިބި 50 މީހުންނެވެ. 

advertisement

މި މީހުންނަށް މާލެ ނާދެވިފައި ވަނީ އެ މީހުންގެ ރިޓާން ޓިކެޓަށް ފައިސާ ނުދެއްކުމުގެ ސަބަބުން ޓިކެޓް ކެންސަލްކުރުމުންނެވެ. މި ގްރޫޕުން ޓިކެޓް ނަގާފައި ވަނީ އޭސް ޓްރެވެލްސް އަށް ޗެކްތަކެއް ދީގެންނެވެ. ނަމަވެސް އެ ޗެކްތައް ބައުންސްވެފައިވާ އިރު ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް ފައިސާ ދައްކާފައި ނުވާތީ އޭސް ޓްރެވެލްސް އިން ވަނީ ޓިކެޓްތައް ކެންސަލްކޮށްފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ މީހުން ތިބި ހޮޓަލަށް ވެސް ބަރާބަރަށް ފައިސާ ދައްކާފައެއް ނުވެއެވެ. އެހެން ނަމަވެސް އުމްރާވެރިން ވަނީ 21 ދުވަހުގެ ޕެކޭޖަށް 38،500ރ. ދައްކާފައެވެ. މިއީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ވެސް ނެތް ބައެކެވެ. މިދިޔަ އަހަރު އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ނަމުގައި އުމްރާ އަށް ގެންދިޔަ މީހުން ވެސް މި ގޮތަށް ތާށިވިއެވެ. 

އެފަހަރު ވެސް ފްލައިޓް ޗާޓާކުރުމާއި ޓިކެޓަށްވާ ފައިސާ އަށް ދޫކުރި ޗެކްތައް ބައުންސްވެ އުމްރާވެރިން މައްކާގައި ތާށިވުމުން ރާއްޖެ ގެންނަންޖެހުނީ އިސްލާމިކް މިނިސްޓްރީން އެކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެންނެވެ. ތާށިވި 138 މީހުން ރާއްޖެ ގެނައީ ޓިކެޓް ފައިސާގެ އެއްބައި ދައްކައި އަނެއް ބައި ފަހުން ދައްކާ ގޮތަށް މިނިސްޓްރީ މެދުވެރިކޮށެވެ.  

އެ މައްސަލައާ ގުޅިގެން އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހުއްދަ އިސްލާމިކް މިނިސްޓްރީން އޮތީ ބާތިލްކޮށްފައެވެ. އެ ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް މި ފަހަރު މީހުން އުމްރާ އަށް ގެންދިޔައީ ޓްރެވެލް އެޖެންސީއެއް ކަމަށް ބުނެ މަޝްއަރު ޓުއާސްގެ ނަމުގައި އޮޅުވާލައިގެންނެވެ. މި އެޖެންސީ ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ވެސް ކޮށްފައެއް ނުވެއެވެ.

ކުރިން ހައްޖަށް މީހުން ގެންދިއުމުގައި ވެސް ބޮޑެތި މަކަރުތައް ހަދާފައިވޭ

މީގެ ކުރިން ހައްޖަށް މީހުން ގެންދިއުމުގައި ވެސް ބޮޑެތި މަކަރުތައް ހަދާފައި ވެއެވެ. އަދި ބައެއް މައްސަލަތަކުގައި މީހުންގެ މައްޗަށް ދައުވާކޮށް ހުކުމްކޮށްފައި ވެއެވެ. އެފަދަ ކޮންމެ މައްސަލައަކުން ވެސް މީހުންނަށް ބޮޑެތި ގެއްލުންތައް ލިބޭ އިރު ސަރުކާރަށް ޖެހޭ ބުރަ ވެސް ކުޑައެއް ނޫނެވެ. ސަރުކާރުން އެކަމަށް ކުންފުންޏެއް އުފައްދަންޖެހުނީ ވެސް އެ ސަބަބާ ހުރެއެވެ.

އެހެން ނަމަވެސް ހައްޖަށާއި އުމުރާ އަށް ދާ މީހުންގެ ޑިމާންޑް ބޮޑުވުމުން އަމިއްލަ ކުންފުނިތަކަށް މިހާތަނާ ޖެހެންދެން ސަރުކާރުން އައީ ކޮންމެ ވެސް މިންވަރަކަށް ޖާގަތައް ދެމުންނެވެ. އެހެން ނަމަވެސް މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ސަރުކާރުން ދީފައި ވަނީ ހަމައެކަނި ސަރުކާރުގެ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

ރާއްޖެ އަށް ލިބުނު 1،000 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމީ ހައްޖަށް ގެންދާ އަމިއްލަ ކުންފުނިތަކުން މަކަރު ހަދާކަމުގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ. އެ ގޮތުން ކޯޓާ ހޯދުމަށް ކުޑައަގެއް ހުށަހެޅުމަށް ފަހު މިނިސްޓްރީން ހުއްދަ ދޭ އަގަށް ވުރެ ބޮޑުކޮށް ރަސީދެއް ނެތި އަގު ނަގާކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. އަދި އެގޮތަށް ނިންމީ ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދާން ބޭނުންވެގެން ރަޖިސްޓްރީވެ ކިޔުގައި ތިބުމުން ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ.

“މާ ގިނަ ފައިސާ ރައްޔިތުންގެ އަތުން ނަގަނީ. 75،000ރ.، 80،000ރ.، 90،000ރ.، ޖަހައިގެން ބޮޑެތި ބިޑްތައް ނަގަނީ. އަދި އިތުރަށް 50،000ރ.، 70،000ރ.، އެބަ ނަގާ މީހުންގެ އަތުން. މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މި ނޫން ގޮތެއް އެބަ ހޯދަން ޖެހޭ،” އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ހައްޖާއި އުމްރާ އަށް ދާން ބޭނުންވެފައި ތިބޭލެއް ބޮޑު ކަމުން ސްކޭމްތަކުގައި މީހުން ފަސޭހައިން ޖެހޭ

ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމުގައި ތަކުރާރުކޮށް މަކަރު ހެދި ނަމަވެސް އެކަމަށް ބޭނުންވެފައި ތިބޭލެއް ބޮޑު ކަމުން މިހެން ހިންގާ ސްކޭމްތަކުގައި މީހުން ވަރަށް ފަސޭހައިން ޖެހެއެވެ. މި ފަހަރު ހައްޖަށް ގެންދިއުމުގެ ފުރުސަތު ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް އޮތް ނަމަވެސް އިތުރު ކޯޓާ ލިބުމުން އަމިއްލަ ފަރާތްތަކަށް އެ ކޯޓާ ލިބޭނެ ކަމަށް ބުނެ މިހާރު ވެސް ބައެއް އަމިއްލަ ގްރޫޕްތަކުން މީހުން އަތުން ފައިސާ ނަގަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.

“ވަރަށް ގާތް މީހަކު މިހާރު ވެސް ދެ ބައިކުޅަ އެއްބައި ދައްކައިފި. އަމިއްލަ ގްރޫޕަކަށް. އެ މީހުން ބުނަނީ އިތުރު ކޯޓާ ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި އޮތް ކަމަށް. އެ ކޯޓާ ލިބުމުން އެ މީހުންނަށް ފުރުސަތު ލިބޭނެ ކަމަށް. އިސްލާމިކް މިނިސްޓްރީއާ ވަރަށް ގުޅުން އޮންނަ ބައެއް އެކަމުގައު އިސްކޮށް އުޅެނީ. އެހެންވެ މީހުންނަށް ޔަގީންކުރެވެނީ އެ ދައްކާ ވާހަކަ،” ފައިސާ ނަގާކަން އެނގޭ މީހަކު ބުންޏެވެ.

އުމްރާ އާއި ހައްޖަށް ދިއުމަށް ދައްކަންޖެހެނީ ކުޑަ އަދަދެއް ނޫނެވެ. 

އެހާ ގިނަ ފައިސާ ހަމަ އެކަނި މީހަކު ބުނާ ބުނުމަކަށް ދޫކޮށްލުމުގެ ބަދަލުގައި އެކަމުގެ ސައްހަ މައުލޫމާތު ހޯދަން އެބަޖެހެއެވެ. އުމްރާ އަށް ދިއުމަށް މީގެ ކުރިން ވިސާ ދޫކުރަނީ އެކަމަށް ހުއްދަ އޮންނަ ގްރޫޕްތަކަށް އެކަންޏެވެ. އެހެން ނަމަވެސް ސައުދީން މިހާރު ވަނީ އަމިއްލަ އަށް ވެސް ވިސާ ނެގޭ ގޮތަށް ވިސާގެ ކަންކަން ބަދަލުކޮށްފައެވެ. އުމްރާ އަށް މީހުން ގެންދިއުމުގައި ކޮންމެހެން ހުއްދައެއް އޮންނާކަށް ނުޖެހެއެވެ. އެހެން ކަމުން ޓުއަރ އެޖެންސީތަކަށް ވެސް މިހާރު އުމްރާ ޕެކޭޖްތައް ވިއްކެއެވެ.

ވިސާގެ ކަންކަމުގައި ގެނައި ބަދަލަކީ އެތައް ބަޔަކަށް ފަސޭހައަށް ގެނައި ބަދަލެއް ނަމަވެސް މިއީ މަކަރު ހަދާ ބަޔަކަށް ވެސް ހުޅުވިގެން ދިޔަ ފުރުސަތެކެވެ. އެހެން ކަމުން އުމްރާ އަށް ދާ ފަރާތްތަކުން މި ކަމަށް ސަމާލުވާންޖެހެއެވެ. ފައިސާ ދައްކާ އިރު ފައިސާ ދެއްކެނީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ބައެއްތޯ ނުވަތަ ރަޖިސްޓްރީކޮށްފައިވާ ޓްރެވެލް އެޖެންސީއެއްތޯ ބަލަންޖެހެއެވެ.

ކުރިއަށް އޮތީ ހައްޖު މޫސުމެވެ. ތަފާތު އެކި ސްކޭމްތަކަށް ސަމާލުވާންޖެހެއެވެ. މި ވަގުތު ހައްޖަށް މީހުން ގެންދިއުމުގެ ކޯޓާ އޮތީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ. އެހެންކަމުން އެހެން ބަޔަކަށް ފައިސާ ދައްކަންޖެހޭ ސަބަބެއް ނެތެވެ. ނަމަވެސް ހިތާމަޔަކީ ތަކުރާރުކޮށް މަކަރު ހެދިޔަސް, މައްކާރުންނަށް އިތުބާރުކޮށް މިފަހަރުވެސް ބޮނޑިބޯނެ ދިވެހިން ތިބޭނެކަމެވެ

ރިއެކްޝަންސް
0
0
0
0
0
0
2