ބިލިއަނުން ހަރަދު ކުރާއިރު ސަރުކާރުން އޮފީސް އިމާރަތް ނަހަދަނީ ކީއްވެ؟
26 ސެޕްޓެމްބަރ 2026 - 17:56
މާފަންނުގައި ހުންނަ ކުރީގެ ސްޓާ ސިނަމާ ބިލްޑިންގ އަށް ވަދެލީމެވެ. ރައްޓެއްސަކު ކޮފީއެއް ބޯލަން އައުމަށް އެދުމުންނެވެ. އެ އިމާރާތަށް ވަދެގެން ލިފްޓާ ދިމާލަށް މިސްރާބުޖެހިއިރު، ލޯ ހުއްޓުނީ އެ އިމާރާތުގައި ހިމެނޭ ހުރިހާ އޮފީހެއްގެ ނަންތައް ޖަހާފައި ހުރި ކަޅުކުލައިގެ ބޯޑަށެވެ. ބޮޑު އަކުރުން އޮޑިޓަރ ޖެނެރަލް އޮފީހާއި، އެޗްއާރްސީއެމްއާއި ބީއެމްއެލްގެ އިތުރުން އެހެން ދެތިން ތަނެއްގެ ނަން ހުއްޓެވެ. ހިތަށް އެރިއެވެ. “ސަހަރޯއެވެ! މި އިމާރާތުގެ ވެރިމީހާއަށް ދައުލަތުގެ މާލިއްޔަތުން ލައްކަ ފައިސާ މަހަކު ލިބޭނެތާއެވެ.”
ދައުލަތުގެ އޮފީސްތައް ހިންގުމަށް މާލޭގެ މަދު ބައެއްގެ ޖީބަށް މިލިއަނުން ފައިސާ ވަންނަމުންދާއިރު، ސަރުކާރުން އަމިއްލަ އޮފީސްތައް ބިނާނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރަށް ގެއްލެނީ ކޮން އެއްޗެއް ހެއްޔެވެ؟ ބާރުގަދަ މަދު ބައެއްގެ ނުފޫޒުގައި، ދައުލަތުގެ މާލިއްޔަތުން ވަކި އަދަދެއް ވަކި ބަޔަކަށް ބަލަދު މިއަރަނީ ފަހެ ކީއްވެގެން ހެއްޔެވެ؟
ހުރަވީ ބިލްޑިންގާއި ޣާޒީ ބިލްޑިންގު ފަދަ ތަންތަން ވީރާނާވެ، އެތަންތަނުން ނުކުންނަން ޖެހުނު ދުވަސް ވެސް އައެވެ. އެހެން ނަމަވެސް ސަރުކާރުގެ އެތައް އޮފީހެއް ހުރި އެ ދެ އިމާރާތް ބިމާ ހަމަކުރަން ޖެހުނު އިރު ވެސް ވެލާނާގެ ފިޔަވައި އެފަދަ އެހެން އިމާރާތެއް ސަރުކާރަށް ބިނާކުރެވިފައެއް ނުވެއެވެ. އެދުވަހު ވަންނަންޖެހުނީ މާލޭގައި އިމާރާތް ހުރި ދެތިން މަހުޖަނުންގެ ބިމަށެވެ. ދައްކަންޖެހުނީ އެމީހުން ބުނި ބޮޑު ކުއްޔެވެ.
އަމިއްލަ އިމާރާތްތަކަށް އެތައް މިލިއަނެއް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދި މައުލޫމާތުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު އެކަނިވެސް އޮފީސްތައް ކުއްޔަށް ނަގަން ދައުލަތުން ވަނީ 161.52 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުން 32 މުއައްސަސާއެއްގެ 97 ޖާގައަކަށް 92.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 87.8 މިލިއަން ރުފިޔާ ހޭދަވަނީ މާލޭގެ 46 އިމާރާތަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ އެމްބަސީތަކަށް އަހަރަކު 53.2 މިލިއަން ރުފިޔާ ހަރަދުވެއެވެ.
ބަޖެޓު ފޮތުގައި އިތުރަށް ހާމަކުރާ ގޮތުގައި އޮފީސް އިމާރާތްތަކަށް ކުލި ދެއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބެންޗްމާކަކީ އަކަފޫޓަކަށް 400 ރުފިޔާ ކަމަށްވީ ނަމަވެސް، 22 އޮފީސް އިމާރާތެއްގެ އަހަރީ ކުލި ހުރީ މި މިންގަނޑަށްވުރެ މަތީގައެވެ. އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި 22 އިމާރާތަށް އެކަނިވެސް
އަހަރަކު ގާތްގަނޑަކަށް 64.2 މިލިއަން ރުފިޔާ ހަރަދުވެއެވެ. މިއީ މާލެއިން ކުއްޔަށް ހިފާފައިވާ އިމާރާތްތަކަށް ދައްކާ މުޅި ކުލީގެ ގާތްގަނޑަކަށް 73 އިންސައްތައެވެ.
މި ހުރިހާ އަދަދުތަކަކުން ވެސް ހާމަވަނީ އޮފީސް އޮފީސް އިމާރާތްތަައް ކުއްޔަށް ނެގުމަށް ދައުލަތުން އުފުލަންޖެހިފައިވާ ބުރައެވެ. މަދު އަދަދެއްގެ އަގުބޮޑު އިމާރާތްތަކަކަށް ސަރުކާރުގެ ބަޖެޓުގެ ބޮޑު ބަޔެއް ހޭދަވާތީއެވެ.
ދައުލަތުގެ މާލިއްޔަތާއި ޒިންމާދާރު ކުރުވުމުގެ ނަޒަރަކުން ބަލާއިރު މިފަދަ ބޮޑެތި އަގުތަކުގައި ކުއްޔަށް ހިފާފައިވާ ތަންތަނުގެ އެއްބަސްވުންތަކުގެ މުއްދަތާއި، އުސޫލުތަކާއި، ޕްރޮކިއުމަންޓް މަރުހަލާތައް ހިނގާފައިވާ ގޮތް ބެލުން ނުހަނު މުހިންމެވެ. ކުއްޔަށް ކުރާ ހަރަދާ އެކަށީގެންވާ ފައިދާއެއް ލިބޭތޯ ވަޒަންކުރެވޭނީ އިމާރާތް ހުރި ތަނާއި، ބޮޑުމިނާއި، އިމާރާތުގެ ހާލަތާއި، ފަސޭހައިން ވާސިލުވެވޭ މިންވަރާއި، ކުލީގެ މުއްދަތާއި، ބާޒާރުގައި އެފަދަ އެހެން އިމާރާތްތައް ލިބެން ހުރި މިންވަރަށް ބަލައިގެންނެވެ.
ނަމަވެސް މިއިން އެއްވެސް މައުލޫމާތެއް ހާމަކުރުމަށް ސަރުކާރު މިއަދު ވަނީ ނުކުޅެދިފައެވެ. ހީވާކަހަލައެވެ. ދައުލަތުގެ ޒިންމާއަކީ މި މުއާމަލާތްތަކުގައި ޝާމިލްވާ މަދު ބައެއްގެ މަސްލަހަތު ދެމެހެއްޓުމެވެ.
ސަރުކާރަށްބޮޑު އަގުގައި އިމާރާތްތައް ކުއްޔަށް ދީގެން މުއްސަނދިވެފައިވާ ބަޔަކު އެބަ ތިއްބެއެވެ. އެމީހުންގެ ދަރީންގެ ދަރިންވެސް އަތުން ފައިން މަސައްކަތެއް ކުރަން ނުޖެހޭ ވަރަށެވެ. އެ މީހުންގެ ވިޔަފާރިތައް ވެސް ބިނާވެފައި އޮތީ އެ އާމްދަނީ ވަށައިގެންނެވެ. ސަރުކާރަށް ކުއްޔަށް ގެދޮރު ދީފައި މުޅި ދިރިއުޅުން ބޭރު ގައުމުތަކުގައި، އުފަލާއި އަރާމުގައި ދިރިއުޅޭ ދިވެހިން މަދެއް ނޫނެވެ. މި ހުރިހާ ކަމަކީވެސް ދިވެހި އެންމެހާ ރައްޔިތުންގެ އާންމު މަސްލަހަތާއި ގުޅިފައިވާ ދިރިއުޅުމުގެ ހާލަތާއި ގުޅިފައިވާ ކަންކަމެވެ.
ހައްލެއް ހޯދައި ނުދެވިފައި
ވޭތުވެދިޔަ ސަރުކާރުތަކުން ކޮންމެވެސް ވަރަކަށް މި މައްސަލައަށް ހައްލު ގެންނަން މަސައްކަތްކުރިއެވެ. އެގޮތުން ހުޅުމާލޭގައި 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން އުމަރު ޒާހިރު ބިލްޑިންގ ބިނާކުރިއެވެ. އަމާޒަކަށްވީ ދައުލަތުގެ ބަޖެޓަށް ކުރާ ބާރަށް ކުޑަވެސް ތަސައްލީއެއް ދިނުމެވެ. ނަމަވެސް، މައްސަލައަށް ދާއިމީ ހައްލެއް ނުލިބި، ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރާ ހަރަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. އިތުރު އޮފީސް އިމާރާތެއް ހެދުމުގެ ވިސްނުމެއް ސަރުކާރަކުން ނުގެންގުޅެއެވެ. އިއުލާނުކުރި ޕްރޮޖެކްޓެއް ނެތެވެ. ހަރަދު ކުޑަކުރުމުގެ އެކި އެކި ސިޔާސަތުތަކުގެ ވާހަކަ ފަލަ ސުރުހީއަށް އަރުވަމުންދާއިރު، އޮފީސްތަކަށް ކުރާ ހަރަދު ކުޑަކުރުމަށް ބިންގަލެއް ވެސް އެޅިފައިނެތެވެ.
ހުޅުމާލޭގައި އުމަރު ޒާހިރު އޮފީސް އިމާރާތް ބިނާކޮށްފައިވީ ނަމަވެސް އެއީ ވެސް ސަރުކާރުގެ އޮފީސްތަކަށް އެކަށީގެންވާ ޖާގަ އޮތް ތަނެއް ނޫނެވެ. އިމާރާތް އެޅި އިރު މުޅި މައްސަލަ އަށް މާ ބޮޑު ހައްލެއް ގެނެވޭނެ ވިސްނުމެއް އެ އިމާރާތަކުން ނުފެނެއެވެ. މި އިމާރާތުގެ އޮފީސް ހިންގާ ހަތަރު ބުރީގެ ތެރެއިން ކޮންމެ ބުރިއެއްގައި 25,000 އަކަފޫޓުގެ ޖާގަ ހުރެއެވެ. މީގެ އިތުރުން ޕާކިންގާއި، ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ޖާގަތައް ހިމެނެއެވެ. މި އިމާރާތް ފުރަތަމަ ފަރުމާކުރެވުނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ އިތުރުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ހިންގުމަށެވެ. ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް އެ އިމާރާތަށް ބަދަލުކުރެވުނުއިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީވެސް އެ އިމާރާތަށް ބަދަލުކުރުމަށް ތައްޔާރުވިއެވެ. މިއީ ސަރުކާރުގެ އޮފީސްތަކާ އަޅާ ބަލާއިރު މަދު އޮފީހެކެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ހަރަދުގައި ހިންގާ އެތައް އޮފީސްތަކެއް އަމިއްލަ މީހުންގެ ގޭގޭގައި އެބަ ހިންގައެވެ.
ހުޅުމާލޭގައި ބިނާކުރި ހަ ބުރީގެ ސަރުކާރުގެ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އިމާރާތް ހުޅުއްވައިދެއްވަމުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ކުއްޔަށް ތަންތަން ނަގައިގެން އޮފީސްތައް ހިންގުމަކީ ދައުލަތުގެ ބަޖެޓަށް ބޮޑު ބާރެއް ކަމަށާއި، މި އިމާރާތުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އެހެން ނަމަވެސް، ދައުލަތުން ކުއްޔަށް ކުރާ ހަރަދު ލުއި ވި ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ތަފާސްހިސާބުތަކުން ދައްކަނީ އެ ހަރަދު ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާތަނެވެ. އެފަދަ އެތައް އިމާރާތެއް ބިނާކުރެވޭ ވަރަށް ކޮންމެ އަހަރަކު ކުއްޔަށް އެބަ ހޭދަކުރެއެވެ.
އުސޫލުތައް ދެމެހެއްޓޭތަ؟
އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ސަރުކާރުން ކުއްޔަށް ހިފުމުގައި ދައުލަތުގެ މާލިއްޔަތާއި ޕްރޮކިއުމަންޓް ގަވާއިދުތަކަށް އަމަލުކުރަންޖެހެއެވެ. ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ރެކޯޑުތަކުން ދައްކާ ގޮތުގައި އޮފީސް ޖާގަ ކުއްޔަށް ހިފުން ގައުމީ ފެންވަރުގެ ވާދަވެރި ބީލަން އުސޫލުން ކުރިއަށް ގޮސްފައިވެއެވެ. އެހެން ނަމަވެސް މިއީ ކޮންމެ ފަހަރަކު ކަން ހިނގާ ގޮތްތޯ ސުވާލު އުފެދޭ އެތައް ކަމެއް މީގެ ކުރިން ވެސް ހިނގާފައި އެބަ ހުއްޓެވެ. ބައެއް މީހުން ބޮޑެތި އިމާރާތްތައް ހަދަނީ ވެސް ސަރުކާރަށް ކުއްޔަށް ދިނުމަށް އަމާޒުކޮށްގެންނެވެ.
2024 ވަނަ އަހަރުގެ ފަހު ކޮޅުވެސް ފެނުނީ ޓީވީ ޗެނަލްއެއް އުފެއްދުމައްޓަކައި ދައުލަތުގެ ތެރެއިން މަގާމުތަކުގައި ތިބި އިސްވެރިން ހިންގި ކޮރަޕްޝަންގެ ހާއްޔެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ގުޅުން އޮންނަ ކަމަށް ބުނާ ‘އެމްއެމްޓީވީ’ ހިންގާ މޯލްޑިވްސް މީޑިއާ ހައުސްއިން ކުއްޔަށް ހިފާފައި ހުރި ސީރާޒީގޭގެ ތިން ފްލޯއެއް އެންސްޕާއަށް ސަބްލެޓް ކުރި މައްސަލައެއް ފެންމަތިވިއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވުނެވެ.ނަމަވެސް ކުރެވުނު ކަމަކީ އެއީ އެވެ. ތުހުމަތެވެ. އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. ޒިންމާދާރު ކުރެވުނު ފަރާތެއް ނެތެވެ. ރައްޔިތުންގެ މަސްލަހަތު އިސްކުރެވުނު ތަނެއް ނުފެނުނެވެ. ފާޑުކިޔުންތަކާ ގުޅިގެން އެއްބަސްވުން ނިމުމަކަށް ގެނައުން ފިޔަވައި އެކަމުގައި އެޅުނު ފިޔަވަޅެއް ފެންނާކަށް ނެތެވެ.
ދެން އޮތް ސުވާލު ބޮޑެވެ. ބިލިއަނުން ހަރަދުކުރާއިރު ސަަރުކާރުން އޮފީސް އިމާރާތް ނަހަދަނީ ކީއްވެހެއްޔެވެ؟ ސަރުކާރުގެ އޮފީސްތައް ކުއްޔަށް ހިފުމާ ގުޅޭގޮތުން އާންމުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގެ ތަފްސީލު ހިމެނޭ މަރުކަޒީ ރަޖިސްޓްރީއެއް އާންމުކުރުން މުހިއްމެވެ. މީގެ ތެރޭގައި އިމާރާތް ބޭނުންކުރާ މުއައްސަސާ އާއި، އިމާރާތުގެ ބޮޑުމިނާއި، އަހަރީ ކުއްޔާއި، އަކަފޫޓަކަށް ޖެހޭ އަދަދާއި، އެއްބަސްވުމުގެ މުއްދަތާއި، ޕްރޮކިއުމަންޓް ކުރިއަށްގެންދިޔަ ގޮތާއި، އެއްބަސްވުން ހަމަވާ ތާރީޚު ހިމެނެންޖެހެއެވެ.
މިއީ ވެރިކަމުގެ ކޮންމެ ދައުރެއްގައި ވެސް އޮތް ބޮޑު މައްސަލައެކެވެ. ހައްލެއް ހޯދަން މާ ބޮޑު މަސައްކަތެއް ކުރެވިފައި ނުވާ އިރު ފެންނަން އޮތީ ވަކި ބަޔަކަށް މިކަމުން މަންފާތަކެއް ކުރާ ކަމެވެ. ސަރުކާރުން ހޭދަކޮށްގެން އިމާރާތެއް ނުވަތަ އިމާރާތްތަކެއް އެޅި ނަމަ ދައުލަތަށް އެތައް ބިލިއަން ސަލާމަތްކުރެވުނީހެވެ.




