ކެންސަރު ގިނަވާ ސަބަބުތައް ނޭނގުމެއްގެ ތެރޭގައި!

10 ނޮވެމްބަރ 2026 - 13:01

އެތައް އާއިލާއެއް! އެތައް ފައިސާއެއް!

ޅ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މުހައްމަދު ހަމީދު (އަސްލު ނަމެއް ނޫން) އޭނާގެ އަންހެނުން އައޝަތު ސާމިޔާ (އަސްލު ނަމެއް ނޫން) ގޮވައިގެން މާލެ އައީ ބަނޑަށް ތަދުވާތީ ރަށު ހޮސްޕިޓަލަށް ދައްކައިގެން ވެސް ހައްލެއް ނުލިބުމުން ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. އޯޓިޒަމް ބަލި ތަހައްމަލުކުރަމުން ދާ ހަތް އަހަރު ފިރިހެން ދަރިފުޅާއި 13 އަހަރުގެ އަންހެން ދަރިފުޅު އެ ކުދިންގެ މާމައާ ހަވާލުކޮށްފައި ދެމަފިރިން މާލެ އައީ ހަފުތާއެއްހާ ދުވަހު މާލޭގައި މަޑުކޮށްފައި އެނބުރި ރަށަށް ދެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ތަގުދީރުގައި ލިޔެވިފައި ވަނީ އެހެން ގޮތަކަށެވެ. 

advertisement
advertisement

މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު އެންގީ އަވަހަށް ޓެސްޓްތައް ހެދުމަށެވެ. ނަތީޖާތަކުން އެނގުނީ ސާމިޔާގެ ގޮހޮރަށް ކެންސަރު (ކޮލޮރެކްޓަލަ ކެންސަރ) ޖެހިފައިވާ ކަމެވެ. މިއީ ވަރަށް އާންމު ބައްޔެކެވެ. ހަޖަމުކުރާ ނިޒާމުގެ ބައިތައް ކަމަށްވާ ކުޑަގޮހޮރު ނުވަތަ ބޮޑުގޮހޮރުގައި އުފެދޭ ނުރައްކާތެރި ކެންސަރެކެވެ. 

ހަފުތާއަކަށް މާލެ އައި ހަމީދު އަވަސްވެގަތީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށެވެ. އެ ނޫން ގޮތެއް ނެތެއެވެ. ރާއްޖެއިން އެކަށީގެންވާ ފަރުވާއެއް ލިބޭކަށް ނެތެވެ. ބުރިބުރި އިމާރާތްތައް ހަދާފައި ހުއްޓަސް ބޮޑުކަމަކާ ޖެހުމުން އަދިވެސް ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ.  

އެފަދަ ދަނޑިވަޅެއްގައި އަވަސްކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރިއެވެ. މާލީ ގޮތުން މާ ބޮޑު ތަނަވަސްކަމެއް ނެތުމުން ހަމީދު އަވަސްވެގަތީ އާސަންދަ އާއި އެންސްޕާގެ އެހީ ހޯދުމަށެވެ. ކޮވިޑްގެ ބަލިމަޑުކަމުން ދުނިޔެ ރަނގަޅަށް އަރައި ނުގަނެ އުޅެނިކޮށް ބޭރު ގައުމަކަށް ދަތުރުކުރުމަކީ ވެސް  ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް ސަރުކާރުގައި ކިރިޔާ ވެސް ދަންނަ ސިޔާސީ މީހަކު ހުރި ނަމަ އެ މީހަކަށް ގުޅައި ހިދުމަތް އަވަސްކުރުމަށް އެދުނެވެ. އެތައް ބައެއްގެ މަސައްކަތުން ދެ ދުވަހެއްގެ ތެރޭގައި ހަމީދުގެ ދެމަފިރިން، ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ފުރައިގެން ދިޔައެވެ. ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކުރުމަށް ފަހު މަހެއްހާ ދުވަހު މަޑުކުރަން ޖެހުމެވެ. 

އިންޑިއާ އިން ހަމީދުގެ ދެމަފިރިން އައީ ބަލިން ސަލާމަތްވީކަމުގެ ޔަގީންކަމާ އެކުގައެވެ. އެހެން ނަމަވެސް އެ އުފާވެރިކަމަށް މާ ގިނަ ދުވަހެއް ނުވިއެވެ. ދަރިންނާ އެކު މާ ގިނަ ދުވަހު ހުރެވޭ ގޮތެއް ނުވިއެވެ. ބަނޑުގައި ރިހުން އިތުރުވާން ފެށުމުން އަނެއްކާ ވެސް ހަމީދުގެ ދެމަފިރިން އިންޑިއާ އަށް ދިޔައެވެ. އެނބުރި އާދެވޭނެ ދުވަހެއް ނޭނގިއެވެ. 

ފަރުވާ ދިގުލައިގެން ދާ ވަރަކަށް ހަމީދުގެ ހާސްކަން ބޮޑުވެއެވެ. ހަމައެކަނި ސާމިޔާގެ ބައްޔާ މެދުގައި އެކަންޏެއް ނޫނެވެ. ކުޑަ ދެ ކުދިންގެ ހާލާއި ވަޒީފާއާ މެދުގައި ވެސް ވިސްނަންޖެހެއެވެ. ޗުއްޓީތައް ހުސްވެ އެންމެ ފަހުން ނޯޕޭ ނަގަން ޖެހުން ވެގެން ދިޔައީ ކުރިމަތިވި އިތުރު ހާސް ކަމަކަށެވެ. 

އެ ގޮތުގައި ތިން މަހެއްހާ ދުވަސް ހޭދަވި އިރު ސާމިޔާގެ ހާލު ދިޔައީ ދުވަހެއް ދުަވަހަކަށް ދަށަށެވެ. އެ ދަތުރު ވެގެން ދިޔައީ އެ ދެމަފިރިން އެކުގައި ކުރި އެންމެ ފަހު ދަތުރަށެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ސާމިޔާ ނިޔާވީއެވެ. އޯޓިޒަމް ބަލި ހުންނަ ފިރިހެން ދަރިފުޅާއި ފުރާވަރަށް އަރަމުން އަންނަ އަންހެން ދަރިފުޅު ޔަތީމުވީއެވެ. 

މިއީ ރާއްޖޭގެ އެތައް އާއިލާއެއް މިއަދު ތަހައްމަލުކުރަންޖެހިފައިވާ ހިތާމައެކެވެ. ރާއްޖޭގައި ކެންސަރުގެ އެކި ބާވަތްތަައް އިތުރުވަމުން ދާތާ އަހަރުތަކެއް ވަނީއެވެ. އެތައް އާއިލާއަކުން މި ހިތްދަތިކަން އެބަ ތަހައްމަލުކުރެއެވެ. ވަކި އުމުރުފުރައެއް ނޫނެވެ. ކުޑަކުދިންނުން ފެށިގެން އުމުރުން ދުވަސްވީ އެތައް ބަޔަކު ވެސް މިއަދު ތިބީ ކެންސަރު ބަލީގެ ވޭން ތަހައްމަލުކުރަން ޖެހިފައެވެ. 

ހަމައެކަނި ބައްޔެއް ނޫން! އާއިލާ އަށް ކުރިމަތިވާ ހިތްދަތިކަމެއް!

އަންހެނުން ނިޔާވުމުން ދެ ކުދިން ޔަތީމުވެފައިވާ އިރު އެ ދެ ކުދިންނަށް ވަގުތު ދިނުމަކީ ހަމީދަށް މިއަދު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މުސްކުޅިވެފައިވާ މައި މީހާ އާއި އާއިލާގެ ބައެއް މެންބަރުންގެ އެހީތެރިކަމާ އެކު ދަރިންގެ ކަންކަން ބަލަހައްޓަމުން ވަޒީފާ އަށް ދިއުމަކީ ކުޑަކަމެއް ނޫނެވެ. އިތުރު ޒަވާޖީ ހަޔާތެއް ފެށުމަށް އެތައް ފަހަރަކު ހަމީދު ވިސްނިއެވެ. ނަމަވެސް ސާމިޔާގެ އުނިކަން ދިރިއުޅުމުން ފިލައިގެން ނުދިޔުމާއި އެ ޖާގަ ދަރިންނަށް ހޯދައި ދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތުމުން ހަތް އަހަރެއްހާ ދުވަސް ވެގެން ދިޔަ އިރު ވެސް ހަމީދު އަދިވެސް ހުރީ ހުސްކޮށެވެ. އަދިވެސް މޫނުމަތިން ފެންނަނީ ހިތާމައިގެ ކުލަވަރެވެ. އިހަށް ދުވަހު ޖަނާޒާ އިން އައި މީހެކޭ ތަފާތެއް ނެތެވެ. 

ކެންސަރު ބައްޔަކީ ހަމައެކަނި އެ ބަލިވާ މީހާ އަށް ޖެހޭ ބައްޔެއް ނޫނެވެ. އެ ބަލީގެ ވޭން މުޅި އާއިލާ ތަހައްމަލުކުރަން ޖެހެއެވެ. ނަފްސާނީ ގޮތުންނާއި މާލީ ގޮތުން މުޅި އާއިލާ ވެސް ބަލިކަށި ކޮށްލައެވެ. މައިގަނޑު އެއް ސަބަބަކީ ކެންސަރުގެ ގިނަ ބަލިތަކަށް ރާއްޖެއިން އެކަށީގެންވާ ވަރަށް ފަރުވާ ލިބެން ނެތުމެވެ. ހާއްސަކޮށް ރަށެއްގެ ރައްޔިތަކު ނަމަ އުފުލަންޖެހޭ ބުރަ ބޮޑެވެ. އަވސް އަވަހަށް މާލެ އަށް ދަތުރުކުރަންޖެހުން ނުވަތަ ވަގުތީ ގޮތުން ނަމަ ވެސް ދިރިއުޅުން މާލެ އަށް ބަދަލުކުރަން ޖެހެނީ މަދުފަހަރަކު ނޫނެވެ. ނުވަތަ ރާއްޖެ އިން ބޭރަށް ދާން ވެސް އަންނަންޖެހެނީ މާލެ އެވެ. އެހެންކަމުން އަތުން ދާ ހަރަދު އިންތިހާ އަށް ބޮޑެވެ. ނަފްސާނީ ގޮތުން ބަލިކަށިވާ ވަގުތުގައި އެހީތެރިކަން ލިބޭނޭ މާ ބޮޑު ގޮތްތަކެއް ވެސް މި ރާއްޖޭގައި ހަމަޖެހިފައެއް ނެތެވެ. އެފަދަ ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލުން ދޭނެ ނިޒާމެއް ގާއިމުވެފައެއް ނުވެއެވެ. ނުވަތަ އެފަދަ ކަމެއް ބޭނުންވެއްޖެ ނަމަ ޖެހެނީ ދިގު ކިޔުއެއްގައި ޖެހެންށެވެ. ނަމްބަރު ޖެހޭ އިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. 

މާލީ ގޮތުން އެތައް ބަޔަކު ތަކުލީފުގައި!

ހަމީދުގެ އަންހެނުންގެ ފަރުވާ އަށް އާސަންދަ އާއި އެންސްޕާގެ އިތުރުން އަމިއްލަ ޖީބުން ވެސް ބޮޑު ހޭދައެއް ކުރަންޖެހުނެވެ. ބޭސްފަރުވާ އަށް އެކަންޏެއް ނޫނެވެ. ރާއްޖެ އިން ބޭރަށް ކުރަން ޖެހުނު ދަތުރުތަކާއި ބޭރުގައި ގިނަ ދުވަހު ހޭދަކުރަންޖެހުމުން ހިނގި ހަރަދުތައް ފޫބައްދަންޖެހުނީ މުޅި އުމުރު ދުވަހު އެއްކޮށްފައި ހުރި ފައިސާ އާއި އާއިލާ އާއި ރައްޓެހިންގެ އެހީތެރިކަމާ އެކުގައެވެ. ހަމީދު އަންދާޒާކުރި ގޮތުގައި އެންސްޕާ އާއި އާސަންދައިގެ އެހީ ނުލައި ވެސް ގާތްގަނޑަކަށް ހަތް ލައްކައެއްހާ ރުފިޔާ އޭނާގެ އަތުން ހަރަދުވި އެވެ. މިއީ އިންޖީނުގެއެއްގެ އާދައިގެ ވަޒީފާއެއްގައި އުޅޭ މީހަކަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. 

ހިލޭ ބޭސްފަރުވާގެ ނިޒާމެއް ރާއްޖޭގައި އޮތެއް ކަމަކު އޭގެ ވަށައިގެން ދާ ހޭދައެއް އިންތިހާ އަށް ބޮޑެވެ. މުޅި ނިޒާމު ބައްޓަންވެފައި ވަނީ ވެސް ހަރަދުތައް ބޮޑުވާ ގޮތަށެވެެ. ރަށެއްގައި ނަމަ ކުޑަ މިނުން ބޮޑު ޓެސްޓެއް ހެދޭނެ ގޮތެއް ނެތެވެ. ސަރަހައްދީ ހޮސްޕިޓަލްތަކުގައި ވެސް އަދިވެސް އެކަށީގެންވާ ޑޮކްޓަރުންނެއް ނެތެވެ. މުހިންމު ޓެސްޓްތައް ނުހެދެއެވެ. އެހެންކަމުން ބޮޑު ކަމެއް ޖެހޭ އިރު އަންނަންޖެހެނީ މާލެއެވެ. ކެންސަރުގެ ގިނަ ބަލިތަކަށް މާލޭގެ ހޮސްޕިޓަލްތަކުން ވެސް ފަރުވާ ލިބޭކަށް ނެތެވެ. އެކަން އެންސްޕާ އާއި އާސަންދައިގެ ތަފާސް ހިސާބުތަކުން ސާބިތުވެއެވެ. 

އަދަދުތައް ކަންބޮޑުވާ ދަރަޖައެއްގައި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެފައިވާ ގޮތުން މިދިޔަ އަހަރު އެކަނި ވެސް ކެންސަރުގެ ޓެސްޓް ހެދުމަށް 2،000 މީހުން ރާއްޖޭން ބޭރަށް ފޮނުވަންޖެހުނެވެ. މިއަދަދު އަހަރުން އަހަރަށް އިތުރުވަމުން ދިއުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި މިދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭން ބޭރަށް އެންމެ ގިނަ މީހުން ފޮނުވީ ކެންސަރުގެ އެކި ފަރުވާތަކަށާއި ރާއްޖޭން ނުހެދޭ އުނދަގޫ ޓެސްޓްތައް ހަދަން ކަމަށް ވެސް ގީލާ ވިދާޅުވިއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2023-2025އަށް، 483 މީހުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައި ވެއެވެ. އެހެން ބަލިތަކުގައި އާސަންދައިގެ ހަރަދުގައި ރާއްޖެ އިން ބޭރަށް ފޮނުވަންޖެހޭ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ޖުމްލަ އަދަދު ބޮޑުތަނުން މަދުވާތަން ނުފެންނަނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަން ފޮނުވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ކަމަށް ވެސް މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވެފައި ވެއެވެ. 

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާކަން އެނގެނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓެސްޓްތައް ހެދުން އިތުރުވުމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ނޭޝަނަލް ކެންސަރު ރަޖިސްޓްރީން ދައްކާ ގޮތުން މިހާރު ވެސް ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ގާތްގަނޑަކަށް 2،000 އަށް އަރައެވެ. މިއީ 2017 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ރެޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދެވެ. މި އަަހަރުގެ ކެންސަރު ދުވަހާ ދިމާކޮށް ޑަބްލިޔުއެޗްއޯ އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މުޅި ދުނިޔޭގައި ކޮންމެ އަހަރަހަކު އަލަށް ލައްކައެއްހާ ކެންސަރު ކޭސް ދެނެގަނެވެއެވެ. އެ ރިޕޯޓްގައިވާ ގޮތުން 2020 ވަނަ އަހަރު ރާއްޖެ އިން މަރުވި މީހުންގެ 17 ޕަސެންޓަކީ ކެންސަރު ބަލީގައި މަރުވި މީހުންނެވެ. މީގެ ތެރެއިން 57 ޕަސެންޓަކީ އަންހެނުންނެވެ. 

ރާއްޖޭގައި އެންމެ ގިނައީ އަންހެނުންގެ އުރަމައްޗަށް ޖެހޭ ކެންސަރެވެ. މިއީ ދުނިޔޭގައި ވެސް ނިސްބަތު އެންމެ ގިނަ މީހުންނަށް ޖެހޭ ކެންސަރުކަން ފާހަގަކުރެވެއެވެ. ފިރިހެނުންނަށް ޖެހޭ ކެންސަރުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ފުއްޕާމެޔަށް ޖެހޭ ކެންސަރެވެ. 

ބަލި ޖެހުމަށް މެދުވެރިވާ އެތައް ކަމެއް!

ރާއްޖޭގައި ކެންސަރުގެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާ މައްސަލަ ދެނެގަތުމަށް ދިރާސާތަކެއް ހެދުމުގެ މަސައްކަތް މި ސަރުކާރުގެ ކުރީކޮޅު ވަނީ ފަށާފައެވެ. އެ ދިރާަސާގެ މައުލޫމާތުތައް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާ އެކު ހަދާ މި ދިރާސާގައި ކެންސަރު ބަލީގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތަކާ ގުޅޭ މުހިންމު މައުލޫމާތުތައް ވެސް އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ރާއްޖޭގައި މިފަދަ ތަފްސީލީ ދިރާސާތަކެއް ނުހެދި ނަމަވެސް ޑޮކްޓަރުން ހާމަކޮށްފައިވާ މައުލޫމާތުތަކާއި ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ މައުލޫމާތަކަށް ބަލާއިރު ރާއްޖޭގައި ކެންސަރާއި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދާކަން ހާމައަށް ފެންނަން އެބަ އޮތެވެ. އަދި އޭގެ ސަބަބުތައް ވެސް ލަފާކުރަން އެބަ އެނގެއެވެ. 

ދިރިއުޅުމުގެ އާދަކާދަތައް: ޒަމާނާ އެކު ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ހެލިފެލިވެ އުޅުން ވަނީ މަދުވެފައެވެ. އެއްތަނެއްގައި ގިނަ ވަގުތު އިށީނދެގެން އިނނުމާއި ކެފޭތަކާއި ރެސްޓޯރެންޓްތަކުގައި އެތައް ވަގުތެއް ހޭދަކުރުން ވަނީ ދިރިއުޅުމުގެ އާދައަކަށް ވެފައެވެ. ދުންފަތުގެ އިސްތިއުމާލުކުރުން އިތުރުވެފައިވާ އިރު މި ފަހަކަށް އައިސް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން ގޮތް ނޭނގޭ ނުވަތަ ކޮލިޓީ ދަށް ދުންފަތުގެ އެތައް ބާވަތްތަކެއް މާކެޓުގައި ދަނީ ދައުރުވަމުންނެވެ. ވޭޕްގެ ނުރައްކާތެރިކަން ވެސް އިންތިހާ އާށް ބޮޑެވެ. ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. މަގުމަތީގައި ހިނގާފައި ދާއިރު އާއި ކެފޭތަކުގައި ހޭދަކުރާ ވަގުތުތައް ހޭދަވަނީ އެ ދުންތަކުގެ ތެރޭގައެވެ. 

އެއްބަޔަކު ދެކޭ ގޮތުގައި ދިވެހިންގެ ތެރޭގައި ކަސްރަތުކުރުން ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް މިއީ ވެސް ދެނެގަންނަންޖެހޭ ކަމެކެވެ. އެއްބަޔަކު ގިނަ ވަގުތުތަކެއް ކަޝްރަތުގެ ތެރޭގައި ހޭދަކުރާ އިރު އެފަދަ ކަމެއް ނުކުރާ އެތައް ހާސް ޒުވާނުންނާއި ދުވަސްވީ މީހުން ވެސް އެބަ ތިއްބެވެ. ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް ތަފާތު އެކި ބާވަތްތަކުގެ ކެމިކަލް އެކުލެވޭ ބޭހައި “ޕްރޮޓީން ޝޭކް”ތަކާއި އަދި ގޮތް ނޭނގޭ ހާބަލް އުފެއްދުންތައް ވެސް ބޭނުންކުރާ މީހުން ދަނީ އިތުރުވަމުންނެވެ. މިއީ ވެސް ދިރާސާއެއް ކުރަންޖެހޭ ކަމެކެވެ. 

އެނާޖީ ޑްރިންކްސް އާއި ޕެޓްފުޅި އާއި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ބާވަތްތައް ވެސް ބޭނުންކުރުން ދަނީ އިތުރުވަމުންނެވެ. ކުޑަކުދިންގެ އިންޓަވަލް އަށް ގޭގައި އެއްޗެއް ތައްޔާރުކޮށްލުމަށް ވުރެ ބެލެނިވެރިންނަށް ވެސް ފަސޭހައީ ފިހާރަތަކުގައި ވިއްކަން ހުންނަ މި ބާވަތުގެ ތަކެތި ކުދިންނަށް ދިނުމެވެ. ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުންނާއި ވަގުތުގެ ތާށިކަމުަގއި ބެލެނިވެރިންނަށް ވެސް ފަސޭހައީ މި ގޮތަށް ކަމަށް ވާތީއެވެ. އެހެން ނަމަވެސް މި ބާވަތްތަކަކީ ހަކުރު ގިނަ އަދަދަކަށް ހިމެނޭ ތަކެއްޗެވެ. އެހާ ޅައުމުރުގައި ގިނަ އަދަދަކަށް ހަކުރު ބޭނުންކުރުމުގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ތަހައްމަލުކުރަން ޖެހެއެވެ. 

ގުދުރަތީ ކާނާ މަދުވުން: ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގައި ވަރަށް މަދެވެ. އެކަމުން ލިބޭ ނަފާ ދަށްވުމާއި އަދި އެކަމުގައި ދިވެހިން ހަރަކާތްތެރިވާ  މިންވަރު މަދުވުމުންނެވެ. ދިވެހި ދަނޑުތައް ބެލެހެއްޓުމުގައި ވެސް ގިނައިން ހަރަކާތްތެރި ވަނީ ބިދޭސީންނެވެ. އެ މީހުން އިސްކަން ދެނީ ނަފާ ހޯދުމަށެވެ. އެހެންކަމުން އާންމު ސިއްހަތަށް ވުރެ އިސަކަން ދެނީ ވީހާ ވެސް ގިނަ ބާވަތްތަކެއް އަވަހަށް މާކެޓަށް ނެރުމަށެވެ. ނަތީޖާއަކަށް ވަނީ މި ތަކެތި އުފެއްދުމަށް ގިނަ އަދަދެއްގެ ކެމިކަލް ބޭނުންކުރުމެވެ. އަދި މާކެޓަށް ނެރުމަށް ފަހު އެތަކެތި ވިއްކުމަށް ވެސް ތިބެނީ ބިދޭސީންނެވެ. އެ މީހުން ވެސް އާންމު ސިއްހަތަށް ދޭ ސަމާލުކަން ކުޑައެވެ. އެހެންކަމުން ތަފާތު ވައްތަރުގެ ކެމިޖަކަލް ބޭނުންކޮށްގެން ތަކެތި ދޮންކުރުމާއި ގިނަ ދުވަހު ދެމެހެއްޓުން ފަދަ ސިއްހަތަށް ގެއްލުންވާ އެތައް ކަމެއް ކުރެއެވެ. 

އަނެއްކޮޅުން ދިވެހި އުފެއްދުންތަކުގެ އަގު އިންތިހާ އަށް ބޮޑެވެ. އަދި މާކެޓްގައި އެ ބާވަތްތައް ވެސް މަދެވެ. އެހެންކަމުން ގިނަ ބަޔަކު ކެއިންބުއިމަށް ބޭނުންކުރާ ތަރުކާރީ އާއި މޭވާއަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެއްޗެވެ. މީގެ ތެރޭގައި އޯގަނިކް އެއްޗެހި މަދެވެ. ނުވަތަ އެފަދަ ބާވަތްތަކަކީ އާދައިގެ މީހަކަށް ގަނެވޭ ވަރަށް ވުރެ އަގުބޮޑު ތަކެއްޗެވެ. އެހެންކަމުން ވިހަ މާއްދާތައް ހިމެނޭ ގިނަ ބާވަތްތަކެއް ދިވެހިންގެ ހަށިގަނޑުގެ ތެރެއަށް ދިއުމުގެ ފުރުސަތު ވެސް ބޮޑެވެ. މިއީ ދިރާސާއެއް ކޮށްފައި ނެތް ކަމަށްވާތީ ސީދާ މިއީ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއްކަމަށް ނުބުނެވިދާނެއެވެ. އެހެން ނަމަވެސް މިއީ ކަމާ ބެހޭ އިދާރާތަކާއި ޑޮކްޓަރުންގެ ވާހަކަތަކުގައި ވެސް ފާހަގަކުރާ ކަމެކެވެ.

ރާއްޖޭގޭ ނޭޝަނަލް ކެންސަރ ސެންޓަރުގެ ޑިރެކްޓަރު އަދި ކެންސަ ސަރޖަން ޑރ. މުހައްމަދު ޝިފާން ފާހަގަކުރައްވާފައިވާ ގޮތުގައި ރަނގަޅު ނޫން ނުވަތަ ރަނގަޅު ކުރެވިދާނެ އާދަތައް ދިވެހިންގެ ތެރޭގައި ގިނަ ކަމަށެވެ. އެ ގޮތުންދުފާއިރު ފޯއް ބޭނުންކުރުމަކީ ވެސް ކެންސަރު ޖެހުމަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި ޝިފާން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކި ގޮތް ގޮތަށް ދުންފަތް ބޭނުންކުރުމާއި ދިގު “ޕްރެޒަވޭޓިވް” (ގިނަ ދުވަހަށް ދެމެހެއްޓުމަށް” އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުމާއި ސޮސެޖާއި ލަންޗިއޮން މީޓް ފަދަ  ތަކެތި ކެއުމަކީ ވެސް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަންކަމަށްވާތީ އެކަންކަމުން ދުރުވުން މުހިންމު ކަމަށް ޑރ. ޝިފާން ވިދާޅުވިއެވެ. 

“ކަޝްރަތަށް އެކަށީގެންވާ ވަގުތު ނުދެވުން. ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ވެސް ކެންސަރުތަކާ ގުޅުން ހުންނަ ކަމެއް. މިއީ ވަރަށް މުހިންމު މަދު ކަންތައްތަކެއް. ނަމަވެސް ބަދަލުކުރެވިދާނެ ކަންތައްތަކެއް،” އެމްވީ ޕްލަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ޝިފާން ފާހަގަކުރައްވާފައި ވެއެވެ. 

ކެންސަރާ ދެކޮޅަށް ގިނަ ކަންތައްތަކެއް!

ކެންސަރުގެ ބާވަތްތަކަށް ވަރުވާ ހޯދޭނެ މާގިނަ ގޮތްތަކެއް ރާއްޖޭގައި ހަމަޖެހިފައި ނެތް ނަމަވެސް ކެންސަރާ ގުޅުން ހުރި ބައެއް ފަރުވާތައް މިހާރު ވަނީ ދޭން ފަށާފައެވެ. އެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުގައި ކީމޯ ތެރަޕީ ދޭން ފެށިފައި ވުމަކީ މުހިންމު ފިޔަވަޅެކެވެ. 

ހެލްތު މިނިސްޓަރު ޑރ. ގީލާ ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު ކީމޯ ތެރަޕީގެ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައި ވަނީ 39 މީހުންނެވެ. ނަމަވެސް ކުރިއާ ހިލާފަށް މިހާރު ރާއްޖެއިން ބޭރަށް ފޮނުވަނީ އުނދަގޫ ޓެސްޓްތައް ހެދުމަށާއި ރާއްޖެއިން ނުލިބޭ ފަރުވާތައް ހޯދުމަށް ކަން ފާހަގަކުރައްވައްމުން މިނިސްޓަރުން ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގައި ކީމޯ ތެރަޕީގެ ހިދުމަތް ލިބުމަކީ ހޯދުނު ކުރިއެރުމެއް ކަމަށެވެ. އެ ގޮތުން ކީމޯ ތެރަޕީގެ ޚިދުމަތް ގާއިމްވެފައިވާ އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ނުވަ އެނދު މިކަމަށް ޚާއްސަ ކުރެވިފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުން އެކަނި ވެސް މިދިޔަ އަހަރު 755 މީހުން މި ޚިދުމަތް ހޯދިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުން ރާއްޖެއިން މިހާރު އެންމެ އިސްކަމެއް ދެނީ ބަލި ދެނެގަތުމުގެ ވަސީލަތްތައް އިތުރުކޮށް ފުޅާކުރުމަށެވެ. އެ ގޮތުން ކެންސަރަށް ސްކްރީން ކުރުމަށް ހަދާ މެމޮގްރަފީގެ ޚިދުމަތް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލަކާއި، ފުވައްމުލަކު ހޮސްޕިޓަލް އަދި ބ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ވަނީ ގާއިމްކޮށްފައެވެ. މި ފަސޭހައާ އެކު ޖުލައި މަހާ ހަމައަށް 750 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ތިބެގެން މި ޚިދުމަތް ހޯދާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 53 ފިރިހެނަކަށާއި 67 އަންހެނަކަށް ކެންސަރު ބަލި ޖެހިފައިވާކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން  ރާއްޖޭގައި އާންމު ވަމުންދާ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ޓެސްޓްކުރުމުގެ ޚިދުމަތް ވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. 

ކެންސަރަށް ފަރުވާ ދިނުން ފުޅާކުރުމަށްޓަކައި މިދިޔަ ސަރުކާރުގައި އިންޑިއާގެ އެހީގައި  ލ. އަތޮޅުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ނިންމިއެވެ. ނަމަވެސް ބައެއް މަޝްވަރާތަކަށް ފަހު މި ސަރުކާރުން މިހާރު ވަނީ އެ ހޮސްޕިޓަލް މާލެ ސަރަހައްދުގައި އެޅުމަށް ނިންމައި ކެންސަރުގެ އިތުރުން ގައިން ގަޔަށް ނާރާ އެހެން ބަލިތަކަށް ވެސް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ހެދުމަށް ނިންމާފައެވެ.  ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް 2028ވަނަ އަހަރުގެ ކުރިން ނިންމައި، ކެންސަރަށް ބޭނުންވާ އަސާސީ ފަރުވާ އެ ހޮސްޕިޓަލް މެދުވެރިކޮށް ދެވެން ފެށޭނެ ކަމަށް މިނިސްޓަރު ގީލާ ވަނީ ވިދާޅުވެފައެވެ. 

ކެންސަރަކީ ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ބަލިން ސަލާމަތްވުމަށް މަގުފަހިވާ ކަމަކެވެ. އެހެން ނަމަވެސް ސާމިޔާ ފަދަ އެތައް ބަޔަކަށް އެ ބަލީގެ ހާލަތު ގިނަ ފަހަރަށް އެނގެނީ ކޮންމެ ވެސް އެހެން ކަމަކާ ގުޅިގެން ކުރާ ޓެސްޓްތަކެއްގެ ތެރެއިންނެވެ. ނުވަތަ ބައްޔެއް ވެގެން ޑޮކްޓަރަށް ދައްކާ ފަހުންނެވެ. އުމުރުން 30 އަހަރުން މަތިވުމުން އަންހެނުން އަދަި 40 އަހަރުން މަތީގެ ފިރިހެނުން ހަ މަހުން ނުަވަތަ އަހަރަކު އެއްފަހަރު ޓެސްޓްތައް ހެދުން ފަދަ ކަންކަން ރާއްޖޭގައި އާންމުވާން ޖެހެއެވެ. ބަލީގެ ކުރީކޮޅު އެނގި ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. ހަމީދު އެދުމަކީ ވެސް އެއީއެވެ. ކެންސަރު ބަލިޖެހިފައި ހުރިކަން ނޭނގި ގިނަ ދުވަސްވެ ސާމިޔާ ފަދައިން ދެ ވަނަ މީހަކު މި ދުނިޔެ ދޫކޮށް ކުދިން ނިކަމެތިވެ މުޅި އުމުރަށް އާއިލާއެއް ހިތާމައިގެ ތެރެއަށް ވެއްޓިގެން ނުދިއުމެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0