މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

12 މެއި 2022 - 16:31

ރައީސް، އުރީދޫ މޯލްޑިވްސްގެ އެމް.ޑީ އަދި ސީ.އީ.އޯއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަސަން އަލް ހަމާދީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ވަނީ އުރީދޫއިން ރާއްޖޭގައި ދެމުން އަންނަ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ވަނީ ވަރލްޑްކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުވާފައެވެ.

advertisement

ނައިބު ރައީސް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު، އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، އެ މަނިކުފާނު ވަނީ “ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ” މަޢުޟޫއަށް އ.ދ.ގެ ޢާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަޤްރީރު ކުރައްވާފައެވެ.

ރައީސް ޔާމީންގެ ގެކޮޅަށާއި، ޕީޕީއެމް އޮފީހަށް ގެއްލުންދިން މައްސަލައެއް ބަލަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ކުރީގެ ރައީސް ޔާމިންގެ ގެކޮޅަށާއި، ޕީޕީއެމްގެ އޮފީހަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއިގުޅިގެން އެ މައްސަލަ ބަލަމުންދާކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ވައިކަރަދޫ ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭންފަށައިފި

ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހދ. ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

އެކަމަށްޓަކައި ވައިކަރަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓު ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓުގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ. އަދި ފުލުހުންގެ ދިދަ ނަންގައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

ބ. ހިތާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށައިފި

ބ. ހިތާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް 11 މެއި 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ.

މަޝްރޫޢުގެ ދަށުން، 19،030 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 1،750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓްހެދުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0