އަމިއްލަ ހިޔާލު: ހަރަދު ކުޑަކުރުން — ހިތި ބޭސް ބޯންޖެހޭ!

16 ނޮވެމްބަރ 2023 - 15:34

ރާއްޖޭގެ ބަޖެޓަކީ އަބަދު ވެސް ދަރަނި ބަޖެޓެކެވެ. ބަޖެޓް އެކުލަވާލައި ގައުމުގެ ކަންކަން ހިންގަން ފެށި ފަހުން ރާއްޖެއަކީ އަބަދުވެސް ލިބޭ މިންވަރަށް ވުރެ އިތުރަށް ހަރަދުކޮށްގެން ކަންކަން ހަމަޖައްސަމުން ދާ ގައުމެކެވެ. 

ހާއްސަކޮށް 2008 ގެ ގާނޫނު އަސާސީ އަށް ފަހު ޓެކްސްގެ ނިޒާމު ތައާރަފުވެ، ބަޖެޓް ދެގުނަ ވިޔަސް އަދި އަހަރުން އަހަރަށް ބިލިއަނުން ބަޖެޓް ބޮޑުވިޔަސް ދަރަނި ދަނީ ދުވަހެއް ދުވަހަކަށް މައްޗަށެވެ. އެހެން ކަމުން އިގްތިސާދު ކިތަންމެ ރަނގަޅުވެ، އަހަރުން އަހަރަށް ކުރި އެރުން ހޯދިޔަސް ރާއްޖެ އޮންނަނީ އަބަދު ވެސް އަނދަވަޅެއްގެ ތުންފަތް މަތީގައެވެ.

advertisement

ކޮވިޑްގެ ތެރޭގައި އެހެން ބައެއް ގައުމުތައް ފަދައިން ރާއްޖެ ބަންގްރޫޓްވެދާނެ ކަމަށް އެއް ބަޔަކު ލަފާކުރިއެވެ. ހާއްސަކޮށް އިދިކޮޅުގައި މިހާރު ތިބި ނަމަވެސް އިންތިހާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވުމުގެ މަގުމަތީގައި ތިބި ފަރާތްތަކުން ދާދި ފަހަކާ ޖެހެން ގަބޫލުކުރަމުން އައީ ރާއްޖެ ބަންގްރޫޓުވުމާ ދިމާއަށް ދާ ކަމަށެވެ. 

އަދި މި ވެރިކަން ދެމި އޮތް ނަމަ 2026 ވަނަ އަހަރު ދައްކަންޖެހޭ ބޮޑު ލޯނާ އެކު ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވާނެ ކަމަށް ވެސް އެ ފަރާތްތަކުން އައީ އަންދާޒާކުރަމުންނެވެ. އެހެން ނަމަވެސް ކޮވިޑްގެ ތެރޭގައި ވެސް ރާއްޖެ ސަލާމަތުގެ އައްސޭރި އަށް ފޯރިއެވެ. ދަރަނި އިހުނަށް ވުރެ ބޮޑު ނަމަވެސް އިގްތިސާދު އިނދަނުޖެހި ކުރިއެރުން ހޯދިއެވެ. އެހެން ނަމަވެސް މިހެން ސަލާމަތްވާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

ދައުލަތް ހިންގުމަށް ދާ ހަރަދު ކުޑަކޮށްގެން ނޫނީ އަލިމަގެއް ފެންނާކަށް ނެތް

މާލީ އިދާރާތަކުން އަބަދުވެސް ރާއްޖެ އަށް ދެމުން އަންނަ ލަފަޔަކީ ހަރަދުތައް ކުޑަކުރުމެވެ. ހާއްސަކޮށް ދައުލަތް ހިންގުމަށް ކުރާ ހޭދަކުޑަކުރުމަށެވެ. ސިވިލް އަދި ސިޔާސީ މަގާމުތައް ވެސް މަދުކޮށް ދައުލަތް ހިންގުމަށް ދާ ހަރަދު ކުޑަކޮށްގެން ނޫނީ އަލިމަގެއް ފެންނަން ނެތް ކަމަށް މާހިރުން ދަނީ އަބަދުވެސް ބުނަމުންނެވެ. 

އެހެން ނަމަވެސް މިއީ އެއްވެސް ސަރުކާރަކަށް، އެއްވެސް ވެރިއަކަށް ވެސް ކުރަން ކުރޭ ވަރުގެ ކަމެއް ނޫނެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮންމެވެސް ވަރަކަށް މި މަސައްކަތް ފެއްޓެވިއެވެ. އަދި ފަރުވާއެއް ބޭނުން ނަމަ ހިތި ބޭސް ބޯންޖެހޭ ކަމަށް ވިދާޅުވެ، މުސާރަތައް ވެސް ކުޑަކުރެއްވިއެވެ. އެހެން ބައެއް ހަރަދުތައް ވެސް މަޑުޖައްސާލެއްވިއެވެ. އެހެން ނަމަވެސް އެކަން ވެގެން ދިޔައީ އެ މަނިކުފަނުގެ ފަސް އަހަރުގެ ވެރިކަން މެދު ތެރެއިން ބަދަލުވުމަށް މެދުވެރި ގިނަ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަށެވެ. 

މިފަދައިން ރާއްޖެ އަށް އަމާންކަމުގެ އައްސޭރިއަކަށް ދެވެން އޮތީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަޖުރިބާކާރުން ދޭ ލަފާ އަޑުއަހައިގެންނެވެ. އިގްތިސާދު ފުޅާކުރުމަށް ހުރި ވަސީލަތްތައް ރާއްޖޭގައި މަދުއިރު މި ނޫން ގޮތެއް އޮތް ކަމަށް ނުފެނެއެވެ. އެހެން ނަމަވެސް މިއީ ކައިރި މުސްތަގުބަލެއްގައި ވެސް ވެދާނެ ކަމެއް ކަމަކަށް ނުފެނެއެވެ. 

މި ހިނގާ އަހަރުގެ ބަޖެޓަށް ބަލައިލި ނަމަވެސް ފެންނަނީ ދަރަނި އިންތިހާ އަށް އުފުލޭ މަންޒަރު

މި ހިނގާ އަހަރުގެ 42.84 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަލައިލި ނަމަވެސް ފެންނަނީ ދަރަނި އިންތިހާ އަށް އުފުލޭ މަންޒަރެވެ. އަދި އެ ބަޖެޓުން ނުވެގެން ސަޕްލިމަންޓްރީ ބަޖެޓެއް ފާސްކޮށްގެން ނުވަތަ އިތުރަށް ދަރަނި ނަގައިގެން ނޫނީ ދައުލަތް ހިންގޭކަށް ނެތެވެ. މަޖިލީހަށް މިހާރު ވެސް ވަނީ ހަ ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައެވެ. 

އޭގެ ތެރެއިން ބޮޑު ބައެއް ހޭދަވަނީ އަސާސީ ހިދުމަތްތައް ދިނުމަށް އުފައްދާފައިވާ ދަރަނީގެ ހާލިތައް އޮތް ކުންފުނިތަކަށެވެ. ބަޖެޓްގެ 15 ވަރަކަށް ޕަސެންޓް ނުވަތަ 903 މިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ. އޭގެ ތެރެއިން ވެސް 72 ޕަސެންޓް ކަނޑައަޅާފައި ވަނީ ރަށްރަށުގައި ފެނާއި ކަރަންޓްގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ އަށެވެ. އެ ކުންފުންޏަށް 653.2 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. 

އަހަރު ނިމޭ އިރު ބަޖެޓް ޑެފިސިޓް ދަނީ އަހަރުން އަހަރަށް ބޮޑުވަމުން

މަޖިލީހުގެ މަސައްކަތް ކުރިއަށް ނުދާތީ ހުއްޓިފައި އޮތް ސަޕްލިމެންޓްރީ ބަޖެޓްގައި ދައުލަތް ހިންގުމަށް 3.1 ބިލިއަން ރުފިޔާ އިތުރަށް ބޭނުން ވެއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ޖަހާފައި ވެއެވެ. ސަޕްލިމެންޓަރީ ބަޖެޓްގެ 93 ޕަސެންޓް ހޯދުމަށް ކަނޑައަޅާފައި ވަނީ ދަރަންޏަށް ފައިސާ ނަގައިގެންނެވެ. އެ ގޮތުން ބޭރުގެ ލޯނުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ އާއި ބަޖެޓް ސަޕޯޓް ލޯނުގެ ގޮތުގައި 3 ބިލިއަން ރުފިޔާގެ އިތުރުން ރާއްޖޭގެ އެތެރެއިން ލޯނާއި ސެކިއުރިޓީޒް ފަދަ ގޮތް ގޮތުން ނަގާ 1.9 ބިލިއަން ރުފިޔާ އިންނެވެ.

ކުރިއަށް އޮތް އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ބެޖެޓްގެ ޖުމްލަ ވެސް 49.5 ބިލިއަން ރުފިޔާ އަށް އަރައެވެ. ބަޖެޓްގެ ތަފްސީލްތަކަށް ބަލާއިރު ދައުލަތް ހިންގުމަށް 34.8 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. ތަރައްގީގެ މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ އަދި އެހެނިހެން ކެޕިޓަލް ހަރަދުގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. 

މިއީ 13 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. މިއީ މި ހިނގާ އަހަރަށް ލަފާކުރި 15 ބިލިއަން ރުފިޔާ އަށް ވުރެ މަދު އަދަދެއް ނަމަވެސް އަހަރު ނިމޭ އިރު ބަޖެޓް ޑެފިސިޓް ދަނީ އަހަރުން އަހަރަށް ބޮޑުވަމުންނެވެ. މައިގަނޑު ސަބަބަކަށް ވަނީ ބަޖެޓްގައި އާމްދަނީ ލިބޭނެ ކަމަށް އަންދާޒާކުރާ މިންވަރަށް ނުލިބުމެވެ. އޭގެ ތެރޭގައި ބަޖެޓްގައި ހިމަނާވަރަށް ބޭރުގެ އެހީ އާއި ލޯނު ނުލިބުން ހިމެނެއެވެ. 

ކޮންމެ ވެރިއަކު ވެސް ވެރިކަމަށް ވަޑައިގަންނަވަނީ ހަރަދުތައް ކުޑަކުރައްވާނެކަމުގެ ޔަގީންކަމާ އެކު

ފެންނަން އޮތީ ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ޖެހި އަހަރުން އަހަރަށް ދައްކަންޖެހޭ ދަރަނި ބޮޑުވަމުންދާ މަންޒަރެވެ. ކޮންމެ ވެރިއަކު ވެސް ވެރިކަމަށް ވަޑައިގަންނަވަނީ ހަރަދުތައް ކުޑަކުރައްވާނެކަމުގެ ޔަގީންކަމާ އެކު އެވެ. މި ހިނގާ ސަރުކާރުން ވެސް ވެރިކަމަށް އައީ ދައުލަތް ހިންގުމުގެ ހަރަދު ކުޑަކޮށް ދަރަނި ކުޑަކުރުމުގެ ވައުދާ އެކީގައެވެ. އެހެން ނަމަވެސް ސަރުކާރު ނިމިގެން މި ދަނީ ސިޔާސީ މަގާމުތައް ވެސް އިންތިހާ އަށް އިތުރުވެ ދަރަނި ވެސް މިއިން ޒަމާނެއްގައި އިތުރު ނުވާ މިންވަރަށް އިތުރުވެގެންނެވެ.

މިހާރު ވެރިކަމަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒުގެ ވެސް ކެމްޕެއިން ވައުދުފުޅަކީ ދަރަނި ކުޑަކުރެއްވުމެވެ. އަދި ސިޔާސީ މަގާމުތައް މަދުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ކެބިނެޓް އެކުލަވާލުމުގެ މަރުހަލާ އިން ވެސް ފެންނަނީ އެއާ ދިމާ އިދިކޮޅެވެ. 

މިހާތަނަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ކުރިއަށް އޮތް ސަރުކާރުން އުފައްދާ ވުޒާރާތަކުގެ އަދަދު 20 އަށް އެރުން އެކަށީގެން ވެއެވެ. މާނައަކީ މިއިން ކޮންމެ ވުޒާރާއަކާ އެކު ސިޔާސީ މަގާމުތައް އިތުރުވެފައި ހަރަދު ބޮޑުވާނެ ކަމެކެވެ. އޮފީސްތައް ހިންގާނެ ތަންތަނާއި އެ ކަމަށް ބޭނުންވާ މުވައްޒަފުން އިތުރުވާނެ ކަމެވެ. 

ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަކީ ކޮންމެ ވެރިއެއްގެ ވެސް ވައުދެކެވެ. އެހެން ނަމަވެސް ސިޔާސީ މަގާމުތައް މަދުކުރެވޭކަށް ނޯވެއެވެ. ސިޔާސީ ސަބަބުތަކާ ހުރެ ކުންފުނިތަކަށް މުވައްޒަފުން ދުވަހެއް ދުވަހަކަށް އިތުރުކުރުން ނޫން ކަމެއް ނުކުރެއެވެ. ހަމައެކަނި ފެނަކައިގައި ވެސް ވަގުތީ މުވައްޒަފުންނާ އެކު ޖުމްލަ 8،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ. 

ކުދި ކުދި އާބާދީތަކުގައި ރަށަށް ނުކަތާވަރުގެ ބޮޑު އަދި ޒަމާނީ އޮފީސްތައް ހެދުމުގެ ސަބަބުން ހަރަދު ދަނީ އިންތިހާ އަށް ބޮޑުވަމުންނެވެ. މިއީ ފަށާފައި އޮތް މަސައްކަތެއް ކަމަށް ވުމުން އާ ސަރުކާރަށް ވެސް މިކަން ކުރުން ނޫން ގޮތެއް ނެތެވެ. ހަރަދުތައް އިންތިހާ އަށް ބޮޑުވާނެއެވެ. 

ވެރިކަމުގެ ތެރޭގައި އެއްފަހަރާ ދައްކަންޖެހޭ ލޯނުގެ އަދަދު ބޮޑު

އަނެއްކޮޅުން ފަށާފައި ހުރި މަޝްރޫއުތަކާއި އާ ސަރުކާރުން ފަށާ މަޝްރޫއުތަކާ އެކު ދަރަނި ދަށްވާ މަންޒަރެއް ނުފެނެއެވެ. މުސާރަތައް ބޮޑުކުރުމަށް ބަޖެޓްގައި ހިމަނާފައިވާ އިރު އެއީ ނުކޮށް ވެސް ފަރުޖެއްސޭނެ ކަމެއް ނޫނެވެ. ދައުލަތުގެ ބަޖެޓުގެ ބޮޑު ބައެއް މިހާރު ވެސް ދަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަތަކާއި ސަރުކާރުގެ އޮފީސްތަކުގެ ހިންގުމަށެވެ.

ބޭރާއި އެތެރޭގެ ދަރަނި އިންތިހާ އަށް ބޮޑުވުމުގެ ނަތީޖާއަކަށް ވަނީ މައުނަވީ ގޮތެއްގައި ބޭރުގެ ކޮންމެވެސް ގައުމެއްގެ “އަޅުވެތި ކަމަށް” ދިއުމެވެ. އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ފެނުނީ އަވަށްޓެރި އިންޑިއާ އަށް ދަރާފައި އޮތް މަންޒަރެވެ. މި ވެރިކަމުގައި އެކަން އިންތިހާ އަށް ބޮޑެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ޗައިނާގެ ދަރަނި އިންތިހާ އަށް ބޮޑު ކަމަށް އޭރުގެ އިދިކޮޅުން ތުހުމަތުކުރިއެވެ.

އާ ވެރިކަމުގައި ވެސް އެކަން އެ ގޮތުގައި ދެމިގެންދާނެ ކަމަށް ބެލެވޭ ސަބަބުތަށް އެބަހުއްޓެވެ. މައިގަނޑު އެއް ސަބަބަކީ އެ ގައުމުތަކަށް ދަރާފައި އޮތް މިންވަރު ބޮޑުވުމެވެ. އަދި ވެރިކަމުގެ ތެރޭގައި އެއްފަހަރާ ދައްކަންޖެހޭ ލޯނުގެ އަދަދު ބޮޑުވުމެވެ. 

ނަތީޖާއަކަށް ވާނީ އަނެއްކާ ވެސް އާދޭސްކޮށްގެން ލޯނު ރީސްޓްރަކްޗާކުރުން ނުވަތަ ރީފައިނޭންސް ކުރުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ލޯނުގެ މުއްދަތު ދައްމާލުން ނުވަތަ ލޯނު ދެއްކުމަށް ލޯނު ނެގުމެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް ރާއްޖެ އެ ތިރިވަނީ “ކުޑަކަކޫ މައްޗަށް” ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލަކީ ބޭރުގެ ބަޔަކު އައިސް މިތަނުގައި ވެރިވުމެއް ނޫނެވެ. އެހެން ނަމަވެސް ދަރަނީގެ އަޅުވެރިކަމެވެ. މިއީ އިގްތިސާދީ ގޮތުން ފުދުންތެރިކަން ނެތް ކޮންމެ ގައުމަކަށް ޖެހޭ ހާލެވެ. މިކަމުން މިންޖުވާން އޮތީ އިގްތިސާދު ރަނގަޅު ކުރެވި އާމްދަނީ އިތުރުކުރެވިގެންނެވެ. ދަރަންޏަކީ ކޮންމެ ގައުމެއްގައި ވެސް އޮންނަ އެއްޗެކެވެ. 

އެހެން ނަމަވެސް ލިބޭ އާމްދަނީން ދެކޮޅު ޖެހޭނެ މަގެއް ހޯދުމަކީ ކުރަންޖެހޭ ކަމެކެވެ. ނުވަތަ ދަރަނީގެ ސަބަބުން ގައުމުގެ ސިޔާދަތަށް ގެއްލުމެއް ލިބޭ މިންވަރަށް ދަރަނި ނެގުމަކީ ނުރައްކެލެވެ. އިގްތިސާދު ރަނގަޅުކުރެވެން އޮތީ ވެސް ހަރަދުތައް ކުޑަކޮށްގެންނެވެ. 

މި ބައްޔަށް ފަރުވާއެއް ލިބެން އޮތީ ހިތި ބޭސް ބޮއިގެންނެވެ.

ނަމަވެސް ސުވާލަކީ  ސަރުކާރަށް އެ ހިތި ބޭސް ބޯން ކެރޭނެހެންނެވެ. ނުވަތަ ރައްޔިތުންނަށް އެ ބޭސް ދޭން ސަރުކާރަށް ކެރޭނެ ހެއްޔެވެ؟

ރިއެކްޝަންސް
0
0
0
0
0
0
0