ދައުލަތުގެ އައިޓީ އެއް ފުރާޅެއްގެ ދަށަށް ނުގެންނަނީ ކީއްވެ؟

17 ޖުލައި 2025 - 12:14

ރާއްޖެއަކީ މަތިބަރުކޮށް ހިނގާ ގައުމެކެވެ. ދައުލަތުގެ އާމްދަނީގެ ބޮޑުބައި ހޭދަވަނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި އޮފީސްތައް ހިންގުމުގެ ހަރަދަށެވެ. އަދި މިއީ އަހަރުން އަހަރަށް ދުވަހުން ދުވަހަށް ވެސް އިތުރުވަމުންދާ ހަރަދެކެވެ. އެހެން ނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެކު މި ހަރަދުތައް ކުޑަކުރެވޭނެ ގޮތްތައް ހޯދަން ޖެހެއެވެ. އެ ގޮތުން ހަރަދު ކުޑަކުރެވިދާނެ އެއް ދާއިރާއަކީ އައިޓީ ދާއިރާއެވެ. 

އައިޓީ އިންފްރާސްޓްރަކްޗާ އަށް ދައުލަތުން ބޮޑު ހޭދައެއް ކުރެއެވެ. ކޮމްޕިއުޓަރުތަކާއި އެއާ ގުޅޭ އާލާތްތަކާއި ސޮފްޓްވެއާތަާއި ޕޯޓަލްތަކާއި އެޕްލިކޭޝަންސްތަކަށް ކުރާ ހޭދަ އެތައް މިލިއަނަކުން ގުނާލެވޭނެއެވެ. އެހެން ނަމަވެސް މިއީ މިފަދަ ޒަމާނެއްގައި ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ހެއްޔެވެ؟ ކުޑަކުޑަ މިސާލެކެވެ. ދައުލަތުގެ މިނިވަން މުއައްސަސާއެކެވެ. ހިދުމަތުގެ ގޮތުން ގިނަ އަދަދެއްގެ ޑާޓާ ރައްކާ ކުރަންޖެހެއެވެ. އެހެން ނަމަވެސް 2025 ވަނަ އަހަރު ވެސް އެ އިދާރާއިން އެ ޑާޓާތައް ބަލަހައްޓަކީ ފިޒިކަލް ހާޑްތަކުގައެވެ. ކްލައުޑް ފަދަ ފައިލްތައް ރައްކާކުރެވޭ ލުއި ފަސޭހަ ގޮތްތައް ހުރި އިރު ވެސް ހާޑްތަކަށް ބޮޑު ހޭދައެއް އެބަ ކުރެއެވެ. އަދި ގިނަ ފަހަރަށް މިފަދަ ތަކެތި ގަންނަނީ ވެސް އާންމުކޮށް މާކެޓުން ލިބޭ އަގަށް ވުރެ ވެސް ބޮޑު ކޮށެވެ. ސަބަބަކީ އެއީ ދައުލަތުގެ އިދާރާއަކަށްވެފައި ޕްރޮކިއުމެންޓް ސިސްޓަމްގެ ތެރެއިން މަކަރު ހެދުމަށް ފުރުސަތު އޮތުމުންނެވެ. 

advertisement
advertisement
advertisement

ކޮންމެ އިދާރާއެއްގައި ވަކި އައިޓީ ސެކްޝަނެއް!

ދައުލަތުގެ ކޮންމެ އޮފީހަކަށް ބެލި ނަމަވެސް އައިޓީ ސެކްޝަނެއް އޮވެއެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ތިބެއެވެ. ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތަކާއި ނެޓްވޯކްތައް ބެލެހެއްޓުމާއި ވެބްސައިޓާއި، ޕޯޓަލް އައި އެޕްލިކޭޝަންތައް ބެލެހެއްޓުމަށެވެ. 

ޕޯޓަލްތައް ތައާރަފްކުރުމުން ކޮންމެ ވެސް މިންވަރަކަށް ލުއި ފަސޭހަތަކެއް ލިބުނު ނަމަވެސް ދައުލަތުގެ އިދާރާތަކުގެ އިންފްރާސްޓަރަކްޗާ މެނޭޖްކުރުމަކީ ކުޑަ ކަމެއް ނޫނެވެ. ބައެއް އިދާރާތަކުން އެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ވެސް ކުރެއެވެ. އެހެން ނަމަވެސް މިއީ ދައުލަތުގެ އެއް އިދާރާއެއްގެ ތެރެއިން ކުރެވިދާނެ ކަމެކެވެ. 

ލައިސަންސްތައް އެއް އިދާރާއަކުން ނެގުން!

ދައުލަތުގެ އިދާރާތަކުގައި ބޭނުންކުރާ ސޮފްޓްވެއާތައް ބެލެހެއްޓުމާއި އެ ތަކެތީގެ ލައިސަންސް ގަތުމާއި މިއީ ވެސް ބޮޑު ވިޔަފާރިއެކެވެ. މިކަމުގެ ތެރެއިން ބަޔަކު މަންފާތަކެއް ވެސް ނަގައެވެ. ބޮޑު އަގުގައި މުދާ ހޯދުމާއި ދައުލަތަށް ހެޔޮ އަގުގައި ލިބެން ހުރި ލައިސަންސްތައް ބޮޑު އަގުގައި ގަތުމާއި “ކްރެކް” ނުވަތަ ވަގު ލައިސަންސްތަކުގެ ދަށުން ވެބް އެޕްލިކޭޝަންތައް ހިންގުމާއި މިހެން ގޮސް ނޭދެވޭ ނުވަތަ ބަޔަކަށް ނާޖާއިޒު ފައިދާ ނެގޭނެ އެތައް ކަމެއް އައިޓީގެ ދައިރާގައި ވެސް ހިނގައެވެ. 

ދައުލަތަށް ބޭނުންވާ ލައިސަންސްތައް އެއް އިދާރާއެއްގެ ތެރެއިން ނުހޯދެންވީ ކީއްވެ ހެއްޔެވެ؟ މިސާލަކަށް މައިކްރޯސޮފްޓްގެ ލައިސަންސްތައް ހޯދުމަށް އެކި އިދާރާތަކުން ތާޑް ޕާޓީ އެކި ކުންފުނިތަކާ ހަވާލުކުރުމަށް ވުރެ ދައުލަތުގެ އެއް އިދާރާއަކުން އެކަން ކުރުމުން ހަރަދު ކުޑަވާނެއެވެ. އަދި ތާޑް ޕާޓީއެއްގެ ބަދަލުގައި ސީދާ ދައުލަތުގެ އިދާރާއަކުން އެ ކުންފުނިތަކާ މުއާމަލާތްކުރާ ނަމަ ހަރަދު ކުޑަވާނެއެވެ.

އެއް ޕޯޓަލްއެއް ބޭނުންކުރުމުގެ ވިސްނުމާ ދުރަށް!

ދައުލަތުގެ އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި “ވަންގަވް”ގެ ނަމުގައި ވިއުގައެއް އެބަ އޮތެވެ. ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި މާލީ ކަންކަމުގައި ބޭނުންކުރާނެ ޕޯޓަލްގެ ގޮތުގައި “ބަނޑޭރި ޕޯޓަލް” އެބަ އޮތެވެ. އާންމުންގެ ވެރިފިކޭޝަން ކަންކަމުގައި “އީފާސް”ގެ ފަސޭހަކަން އެބަ އޮތެވެ. 

އީފާސްއަކީ އައިޑީ ކާޑާއި ލައިސަންސާއި، އެ މީހަކަށް ދައުލަތުން ދޫކޮށްފައިވާ ހުއްދަތަކާއި އާއިލީ ގުޅުންތަކާއި، އާސަންދައިގެ ހިދުމަތާއި މިހެން ގޮސް އެ މީހަކަށް ދައުލަތުން ދޫކޮށްފައިވާ ތަފާތު ހުއްދަތަކާއި އާންމު މައުލޫމާތު ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ ވަރަށް ފުރިހަމަ ޕޯޓަލްއެކެވެ. ދައުލަތުގެ އެކި އިދާރާތަކުގެ ޕޯޓަލްތަކާއި ވެބްސައިޓްތަކާއި ބޭންކް ފަދަ ތަންތަނާއި މިހެން ގޮސް އެ މީހެއްގެ ވެރިފިކޭޝަން ބޭނުންވާ ގިނަ ތަންތަނުގެ ރަސްމީ އައިޑެންޓިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަނީ ވެސް އީފާސް އެވެ. 

މުހިންމު މި ޕޯޓަލްތައް ހުރި ނަމަވެސް ދައުލަތުގެ ބައެއް އިދާރާތަކުން އަދިވެސް މަސައްކަތްކުރަނީ މުޅިން ވަކިންނެވެ. އެހެން ނަމަވެސް ކޮންމެ އިދާރާއަކުން ޕޯޓަލްއެއް ހެދުމުގެ ބަދަލުގައި އެންސީއައިޓީން މިހާރު ގެންގުޅޭ ޕޯޓަލްތަކުން އެ ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ދައުލަތަށް ހަރަދު ވެސް ކުޑަވާނެ ކަމެކެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ބުނެފައި ވަނީ އެ މިނިސްޓްރީގައި ރަނގަޅަށް ހިނގާ އައިޓީ ޑިޕާޓްމަންޓެއް ނެތްކަން ފާހަގަކޮށް އެ މިނިސްޓްރީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޕޯޓަލްއެއްގެ މަސައްކަތް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައެވެ. އެ މިނިސްޓްރީން އެ ކަމަށް ދެއްކި އުޒުރަކީ ކުރީ ސަރުކާރުގައި މިނިސްޓްރީން ހިންގަމުން އައި ޕޯޓަލް ވަރަށް ގިނަ ބަޔަކަށް ވަދެވޭ ގޮތަށް، ރައްކާތެރިކަމެއް ނެތި އޮތުން ކަމަށް ބުނެފައި ވެއެވެ. 

އޮންލައިން ނޫސް “ސަން” އަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ މި ސަރުކާރު އައި އިރު ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ދެމުން އައީ އެކި ޕޯޓަލްތަކުން ކަމަށާއި އަމާޒަކީ ހުރިހާ ހިދުމަތެއް އެއް ޕޯޓަލްގެ ދަށަށް ބަދަލުކުރުން ކަމަށެވެ. އެކަން ކުރުމަށް ހަވާލުކުރީ ދިވެހި ކޮން ކުންފުންޏަކާ ކަމެއް ވަޒީރު ވިދާޅެއް ނުވެއެވެ. ސުވާލަކީ އެކަން އެންސީއައިޓީއާ ހަވާލުނުކުރީ ކީއްވެ ހެއްޔެވެ؟

އެންސީއައިޓީ ވަރުގަދަކުރަންޖެހޭ!

ދައުލަތުގެ އައިޓީ އިންފްރާސްޓްރަކްޗާ ބެލެހެއްޓުމުގެ ޒިންމާ މި ވަގުތު ވަކި އިދާރާއެއްގެ ދަށުގައި ނެތް ނަމަވެސް ނޭޝަނަލް ސެންޓަރ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ނަމުގައި 2003 ވަނަ އަހަރު އިދާރާއެއް އުފައްދާފައި ވެއެވެ. އެ އިދާރާގެ މަގުސަދަކީ ރާއްޖޭގައި އައިޓީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމާއި ޕްރޮމޯޓްކުރުމެވެ. ދައުލަތުގެ އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަކީ އެންސީއައިޓީގެ ބުރަ މަސައްކަތެކެވެ. އަދި އީފާސްއަކީ ވެސް އެ އިދާރާގެ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. 

ދައުލަތުގެ އިދާރާތަކުގެ އައިޓީ އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމަކީ އެންސީއައިޓީގެ ޒިންމާއަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް އެއީ ކުރެވިދާނެ ނުވަތަ ބަދަލުކުރެވިދާނެ ސިޔާސަތެކެވެ. މިހާރު ވެސް ބައެއް އިދާރާތަަކަށް އެންސީއައިޓީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެންސީއައިޓީއަކީ ގާބީލް އިދާރާއެކެވެ. ބޮޑު މުސާރާގައި އެ ދާއިރާ އިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން އެ ތަނުގައި އެބަ ތިއްބެވެ. އެހެން ކަމަށްވާ ނަަމަ އޭގެ ބޭނުން ނުހިފަންވީ ކީއްވެ ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންސީއައިޓީގެ އައިޓީ އިންފްރާސްޓްރަކްޗަރ މެނޭޖަރ، ހުސައިން މުހައްމަދު ވިދާޅުވީ އައިސީޓީ ކުރިއެރުވުމަށް އަދި ފުޅާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ވެސް ކުރަމުން އަންނަނީ އެންސީއައިޓީން ކަމަށާއި ދައުލަތުގެ އިދާރާތަކުގެ ނެޓްވޯކް ބިނާކޮށްދީ އެ ބެލެހެއްޓުމަކީ ވެސް އެ އިދާރާގެ މަގުސަދެއް ކަމަށެވެ. 

ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް ހުއްޓައި އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ޕޯޓަލްތައް ހިންގަންޖެހޭ ސަބަބަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.  ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި  ވަނީ ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިންގާ އެންސީއައިޓީ އާއި ވަންގަވް ފަދަ ޕޯޓަލްތައް ހުއްޓާ ދައުލަތުގެ އިދާރާތަކުން ވަކިވަކިން އެހެން ޕޯޓަލްތައް ހަދައި އާންމު ފަރާތްތަކާ ހަވާލުކުރުމުގެ މަގުސަދާ މެދު ސުވާލު އުފައްދަވާފައެވެ.

“އެންސީއައިޓީ އަދި ވަންގަވްގެ ދައުރާއި މަގުސަދާއި އެފަރާތްތަކުން ކުރަމުންދަނީ ކޮންކޮން މަސައްކަތެއްތޯ؟ އަހަރުން އަހަރަށް ދައުލަތުން ބޮޑެތި ހަރަދުކުރަމުންދާ ވަސީލަތްތައް ހުއްޓާ، ސަރުކާރު އޮފީހެއްގެ ހިދުމަތުގެ ޕޯޓަލް އަމިއްލަ ފަރާތަކާ ޙަވާލުކުރަންވީ ކޮންސަބަބަކާއި ގުޅިގެންތޯ؟ މިގޮތަށް ކުރި ބައެއް މަސައްކަތް، އެތައްޔާރު ކުރި ފަރާތް މިހާރު ވީ ހިސާބެއް ނޭންގިގެން ހުއްޓިފައިވެސް އެބަހުރި،”  ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.

ދައުލަތުގެ އެކި އިދާރާތައް ވަކިވަކިން ޕޯޓަލްތައް ގެންގުޅުމުގެ ބަދަލުގައި އެއް ވިއުގައެއްގެ ތެރެއިން ހިދުމަތްތައް ފޯރުކޮށްދެވޭ ގޮތަށް މިހާރު އުފައްދާފައި ހުރި ޕޯޓަލްތަކާ އިންޓަގްރޭޓްކޮށްގެން ދައުލަތުގެ އިދާރާއެއްގެ ބެލުމުގެ ދަށުން އެކަންކަން ނުކުރަންވީ ސަބަބެއް ނެތެވެ. އަދި އިދާރާތަކުގެ އައިޓީ ޑިޕާޓްމަންޓްތައް ވަކިވަކިން ހިންގުމުގެ ބަދަލުގައި އެއް  ފުރާޅެއްގެ ދަށުން އެންސީއައިޓީ މެދުވެރިކޮށް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ކޮމްޕިއުޓާ ނުވަތަ ނެޓްވޯކްގައި މައްސަލަ ޖެހުމުން އެންސީއައިޓީން އެކަމަށް އެޓެންޑްވާ ގޮތަށް ނިޒާމު ބައްޓަން ނުކުރެވޭނެ ހެއްޔެވެ؟ އަދި ކޮންމެ އިދާރާއަކަށް ހިދުަމަތް ދެވޭ ފަދަ ގޮތަކަށް އެންސީއައިޓީގެ ގާބިލްކަން އިތުރުކޮށްފި ނަމަ ހަރަދު އެތައް ގޮތަކުން ސަލާމަތް ވާނެއެވެ. އަދި ނެޓްވޯކްތަކަށް ދިމާވާ މައްސަލަތައް ދެނެގަންނަން ފަސޭހަ ވާނެއެވެ. ދައުލަތުގެ އިދާރާއަކުން ލައިސަންސްތައް ބެލަހައްޓާ ނަމަ އެކަން ކުރަން ފަސޭހަވާނެއެވެ. ހަރަދު ވެސް އެތައް ގޮތަކުން ސަލާމަތްކުރެވޭނެއެވެ. ދައުލަތުގެ މުޅި އައިޓީ ދާއިރާ އެއް ފުރާޅެއްގެ ދަށަށް ނުގެންނަންވީ ސަބަބެއް ނެތެވެ.

ރިއެކްޝަންސް
0
0
2
0
0
0
0