ބޮޑުވާ ކޮންމެ ލާރިކޮޅަކާ އެކު ޖީބަށް ބުރަ ބޮޑުވަނީ!

21 ޖުލައި 2025 - 10:57

ރާއްޖެއަކީ ދަތްކޮއްޓާ އިލޮށިކޮޅަށް ދާންދެން އެތެރެކުރާ ގައުމެކެވެ. ހުރިހާ އެއްޗެއް އިމްޕޯޓްކޮށްގެން އުޅޭ ގައުމެއްގައި ބޭރު ފައިސާ އަށް ހާއްސަކޮށް އެމެރިކާ ޑޮލަރަށް ބަރޯސާވާންޖެހޭ މިންވަރު ބޮޑެވެ. އެހެންކަމުން ޑޮލަރުގެ އަގަށް އަންނަ ކޮންމެ ބަދަލަކީ މުދަލުގެ އަގަށް އަންނަ ބަދަލެކެވެ. 

ޑޮލަރުގެ އަގު ރެކޯޑް މިންވަރަކަށް މައްޗަށް!

advertisement
advertisement
advertisement

ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. އެވެ. އެހެން ނަމަވެސް މިއީ އާންމު މީހާ އަށް ޑޮލަރު ލިބޭ އަގެއް ނޫނެވެ. އާންމު މީހާ ނުވަތަ ވިޔަފާރި ވެރިން ވެސް އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވެސް ޑޮލަރު ހޯދަނީ ބްލެކް މާކެޓުންނެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ ކަޅުބާޒާރުގައި އަގުހުރީ ޑޮލަރަކަށް 20ރ. ގައެވެ. ޑޮލަރުގެ އަގު 20.20ރ. އަށް ވެސް އުފުލިއްޖެއެވެ. 

މިއީ ރެކޯޑް މިންވަރެކެވެ. ޑޮލަރުގެ ތާށިކަން އެންމެ ބޮޑު ދުވަސްވަރު ވެސް މިހާ މައްޗަކަށް ނުދެއެވެ. ކޮވިޑްގެ ހާލަތުގައި ރާއްޖެ އަށް ޑޮލަރު ލިބުން ދަތިވެފައި ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު ދަތުރުފަތުރު ފެށި ނަމަވެސް ޑޮލަރުގެ އަގު މިހާ މައްޗަށް ގޮސްފައެއް ނުވެއެވެ. ފާއިތުވި އަހަރެއްހާ ދުވަހަށް ބަލާއިރު ޑޮލަރުގެ އަގު ހުރީ 17-18ރ. ގައެވެ. މި އަހަރުގެ ތެރޭގައި 19ރ. އަށް މައްޗަށް ޖެހިލީއެވެ. 

ޑޮލަރުގެ އަގު މައްޗަށް ދަނީ ކީއްވެ؟

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދިއުމުގައި ވަރަށް ގިނަ ސަބަބުތައް އެބަ ހުއްޓެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި އޮތީ ކަޅު ބާޒާރަށް ނުކުންނަ ޑޮލަރުގެ އަދަދު މަދުވުމެވެ. މާކެޓުން ޑޮލަރު މަދުވީ ސަރުކާރުން ގެނައި ބައެއް ބަދަލުތަކާ ގުޅިގެންނެވެ. މައިގަނޑު ބަދަލަކީ ބޭރު ފައިސާ މާރުކުރުމާ ގުޅޭ ގާނޫނުތަކާއި އުސޫލްތަކަށް ބަދަލު ގެނައުމެވެ. އެ ގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ވަކި މިންވަރެއް ބޭންކްތަކަށް މާރުކުރަން މަޖުބޫރުކުރުން ހިމެނެއެވެ. 

އެމްއެމްއޭ އިން ބުނެފައި ވަނީ ޑޮލަރު މާރުކުރަން މަޖުބޫރު ކުރި ފަހުން ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު މާރުކުރި ކަމަށެވެ. މީގެ ކުރިން މީގެ ބޮޑު ބައެއް ނެރެނީ ބްލެކް މާކެޓަށެވެ. އެހެންކަމުން މިއީ ބްލެކް މާކެޓުން ގެއްލުނު 300 މިލިއަނެއްހާ ޑޮލަރެވެ. 

މީގެ އިތުރުން ބައެއް ރިސޯޓްތަކުންނާއި ކުންފުނިތަކުން މީގެ ކުރިން މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި މުސާރަ އާއި ބައެއް އިނާޔަތްތައް ދިވެހި ރުފިޔާ އިން ދޭން ފެށުމަކީ ވެސް ކަޅު ބާޒާރުގައި ޑޮލަރު މަދުވާން މެދުވެރިވާ ސަބަބެކެވެ. މީގެ ކުރިން މި ޑޮލަރަކީ ވެސް ކަޅު ބާޒާރުގައި މާރުކުރާ ޑޮލަރެވެ. ޑޮލަރުގެ އަގު މައްޗަށް ދާންޖެހުނު ސަބަބުތަކުގެ ތެރޭގައި މިކަން ވެސް ހިމެނެއެވެ.

މީގެ އިތުރުން ސްޕެކިއުލޭޝަން ނުވަތަ ޑޮލަރާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުން ވެސް ޑޮލަރުގެ އަގު މައްޗަށް ދެއެވެ. މިއީ އާންމު ގޮތެއްގައި ހިއްސާގެ ބާޒާރު ފަދަ ބާޒާރުތަކުގައި ވެސް އަގުތަކަށް ބަދަލު އަންނަ ކަމެކެވެ. ޑޮލަރު ނުލިބޭ ކަމަށް ވާހަކަ ދެއްކުމާއި އަދި މާކެޓް ޕެނިކްވުމުގެ ސަބަބުން އެންމެ ހެޔޮ އަގެއްގައި ގިނަ އަދަދަކަށް އެއްފަހަރާ ޑޮލަރު ގަތުމާއި ނުވަތަ އަގު  މައްޗަށް ދާކަން އެނގޭތީ ބޮޑު އަގު ހޯދުމަށް ޑޮލަރު މާކެޓަށް ނުނެރެ ހިފެހެއްޓުން ފަދަ ކަންކަމުގެ ސަބަބުން ވެސް ޑޮލަރުގެ އަގު މައްޗަށް ދެއެވެ.

އަގު ދަށްކުރަން ކުރަނީ ކޮން ކަމެއް؟

ޑޮލަރުގެ އަގު ދަށްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭޕްރީލް މަހު ވިދާޅުވެފައި ވަނީ އުންމީދަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޭންކް ރޭޓާ އެއް ހަމަކުރުން ކަމަށެވެ. އަދި ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފަހުން ފެންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެހެން ނަމަވެސް ޑޮލަރުގެ އަގު ދަށަށް ދާތަނެއް ނުފެނެއެވެ. ހައްތަހާ ދަނީ މައްޗަށެވެ. 

ޑޮލަރު މާރުކުރުން މަޖުބޫރުކުރުމަށް ފަހު ބޭންކްތަކަށް ލިބޭ ޑޮލަރުގެ ބޮޑު ބައެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ނަގައެވެ. އެހެން ނަމަވެސް މީގެ ތެރެއިން ބޮޑު ބައެއް ބޭނުންކުރަނީ ބޭރުގެ ލޯނުތައް ދެއްކުމަށެވެ. އެހެންކަމުން މާކެޓް ހަމައަކަށް އެޅުވުމަށް ބޭނުންވާ ވަރާ ގާތަށް ވެސް މާކެޓަށް ޑޮލަރެއް ނުނެރެވެއެވެ. އެހެން ނަމަވެސް އެމްއެމްއޭ އިން ބުނަމުން އަންނަނީ ޑޮލަރުގެ އަގު ދަށްކުރުމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެ ގޮތުން ކުންފުނިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރުން ހިމެނެއެވެ. 

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ވެސް ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެ ގޮތުން ބޭރުން މުދާ އެތެރެކުރާ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު ދޫކުރުމުގެ އުސޫލްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން ޓީޓީތަކަށް މިހާރު 30 ޕަސެންޓް ޑޮލަރު ދޫކުރާ ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ. އެމްއެމްއޭ އިން ބުނެފައި ވަނީ މިއަދަދު 50 ޕަސެންޓަށް އިތުރުކުރާނެ ކަމަށެވެ. މިއީ މުދާ އެތެރެކުރާ ފަރާތްތަކަށް ލިބިގެންދާނެ ލުޔެކެވެ. 

މީގެ އިތުރުން ރާއްޖެ އިން ޑޮލަރު ބޭރުވުން މަދުކުރުމަށް ވެސް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން ރާއްޖެ އިން ބޭރުން އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ އަދަދު މަހަކަށް 125 ޑޮލަރަށް ލިމިޓްކުރުމާއި ދިވެހިން އާންމުކޮށް ވިޔަފާރިކޮށް އުޅޭ އޮންލައިން ވެބްސައިޓްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުން ހިމެނެއެވެ.

ތަކެތީގެ އަގު މައްޗަށް!

ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން އިންފްލޭޝަން ރޭޓް ނުވަތަ ބާޒާރުގައި ތަކެތީގެ އަގު އިންތިހާ އަށް ވަނީ މައްޗަށް އުފުލެން ފަށާފައެވެ. އެ ގޮތުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އިތުރުން ޒަރޫރީ ތަކެތީގެ އަގު ވެސް ދަނީ މައްޗަށެވެ. މޭވާ އާއި ތަރުކާރީގެ އިތުރުން ރީތިވާ ސާމާނާއި އެ ނޫން ވެސް ބާވަތްތަކުގެ އަގު ދަނީ ބޮޑުވަމުންނެވެ. ވިޔަފާރިވެރިން އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ތަކެތީގެ އަގު މިހާރަށް ވުރެ ވެސް ބޮޑުވާނެއެވެ. 

“ބޮޑު އަގުގައި ޑޮލަރު ގަނެގެން ގެންނަ ޝިޕްމެންޓްތަކުގެ އަގު ވެސް ބޮޑުވާނެ. ކުރިއަށް އޮތީ އަގު ބޮޑުވާނެ ދުވަސްތަކެއް،” ވިޔަފާރިވެރިއަކު ބުންޏެވެ. 

މީގެ އިތުރުން ރާއްޖޭގެ ވިޔަފާރި ބަނދަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ވަނީ ބޮންޑެޑް ވެއާހައުސްތަކުގައި  ކޮންޓެއިނަރު ބެހެއްޓުމަށް ނަގާ އަގުތައް އޮގަސްޓު 15، އިން ފެށިގެން ދެ ގުނަ ބޮޑުކުރަން ނިންމައިފައެވެ. އެމްޕީއެލް އިން ކުރި އިއުލާނެއްގައިބުނެފައި ވަނީ 20 ފޫޓުގެ ކޮންޓެއިނަރެއްގެ އަގަކީ 1،134 ޑޮލަރު ކަމަށެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 2،268 ޑޮލަރު ނަގާނެ ކަމަށް ބުނެފައި ވެއެވެ. މިދިޔަ އަހަރު ވެސް އެ އަގު ބޮޑުކޮށްފައި ވެއެވެ. އެ ގޮތުން 442 ޑޮލަރުން 550 ޑޮލަރަށް ބޮޑުކޮށްފައިވާ އިރު 40 ފޫޓުގެ ކޮންޓެއިނަރުގެ އަގު 884 ޑޮލަރުން 1،100 ޑޮލަރަށް ބޮޑުކޮށްފައި ވެއެވެ.

މުދާ ގެނައުމަށް ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހިފައި ވަނިކޮށް މުދާ އެތެރެކޮށް ބެހެއްޓުމަށް ނަގާ އަގު ބޮޑުކުރުމަކީ ވެސް ތަކެތީގެ އަގަސް ބަދަލު އަންނާނެ ކަމެކެވެ. ބޮންޑެޑް ވެއާހައުސްތަކަށް ނަގާ އަގު އަންނަ މަހުން ފެށިގެން ބޮޑުކުރާ އިރު ތަކެތީގެ އަގަށް ވެސް މި ބަދަލު އަންނާނެއެވެ.

ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތަކަކީ ޑޮލަރުގެ ތާށިކަމުގެ އިތުރުން އެހެން ބައެއް ސަބަބުތަކާ ހުރެ ވެސް އަގު އުފުލޭ ބާވަތްތަކެވެ. އެ ގޮތުން ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބިހާއި، ލުނބޯ، ލޮނުމެދު އަދި އެ ނޫން ވެސް ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ. މީގެ އިތުރުން ޕެކެޓާއި ތަޅުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތީގެ އަގުން ވެސް ވަނީ މައްޗަށް ޖެހިފައެވެ.

އާންމު މީހާގެ ޖީބު ހުސްވެފައި!

ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ގޭތެރޭގެ ހަރަދުތައް ބެލެހެއްޓުމަކީ ދަތިކަމަށް މި ވަނީ ވެފައެވެ. ޑޮލަރުގެ އަގު އިންތިހާ އަށް މަތިވެފައިވާ އިރު މުސާރަ އަށް ނުވަތަ އިނާޔަތްތަކަށް ވެސް ކުރިއެރުމެއް ނުލިބެއެވެ. އޭގެ ބަދަލުގައި ކުލިތައް ވެސް ވީ ބޮޑުވެ. ކަރަންޓާއި ފެނަށް ކުރާ ހޭދަވީ ބޮޑެވެ. ދާދި ފަހަކުން ކަރަންޓްގެ ރޭޓްތަކަށް ބަދަލު ގެނައުމާ ހަމައަށް މަހުން މަހަށް ބިލު ދިޔައީ ބޮޑުވަމުންނެވެ. މިދިޔަ އަހަރު ދެއްކި ބިލަށް ވުރެ ދެ ގުނަ ބޮޑު އަދަދެއް މި އަހަރުގެ ތެރޭގައި ދައްކަންޖެހުނެވެ. 

ކުރިން ކާބޯތަކެއްޗަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 300ރ. ހޭދަކުރާ މީހާ އަށް މިއަދު 500ރ. އިން ވެސް އޮންނަނީ ނުފުދިފައެވެ. އޭގެ އިތުރުން ގިނަ ބަޔަކު ދެވިހިފާފައިވާ ބައެއް އާދަތަކުގެ ސަބަބުން ވެސް ދުވަހުގެ ހަރަދުތައް އިންތިހާ އަށް ވަނީ ބޮޑުވެފައެވެ. ވޭޕް މަނާކުރުމުން ބްލެކް މާކެޓުގައި އަގު ބޮޑުކޮށް ގަންނަންޖެހުމާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ވެސް އާންމު ދިއުޅުމުގެ ހަރަދުތައް އިންތިހާ އަށް ވަނީ ބޮޑުވެފައެވެ. މިފަދަ އެތައް ސަބަބުތަކާ ހުރެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަށް ދަނީ ދަށްވަމުންނެވެ. 

މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރުމާއި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ދައުލަތުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި މިފަދަ އެތައް ސަބަބުތަކާ ހުރެ އާންމު މީހާގެ ޖީބަށް ވަންނަ ފައިސާގެ އަދަދު ދުވަހެއް ދުވަހަށް ދަނީ ދަށަށެވެ. 

ބައެއް މީހުން ދެކޭ ގޮތުގައި މިހާރު ޑޮލަރު ހުރި ހާލަތަށް ބަދަލެއް ނައިސްފި ނަމަ 25ރ. އަށް ވެސް ބޮޑުވެދާނެއެވެ. އެހެންކަމަށް ވެއްޖެ ނަމަ އަވަށްޓެރި ލަންކާ އަށް ޖެހުނު ފަދަ ހާލެއް ދިވެހިންނަށް ވެސް ޖެހުމުގެ ބިރު ބޮޑެވެ. މިކަމަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ މުޅި އިގްތިސާދުގައި ރެނދު ލާނެއެވެ.

ރިއެކްޝަންސް
0
0
0
1
0
0
0