ރިޕޯޓް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް 14,000! ހަގީގީ ނަންބަރެއްތަ؟

25 ޖުލައި 2025 - 14:44

ވަރަށް ނާޒުކުރު މައުލޫއެކެވެ. އެހެން ނަމަވެސް ހަގީގަތާ ކުރިމަތިލާންޖެހެއެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ފަސް ވަރަކަށް ޕަސެންޓަކީ އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ. އަދަދުން ބުނާ ނަމަ އެއީ 14،412 ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މި މަހުގެ ތެރޭގައި ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. 

މިއީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ އަދަދެކެވެ. އެއަށް ވުރެ ވެސް ބޮޑު ހައިރާންކަމެއް ލިބިގެންދިޔައީ ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި މިއަދަދު ގާތްގަނޑަކަށް ދެ ގުނަ ވުމުންނެވެ. އެންސްޕާ އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2019 ވަނަ އަހަރު އެ އއިދާރާގެ ދަފްތަރުގައި ތިބީ 8،476 ފަރާތެކެވެ. މިއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟ ހަގީގަތުގައި ވެސް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުރި މީހުން ކުއްލިއަކަށް އިތުރުވީ ހެއްޔެވެ؟

advertisement
advertisement
advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު!

މި ދަފްތަރުން ދައްކާ ގޮތުން 2020 ވަނަ އަހަރުން ފެށިގެން އެވްރެޖްކޮށް އަހަރަކު ހާހެއްހާ ފަރާތް މި ދަފްތަރަށް އިތުރުވެފައި ވެއެވެ. ތިރީގައި މި ވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަށް މީހުން އިތުރުވެފައިވާ ގޮތެވެ. 

  • 2020: 8،948 ފަރާތް
  • 2021:  9646 ފަރާތް
  • 2022: 10،107 ފަރާތް
  • 2023: 12،374 ފަރާތް
  • 2024: 13،771 ފަރާތް

އެންސްޕާގެ ރެކޯޑްތައް ދައްކާ ގޮތުން މި އަދަދުތައް މައިގަނޑު ގޮތެއްގައި ބެހެނީ އަށް ބަޔަކަށް ނުވަތަ ބާވަތެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  1. ޖިސްމާނީ ނުކުޅެދުންތެރިކަން
  1. މަލްޓިޕަލް ޑިސްއެބިލިޓީ
  1. ވިސްނުމުގެ/ސިކުނޑީގެ ނުކުޅެދުންތެރިކަން
  1. އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން
  1. ނަފްސާނީ ނުކުޅެދުންތެރިކަން
  1. ފެނުމުގެ ނުކުޅެދުންތެރިކަން
  2. އޯޓިޒަމް
  3. އުނގެނުމުގެ ނުކުޅެދުންތެރިކަން

ނަފްސާނީ ބަލީގެ މީހުން އިތުރުވަނީ!

ނަފަސާނީ ނުކުޅެދުންތެރިކަމުގެ ބައްޔަކީ 2022 ވަނަ އަހަރު ގަވާއިދަށް ގެނައި ބަދަލަކާ އެކު ހިމަނާފައިވާ ބައެކެވެ. އެންސްޕާގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ނުކުޅެދުންތެރިކަމުގެ ދަފްތަރު ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިތުރުވެފައިވުމުގެ ސަބަބުތަކުގެ ތެރޭގައި މިކަން ހިމެނެއެވެ. މިހެން ބުނަންޖެހެނީ މި ބައިގައި ދަފްތަރުކުރެވޭ ފަރާތްތަކުގެ އަދަދު ފާއިތުވި އަހަރުތަކުގައި އަހަރުން އަހަށް އިތުރުވެފައިވާތީއެވެ. 

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ނަފްސާނީ ބަލީގެ ފަރާތްތައް ޖައްސަން ފެށި އަހަރު 125 މީހުން ޖެއްސިއެވެ. އަދި ޖެހިގެން އައި އަހަރު އެ އަދަދު ހަ ގުނަވެގެން ދިޔައެވެ. އެ ގޮތުން 2023 ވަނަ އަހަރު އެ ބައިގައި 815 މީހުން ތިބި އިރު މިދިޔަ އަހަރު 1،545 މީހުންނަށް އިތުރުވިއެވެ. އަދި މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 200 ވަރަކަށް މީހުން އެ ލިސްޓަށް އިތުރުވިއެވެ.

މާލީ އެހީ އިތުރުވަނީ!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި އަދަދު އިތުރުވާ ވަރަކަށް ދައުލަތުން ކުރާ ހޭދަ ވެސް އިތުރުވެގެން ގޮސްފައި ވެއެވެ. ބަޖެޓްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށް 2،000ރ. ދިނުމަށް ލާޒިމްކުރެއެވެ. އެހެން ނަމަވެސް ދައުލަތުން އިތުރު 1،000ރ.އާ އެކު ޖުމްލަ 3،000ރ. ދެއެވެ. އަދި ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރަތްތަކަށް ދޭ އެހީގެ އަދަދު އިތުރެވެ. އެ ގޮތުން ބައެއް ފަރާތްތަކަށް ޖުމްލަ 7،000ރ. ވެސް ދެއެވެ. އަދި ތެރަޕީ ނަގާ ފަރާތްތަކަށް ތެރަޕީ އަށް ވެސް ވަކިން ފައިސާ ދޫކުރެއެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ މާލީ އެހީ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އެންސްޕާ އިން ދޭތެރެ ދޭތެރެއިން ދަނީ މި އަދަދުތައް ހާމަކުރަމުންނެވެ. މި މަހު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޖޫން މަހު އެކަނި ވެސް 51 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ތެރަޕީ އަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 

އަދަދުތައް މައްޗަށް!

އެންސްޕާ އިން ހާމަކުރި އަދަދުތަކާ އެކު ބައެއް ފަރާތްތަކުން އުފެއްދި ސުވާލަކީ ހަމަ ހަގީގަތުގައި ވެސް މި 14،000 ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހެއްޔެވެ؟ ނުވަތަ މީގެ ތެރޭގައި ތަފާތު އެކި ސަބަބުތަކަށްޓަކައި ދަފްތަރު ވެގެން ތިބި މީހުން ވެސް ތިބޭނެ ހެއްޔެވެ؟

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ މުޅިން ސައްހަ ލިސްޓެއް ނޫނެވެ. މި ލިސްޓްގައި ނަފްސާނީ މީހުން ހިމަނަމުންދާ ގޮތާއި އަދި ބައެއް ފަހަރު އެހެން މަގުސަދުތަކުގައި ވެސް ނުކުޅެދުންތެރިންގެ ގޮތުގައި ދަފްތަރުގައި ޖައްސާކަމުގެ ތުހުމަތު ކުރެވެއެވެ. 

މި ޚަބަރުތަކާ ގުޅިގެން މީޑިއާއެއްގެ ކޮމެންޓް ސެކްޝަނުގައި މީހަކު ކޮށްފައިވާ ތުހުމަތެކެވެ. އޭނާ ކިޔައިދީގައި ވަނީ ރައްޓެއްސަކު އޭނާގެ ދަރިފުޅު ނުކުޅެދުންތެރިއެއްގެ ގޮތުގައި ދަފްތަރުގައި ޖެއްސި ގޮތެވެ. 

“ރައްޓެއްސެއްގެ ދަރިފުޅުގެ ފައިގައި ކޮންމެ ވެސް ވަރަކަށް އައިބުކަމެއް ހުރޭ. ނަމަވެސް އެއީ ފަރުވާ ދީގެން ރަނގަޅުކުރެވޭ ކަމެއް. އެކަމަކު އެ ކުއްޖާ ވެސް އުޅެނީ ނުކުޅެދުންތެރިކަމުގެ ލިސްޓްގައި ޖައްސައިގެން. ނަރުހެއް ވީމާ ޑޮކްޓަރު ލައްވާ ލިޔުން ހޯދައިގެން އެކަން ކުރީ،” އެ ކޮމެންޓްގައި ވެއެވެ. 

ހަގީގަތަކީ ކޮބައި ކަމެއް ނޭނގެއެވެ. ނަމަވެސް ކުރެވޭ ތުހުމަތުތަކަށް ބާރު ލިބޭ ކަންކަން އެބަ ހުއްޓެވެ. އެއް ކަމަކީ ނުކުޅެދުންތެރިއެއްގެ ގޮތުގައި ޖެއްސުމުން ލިބޭ ފައިދާތަކެއް ހުރެއެވެ. މާލީ އެހީ ލިބެއެވެ. ދައުލަތުން ދޭ ބޯހިޔާވަހިކަމަށް ކުރިމަތިލާ އިރު ޕޮއިންޓް އިތުރުވެއެވެ. އެހެންކަމުން ހުންނަ ކުދިކުދި އައިބުތަކާއި ނަފްސާނީ މައްސަލަތަކުގެ ނަޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެބަ އޮތެވެ. ނުވަތަ އެފަދަ ކަމެއް ސީދާ ގޮތެއްގައި ނެތް ނަމަވެސް “ގުޅުންތަކުގެ ތެރެއިން” ހޯދާ ލިޔެކިޔުންތައް ބޭނުން ކޮށްގެން އެކަން ކުރާ ކަމުގެ ތުހުމަތު އެބަ އޮތެވެ. 

“ރަށަކުން ގޯއްޗެއް ދޫކުރިއަސް ކުރިމަތިލާ. ނަރުހުންނަށް ހާއްސަ ޕްލެޓް ލިބިފައި. އެކަމަކު އެތަން ވެސް ހުންނަނީ ކުއްޔަށް ދީފައި. އަނެއްކާ 4،000 ފްލެޓްގެ ވެސް ލިސްޓްގައި ހިމެނިއްޖެ. ނުކުލެދުންތެރިކަން ހުރުމުން ލިބޭ ފައިދާ،” ޚަބަރެއްގެ ކޮމެންޓްގައި ވެއެވެ.

ސަބަބު ދެނެގަންނަންޖެހޭ!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ސަބަބު ދެނެގަތުން މުހިންމެވެ. ހަގީގަތުގައި ވެސް ރާއްޖޭގެ އާބާދީގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އިތުރުވަނީތޯ ނުވަތަ އެ ނޫން އެހެން ސަބަބެއް އޭގައި ވޭތޯ ބަލަން އެބަ ޖެހެއެވެ. އަދި މި ދަފްތަރުގައި މީހުން ޖެއްސުމުގައި ގެންގުޅޭ އުސޫލްތައް ހަރުދަނާކޮށް ރަނގަޅަށް ފުރާނަންޖެހެއެވެ. ހަމައެކަނި ހަރަދުތައް ކުޑަކުރުމަކަށް ނޫނެވެ. ހަގީގަތުގައި ވެސް ސަބަބުތައް ދެނެގަތުމަށެވެ. 

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދުތަކުން ވެސް ހާމަވެއެވެ. ހާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ގޭގައި ބަންދުވެފައި ތިބުމަށް ފަހު އަލުން މުޖުތަމައު ހުޅުވިގެން ދިޔައިރު ނަފްސާނީގެ މައްސަލަތައް އިންތިހާ އަށް އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން  ދައްކައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މިހާރު ވެސް ނަފްސާނީ ޑޮކްޓަރުންނަށް ދެއްކުމަށް އޮތް ކިޔު ދިގުކަމެވެ. އާންމު ގޮތެއްގައި މި ކިޔުގައި 500 ވަރަކަށް މީހުން ތިބެއެވެ. ޑޮކްޓަރަށް ދެއްކެނީ ވެސް އެތައް މަހެއް ފަހުންނެވެ. މިދިޔަ ވެރިކަމުގެ ތެރޭގައި ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ވެސް ވަނީ ހުޅުވާފައެވެ.  

ނަފްސާނީ މައްސަލަތައް އެކަންޏެއް ނޫނެވެ. ރެކޯޑްތަކުން ދައްކާ ގޮތުން އެހެން ބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މިއީ ދިރާސާކުރަންޖެހޭ ކަމެކެވެ. ހާލަތު ދެނެގަންނަންޖެހެއެވެ. އަދި ދަފްތަރު ސައްހަ ކުރަންޖެހެއެވެ. އެހެން މަގުސަދެއްގައި އެ ދަފްތަރުގައި ޖައްސާ ނަމަ އެއީ މައްސަލައެވެ. ދައުލަތުން ދޭ އެހީ އާއި ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ދަފްތަރުގައި ޖެއްސުމަށް އޮތް މަގު ބަންދުކުރަންޖެހެއެވެ. އަދި ނަފްސާނީ ބަލީގެ ފަރާތްތައް ދަފްތަރުގައި ޖެއްސުމުގައި ވެސް އުސޫލްތައް ހަރުދަނާކުރަން ޖެހެއެވެ. 

ރިއެކްޝަންސް
0
1
0
0
0
0
0