ފުރަތަމަ ރަނގަޅަށް ހައްޖުގެ ކަންކަން ކުރެވޭތޯ ބަލާ!

8 އޯގަސްޓް 2025 - 20:12

އަމިއްލަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ގޯސް!

އާންމު ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުގެ ކުންފުނިތަކުން ވަނުމަކީ މިހާތަނަށް ހިތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ކަމެކެވެ. ވަރަށް ގިނަ ދާއިރާތަކުން މި ކަމުގެ ހެކި ފެންނާނެއެވެ. މީގެ ތެރެއިން މަދު ދާއިރާއަކުން ނޫނީ ސަރުކާރުގެ ކުންފުނިތަކަށް ފައިދާއެއް ނެރެވިފައެއް ނުވެއެވެ. ފައިދާ ނެރެވޭ ނަމަ ނެރެވިފައި ވަނީ އެކްސްކްލޫސިވް ދާއިރާތަކުންނެވެ. ވާދަވެރި ވިޔަފާރިތަކުގައި މަދު ފަހަރަކު ނޫނީ ސަރުކާރުގެ ކުންފުނިތަކަށް ވަނީ ގެއްލުމެވެ. މައިގަނޑު ސަބަބަކީ އަމިއްލަ ކުންފުނިތަކުން ސީދާ ފައިދާ އަށް އަމާޒު ހިފި ނަމަވެސް ސަރުކާރު ހިއްސާވާ ނަމަ އާންމު މީހާގެ މަސްލަހަތާއި ހިދުމަތާއި އަދި ސިޔާސީ ކަންކަމަށް ވެސް ވިސްނުން ބަހައްޓަންޖެހިމެވެ. އަދި އަމިއްލަ ވިޔަފާރިއަކަށް ނުވާތީ ވެރިންގެ އިހްލާސްތެރިކަން ނެތި ފަސާދަ ބޮޑުވުމަކީ ވެސް ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގާ ސަބަބުތަކެވެ. 

advertisement
advertisement
advertisement

މަސްވެރިކަމުގެ ދާއިރާގައި ޒަމާނުއްސުރެ ސަރުކާރުން އަންނަނީ ވިޔަފާރިކުރަމުންނެވެ. ޓުއަރިޒަމް ފުޅާ ނުވާ އިރު ހަމައެކަނި މަސްވެރިކަމަށް ބަަރޯސާވެފައި އޮތް ޒަމާނުގައި ފައިދާތަކެއް ވެސް ވިއެވެ. އެހެން ނަމަވެސް މި ފާއިތުވި އަހަރުތަކުގައި ސަރުކާރުގެ މަސްކުންފުނި މިފްކޯ ހިންގަމުން އަންނަނީ މިއިން ޒަމާނަކު ވެސް އަރައިނުގަނެވޭނެ ދަރަނީގައެވެ. 

ޓުއަރިޒަމްގެ ދާއިރާ އަށް ވެސް ސަރުކާރުން ވަނެވެ. ސަރުކާރުން އަމިއްލަ ފަރާތްތަކަށް ހިއްސާ ވިއްކައިގެން އުފެއްދި މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ވެސް ޖެހުނީ ސަރުކާރުގެ ގިނަ ކުންފުނިތަކަށް ޖެހުނު ހާލެވެ. އަދި އޭގެ ފަހުން އުފެއްދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި ސްޕޯޓްސް ކޯޕަރޭޝަނާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަދަ އެތައް ކުންފުނިތަކުން ދައުލަތަށް ލިބޭ ފައިދާ އަށް ވުރެ ގެއްލުން އިންތިހާ އަށް ބޮޑެވެ. 

މިކަން މިހެން އޮތް ނަމަވެސް ސަރުކާރުން އެކި ކަންކަމުގައި ދަނީ ކުންފުނިތައް އުފައްދަމުންނެވެ. ހާއްސަކޮށް ކަމެއްގެ ހައްލަކީ ސަރުކާރުގެ ކުންފުނިތަކޭ ވެސް ހީވާ ކަހަލައެވެ. ބައެއް ހާލަތްތަކުގައި ސަރުކާރުން އެ ހިދުމަތެއް ދިނުމަކީ ހައްލެއް ކަމުގައި ހީވިޔަސް ދުރު މުަސްތަގުބަލަށް ބަލާ ނަމަ ގިނަ ފަހަރަށް އޭގެ ނަތީޖާ ފެންނަނީ ހިތިކޮށެވެ. މިސާލަކަށް ބައެއް އަސާސީ ތަކެތީގެ އަގު މައްޗަށް ދާން ފެށުމުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް އެ ބާވަތްތައް ރާއްޖެ އަށް އެތެރެކޮށް ވިއްކައެވެ. ދާދި ފަހުން ބާޒާރުގައި ފިޔާ އަގު ބޮޑުވުމުން ފިޔާ ޝިޕްމަންޓެއް ވެސް ގެނެސް ވިއްކަން ފަށާފައި ވެއެވެ. މިއީ ރޯދަ މަހު ވެސް ފެންނަ މަންޒަރެކެވެ. ވަގުތީ ހައްލުތަކެއް ލިބެ އެވެ. ނަމަވެސް ދާއިމީ ގޮތެއްގައި މިކަން ކުރާ ނަމަ ދެ ވަނަ ވިސްނުމަކުން ވިސްނާލަން ވެސް ޖެހެއެވެ. 

ހައްޖު ކޯޕަރޭޝަން

ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން މީހުން ގެންދިއުމުހެ ހިދުމަތަކީ ބޮޑު ވިޔަފާރިއަކަށް ހަދައި އެކަމުން ނާޖާއިޒު ފައިދާތައް ނަގައި މަކަރާއި ހީލަތް ހެދުން ހައްދުން ނެއްޓުމުން އެކަމުގެ ހައްލެއްގެ ގޮތުގައި ސަރުކާރަށް ފެނުނީ ސަރުކާރުން ކުންފުންޏެއް ހަދައި އެ ކުންފުނި މެދުވެރިކޮށް މީހުން ހައްޖަށް ގެންދަން ފެށުމެވެ. އޭގެ ނަތީޖާ ވެސް ރަނގަޅެވެ. ހައްޖަށް މީހުން ގެންދިއުމުގެ ތެރެއިން ހަދަމުން އައި މަކަރުތަކުން އާންމު ރައްޔިތުން ސަލާމަތްވުމަށް މަގު ފަހި ވެސް ވިއެވެ. 

ހައްޖު ކޯޕަރޭޝަން އުފެއްދުމަށް ފަހު ސަރުކާރުން ދެއްކީ ކުރިއާލައި ފައިސާ ދެއްކޭނެ ގޮތްތަކެކެވެ. އަދި ބައި ބަޔަށް ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ ގޮތްތައް ހަމަޖެއްސިއެވެ. ޕެންޝަން ފަންޑްގެ ފައިސާ ވެސް އެ ކަމަށް ބޭނުންކުރެވޭނެ ގޮތް ހެދިއެވެ. ވަރަށް ރަނގަޅު ކަންތައްތަކެކެވެ. އެހެން ނަމަވެސް އޭގެ ނަތީޖާ އެހާ ރަނގަޅެކޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ އެ ކަންކަމުގެ ސަބަބުން ދިގު ކިޔުއެއް އުފެދުމެވެ. މި ކިޔު ފަސް ވަރަކަށް އަހަރަށް ދިގު ދެމިގެން ގޮސްފައިވާ އިރު ހައްޖަށް ދިއުމުގެ އިންތިޒާރުގައި އެތައް ބަޔަކު އެބަ ތިއްބެވެ. 

ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ސައުދީ ސަރުކާރުން ރާއްޖެ އަށް ލިބޭ ހުރިހާ ޖާގައެއް ހައްޖު ކޯޕަރޭޝަނަށް ދިނުމެވެ. މީގެ ކުރިން އޭގެ ބައެއް އަމިއްލަ ކުންފުނިތަކަށް ދިން ނަމަވެސް މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކަށް މުޅިން ހައްލު ނުލިބޭތީ އާއި ހައްޖު ކޯޕަރޭޝަންގެ ކިޔު ދިގުވާތީ މިހާރު ހުރިހާ ޖާގައެއް ދެނީ ހައްޖު ކޯޕަރޭޝަނަށެވެ. އާންމު ގޮތެއްގައި ލިބެނީ ވެސް 1،000 ޖާގައެވެ. މީގެ ތެރެއިން ބައެއް ސަރުކާރުގެ ވަފުދުތަކަށް ވެސް ނަގައެވެ. 

އެހެން ވިޔަފާރިތަކުގެ ތެރެއަށް

ހައްޖު ކޯޕަރޭޝަނަކީ ވިޔަފާރިކުރުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏެއް ނޫނެވެ. އެ ކުންފުނީގެ މައިގަނޑު މަގުސަދެއް ކަމަށް ސަރުކާރުން އޭރު ބުނެފައި ވަނީ ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމެވެ. ޖުމްލަ ގޮތެއްގައި ބުނާ ނަމަ މި މަގުސަދު ހާސިލްކުރެވިފައި ވެއެވެ. ހައްޖު ކޯޕަރޭޝަނުން ދޭ ހިދުމަތްތަކާ މެދު މީހުން ހިތްހަމަ ޖެހެއެވެ. 

ހައްޖަށް ދިއުމަށްޓަކައި އެޑްވާންސްކޮށް ގިނަ ބަޔަކު އަންނަނީ ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކަމުންނެވެ. އެހެންކަމުން އެ ކުންފުނީގައި އާންމުންގެ ގިނަ އަދަދެއްގެ ފައިސާ އެބަ ހުއްޓެވެ. ނަމަވެސް ސުވާލަކީ މިއީ އެ ކުންފުނިން އެހެން ވިޔަފާރިތަކަށް ވަންނަންޖެހޭ ސަބަބެއް ހެއްޔެވެ؟ އަދި އެ ކުންފުނީގެ މާލީ ކަންކަން ހުރީ އެފަދަ ވިޔަފާރިތަކަށް ވަދެވޭ ހާލަތެއްގައި ހެއްޔެވެ؟

ކުންފުނީގެ ވެބްސައިޓުން އެންމެ ފަހުން ފެންނަން ހުރީ 2022 ގެ އަހަރީ ހިސާބުތަކެވެ. ފެންނަ މަންޒަރު ރަނގަޅެއް ނޫނެވެ. ގިނަ ބަޔަކު އެޑްވާންސްކޮށް ފައިސާ ދެއްކި ނަމަވެސް ކުންފުނީގެ ހިންގުމުގެ ހަރަދާއި އެހެން ކަންކަން ބޮޑުވުމުގެ ސަބަބުން ކުންފުނި ހިންގަނީ ދަރަނީގައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2021 ވަނަ އަހަރު ވެސް 432،626ރ.ގެ ގެއްލުމެއް ވެފައި ވެއެވެ. ޖެހިގެން އައި އަހަރު ބޮޑު ލޯނެއް ނެގުމާ އެކު ކުންފުނީގެ ދަރަނި 40.6 މިލިއަނަށް އަރައިގެން ދިޔައެވެ. 

ދަރަނީގައި ކުންފުނި ހިންގަންޖެހެނީ ހައްޖުވެރިންގެ އަތުން ނަގާ ފައިސާ އަށް ވުރެ އިތުރަށް ހޭދަކުރަންޖެހޭތީ ކަމަށް ކުންފުނިން ބުނެފައި ވެއެވެ. އެ ގޮތުން މިހާރު ހައްޖަށް ދާ މީހެއްގެ އަތުން އެ ކުންފުނިން ނަގަނީ 69،000ރ. އެވެ. ނަމަވެސް ކުންފުނިން ބުނާ ގޮތުން 100،000 ބޮލަކަށް ހޭދަވާ އިރު ކުންފުނިން އެކަމަށް 30 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހެ އެވެ. 

އެހެން ކަމުން ދަރަނީގައި ކުންފުނި ހިންގަން ޖެހުމުން އަރައިގަތުމަށް ކުންފުނިން ނިންމާފައި އޮތީ ވިޔަފާރީގެ ތެރެއަށް ވަނުމަށެވެ. އަދި ބަޔަކާ ހަވާލުކޮށްގެން ބޮޑު ހުޅުމާލޭގައި ބޮޑު އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެވަރުން ވެސް ފުދުނީކީ ނޫނެވެ. މި ސަރުކާރު އައުމާ އެކު މެނޭޖްމަންޓް ބަދަލުވެ އާ ކަންތައްތަކެއް ވަނީ ފަށާފައެވެ. އެ ގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ އިސްލާމިކް ޓުއަރިޒަމްގެ ތެރެއަށް ވަނުމަށް ކަމަށް ބުނެ “މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް” (އެމްއައިޓީ)ގެ ނަމުގައި ސަބްސިޑަރީއެއް އުފައްދާފައެވެ. އަދި ލޯކަލް 

ޓުއަރިޒަމް އެންމެ ފުޅާވެފައިވާ މާފުށީގައި ސިޓީ ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ. މި ކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ގިނަ ބައެއްގެ ފާޑުކިޔުން!

ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ހައްޖުގެ އަޅުކަމުގެ ކަންކަން ހަމަޖެއްސުމުގެ މާތް މަގުސަދެއްގައި އުފައްދާފައިވާ ކުންފުޏަކުން އެހެން ވިޔަފާރިތަކަށް، ހާއްސަކޮށް ޓުއަރިޒަމްގެ ދާއިރާ އަށް ވަނުމަކީ ގޯހެކެވެ. އަދި ފުރަތަމަ އެ ކުންފުނިން ކުރަންވީ ކަމަކީ ހައްޖުގެ ދިގު ކިޔު ކުޑަކުރުން ކަމަށާއި ސަރުކާރުގެ ކުންފުނިތަކުން “އުނގު ވިޔަފާރި” ކުރުން ހުއްޓާލަން ވެއްޖެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. 

އަނެއް ބަޔަކު ދެކޭ ގޮތުގައި ރަށްރަށުގައި މިހާރު ވެސް އޮތީ ހަލާލު ޓުއަރިޒަމެވެ. ބަނގުރާ ވިއްކުމާއި އޫރު މަސް ފަދަ ތަކެތި ވިއްކުމަކީ ރަށްރަށުގެ ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް މިޙާރު ވެސް އޮތް ހުއްދައެއް ނޫނެވެ. އެހެންކަމުން އިސްލާމިކް ޓުއަރިޒަމްގެ ނަމުގައި ހައްޖު ކޯޕަރޭޝަނުން މާފުށީގައި ވަކި އިތުރަށް ކުރާނީ ކޮން ކަމެއްތޯ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވެއެވެ. އަދި މިހާރު މާފުށީގައި ހިންގަނީ “ހަރާން” ޓުއަރިޒަމެއްތޯ ވެސް ސުވާލު ކޮށްފައި ވެއެވެ. 

“މައްކާގަ ހޮޓަލެއް އަޅާދޭނެ ބަޔަކު ކީއްވެތަ ނުހޯދަނީ. މާފުއްޓަށްވުރެ އެތަނަށް ދާ ގެސްޓުންނެއް ވަކި މަދެއްނުވާނެ. މާ އިސްލާމިކް ޓޫރިޒަމަކަށް އޭރުންވާނީ،” އޮންލައިން ނޫހަކަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވެއެވެ.

މި ފާޑިކިޔުންތަކަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ޓުއަރިޒަމްގެ ދާއިރާ އަށް ވަނުމާ ބެހޭ ގޮތުން މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. މީގެ 12 އަހަރު ކުރިން ހައްޖު ކޯޕަރޭޝަން އުފެއްދުމުގައި އިސްކޮށް ހުންނެވި އޭރުގެ ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައި ވަނީ އެއީ ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

ކުންފުނި އުފެއްދުމުގެ މަސައްކަތް ކުރެއްވި އިރު ޑރ. ޝަހީމް ވިދާޅުވެފައިވާ ގޮތުން ސަރުކާރުން ކުންފުންޏެއް ހަދައިގެން މީހުން ހައްޖަށް ގެންދަން ފެށުމުން ހެޔޮ އަގެއްގައި މީހުނަށް ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އޭރު ކުންފުނީގެ ވެރިން ވާހަކަތައް ހުރި ގޮތުން ހަރަދު ވެސް ކުޑަކުރެވި ފައިދާގައި ކުންފުނި ހިންގޭނެއެވެ. އެހެން ނަމަވެސް ކަންކަން ވަނީ ދިމާ އިދިކޮޅަށެވެ. ހިންގުމުގެ ހަރަދު އެހާ ބޮޑެވެ. ހައްޖު ކޯޕަރޭޝަނަށް ވެސް ޖެހިފައި ވަނީ ސަރުކާރުގެ އެހެން ގިނަ ކުންފުނިތަކަށް ވެސް ޖެހިފައިވާ ބަލިމަޑުކަމެވެ. ގެއްލުމުގައި ހިންގާ ކުންފުޏަކުން ޓުއަރިޒަމްގެ ދާއިރާ އަށް ވަނުމަކީ ސަރުކާރުން ވެސް ނަގާ ވަރަށް ބޮޑު ރިސްކެކެވެ. ފުރަތަމަ ކުރަންޖެހޭ ކަމަކީ ހައްޖުގެ ކަންކަން ރަނގަޅަށް ކުރެވޭތޯ ބެލުމެވެ. 

ރިއެކްޝަންސް
0
0
0
1
0
0
0