ގަދަރުވެރި ޔުނީފޯމުގައި ކޮރަޕްޝަންގެ ކަޅު ލައްގަނޑު!

20 އޯގަސްޓް 2025 - 15:27

އެއް ބަޔަކީ ކޮރަޕްޝަނާއި ހިޔާނާތްތަކުން މުޖުތަމައު ރައްކާތެރިކޮށްދިނުމުގެ ޒިންމާ ކޮނޑުގައި އަޅާއިގެން ތިބި މީހުންނެވެ. އެއްފަދަ ކުށްތައް ތަހުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެންދަން ތިބި މީހުންނެވެ. އަނެއް ބަޔަކީ މުޅި ގައުމުގެ ހިމާޔަތުގެ ޒިންމާ ކޮނޑުގައި އަޅާއިގެން ތިބި މީހުންނެވެ. ފުލުހުންނާޢި ސިފައިންނަކީ މި ގައުމުގެ އެންމެ ގަދަރުވެރި އަދި އެންމެ ޝަރަފުވެރި ދެ ޔުނީފޯމް ބޮޑީއެވެ. އެހެން ނަމަވެސް ސުވާލަކީ އެ ގަދަރާއި ޝަރަފާއި އިއްޒަތް މިހާރު އެބަ އޮތް ހެއްޔެވެ؟ ނޫނެކެވެ. މިހާރު ފެންނަނީ އެ ދެ ޔުނީފޯމުން ވެސް ފެންނަންހުރީ ކޮރަޕްޝަނުގެ ލައްގަނޑެވެ. 

ދެ މުއައްސަސާ ވިޔަފާރީގެ ތެރެއަށް ވަނުން

advertisement
advertisement
advertisement

އާންމުކޮށް ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު ސިފައިންގެ ތެރޭގައި ކުންފުނި އުފައްދައި ރަސްމީ ގޮތެއްގައި ރަޖިސްޓްރީކޮށްގެން ވިޔަފާރިކުރަން ފެށީ 2009 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ވެބްސައިޓުގައި ސިފްކޯއާ ބެހޭ ގޮތުން ލިޔެފައިވާ މައުލޫމާތުތަކުގައިވާ ގޮތުން 1950ގެ އަހަރުތަކުން ފެށިގެން ވެސް ސިފައިންގެ އެކި ބޭނުންތަކަށް ވިޔަފާރި އައީ ކުރަމުންނެވެ. އެންމެ ފުރަތަމަ އެކަން ފެށުނީ ސިފައިންނަށް ބޭނުންވާ ދުންފަތުގެ ބާވަތްތަކާއި ރޭޒަރު ފަދަ އާންމު ބޭނުންތަކަށް ބައެއް ސާމާނު ގަންނަން ބޭރަށް ދާންޖެހޭތީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސިފައިންގެ އެތެރޭގައި ވިޔަފާރިއެއް ކުރަން ފެށުމުގެ ގޮތުންނެވެ. އެ ގޮތުން 10ރ. އަށް ހިއްސާ ވިއްކައިގެން “ކާކީ”ގެ ނަމުގައި ވިޔަފާރިއެއް އުފަން ކުރުވީއެވެ. ފަހުން ބޮޑުވަޒީރަކަށް އިބްރާހީމް ނާސިރު ހުންނެވި އިރު އެ ހުރިހާ ހިއްސާތަކެއް ބައްލަވަގެން “ސިފައިންގެ އެކުވެރި ކުންފުނި” (ސެކް)ގެ ނަމުައި ކުންފުންޏެއް އުފެއްދެވި ކަމަށް އެ ވެބްސައިޓުގައި ވެއެވެ. 

އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލް އަށް ވަދެ ހާވައިލުމުން ސިފައިންނާ ގުޅޭ ގިނަ ވިޔަފާރިތަކެއް ރެޖިސްޓްރީކޮށްފައި ހުރިކަން ފާހަގަކުރެވެއެވެ. ވިޔަފާރި ކުރަން ގިނަ ހުއްދަތަކެއް ނަގާފައި ހުރި އިރު ގިނަ ވިޔަފާރި ނަންތަކެއް ވެސް ރެޖިސްޓްރީކޮށްފައި އެބަ ހުއްޓެވެ. މީގެ ތެރޭގައި ފެހުމުގެ ވިޔަފާރިން ފެށިގެން ލޮޖިސްޓިކާއި، ކޭޓަރިންނާއި، ބޭކަރީ އާއި މެއިންޓެނެންސް އާއި ފާމަސީ އާއި ހޮސްޕިޓަލާއި، ގުދަނާއި އާންމު ފިހާރަތަކާއި ކެފޭ އާއި މިހެން ގޮސް ރެއަލް އެސްޓޭޓް ފަދަ ބޮޑެތި އެތައް އެތައް ވިޔަފާރިތަކެއް ވެސް އެބަ ހުއްޓެވެ.

ފުލުހުންގެ ވެލްފެއާ އަށް މަސައްކަތްކުރުމަށް ކުންފުންޏެއް އެންމެ ފުރަތަމަ ރެޖިސްޓްރީކުރީ 2015ގައި ކަމަށް ރެކޯޑްތަކުން ދައްކައެވެ. ޕޮލްކޯއާ ބެހޭ މާ ބޮޑު މައުލޫމާތުތަކެއް ފުލުހުންގެ ޕޮލްކޯގެ ވެބްސައިޓުގައި ނެތެވެ. އަދި ގިނަ މައުލުމާތުތައް ހުރީ އާންމުންނަށް ނުފެންނަަ ގޮތް ހަދާފައެވެ. އެހެން ނަމަވެސް ވިޔަފާރި ޕޯޓަލްގައިވާ ގޮތުން ޕޮލްކޯގެ ހިއްސާ އޮންނަ ގޮތަށް ގިނަ އަދަދެއްގެ ވިޔަފާރިތައް ރެޖިސްޓްރީކޮށްފައި އެބަ ހުއްޓެވެ. އެ ގޮތުން ކޭޓަރިންނާއި ފެހުން ފަދަ ވިޔަފާރިތައް އެބަ ހުއްޓެވެ. 

އަހަރުތަކެއް ވަންދެން ކޮރަޕްޝަންގެ ބޮޑެތި މައްސަލަަތައް

ސިފައިންނާއި ފުލުހުންނާ ގުޅުވައިގެން ކޮރަޕްޝަންގެ ވާހަކަ ދެއްކުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި ދާދި ފަހަކާ ޖެހެންދެން ވިޔަފާރީގެ ތެރެއިން ކޮރަޕްޝަން ހިންގާކަން އޮތީ ނޭނގުމެއްގެ ތެރޭގައެވެ. މީގެ ކުރިން އެ ދެ މުއައްސަސާއާ ގުޅުވައިގެން ދެކެވެނީ ވަކިވަކި ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ ވާހަކައެވެ. ބައެއް ފަހަރު ސިޔާސީ ވެރިންނާ ގުޅުން އޮންނަ ވާހަކައެވެ. ވިޔާނުދާ އަމަލުތަކުގައި ބައިވެރިވާ ވާހަކައެވެ. މި ހިޔާނާތުގެ ތެރެއިން އެހެން ނަމަވެސް އޮޑިޓް އޮފީހުގެ ހާއްސަ ރިޕޯޓްތަކާއި މި ފަހުން ރައްޔިތުންގެ މަޖިލީހުން ފެށި ތަހުގީގުތަކާ އެކު ފިއްކަޑައިގެންދާ ފަދަ ކަންތައްތައް މި ވަނީ ފެންމަތިވެފައެވެ. އެތައް މިލިއަން ރުފިޔާއެއް އެކި ފަރާތްތަކަށް ލިބިފައިވާ ކަމާއި ބޮޑެތި ގޯސްތައް ހަދާފައި ހުރިކަން މި ވަނީ ފާޅާ އަރާފައެވެ. 

ގިނަ ބަޔަކު އެންމެ ބޮޑަށް އަޅައިގަތީ ކުރިގޭ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ ބޯހިޔާވަހިކަމަށް ހިންގި ދެ މަޝްރޫއުގެ ތެރެއިން ކޮށްފައިވާ ވައްކަންތަކެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަޅަށް ފެށި މި ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޕޮލްކޯ އާއި ސިފްކޯގެ ބެލުމުގެ ދަށުންނެވެ. އިމާރާތް ކުރާނެ ފަރާތްތައް ކަނޑައެޅުމާއި އެކަމަށް ބޭނުންވާ ބަޖެޓްގެ ކަންކަން ހަމަޖެއްސީ މި ދެ ކޯޕަރޭޓިވްސްގެ ތެރެއިންނެވެ. އެހެން ކަމުން އާންމު އުސޫލްތަކުން ބޭރުން އެއްވެސް ބިޑްކުރުމެއް ނެތި އެ މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލުކުރެވި ހިނގައިދިޔަ ސަކަރާތްގަނޑުގެ ތެރެއިން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ސަރުކާރަށް ލިބިފައި ވެއެވެ. 

އޮޑިޓް ރިޕޯޓްތަކަށް ބަލާއިރު މި ދެ މަޝްރޫއުގެ ނަޖާއިޒު ފައިދާ ނަގައިގެން ބަޔަކު ވަނީ މުއްސަނދިވެފައެވެ. ފާހަގަކުރެވުނު އެއްކަމަކީ މި ދެ މަޝްރޫއުގެ ތެރެއިން ވެސް ފައިދާ ލިބުނީ ގާތްގަނޑަކަށް އެއްބަޔަކަށް ކަމެވެ. އެ ގޮތުން ދެ މަޝްރޫއު ހިންގަން ފުރަތަމަ ހަވާލުކުރީ ނޫމަޑި ކިޔާ ކުންފުންޏަކާއެވެ. އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދީފައި ވެއެވެ. ފައިސާ ނަގައިގެން ވެސް އެ ކުންފުންޏަށް އެ މަސައްކަތް ނުނިންމުނު އިރު އަލުން އަނެއްކާ ވެސް މަސައްކަތް ހަވާލުކުރީ ނޫމަޑި ކުންފުންޏާ ގުޅުން އޮތް އައިލެންޑް އެކްސްޕާޓް ކިޔާ ބަޔަކާއެވެ. އެ ކުންފުނި ވެސް މަސައްކަތް ނުކޮށް ކުރީ އެހެން ކަމެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މި މައްސަލަތައް ބަލަމުން އަންނަ އިރު ފާހަގަކޮށްފައިވާ ގޮތުން ސިފައިންނާއި ފުލުހުންގެ ތެރެއިން ބައެއް މީހުން މި މުއާމަލާތްތަކުގެ ތެރެއިން ހުޅުމާލެ އިން ބިމާއި ފްލެޓް ފަދަ މުދާ ހޯދާފައި ވެއެވެ. އަދި މި މަސައްކަތުގެ ތެރެއިން ބޭނުންކުރި ބައެއް އުޅަނދުފަހަރު ވެސް ގެއްލިފައި ވެއެވެ. 

މާލިއްޔަތު ކޮމިޓީން ބުނެފައި ވަނީ ފްލެޓް އެޅުމަށް އެޑްވާންސަށް ދިން ފައިސާ އިން އައިލެންޑް އެކްސްޕާޓުން ހުޅުމާލެ އިން ބޮޑު ބިމެއް ގަނެއް އެ ތަނުގައި ލަގްޒަރީ އެޕާޓްމަންޓް ހަދަމުން އަންނަ ކަމަށެވެ. އެހެންކަމުން ލިބުނު ގެއްލުމުގެ ބަދަލުގައި އެ އިމާރާތް ދައުލަތަށް ނެގުމަށް ވަނީ ހުށަހަޅާފައެވެ.

ގާނޫނީ އޮނިގަނޑުތަކަށް ތަބައެއް ނުވޭ!

ސިފައިންނާއި ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީގެ ތެރެއިން ވިޔަފާރިކުރުމަށް ކުންފުނިތަކެއް އުފެއްދި ނަމަވެސް މިހާތަނާ ޖެހެންދެން ވެސް އެ ކުންފުނިތައް ހިންގާފައި ވަނީ ވަރަށް ދޯދިޔާކޮށެވެ. ކުންފުނިތަކާ ގުޅޭ ގޮތުން މިހާތަނަށް ބެލި ގިނަ މައްސަލަތަކުގައި އެކަން އޮތީ ވަރަށް ސާފުކޮށް ފެންނަންށެވެ. އަދި ވިޔަފާރިތައް ހިންގާފައި ވަނީ ގާނޫނީ އޮނިގަނޑުތަކުގެ ބޭރުން ގުޑްގަވަނަސް އަދި ސަރުކާރުގެ ވިޔަފާރި ކުންފުނިތައް ހިންގަންޖެހޭ މައިގަނޑު އަސާސްތަކުގެ ބޭރުން އަދި ދެފުށް ފެންނަ އުސޫލްތަކެއް ވެސް ނެތިއެވެ. 

މާލިއްޔަތު ކޮމިޓީން މިހާރު ތައްޔާރުކުރަމުން އަންނަ ރިޕޯޓްގެ ބައިތައް މިދިޔަ ހަފުތާގެ ތެރޭގައި އެ ކޮމިޓީގައި މަޝްވަރާކޮށްފައިވާ އިރު އެނގިގެން ދިޔަ އެއްކަމަކީ އޮޅުވާލުމާއި މަކަރު ހެދުމާއި ފަރުވާކުޑަކުރުން އޮތީ ހަމައެކަނި ފްލެޓް އެޅުން ފަދަ ބޮޑެތި ވިޔަފާރިތަކުގައި އެކަނި ނޫން ކަމެވެ. އާންމު މުދާ ވިއްކާ ފިހާރަތަކާއި އެ ނޫން ވެސް ހިދުމަތްތަކުގައި ވެސް އުސޫލްތަކުގެ ބޭނުން ކަންކަން ކޮށްފައިވާކަން ހާމަވެގެން ދިޔައެވެ. އެ ގޮތުން ސިފައިންގެ ކޭޓަރިންގެ ހިދުމަތާއި ފިހާރަތަކުގައި މުދާ ބެލެހެއްޓުމާއި އެ ތަންތަނުން ލޯނު ދޫކުރުން ފަދަ ކަންކަމުގައި ހަރުދަނާ އުސޫލެއް ނެތްކަން ވަނީ ހާމަވެފައެވެ. އަދި އެއްވެސް އިންތިޒާމެއް ނެތި ތިޖޫރީން ފައިސާ ނެގުމާއި ލިޔެކިޔުން ފުރިހަމަ ނުކޮށް ނުވަތަ ފުރިހަމަކުރުމުގެ ކުރިން ލޯނު ފައިސާ ޖަމާކުރުމާއި މިހެން ގޮސް އެއްތައް އެތައް ކަމެއް ވަނީ ހާމަވެގެން ގޮސްފައެވެ. ފިހާރަތަކަށް މުދާ ނަގާ އިރު ވަކި ބައެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމާއި އެ ޖަމާކުރާ އިރު އެކަށީގެންވާ ލިޔެކިޔުންތައް ނެތުމާއި މުދަލުގެ އަގު ހޯދުމުގައި ވިޔަފާރީގެ ހަމަތަކަށް ނުބެލުމާއި މިހެން ގޮސް އެތައް ކަމެއް މާލިއްޔަތު ކޮމިޓީން ފާހަގަކޮށްފައި ވެއެވެ. މި ވިޔަފާރިތަކުގެ ބައެއް އުސޫލްތަކާއި އެސްއޯޕީީތައް ހަދަން ފަށާފައި ވަނީ ވެސް މައްސަލަތައް ކުރިމަތިވެ، ބަލަން ފެށުމުން ކަން ވެސް ބައެއް ލިޔެކިޔުންތަކުގައި މި އިދާރާތަކުން އެއްބަސްވެފައި ވެސް އެބަ ހުއްޓެވެ.

ވިޔަފާރިތައް އުވާލަންޖެހޭ!

ފުލުހުންގެ ވިޔަފާރިތަކާ ގުޅިގެން ބޮޑެތި މައްސަލަތައް ފެންމަތިވެފައި ވަނިކޮށް ގާނޫނަށް ގެނައި އިސްލާހުތަކާ އެކު އެ ވިޔަފާރިތައް ހުއްޓާލުމަށް ކަނޑައަޅާފައި ވެއެވެ. އެ ގޮތުން ފުލުހުންގެ ގާނޫނުގެ 125 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ ފުލުހުންގެ ވެލްފެއާ ކަންކަން ކޯޕަރޭޓިވްސް ފިޔަވައި އިތުރު ގާނޫނީ ޝަހްސެއް އުފެއްދުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ގާނޫނު ވުޖޫދުވުމުގެ ކުރިން އެފަދަ ގާނޫނީ ޝަހުސެއް އުފައްދާފައިވާ ނަމަ ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެ ތަނެއް އުވާލަން ޖެހޭނެ ކަމަށެވެ. 

ގާނޫނުގައި ވަރަށް ސާފުކޮށް މިހެން ލިޔެފައި އޮތް ނަމަވެސް މިހާތަނާ ޖެހެންދެން ވެސް ފުލުހުންގެ ވިޔަފާރިތައް ހުއްޓާފައެއް ނުވެއެވެ. ފަހަރުގައި އެއީ ގާނޫނީ ގޮތުން އެހާ ފަސޭހަ ކަމަކަށް ނުވުން ވެސް އެކަށީގެން ވެއެވެ. އެހެން ނަމަވެސް ގާނޫނެއްގައި ވަކި ގޮތަކަށް އަމަލުކުރަން ބުނެފައިވާ ނަމަ ފުލުހުން ވިޔަސް އަދި ސިފައިން ވިޔަސް ޖެހޭނީ އެކަމަކަށް ތަބާވާށެވެ. ގާނޫނުގައި މަނާކޮށްފައިވާ ކަމެއް ފުލުހުންގެ ކޯޕަރޭޓިވްއަކަށް ވެސް ކުރެވިގެން ނުވާނެއެވެ. އަމިއްލަ ފަރާތްތަކާ ގުޅިގެން ވިޔަސް ފުލުހުންގެ ކޯޕަރޭޓިވްގެ ނާޖާއިޒު ފައިދާ ނަގައިގެން ވިޔަފާރި ކުރެވިގެން ނުވާނެއެވެ.

ފުލުހުންނާއި ސިފައިން ނަޒާހަތްތެރިވާންޖެހޭ!

ކުރިން ވެސް ފާހަގަކުރި ގޮތަށް ރާއްޖޭގެ އެންމެ ގަދަރުވެރި އަދި ޝަރަފުވެރި ދެ ޔުނީފޯމް ބޮޑީއަކީ ސިފައިންނާއި ފުލުހުންނެވެ. މި ދެ މުއައްސަސާގެ ނަން ބޭނުންކޮށްގެން މުޅި ގައުމު ސިއްސުވާލާވަރުގެ ވައްކަން ކުރުމުން އެ މުއްސަސާގައި މިއަދު ޖެހިފައިވާ ކޮރަޕްޝަންގެ ކަޅު ލައްގަނޑު ދެން ފިލުވައެއް ނުލެވޭނެއެވެ. އެހެން ނަމަވެސް އަދިވެސް އިސްލާހުކުރެވިދާނެ އެވެ. ކަމާ ބެހޭ އިދާރާތަކުން އެކަމުގެ ތެރެއަށް ވަދެ ވިޔަފާރިތައް ހުއްޓުވައި ކޯޕަރޭޓިވްގެ ނަމުގައި ހިންގާ ޖަރީމާތައް ބަލައި، ހިޔާނާތް ވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހެ އެވެ. 

މާލިއްޔަތު ކޮމިޓީގައި މި ދެ މުއައްސަސާގެ ކަންކަން ބަލަމުން ގެންދާ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ފުލުހުންނާއި ސިފައިން އަބަދު ވެސް އިސްކަން ދޭންވާނީ ގާނޫނުގައި ކަނޑައަޅާފައިވާ ޒިންމާތައް އަދާކުރުމަށް ކަމަށެވެ. އަދި އެއީ ނަޒާހަތްތެރި، އެހެން ފަރާތްތަކަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި މީގެ ކުރިން އެ ދެ މުއައްސަސާ އެ މަގުން ޒިންމާދާރުކުރުމުގެ “ސިޔާސީ މަގުސަދެއް” ނެތް ކަމަށާއި ނަމަވެސް 20 ވަނަ މަޖިލީހުން އެކަން ކޮށް، އެކަމުގައި ޒިންމާވާ ވަކިވަކި ފުލުހުންނާއި ސިފައިންނަށް ވެސް ވިޔަފަޅު އަޅާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. 

ކޮރަޕްޝަންގެ މި ވާހަކަތަކުގެ އަޑު ގަދަވެފައި ވަނިކޮށް ދާދި ފަހުން އިވިގެން ދިޔައީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑޮލަރުތަކެއް ގެއްލުނު ވާހަކައެވެ. އެގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާއާ ބެހޭ ގޮތުން ފާހަގަކުރެވުނު ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށާއި އެ ގޮތުން 30،000 ޑޮލަރުގެ ފަރަގެއް އުޅޭ ކަމަށެވެ. 

ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހިންގާ މިފަދަ ބޮޑެތި ވައްކަންތަކުގެ މައްސަލަތަކުގައި އާންމު ގޮތެއްގައި އޮންނަނީ ވިޔަވަޅު ނޭޅިއެވެ. މިހާތަނަށް ހިންގި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކަށް ބެލި ނަމަވެސް ފެންނަނީ މި މަންޒަރެވެ. އެހެންކަމުން ސިފައިންނާއި ފުލުހުން ފަދަ ވަރުގަދަ އަދި ހާއްސަކޮށް ތަހުގީގީ އެންމެ ވަރުގަދަ އިދާރާ ކަމަށްވާ ފުލުހުންގެ މި މައްސަލަ ބެލިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި މާލިއްޔަތު ކޮމިޓީ އާއި ނާޒިމްގެ ވާހަކަފުޅުތަކަކީ “ޖަމަލު ފޮޑި” ފަދަ ކަމަކަށް ވުމުގެ ފުރުސަތު އޮތް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. ގެއްލުނު ފައިސާތައް ދައުލަތަށް ހޯދިދާނެ ކަމާއި، ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅިދަނާނެ ކަމާ މެދު ސުވާލު އުފެދެއެވެ. 

ރިއެކްޝަންސް
0
0
0
1
0
0
0