ޓުއަރިޒަމް ފުޅާކުރުމުގައި ހައްދެއް އޮންނަންޖެހޭ!
23 އޯގަސްޓް 2025 - 15:21
އާ އެއާޕޯޓާ އެކު ޓުއަރިސްޓުން އިތުރުކުރުން މުހިންމު!
ވެލާނާ އިންޓަނޭޝަނަލްގެ އާ ޓާމިނަލާ އެކީގައި އެންމެ ބޮޑަށް ކުރެވޭ ސުވާލަކީ އެ އެއާޕޯޓާ އެއްވަރަށް ރާއްޖޭގެ ޓުއަރިޒަމް ފުޅާވެއްޖެ ހެއްޔެވެ؟ އެ ޓާމިނަލްއަކީ އަހަރަކު ހަތް މިލިއަން ޓުއަރިސްޓުންނަށް އަމާޒުކޮށްގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެކަށީގެންވާ އަދަދަކަށް ޓުއަރިސްޓުން ނާންނަ ނަމަ އެ ޓާމިނަލުން ލިބެންވާ ހަގީގީ މަންފާ ނުނެރެވޭނެއެވެ.
މިއަހަރު ރާއްޖޭގެ އަމާޒަކީ ދެ މިލިއަން ޓުއަރިސްޓުން ރާއްޖެ ގެނައުމެވެ. އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ އާ ޓާމިނަލުން ފައިދާ ނެރެން ބޭނުން ނަމަ އަންނަ އަހަރު މި އަދަދު ވެސް އިތުރުކުރަންޖެހޭނެއެވެ. މިހާރު އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ އެ އަދަދަށް ޓުއަރިސްޓުން ގެނެވިދާނެ ހެއްޔެވެ؟ ނުވަތަ އެ އަދަދަށް ޓުއަރިސްޓުން ގެނައުމަށް ބޭނުންވާ ވަރަށް ރާއްޖޭގައި ޓުއަރިސްޓް އެނދު އެބަ ހުރި ހެއްޔެވެ؟
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި ވަގުތަށް ބަލާއިރު ޖުލައި މަހާ ހަމައަށް 175 ރިސޯޓެއް އޮޕަރޭޝަންގައި އެބަ އޮތެވެ. އަދި 877 ގެސްޓް ހައުސްއާ އެކު 159 ސަފާރީ އާއި 16 ސިޓީ ހޮޓާ އެބަ ހުއްޓެވެ. ރިސޯޓްތަކުގައި 44,047 އެނދު އެބަ ހުއްޓެވެ. ގެސްޓްހައުސްތަކުގައި 14,854 އެނދު އަދި ސަފާރީތަކުގައި 3,162 އެނދު އޮޕަރޭޝަންގައި ހުރި ކަމަށް ދައްކައެވެ. ހޮޓާތަކުގައި 2,310 އެނދު އެބަ ހުއްޓެވެ. ސުވާލަކީ މިއީ އަހަރަކު ތިން މިލިއަން ނުވަތަ ހަތް މިލިއަން ޓުއަރިސްޓުން ގެނައުމަށް އެކަށީގެންވާ އަދަދެއް ހެއްޔެވެ؟

އެނދު އިތުރުކުރުމަށް ކުރެވެނީ ކޮން ކަމެއް؟
ވީހާ ވެސް ގިނަ އަދަދެއްގެ ޓުއަރިސްޓުން ރާއްޖެ އައުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ކުރިއެރުމެކެވެ. އެ މައގުސަދު ހާސިލްކުރުމަށް އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ކޮށްފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފަޅު ރަށާއި ފަޅުތައް ދޫކޮށްފައި އެބަ ހުއްޓެވެ. ބައެއް ރަށްތަކާއި ފަޅުތަކުގައި ރިސޯޓްތައް ތަރައްގީކޮށް އަންނަނީ ހުޅުވަމުންނެވެ. ނަމަވެސް ވަރަށް ގިނަ ރަށްތަކެއްގެ މަސައްކަތް ހުއްޓިފައި ވެސް އެބަ ހުއްޓެވެ. ބައެއް ރަށްތަކުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އަނެއް ބައި ރަށްތަކާއި ފަޅުތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ހުންނަތާ ވެސް އަހަރުތަކެއް ވެއްޖެއެވެ. އެ ރަށްތަކުގެ މަސައްކަތް ފެށޭނެ ގޮތްތަކަކީ ކޮބައިތޯ ސަރުކާރުން އަންނަނީ ބަލަމުންނެވެ. ބައެއް ލުއިތައް ވެސް ދީފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރިސޯޓު ތަރައްގީކުރަން ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން 58 ރަށެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް 22 ރަށެއް ފާހަގަކުރެވިފައި ވާ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި ދޫކުރިތާ ވެސް 15-30 އަހަރު ވެފައި ހުރި ރަށްތައް ވެސް އެބަ ހުރި ކަމަށް އޭރު މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އެ ތަންތަނުގެ އެއްބަސްވުން ބާތިލުކުރުމާ މެދު ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދިފައިވާ ކަމަށް ޓުއަަރިޒަމް މިނިސްޓްރީން ބުނިތާ ވެސް 10 ވަރަކަށް މަސް ވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ އަންދާޒާއަކީ ނުހުޅުވި ހުރި 80 ވަރަކަށް ރިސޯޓުގެ އޮޕަރޭޝަން ފެށުނަސް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިގުތިސޯދަށް އަހަރެއްގެ މައްޗަށް 1.7 ބިލިއަން ރުފިޔާ އިތުރު އިތުރުވާނެ ކަމެވެ. އަދި 16،000 ވަޒީފާ އުފެދިގެން ދާނެ ކަމަށް 2023 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައި ވެއެވެ.
ރިސޯޓް ހެދުމަށް އާ ރަށްތަކާއި ފަޅުތަކެއް!
ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ޓުއަރިޒަމް ފުޅާކުރުމަށްޓަކައި މިދިޔަ ސަރުކާރުން ވެސް އަދި މި ސަރުކަރުން ވެސް ވަނީ އާ ރަށްތަކާއި ފަޅުތައް ކަނޑާއަޅާފައެވެ. އަދި ކްރޮސް ސަބްސިޑީ އުސޫލުންނާއި އިތުރު އެތައް ލުއިތަކެއް ވެސް ހިމެނޭހެން ގިނަ ރަށްތަކެއް މާކެޓަށް ނެރެފައި ވެއެވެ. އެ ގޮތުން ރިސޯޓް ހެދުމަށް މިސަރުކާރުން ވެސް 18 ރަށެއް އިއުލާނުކޮށްފައި ވެއެވެ. މީގެ އިތުރު ބައެއް ފަޅިތައް ހިއްކައިގެން ވެސް ރިސޯޓް ތަރައްގީކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވާ ބައެއް ދަތުރުފުޅުތަކުގައި އާ ބައެއް މަޝްރޫއުތައް އިއުލާނު ވެސް ކުރައްވަމުން އެބަ ގެންދަވައެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުން ސަރުކާރުގެ އަމާޒަކީ ގާތްގަނޑަކަށް އަހަރެއްގެ ތެރޭަގައި 20 ރަށެއްގައި މަސައްކަތް ފަށައިގަނެގެން ކުރިއަށް ގެންދިއުމެވެ. އެ ގޮތުން މަސައްކަތް ހުއްޓިފައި ހުރި ރަށްތަކުގެ މަސައްކަތް ފަށައިގަތުމަށް އެ ރަށްތައް ނަގާފައިވާ ފަރާތްތަކަށް ބޮޑެތި އެހީތެރިކަން ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އަލަށް އިއުލާނުކުރި ރަށްތަކަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށްޓަކައި ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެ ގޮތުން އެކުއިޒިޝަން ކޯސްޓް ކުޑަކުރުމާއި ކްރޮސް ސަބްސިޑީގެ ލުއިތަކާއި ބޭންކްތައް މެދުވެރިކޮށް ލޯނުތަކަށް މަގުފަހިކުރުމާއި ޖޫރިމަނާތަކަށް ލުއިދިނުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.
އެނދު އިތުރުކުރުމަށް ތިމާވެށި ގުރުބާންކުރަނީ!
މި ފަހަކަށް އައިސް ރިސޯޓްތައް ހެދުމަށް ފަޅުތައް ހިއްކުމާއި ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބައެއް އިންވެސްޓަރުންނަށް ކަމުދަނީ ވެސް ރަށަކަށްވުރެ ބޮޑަށް ފަޅުތަކެވެ. ސަބަބަކީ އެ އިންވެސްޓަރުން ބޭނުންވާ ގޮތަށް، ބޭނުންވާ ޑިޒައިނަކަށް ފަޅުތައް ހިއްކައި ރިސޯޓް ހެދުމަށް ފަސޭހަވުމެވެ. އެހެން މެދުވެރިވަނީ ފަޅު ރަށެއް ނަމަ މާ ބޮޑު ބަދަލުތަކެއް ގެނެވެން ނެތުމާއި އަދި ބައެއް ކަހަލަ ތިމާވެށީގެ މައްސަލަތައް ވެސް ހުންނާތީ ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެން ނަމަވެސް ޓުއަރިޒަމް ފުޅާކުރުމުގެ ބޭނުމުގައި ފަޅުތައް ހިއްކައި ފަރުތައް ހަލާކުރުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟
ރައީސް މުއިއްޒު ދާދި މިދާކަށް ދުވަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ގޮއިދޫ ފަޅު ހިއްކައިގެން ރިސޯޓް ތަރައްގީކުރުމުގެ ވާހަކަ ވަނީ ދައްކަވާފައެވެ. އެ ގޮތުން ގޮއިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެގޮތުން ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަށް މި މަހު ސަރުކާރުން ސޮއިކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“އެކަން އަޅުގަނޑުމެން އިއުލާންކޮށް ބަޔަކު ހޯދައި ބިޑް އެވޯޑުކޮށްފައި ވާނީ. މި މަސް ތެރޭގައި އެ މަސައްކަތުގައި ސޮއި ކުރެވޭނެ،” ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅާ އެކު ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައި ވެއެވެ. ހާއްސަކޮށް ތިމާވެށީގެ ހިމާޔަތަށް ގޮވައިލާ ފަރާތްތަކުންނެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ގޮއިދޫ ފަޅަކީ ބ. އަތޮޅަށް އަދި ރާއްޖެ އަށް ވެސް މުހިންމު ފަޅެކެވެ. އަދި އެއީ ރާއްޖޭގައި ވެސް އޮތް އެންމެ ރީތި މުރަކައިގެ ފަރު ކަމަށްވާތީ އެ ފަރު ހަލާކު ނުކޮށްލުމަށް ދަނީ ގޮވާލަމުންނެވެ.
ތާރީހް ދިރާސާކުރާ ލިޔުންތެރިޔާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫނު ޖަލީލް (ލޫކަސް ޖަލީލް) އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލިޔެފައިވާ ގޮތުން “ބ. ގޮއިދު އަތޮޅު ހިއްކައިގެން ރިސޯޓް ތަރައްގީ ކުރުމަށް ވުރެ ވެއްޓަަށް ބަދަލު ނުގެނެސް ބާއްވައި، ޔުނެސްކޯ ވޯލްޑް ނެޗުރަލް ހެރިޓޭޖް ސައިޓްތަކުގެ ލިސްޓަަށް ލުމަށް މަސައްކަތްކޮށްފި ނަމަ ލިބޭ އާމްދަނީ ގިނަވާނެ،” އެވެ. އަދި “މަގުބޫލުވާނެ، ތިން ރަށުގެ ރައްޔިތުންނަށް އަދި ރަާއްޖޭގެ ޓޫރިޒަމަށް މާ ފައިދާ ބޮޑު ވާނެ،” ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ބ. ގޮއިދު އަތޮޅު ހިއްކައިގެން ރިސޯޓް ހަދަން ދެކޮޅުވަނީ ކީއްވެހޭ މީހުން އަހާ. އެކަން ނުހުއްޓުވައިފި ނަމަ ދެން ގޮއިފުޅަފެހެންދޫ ފެންނާނީ މިހެން! މާލެ އަތޮޅު ފަޅުތައް ހެން. މާލެ އަތޮޅު ހުރިހާ ފަޅެއް ހިއްކައިގެން ރިސޯޓް ހަދާފަ މިހާރު މަހުޖަނުން އެ ދިމާކުރީ ބ. އަތޮޅަށް
ބ. އަތޮޅުގަ… pic.twitter.com/gCjQOGlY0B— Luke (@lucasjalyl) August 14, 2025
“ބ. ގޮއިދު އަތޮޅަކީ ރާއްޖޭގެ މުރަކައިގެ އެންމެ ރީތި އެެއް ބަގީޗާ. ގޮއިދު އަތޮޅަކީ ރާއްޖޭގެ އެންމެ ނާޒުކު އެއް ވެށި. ގޮއިދު އަތޮޅު ފަޅު ހިއްކައި ރިސޯޓް ތަރައްގީކުރުމަކީ ގުދުރަތީ ތަފާތު މި އަތޮޅުގެ ވެއްޓަށް ލިބޭނެ ބޮޑު ގެއްލުމެއް. ބ. އަތޮޅުގަ ލޯކަލް ޓޫރިޒަމް އެންމެ ފުޅާވަމުން އަންނަ ސަރަހައްދަށް ދެވޭ ގެއްލުމެއް. ގޮއިދު އަތޮޅުގެ ވެއްޓަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު ޓޫރިޒަމަށް ކުރާނެ،” ލޫކަސް ލިޔެފައި ވެއެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ބ. އަތޮޅަކީ ނާޒުކު ތިމާވެއްޓެއް އޮތް އަދި ރާއްޖޭގެ ޓުއަރިޒަމްގައި ވެސް އެންމެ މުހިންމު އެއް އަތޮޅެވެ. އަދި ބައެއް ކަހަލަ ކަނޑުގެ ދިރުންތަކަކީ އެ ސަރަހައްދުގައި އެތައް ބައެއްގެ ސަމާލުކަން ލިިބިފައިވާ ދިރުންތަކެވެ. އޭގެ ތެރޭގައި ހަނިފަރު ފާހަގަކޮށްލެވެއެވެ. ބައެއް ސަރަހައްދުތަކަކީ ޔުނެސްކޯ އިން ހިމާޔަތްކޮށްފައިވާ ތަންތަނުގެ ތެރޭގައި ކަނޑައަޅާފައި ހުރި ތަންތަނެވެ. އެ ސަރަހައްދުތަކުން ފެންނަ މަޑީގެ ބާވަތްތަކާއި މިޔަރުގެ ބާވަތްތައް ދެކިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ޓުއަރިސްޓުން ކޮންމެ އަހަރަކު ވެސް އެ ސަރަހައްދުތަކަށް ޒިޔާރަތް ކުރެއެވެ. ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށްތަކުގެ ތެރޭގައި ބ. އަތޮޅުގެ ރީތި ރަށުގެ ގޮނޑުދޮށް ހިމެނެއެވެ.
Goidhoo atholhu ethere vari hihkaigen resort eh hedhumah vure, ethan oiy gothah baahvaa belehettumun atolhah libeyne thanavas kamaai faidhaa maa bodu vaane. Resort ah vuren guest house viyafaarin rashah vanna faisaa aai manfaa maa ithuruvaane. Resort eh konmehen hadhaan vejje…— Mohamed Nasheed (@MohamedNasheed) August 19, 2025
ބ. އަތޮޅުގައި ބިން ހިއްކުމާއި ފަޅު ހިއްކުމުގެ ސަބަބުން މި ނާޒުކު ތިމާވެއްޓަށް ގެއްލުންތައް ވުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ހާއްސަކޮށް ގޮއިދޫ ފަޅު ފަދަ ރީތި މުރަކައިގެ ފަރެއް ހަލާކުކޮށްލައި ދުނިޔޭގެ ނިސްބަތުން ވެސް ތަފާތު ތަނަކަށް ބޮޑު ގެއްލުމެއް ދީ އެތަން ހިއްކައި ރިސޯޓް ހަދައިގެން ލިބޭ ފައިދާ އަށް ވުރެ އެ ތަން އެ ގޮތުގައި ބާއްވައިގެން ލިބޭ ފައިދާ ބޮޑުވަނެ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.
އެއް ސަރަަހައްދެއް ތޮއްޖައްސަނީ!
ރިސޯޓްތައް ތަރައްގީކުރުމުގައި ސަރުކާރުތަކުން އަބަދު ވެސް ދައްކާ ވާހަކައަކީ ޓުއަރިޒަމް ނެތް ސަރަހައްދުތަކަށް ޓުއަރިޒަމް ފުޅާކުރުމުގެ ވާހަކައެކެވެ. މާލެއާ ދުރު ސަރަހައްދުތަކުގައި ޓުއަރިޒަމް ފުޅާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެކި ސަރުކާރުތަކުން އެކަން ކުރެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއް ގޮތުން އައްޑޫގަ އާއި އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅުގައި ވެސް ރިސޯޓްތައް ތަރައްގީކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެކަން އެންމެ އެކަށީގެންވާ ގޮތުގައި އޮތީ ނުކުރެވިއެވެ.
މާލެއާ ދުރު ހިސާބުތަކުގައި ޓުއަރިޒަމް ފުޅާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރު ފަތުރެވެ. އެކަށިގެންވާ ދަތުރުފަތުރުގެ ނިޒާމެއް ނެތުމާއި ބައިނަލްއަގުވާމީ ދަތުރުފަތުރު މަދުވުމެވެ. އައްޑޫގައި ޓުއަރިޒަމް ފުޅާކުރަން ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީއެވެ. އައްޑޫ ގަމަށް ޑައިރެކްޓް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އެކަން ކުރެވޭތޯ މަސައްކަތް ވެސް ކޮށްފައި ވެއެވެ. ނަމަވެސް އެ ވައިގެ ބަނދަރު އިތުރަށް ތަރައްގީކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނޫނީ އެކަން ކުރެވޭނެ ގޮތެއް ނެތެވެ. އައްޑޫގައި ޓުއަރިޒަމް ފުޅާކުރުމަށް ކުރި މަސައްކަތް މިހާތަނަށް އަދި އޮތީ ނާކާމިޔާބީއެއްގެ ތެރޭގައެވެ.
އުތުރަށް ވެސް ކުރިމަތިވެފައި ވަނީ އެ މައްސަލައެވެ. އުތުރުގައި ހުރި ރިސޯޓްތަކަށް ދަތުރުކުރަން ޖެހެނީ ވެލާނާ އެއާޕޯޓުންނެވެ. އެހެންކަމުން ދަތުރަށް ކުރަންޖެހޭ ހޭދަ ބޮޑުވެއެވެ. އެއާ ޓެކްސީގައި ވެސް އެކަށީގެންވާ ގޮތެއްގައި އެހާ ދުރަށް ޓުއަރިސްޓުން އުފުލުމަކީ ދެކޮޅު ޖެހޭ ކަމަކަށް ނުވެއެވެ. ލޯކަލް ޓުއަރިޒަމަށް ވެސް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ އެއީއެވެ. އެ ކަމަށް ކޮންމެ ވެސް ވަރެއްގެ އަލިމަގެއް އެބަ ފެނެއެވެ. މި އަހަރުގެ ނިމުގެ ކުރިން ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ ބަނދަރަށް ޑައިރެކްޓް ފްލައިޓްތައް އިތުރުވެގެން ދިއުމަކީ އުންމީދެކެވެ. އެހާތަނަށް އެ ސަރަހައްދުގައި އެކަށީގެންވާ ރިސޯޓްތަކެއް ހުރުން ވެސް މުހިންމެވެ. މިޙާރު އޮތީ މަދު ރިސޯޓެކެވެ.
މިފަދަ ސަބަބުތަކާ ހުރެ ފަހަކާ ޖެހެންދެން ވެސް ޓުއަރިޒމް އޮތީ މާލެ ވަށައިގެން ހިފެހެއްޓިފައެވެ. މާލެ އަތޮޅާއި ވަށައިގެން އޮތް ޅ. އަތޮޅާއި ބ.، އއ. އަދި އދ. އާއި ވ. އަތޮޅުން ބޭރުން މަދު ރަށެއްގައި ނޫނީ ރިސޯޓެއް ނެތެވެ. މި ފާއިތުވި އަހަރުތަކުގައި މި އަތޮޅުތަކުގައި ވަނީ ވަރަށް ބޮޑަށް ޓުއަރިޒަމް ފުޅާވެފައެވެ. މި ސަރަހައްދުތަކުގައި ހުސް ރަށެއް ހުސް ފަޅެއް މިހާރު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާލެ އަތޮޅުގެ ހުރިހާ ފަޅު ރަށެއް ހުސްވެ އެންމެ ފަހުން ފަޅުތައް ވެސް މިހާރު ހުސްވީއެވެ. ޅ. އަތޮޅު ވެސް އެހާލެވެ. އއ. އާއި އދ. އަދި ވ. އަތޮޅަށް ވެސް އޮތީ ގާތްގަނޑަކަށް މިހާލަތުގައެވެ. ބ. އަތޮޅުގައި ވެސް ހުސް ފަޅު ރަށެއް ނެތިގެން މިހާރު ޖެހިފައި ވަނީ ފަޅު ހިއްކަންށެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟
ރިސޯޓް ތަރައްގީކުރެވޭނެ ލިމިޓެއް މުހިންމު!
ރާއްޖޭގައި އަދިވެސް މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކަށް ވުރެ ގިނައީ ފަޅު ރަށްތަކެވެ. އެހެން ނަމަވެސް މި ހުރިހާ ތަނެއް ނުވަތަ މިއިން ބޮޑު ބައެއް ޓުއަރިޒަމަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ އަދި ހާއްސަކޮށް ރިސޯޓްތަކުން ތޮއްޖެހިފައިވާ އަތޮޅުތަކުގައި އިތުރަށް ޓުއަރިޒަމް ފުޅާކުރުމަށް ވުރެ އެހެން ސަރަހައްދުތަކަށް ޓުއަރިޒަމް ފުޅާކުރަން އިތުރަށް މަސައްކަތް ކުރާކަށް ނުވޭ ހެއްޔެވެ؟ އަދި ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި އިތުރަށް ޓުއަރިޒަމް ފުޅާނުވާނެ ގޮތަކަށް ގާނޫނީ ބަދަލުތަކެއް ގެންނާކަށް ނުވޭ ހެއްޔެެވެ؟
” ފަޅެއް ހިއްކައިގެން ރިސޯޓް ހަދާފަ މިހާރު މަހުޖަނުން އެ ދިމާކުރީ ބ. އަތޮޅަށް. ބ. އަތޮޅުގަ ހިއްކައިގެން ރިސޯޓް ހަދަން ފުރުސަތު ދީފި ނަމަ ފެންނާނީ މުޅި އަތޮޅު ހަލާކުވާތަން. ސަރުކާރުން މަސައްކަތްކުރަންވާނީ ޓޫރިޒަމް ނެތް އަތޮޅުތަކަށް ރިސޯޓް ޓޫރިޒަމް ގެންދަން. މިހާރު ރިސޯޓްތަކުން ފުރިފަ ހުރި އަތޮޅުތަކުގެ ގުދުރަތީ މަދު ވަސީލަތްތައް ރައްކާތެރިކުރަން. ރިސޯޓް އިތުރުކޮށްގެން ބ. އަތޮޅަށް ލިބޭނެ ކުރި އެރުމެއް، ފަރުދީ މުއްސަނދި ކަމެއް ނެތް. އާންމު ތަނަވަސްކަން އަންނާނީ ވެށި ހިމާޔަތްކޮށް، ރިސޯޓް ހެދުން ހުއްޓާލައި ލޯކަލް ޓޫރިޒަމް ފުޅާކޮށްގެން،” ލޫކަސް އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.
ގޮއިދޫ އަތޮޅު ހިއްކައިގެން ޓުއަރިޒަމް ފުޅާކުރާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ހުރީ މި މިސްރާބަށެވެ. އެމީހުން ދެކޭ ގޮތުގައި މާލެ އަތޮޅާއި ވަށައިގެން ހުރި އަތޮޅުތަކުަގއި އިތުރަށް ޓުއަރިޒަމް ފުޅާނުކޮށް މިހާރު ހުރި ވަސީލަތްތައް ހިމާޔަތްކުރުން މުހިންމެވެ. ހާއްސަކޮށް ބ. އަތޮޅު ފަދަ ނާޒުކު ވެއްޓެއް އޮތް، އަދި ޓުއަރިޒަމަށް މުހިންމު އަތޮޅުތަކުގައި ހުރި ވަސީލަތްތައް ހަލާކުވާ ފަދަ ކަމެއް ކުރުމަށް ވުރެ އެތަންތަން ހިމާޔަތްކޮށްގެން ހޯދޭ ފައިދާ ބޮޑުވާނެ ކަމަށް އެ މީހުން ދެކެއެވެ.
މުއްސަނދި މަހުޖަނުން ބޭނުން ވާނީ އެ މީހުންގެ ޖީބު ބޮޑުވާނެ ގޮތްތަކެވެ. ދަތުރު ފަތުރު ފަސޭހަ ސަރަހައްދުތަކުގައި ނުވަތަ މާލެއާ ވީހާ ވެސް ކައިރި ސަރަހައްދެއްގައި ގިރިއެއް އޮތަސް އެ ތަނެއްގައި ވެސް ރިސޯޓް ތަރައްގީކުރަން އެ މީހުން ބޭނުންވާނެއެވެ. އެހެން ނަމަވެސް އެއީ ދައުލަތެއްގެ ޒިންމާ އޮތް ސަރުކާރަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަތޮޅުތަކުގައި ޓުއަރިޒަމް ފުޅާކުރެވޭނެ މިންވަރެއް ނުވަތަ އަދަދެއް ކަނޑައަޅަން ޖެހެއެވެ. އެއީ މައި މަރުކަޒީ ސަރުކާރުން ވިޔަސް ނުވަތަ ލާމަރުކަޒީ ކައުންސިލްތަކުން ވިޔަސް ކުރަންޖެހޭ ކަމެކެވެ. ގާނޫނު ހަދާ މަޖިލީހުން ވިސްނަންވެއްޖެ ކަމެކެވެ.





