އަމިއްލަ ހިޔާލު: “ބޭފުޅުން”ގެ ދިރިއުޅުމުގެ ހަރަދުތައް ކުރުމަށް އެމްބަސީތައް!

30 އޯގަސްޓް 2025 - 12:29

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އެމްބަސީތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. އަދި ފާޑުކިޔުން ވެސް އަމާޒުވާ ކަމެކެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދުތަކެއް ކޮށްގެން ހިންގާ މި ތަންތަނުން ރާއްޖެ އަށް ލިބޭ ފައިދާއާ މެދު އާންމުންގެ މެދުގައި ވަރަށްގިނަ ސުވާލު އޮވެއެވެ. ހިތްހަމަނުޖެހުން ވެސް ބޮޑެވެ. މައިގަނޑު ސަބަބަކީ އެ ތަންތަނުން ލިބޭ ފައިދާއެއް ނުވަތަ މަންފާއެއް ފެންނަން ނޯންނާތީއެވެ. 

އެމްބަސީތަކުން ކުރަނީ ކޮން ކަމެއް!

advertisement
advertisement
advertisement

ހާރިޖިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 16 ގައުމެއްގައި އެމްބަސީ ނުވަތަ ހައި ކޮމިޝަންތައް އެބަ ހުއްޓެވެ. ދެ ގައުމެއްގައި ދާއިމީ މިޝަން ހުރި އިރު ދެ ތަނެއްގައި ކޮންސިއުލޭޓް ގާއިމުކޮށްފައި ވެއެވެ. ސުވާލަކީ މި ތަންތަނަށް މިލިއަނުން ކުރާ ހޭދައާ އެއްވަރެއްގެ ހިދުމަތެއް ލިބޭ ހެއްޔެވެ؟ ނުވަތަ މުޅި ގައުމަށް އެ ތަންތަނުގެ ސަބަބުން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟

އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގެ މައިގަނޑު ބޭނުމަކީ ދޭދޭ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ގާއިމުކުރުމެވެ. މީގެ ތެރޭގައި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ އެހީތަކާއި އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. އަދި ހަމަ އެހެންމެ އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ކުރިމަތިވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މި މިޝަންތަކުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ނަމަވެސް ސުވާލަކީ މާ ގިނަ ދިވެހިންތަކެއް ދިރިނޫޅޭ ގައުމުތަކުގައި ނުވަތަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވެސް ހިދުމަތް ދެވޭ ފަދަ ގައުމުތަކުގައި ބޮޑު ހޭދަކޮށްގެން އެމްބަސީތައް ހެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

މުހިންމު އެމްބަސީތަކާ މެދު ވެސް ޝަކުވާތައް

ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ގައުމުތައް ކަމަށްވާ ސްރީ ލަންކާ އާއި އިންޑިއާ، ތައިލެންޑް، ސިންގަޕޫރު، މެލޭޝިޔާ އަދި ދުބާއީ ފަދަ ގައުމުތަކަކީ އެމްބަސީތަކާއި ކޮންސިއުލޭޓްތަކާއި މިޝަންތައް ގާއިމުވެފައި ހުރި ތަންތަނެވެ. އަދި މުހިންމު ދައުރެއް އަދާކުރަންޖެހޭ ތަންތަނެވެ. ނަމަވެސް މި ތަންތަނުން އެކަށީގެންވާ ހިދުމަތްތަކެއް ދިވެހިންނަށް ލިބޭ ހެއްޔެވެ؟

ހަމަ ޔަގީނުން ވެސް އިންޑިއާ އާއި ސްރީ ލަންކާގައި ހުންނަ މިފަދަ ތަންތަނާ މެދު ދިވެހިންގެ މެދުގައި ދޭތެރެ ދޭތެރެއިން ޝަކުވާތައް ބޮޑުވެއެވެ. އެ ތަންތަނުގައި ދިރިއުޅޭ ދިވެހިންނަށް އެކަށީގެންވާ ހިދުމަތްތަކެއް ނުދޭ ކަމުގެ ޝަކުވާތަކެވެ. ރާއްޖޭގެ އެމްބަސީތަކުގެ ތެރެއިން އެންމެ ވަރުގަދަ އަށް ހިންގާ އެއްތަނަކީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއެވެ. އެންމެ އަވަށްޓެރި ގައުމަށް ވެފައި ގިނަ އަދަދެއްގެ ދިވެހި އާއިލާތައް ވެސް އެ ގައުމުގައި ދިރިއުޅުމަކީ އޭގެ އެއް ސަބަބެވެ. އެހެންކަމުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތައް ވެސް ގިނައެވެ.

ދިވެހިންނަށް ހާއްސަކޮށްގެން ލަންކާގައި ގާއިމުކޮށްފައިވާ ސޯސަން ވިލާއަކީ މުހިންމުތަނެކެވެ. ބައެއް ވެރިކަންތަކުގައި ވަރަށް ރަނގަޅަށް އެތަން ހިންގާފައި ވެސް އެބަ ހުއްޓެވެ. އަރިމަތިން ސިޔާސީ ކެމްޕެއިންތައް ހިންގިޔަސް ގުރުއާން ކްލާސްތަކާއި ދިވެހި ބަސް ދަސްކޮށްދިނުމާއި ބައެއް ކަލްޗަރަލް އިވެންޓްތަކާއި ދިވެހިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެކި ހަރަކާތްތައް ވެސް ހިންގައެވެ. އެހެން ނަމަވެސް މިއީ އެކި ވެރިކަންތަކުގައި އެކި ގޮތަށް ހިނގާ ކަމެވެ. އެމްބަސީން ދޭ ހިދުމަތްތަކުގައި ވެސް މިކަން އޮތީ މިހެންނެވެ.

ސިޔާސީ ވަޒީފާތަކެއް! 

ސިޔާސީ މަގާމުތަކާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ އެއް ބަޔަކީ ބޭރުގައި ގާއިމުކޮށްފައިވާ އެމްބަސީތައް ފަދަ އޮފީސްތަކަށް ދައުލަތުން ކުރާ ހޭދައެވެ. އެ ތަންތަނަށް ނުކަތާ ވަރަށް މީހުން ލާފައި ތިބުމެވެ. ލަންކާ އާއި އިންޑިއާ އާއި ތައިލެންޑް، ސިންގަޕޫރު އަދި ދުބާއީ އާއި މެލޭޝިޔާ ފަދަ ތަންތަނުގައި ހުރި މިފަދަ ތަންތަނުގައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުގައި އުޅެއެވެ. މިއީ ސިޔާސީ މަގާމުތަކެވެ. މާ ބޮޑު މަސައްކަތެއް ނެތް ނަމަވެސް ބައެއް އެކްޓިވިސްޓުންނަށް ވެސް މިފަދަ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުން ވަޒީފާ ދީފައި ތިބެއެވެ. ހުރިހާ ވެރިކަމެއްގައި ވެސް މިކަން އޮތީ މިހެންނެވެ. ބައެއް މީހުންނަކީ ކުރާނެ މާ ބޮޑު މަސައްކަތެއް ނެތި ހަމައެކަނި ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރޮމޯޓްކުރުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބަލަހައްޓާ މީހުންނެވެ. ނުވަތަ ޓްވީޓްކުރަން ތިބޭ މީހުންނެވެ. އަނެއް ބަޔަކަށް އޮންނަ މަސައްކަތަަކީ ސިޔާސީ ގޮތުން ސަރުކާރަށް ތާއީދު ހޯދުމަށް ދިވެހިންގެ މެދުގައި އެކި ހަރަކާތްތައް ހިންގުމެވެ. 

ބައެއް ސަރުކާރުތަކުގައި މި އެމްބަސީތަކުގެ ވަޒީފާތައް ކޯލީޝަންގެ ބައިވެރިންގެ މެދުގައި ބަހާލާފައި ވެސް އެބަ ހުއްޓެވެ. އެގޮތުން މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ތެރޭގައި އެބައި ބޮޑެވެ. އެއީ ގިނަ ޕާޓީތަކެއް އެކުވެގެން އުފެއްދި ސަރުކާރަކަށް ވުމުން ޕާޓީތަކުގެ މެދުގައި މަގާމުތައް ބަހަން ޖެހުނެވެ. އޭގެ ތެރޭގައި ބޭރުގެ އެމްބަސީތަކަށް ވެސް ޑިމާންޑް ބޮޑުވިއެވެ. އަދި އެ ވާދަވެރިކަމުގެ ތެރޭގައި މައްސަލަތައް ވެސް ޖެހުނެވެ. 

މި ސަރުކާރުގައި ވެސް އެކަން އޮތީ އެ ގޮތަށެވެ. ބޭރުގެ އެމްބަސީތަކަށް ދާން ބޭނުން އެތައް ބަޔަކު ތިއްބެވެ. އަދި ވެސް އެ ގޮތަށް ބޭނުން ވެގެން ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. ހާއްސަކޮށް ލަންކާ އާއި ތައިލެންޑާއި މެލޭޝިއާ އަދި ސިންގަޕޫރާއި ދުބާއީ ފަދަ ތަންތަނަށް އޮތް ޑިމާންޑް ބޮޑެވެ. ނަމަވެސް އެފަދަ ތަންތަނަކީ ވަކި އަދަދަކަށް ޖާގަ ކަނޑައެޅިފައި ހުންނަ ތަންތަނަށް ވުމުން ބޭނުންހާ އަދަދަކަށް މީހުން ފޮނުވޭކަށް ވެސް ނޯވެއެވެ. 

އެމްބަސީތަކަށް ބޭކާރު ބޮޑު ހޭދައެއް!

އެމްބަސީތަކުގެ ވަޒީފާތަކަށް އޮންނަ ޑިމާންޑް ބޮޑު އެތައް ސަބަބުތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ ބޮޑު މުސާރައެއް ލިބުމެވެ. އަދި ގިނަ އިނާޔަތްތަކަކާ އެކު ރާއްޖެ އަށް ވުރެ އަރާމު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބުމުވެ. އާއިލާ އަށް ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބިގެން ދިއުމަކީ ވެސް މި ވަޒީފާތަކަށް އޮންނަ ޑިމާންޑް ބޮޑުވާ ސަބަބެކެވެ. ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު މިފަދަ ތަންތަނުގެ މަގާމުތަކުަގައި އުޅޭ މީހުންގެ އާއިލާގެ މެންބަރުން ކިޔަވަނީ އެ ސަރަހައްދުތަކުގައި ހުންނަ އެންމެ ފެންވަރު ރަނގަޅު ސްކޫލްތަކުގައެވެ. އުމުރުން 18 އަހަރު ނުވާ ދަރިން ނަމަ އެ ކުދިންގެ ހަރަދުތައް ވެސް ބަލަހައްޓަނީ ދިވެހި ދައުލަތުންނެވެ. އެހެންކަމުން މި ކަމަށް ވެސް ބޮޑެތި ފާޑު ކިޔުންތައް ރައްދުވެއެވެ. 

މިފަދަ ވާހަކަތައް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާ އަށް ފެންމަތިވެއެވެ. އަދި މިފަދަ ވަޒީފާތަކަކީ ސަރުކާރުގައި އޭރު ތިބޭ ބޮޑުންގެ ދަރިންނާއި އާއިލާތަކަށް ނުވަތަ “ނެޕޮޓިޒަމް” އަށް ހާއްސަ ވަޒީފާތަކެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެއެވެ. އޭގެ ސަބަބުތައް ވެސް ގިނައެވެ. އެފަދަ ބައެއް ވަޒީފާތަކުގައި ނުފޫޒު ގަދަ ފަރާތްތަކުގެ އާއިލާ މެންބަރުން އެބަ ތިއްބެވެ. ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި މިފަދަ ވަޒީފާތަކަށް އެފަދަ މީހުންގެ ދަރިން ފޮނުވަނީ ދައުލަތުގެ ހަރަދުގައި ކިޔަވައިދިނުމާއި އެ ނޫން ވެސް ތަޖުރިބާތަކަށެވެ. އަދި މިއީ ސަރުކާރުތަކަށް “ބަލަދު އަރާފައި” ތިބޭ ބައެއްގެ ގޮތުގައި ވެސް ސިފަކުރެއެވެ. 

އެމްބަސީތަކާއި ކޮންސިއުލޭޓްތަކާއި މިޝަންތަކަކީ ރާއްޖެ އަށް މުހިންމު ތަންތަނެވެ. އަދި ބައެއް ގައުމުތަކުގައި ހުރި މިފަދަ ތަންތަނުން މުހިންމު ހިދުމަތްތަކެއް ވެސް ފޯރުކޮށްދެއެވެ. ދިމާވާ ބޮޑެތި ކަންކަމުގައި މުހިންމު ދައުރެއް ވެސް އަދާކޮށްފައި އެބަ ހުއްޓެވެ. ތޫފާނުތަކާއި ބިންހެލުންތަކާއި ފެންބޮޑުވުމާއި ހަނގުރާމައިގެ ދުވަސްވަރު މިފަދަ ތަންތަނުން ދިވެހިންނަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދީފައި ވެއެވެ. ވަރަށް ރަނގަޅަށް ހިދުމަތް ދޭ އެމްބަސީތައް ވެސް އެބަ ހުއްޓެވެ. އަދި ބޭނުންތެރިކަން ވެސް ބޮޑެވެ. އެހެން ނަމަވެސް އެކި ސަރުކާރުތަކުން އެ ތަންތަން ސިޔާސީ ކަންކަމަށް ބޭނުންކުރުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ. ސިޔާސީ ފަރާތްތަކަށް ވަޒީފާ ދޭން ހުރި ތަންތަނުގެ ގޮތުގައި ބެލުމަކީ ގޯހެކެވެ. ވެރިންނާއި ނުފޫޒު ގަދަ ފަރާތްތަކުގެ އާއިލާތަކަށް ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތްތަކާއި އަރާމު ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުސަދުގައި އެ ވަޒީފާތައް ބޭނުންކޮށް ވަޒީފާތައް އިތުރުކުރުމަކީ ދައުލަތުގެ ބަޖެޓުން ކުރާ އިސްރާފެކެވެ. “ބޭފުޅުން”ގެ ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓާ ތަންތަނަށް އެމްބަސީތައް ވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. 

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
4
0
0
0
0
2