އިދިކޮޅުގައި ތިބޭ އިރު މީޑިއާ ވަރެއް ނެތް، ވެރިކަމުގަ ތިބޭއިރު މީޑިއާ މުޅީން ގޯސް!

14 ސެޕްޓެމްބަރ 2025 - 16:10

ކޮންމެ މީޑިއާއަކީ ވެސް ވަކި އެޑިޓޯރިއަލް ޕޮލިސީއަކާ އެކު ވަކި ފިކުރެއްގެ މައްޗަށް ބިނާވެފައި އޮންނަ ތަނެކެވެ. ގިނަ ފަހަރަށް މި ފިކުރު ބިނާވަނީ އެ ތަނެއްގައި މަސައްކަތްކުރާ ބަޔަކަށް ވުރެ އެ ތަނެއްގެ ވެރިންގެ ފިކުރުގެ މައްޗަށެވެ. މެދު މިނުގައި ތިބުމަށް މަސައްކަތްކުރާ މީޑިއާތައް ވެސް މަދެއް ނޫނެވެ. ނަމަވެސް މާލީ މިނިވަންކަން ނެތި ދައުލަތުގެ ކުންފުނިތަކުގެ ސްޕޮންސަރ އަށް ބަރޯސާވާންޖެހުމުން މިނެކިރާ ބަޔަކަށް އެ ފަދަ މީޑިއާތައް ވެސް ވަކި ފަޅިއަކަށް ލެވިދާނެއެވެ. 

މިއީ ހަމައެކަނި ރާއްޖޭގައި މިކަން އޮތް ގޮތެއް ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މީޑިއާތައް އޮންނަނީ ކޮންމެ ވެސް ފިކުރެއްގެ މައްޗަށް ބިނާވެފައެވެ. އެއް ބަޔަކީ ކަނާތު ފިޔައިގެ މީޑިއާތަކެވެ. އަނެއް ބަޔަކީ ވައާތު ފިޔައިގެ މީޑިއާތަކެވެ. އެ ދެމެދުގައި ތިބުމަކީ ވެސް ފިކުރެކެވެ. އެ މީހުންގެ ފިކުރަކީ ކަނާއަތަށް އަދި ވާތަށް ވެސް ބޯނުލެނބުމުގެ ފިކުރެވެ.

advertisement
advertisement
advertisement

މީޑިއާތައް ލޭބަލްކުރުން

ތަފާތު އެކި ފިކުރުތަކުގެ ތެރެއިން މީޑިއާތައް ވެސް އޮންނަނީ ލޭބަލް ވެފައެވެ. މިއީ 2008 ގެ ކުރިން އޮތް ގާނޫނު އަސާސީގެ ދަށުން މީޑިއާތައް މަސައްކަތްކުރި އިރު ވެސް އޮތް ލަގަބެކެވެ. އަދި އޭގެ ފަހުން މީޑިއާގެ މިނިވަންކަން ތަންމިނަށް ހުޅުވައިލެވިގެން ދިއުމުން ވެސް މިކަން އޮތީ މިހެންނެވެ. 

ފަހަކާ ޖެހެންދެން ރާއްޖޭގައި އޮތީ ވިޔަފާރިވެރިންގެ މީޑިއާތަކެވެ. ގިނައީ މަހުޖަނުން އެ މީހުންގެ ސިޔާސީ ޕްރޮޕެގެންޑާތައް ފެތުރުމަށް އުފައްދާފައިވާ ޓީވީ ޗެނަލްތަކާއި އޮންލައިން ނޫސްތަކެވެ. ފާހަގަކޮށްލެވޭ ބޮޑެތި މީޑިއާތަކުގެ ފަހަތުގައި ތިބީ އެ މަހުޖަނުންނެވެ. އެ ތަންތަން ލޭބަލްވެފައި އޮންނަނީ ވެސް އެ މަހުޖަނެއްގެ ސިޔާސީ ފިކުރަކާ ގުޅޭ ގޮތުންނެވެ. 

މި ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ކުދިކުދި މީޑިއާތައް ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. އެހެން ނަމަވެސް މިއިން ކޮންމެ މީޑިއާއެއްގެ ވެސް މާލީ ލަގަން އޮންނަނީ ކޮންމެ ވެސް ވިޔަފާރި ވެރިއެއްގެ މުށުތެރޭގައެވެ. ނުވަތަ ދައުލަތުގެ ކުންފުނިތަކުގެ އަތުގައެވެ. ނަތީޖާއަކަށް ވަނީ ކުދި ކުދި މީޑިއާތައް ވެސް ސަރުކާރަށް ތާއީދުކުރާ ނުވަތަ ދެކޮޅު މީޑިއާތަކެއްގެ ގޮތުގައި ލޭބަލްވުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލައިގެން ވަކި ލޭބަލެއްގެ ލައްގަޑު ނުޖެހި ހިންގަނީ މަދު ތަނެކެވެ. 

އިއްޔެ އެ ވަރެއް ނެތް! މިއަދު ގޯސް!

ކޮންމެ ބަޔަކު ވެސް އިދިކޮޅުގައި ތިބޭ އިރު ނޫސްވެރިންގެ މުހިންމުކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ ދައްކައެވެ. މިއީ އަބަދު ވެސް ކަން ހިނގާ ގޮތެވެ. ސަރުކާރުތަކުގެ ތެރޭގައި ހުންނަ ކޮރަޕްޝަންގެ ވާހަތަކާއި އެ އިރެއްގައި އޮންނަ ސަރުކާރެއްގެ އައިބުތަކުގެ ވާހަކަތައް އާންމުންނާ ހަމައަށް ގެނެސްދޭ ވަސީލަތަކީ މީޑިއާއެވެ. އަދި ހަމަ އެހެންމެ އެ ގޯސްތައް އެއީ ރަނގަޅު ކަންތައްތަކެއްގެ ގޮތުގައި އާންމުންނަށް ވިސްނައިދޭން އުޅެނީ ވެސް މީޑިއާތަކަކުންނެވެ. އެހެންކަމުން އިދިކޮޅުގައި ތިބޭ އިރު ކަންކަން ހާމަކުރުމަށް އިދިކޮޅުގައި ތިބޭ ފަރާތްތަކުން ނޫސްވެރިންނަށާއި މީޑިއާތަކަށް ބާރު އަޅައެވެ. އެ ކަމަށްޓަކައި ނޫސްވެރިންގެ ހައްގުގައި އަޑު އުފުލައެވެ. 

މި ފަހުގެ ޒަނާމެއްގައި ނޫސްވެރިންނަށް އެންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވީ 2013 އިން 2018 އަށް އޮތް ވެރިކަމުގެ ތެރޭގައެވެ. އޭރު މީޑިއާތަކަށާއި ނޫސްވެރިންނަށް ނުހަނު ބޮޑެތި ކަންކަން ކުރިމަތިވިއެވެ. ނޫސްވެރިއަކު ގެއްލުވާލާފައި ވެއެވެ. ނޫސްވެރިއަކު މަރާލާފައި ވެސް ވެއެވެ. މީޑިއާއެއްގައި ރޯކޮށްލާފައި ވެއެވެ. އެތައް ނޫސްވެރިންނެއް ޖަލަށް ލިޔެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ގާނޫނެއް ހަދައި އެތައް މިލިއަން ރުފިޔާއިން މީޑިއާތައް ޖޫރިމަނާކުރިއެވެ. އެ މީޑިއާތަކާއި އެކަންކަމާ ދެކޮޅަށް އަޑު އުފުލުމުގައި މީޑިއާތަކާ އެކު ތިބީ އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުންނެވެ. 

އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަށް މީޑިއާ އާއި ނޫސްވެރިން ފެނިވަޑައިގަތީ ހަތުރުންގެ ގޮތުގައެވެ. އެހެން ނަމަވެސް މިއަދު އެމަނިކުފާނު ވެސް ދައްކަވަނީ މީޑިއާގެ މިނިވަންކަމުގެ ވާހަކައެކެވެ. ސަރުކާރުގެ ކޮރަޕްޝަންތަކާއި ސިޔާސީ ފަރާތްތަކާ ގުޅޭ ގޮތުން ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް ކުރައްވަނީ ތައުރީފެވެ. 

“ރާއްޖޭގައިި ވެރިކަން ކުރައްވާ ބޭފުޅުންނަށް އަބަދު ވެސް މީޑިއާ މުހިންމު މި ވަނީ އޮޕޮޒިޝަންގައި ތިއްބަވާއިރު. މިސާލަކަށް ބަލާ ނަމަ (ކުރީގެ ރައީސް) ޔާމީން އަށް މިހާރު މީޑިއާ ވަރަށް މުހިންމު. މިހާރު އެ މަނިކުފާނު ބޭނުންފުޅުވާ ހުރިހާ އެއްޗެއް އެބަ ޕީއެންއެފް އޮފީހުގައި ވެސް އަދި ޖަލްސާތަކުގައި އެބަ ވިދާޅުވޭތާ، ހުރިހާ މީޑިއާތަކުން މި ކަވަރުކުރަނީތާ، އެކަމަކު ވެރިކަމުގައި ހުންނެވި އިރު އެގޮތަކަށް ނޫން ކަންތައް ކުރައްވާފައި އޮތީކީ،”ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަޖުރިބާކާރު ނޫސްވެރިއެއް ކަމަށްވާ މޫސާ ލަތީފު ވިދާޅުވިއެވެ. 

މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ހާލަތަކީ ވެސް އެއީއެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ތެރޭގައި މިހާރުގެ ސަރުކާރުގެ ވެރިންނަށް މީޑިއާގެ މިނިވަންކަން އޮތް ކަމަކަށް ނުވެއެވެ. އަދި މީޑިއާ އާއި ނޫސްވެރިންގެ ހައްގުގައި އެ ބޭފުޅުން އޭރު ތިއްބެވީ ޖާނާއި މާލުން ގުރުބާންވާން ވެސް ތައްޔާރަށެވެ. އެ ސަރުކާރުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި ހިމި މައްސަލާގައި މީޑިއާތަކުން އަޑު އުފުލަމުން ދިޔަ އިރު ފަހަތުގައި ހިތްވަރު ދެއްވަން ތިއްބެވީ މިއަދު ސިޔާސީ މަގާމުތަކުގަ އާއި މަޖިލީހުގައި ތިއްބެވި ބޭފުޅުންނެވެ. އެހެން ނަމަވެސް މިއަދު ނޫސްވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭ ނޫސްވެރިން އަޑު އުފުލަން ފެށީމާ އެ މީހުންނަކީ ގައުމުގައި ފަސާދަ އުފައްދާ ބަޔަކަށް ވެއްޖެއެވެ. 

“އިދިކޮޅަށް ހުންނަ އިރުގައި މިނިވަންކަމުގެ ވާހަކަ އެއީ ވަރަށް ޗާލާކީ އެއްޗެއް. ވެރިކަމަށް އަންނަން ކެމްޕެއިން ތެރޭގައި ވެސް އަދި ފުރަތަމަ ކޮޅުގައި ވެސް މިނިވަންކަމުގެ ވާހަކަ ދައްކާނެ، އެކަމަކު ރަނގަޅަށް ވެރިކަމުގައި ވެޑުވެވުނީމާ، އެ ތަހުތުގައި ވެޑުވެވުނީމާ، ބައެއް ބޭފުޅުންނަށް ތަންކޮޅެއް އަވަހަށް އެކަން އާދޭ، އަނެއް ބައި ބޭފުޅުންނަށް ތަންކޮޅެއް ލަހަށް،”ތަޖުރިބާކާރު ނޫސްވެރިޔާ ހުސައިން ފިޔާޒް މޫސާ

ރިއެކްޝަންސް
0
0
0
0
0
0
0