ބިލް ޗެކުކުރިންތަ؟ ނުގަންނަ އެތައް އެއްޗެއް ބިލުގައި!

17 ސެޕްޓެމްބަރ 2025 - 17:00

ސޯސަން މަގުގައި ހުންނަ ބޮޑު ފިހާރައެކެވެ. މާ އަގުހެޔޮކޮށް މައިލޯ ވިއްކާތީ އެ ތަނުން ހަތަރު ޕެކެޓް މައިލޯ ނެގީމެވެ. ބައެއް އެހެން ސާމާނު ވެސް އެއާ އެކު ނެގީމެވެ. ކޮންމެ އެއްޗެއް ވެސް ނެގީ އޭގެ އަގަށް ވަރަށް ބޮޑަށް ބަލާފައެވެ. އަތްމަތި ދަތިވުމާއި ތަކެތީގެ އަގު ބޮޑުކަމުން ބަޖެޓަށް ފެތޭ ގޮތަށެވެ. އެހެން ނަމަވެސް ކައުންޓަރުން ހިސާބު ހެދި އިރު އަންދާޒާކުރި ބަޖެޓަށް ވުރެ ބޮޑު އަދަދެއް ދައްކަން ބުންޏެވެ. 

ކުޑަކޮށް ޝައްކުވުމުން ބިލުކޮޅު ދޭށޭ ބުނީމެވެ. އާންމު ގޮތެއްގައި ފިހާރަތަކުން ބިލުނުދޭތީއެވެ. ކިޔުގައި އެހެން މީހުން ވެސް ތިބުމުން އެ ތަނުގައި ހުރެ ބިލް ޗެކްނުކޮށް ފިހާރައިން ނުކުމެ ބިލް ޗެކް ކޮށްލީމެވެ. ކަމަކުދާކަށް ނެތެވެ. ހަތަރު ޕެކެޓް މައިލޯގެ ބަދަލުގައި ލަންކާ ސޭޓު ކުއްޖާ އަގު ނަގާފައި އޮތީ ހަ ޕެކެޓަށެވެ. އަލުން ފިހާރަ އަށް ވަދެ ބިލާއި ކޮތަޅުގައި ހުރި އެއްޗެހި ދައްކާފައި މައްސަލަ ޖެއްސުމުން އެ ކުއްޖާ އެ ދެ ޕެކެޓަށްވާ ފައިސާ ދިނެވެ. ކޮންމެ މީހަކު ބިލް ޗެކްނުކުރާނެ ކަމާއި އެ ގޮތަށް ކިތައް މީހުންގެ އަތުން އިތުރަށް ފައިސާ ނަގާނެތޯ ސުވާލުކޮށް ރީތި ގޮތުގައި އެ ކުއްޖާ އަށް ނަސޭހަތް ދީފައި އައީ އެވެ. 

advertisement
advertisement
advertisement

ގިނަ ބައެއްގެ ޝަކުވާ އެބަ އޮތް

މިއީ މިހާރަކަށް އައިސް އާންމު ކަމަކަށް ވެއްޖެއެވެ. ސޯޝަލް މީޑިއާ ހާވައިލުމުން މިފަދަ އެތައް ޝަކުވާއެއް ފެންނާނެއެވެ. ގަސްތުގައި ނުވަތަ ފަރުވާކުޑަކަމުން ކަމެއް ނޭނގެއެވެ. ބިލަށް އަރާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާ މައްސަލަތަކާ ބެހޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ އެބަ ހުއްޓެވެ. ހައިރާންވާޖެހޭ ކަމަކީ އޮޅިގެން ވެސް މަދުން ފައިސާ ނަގާ ފަހަރެއް ނާންނަ ކަމެވެ. އަބަދު ވެސް އިތުރަށް ނަގާ މައްސަލަތަކެވެ. 

ފިހާރައިން ނުކުންނަ އިރު ބިލު ޗެކްކުރުމަކީ ގިނަ މީހުން ކުރާ ކަމެއް ނޫނެވެ. ކައުންޓަރުތަކުގައި ހުންނަ ކޯޑު ރީޑްކުރާ މެޝިނަށް ނުވަތަ ކައުންޓަރުގައި ތިބޭ ކުދިންނަށް ކުރާ އިތުބާރުގެ ބޮޑު ކަމުން ކަމަށް ވެސް ވެދާނެއެވެ. ކައުންޓަރުގައި އިންނަ ކުއްޖާ ބުނާ ވަރެއް ކާޑުން ކަނޑާލަނީއެވެ. ނުވަތަ ނަގުދު ފައިސާ ދެނީއެވެ. ބަލަނީ ވީހާ ވެސް އަވަހަކަށް ކައުންޓަރު ދޮށުން ދުރަށް ދެވޭތޯއެވެ. ސޭޓުން ވެސް ތިބެނީ އަނެއް ކަސްޓަމަރުގެ އިންތިޒާރުގައެވެ. އެހެންވީމާ އަވަސްކޮށްލާފައި ބަލަނީ ކައުންޓަރުގައި ހުންނަ ކަސްޓަމަރު އަވަހަށް ފޮނުވާލަންށެވެ. މި ހައިޖާނުގެ ތެރޭގައި ހެދޭ ގޯސްތަކެއް އެ މީހުންނަކަށް ވެސް ނޭނގެއެވެ. ނުވަތަ ކަސްޓަމަރަށް ވެސް ނޭނގެއެވެ. ނުވަތަ ކުޑަކުޑަ ފައިސާކޮޅަކަށްޓަކައި ޒުވާބެއް ކުރަން ނުވަތަ ވަގުތު ބޭކާރުކުރަން މީހުން ބޭނުން ނުވަނީ ކަންނޭނގެއެވެ. އެހެން ނަމަވެސް ސުވާލަކީ އެ ގޮތަށް ނުހޯދާ ހިދުމަތަށް ނުވަތަ ނުގަންނަ އެއްޗެއްސަށް ކޮންމެ ދުވަހަކު ނުވަތަ މަހެއްގެ ތެރޭގައި އަގު ދައްކަނީ ކިތައް މީހުން ހެއްޔެވެ؟

ކައުންޓަރުތަކުގައި ބިދޭސީން

ގާނޫނާއި ގަވާއިދުގަވައިވާ ގޮތުން ފިހާރަތަކުގެ ސޭޓުންނަށް ބިދޭސީން ތިބުމަކީ މަނާ ކަމެކެވެ. މިދިޔަ ސަރުކާރުގައި އެފަދަ ތަންތަނާ މެދު ފިޔަވަޅު އަޅައި ބިދޭސީ ސޭޓުން ގޮނޑިތަކުން ނެގުމުގެ މަސައްކަތް ދުވަސްކޮޅަކަށް ކުރިއެވެ. އެހެން ނަމަވެސް މައްސަލައަށް ކުޑަ ވެސް ހައްލެއް ނުލިބެއެވެ. ވިއްޔާ ވީ އިތުރަށް ގޯހެވެ. 

މިއީ ސިއްރުން ހިނގާ ކަމެއް ވެސް ނޫނެވެ. އަދި ހަމައެކަނި ކަންމަތީ ފިހާރަތަކާއި ކުދި ސައި ހޮޓާ އަދި ކެފޭތަކުގައި އެކަނި ހިނގާ ކަމެއް ވެސް ނޫނެވެ. މަޝްހޫރު ބޮޑެތި ފިހާރަތަކުގައި ވެސް މިކަން އޮތީ މި ގޮތަށެވެ. އުސޫލެއްގެ ގޮތުން މިފަދަ ތަންތަނުަގއި ބިދޭސީން ގެންގުޅެނީ ސޭޓުންގެ ގޮތުގައެއް ނޫނެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ނުވަތަ ސާފުކުރާ މީހުންގެ ގޮތުގައެވެ. ނަމަވެސް އެ މީހުން ތިބެނީ ކައުންޓަރުތަކުގައެވެ. މަޝްހޫރު ބޮޑެތި ބައެއް ފިހާރަތައް އެއްވެސް ދިވެއްސަކު ނެތި ވެސް އެބަ ހިއްގައެވެ. ހައެއްކަ ކައުންޓަރު ހުންނަ އިރު ހުސް އެކަނި ބިދޭސީން ތިބޭ ފަހަރު ވެސް ފެންނަނީ މަދެއް ކޮށެއް ނޫނެވެ. 

ބިލުތަކުގައި ޖެހޭ މައްސަލަތަކާއި ހިތުލަފަޔަށް ބިލު ހެދުމުގައި މިއީ ވެސް ސަބަބެކެވެ. ބައެއް މީހުންނަށް އެކަށީގެންވާ ގޮތެއްގައި ބަސް ނޭނގުމާއި ނުވަތަ އެ ނޫން ވެސް އެކި ސަބަބުތަކާ ހުރެ ގަސްތުގައި ނުވަތަ އިހުމާލުން ކަސްޓަމަރުންގެ އަތުން އިތުރަށް ފައިސާ އެބަ ނެގެއެވެ. މަދު ފަހަރަކު ނޫނީ ދިވެހިން ބިލަކަށް ބަލައެއް ނުލައެވެ. އެހެންވެ ސޭޓު މީހާ ބުނާ އަދަދަކަށް ފައިސާ ދައްކަނީ އެވެ.

އިދާރާތަކަކަށް ނުފެނޭ

ކައުންޓަރުތަކުގައި ސޭޓުންގެ ގޮތުގައި ބިދޭސީން ތިބެނީ ސިއްރަކުން ނޫނެވެ. ބޮޑެތި ފިހާރަތައް ހަމައެކަނި ބިދޭސީންގެ އަތްދަށަށް ދޫކޮށްލާފައި އެބަ ހުއްޓެވެ. އާންމު ފިހާރަތަކުގައި ވެސް ތިބީ ބިދޭސީންނެވެ. މިއީ މަނާ ކަމެއް ނަމަވެސް އިދާރާތަކަށް މި މަންޒަރެއް ނުފެނެއެވެ. އަދި ފިޔަވަޅެއް ވެސް ނޭޅެއެވެ. ގާނޫނާއި ގަވާއިދުގައި ލިޔެފައި އޮތަސް ކުރެވޭނެ ކަމެއް ނުވަތަ ހޯދޭނެ ހައްލެއް ވެސް ނެތެވެ. 

ބިދޭސީމީހާ ދޭ ބިލުގައި މައްސަލަތައް ހުއްޓަސް ގިނަ ފަހަރަށް އެ މައްސަލަ ހައްލުކުރަން މުއާމަލާތް ކުރުމަކީ ވެސް އެހާ އުނދަގޫ ކަމެކެވެ. އެހެންކަމުން މި ފަދަ ގިނަ މައްސަލަތަކަށް ހައްލު ލިބޭ ގޮތެއް ނޯވެއެވެ. ނުވަތަ ކަސްޓަމަރުންގެ ހައްގެއް އެކަމުގައި ނުވެސް އޮންނަނީ އެވެ. މަދު ފަހަރަކު މީހަކު މައްސަލަ ޖައްސައިގެން އިތުރުވި ފައިސާކޮޅު ދިނަސް ބިލު ހެދުމަށް ފަހު، ފަހުން އެ ފައިސާ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. 

ފިހާރަތަކުން ބިލު ހޯދުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ. އެއީ ކަސްޓަމަރުގެ ހައްގެކެވެ. އަދި އެ ބިލުގައި މައްސަލައެއް އުޅޭތޯ ބެލުން ވެސް ރަނގަޅެވެ. ހާއްސަކޮށް ތަކެތީގެ އަގު އިންތިހާ އަށް މަތި ދުވަސްވަރެއްގައި ފިހާރަތަކުން ދޭ ބިލުތަކަށް ސަމާލުވާށެވެ. އަތުން އިތުރަށް ދާ ފައިސާކޮޅު ސަލާމަތްކުރުމަކީ ފަރުދީ ޒިންމާއެކެވެ. ބިލު ދޭށޭ ބުނާށެވެ. އަދި ބިލު ބަލާށެވެ. 

އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
0
2
0
1
0
0